|
ޙައްޖުގެ މަތިވެރި އަޅުކަން.
ލިޔުނީ:
آدم نشان المالديفي

އެންމެހައި ޙަމްދު ޘަނާއެއް ޙައްޤުވަނީ، ކެރިކުޅަދާނަވެގެންވާ ކޮންމެ
މުސްލިމަކަށް ޙައްޖު ފަރުޟު ކުރެއްވެވި ގަދަ ކީރިތިވަންތަ ﷲ
ސުބްޙާނަހޫ ވަތަޢާލާއަށެވެ. ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާ
ކުރަނީ ޙައްޖުގެ އަޅުކަންތައް އުނގަންނައިދެއްވި މާތް ނަބިއްޔާ
މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމްއަށާއި އެކަލޭގެފާނުގެ އަހުލު
ބައެތުންނާއި އެންމެހައި މިތުރުންނާއި އަދި ޤިޔާމަތާއި ޖެހެންދެން
އެކަލޭގެފާނު ގެންނެވި ހިދާޔަތުގައި ހިފަހައްޓައިގެން ތިބިހާ
ބަޔަކަށެވެ.
ﷲ ތަޢާލާ އިންސާނާއަށް ދެއްވާފައިވާ ނިޢުމަތްތަކަށް
ޝުކުރުވެރިވުމަށްޓަކައި އެއިންސާނާއަށް އޮތީ އެއިލާހު އޭނާގެ
މައްޗަށް އަމުރު ކުރައްވާފައިވާ އަޅުކަންތައްތައް ފުރިހަމައަށް
އަދާކޮށް އެއިލާހަށް ޙަމްދު ޘަނާ ކިޔުމެވެ. ﷲ ތަޢާލާ އިންސާނާ
ހައްދަވާފައިވަނީ ނިކަމެތި ބަލިކަށި މީހެއް ކަމުގައެވެ. ސޫރަތުއް
ނިސާގައި ވަޙީ ކުރައްވާފައި ވެއެވެ.
"وَخُلِقَ
الإِنْسَانُ ضَعِيفاً"
(النساء:28)
"އަދި އިންސާނާ އުފެއްދިފައިވަނީ ބަލިކަށި މީހެއްގެ ގޮތުގައެވެ."
އެހެންކަމުން
އިންސާނާއަކީ ވަރަށް ފަސޭހައިން ފާފަތަކަށް އަރައިގަނެވޭ މީހެއް
ކަމުގައި ވެއެވެ. އެހެންނަމަވެސް ﷲ ތަޢާލާގެ ދީލަތިވަންތަ ކަމުން
އެފަދަ ހުރިހާ ފާފަތަކެއްވެސް ފުއްސަވާ ދެއްވައެވެ.
މިގޮތުން ބައެއް ތަންތަން އަނެއްބައި ތަންތަނަށްވުރެ މަތިވެރި
ކުރެއްވިއެވެ. އަދި ވަކި މަސްތަކާއި ދުވަސްތައް އަހަރުގެ އެހެން
މަސްތަކާއި ދުވަސްތަކަށްވުރެ މަތިވެރި ކުރައްވައި އެދުވަސްތަކުގައި
ކުރާ ހެޔޮ ޢަމަލުތަކަށް މޮޅު އިތުރުވެގެންވާ ދަރުމައާއި ޘަވާބު
ދެއްވަވައެވެ. އަދި ހަމައެހެންމެ އެފަދަ ހެޔޮ ޢަމަލުތަކަކީ
މީސްތަކުންނަށް ކުރެވިފައިވާ ކުދި އަދި ބޮޑު އެތައް ފާފަތަކެއްގެ
ކައްފާރާއެއްގެ ގޮތުގައި ލައްވަވާފައިވެއެވެ.
ކޮންމެއަކަސް
ކޮންމެއަކަސް
މިހާރު އަޅުގަނޑުމެންނާއި ބައްދަލުކުރަމުން މިއަންނަނީ
މިބަރަކާތްތެރި ޙައްޖު މޫސުމުގެ ދުވަސްތަކެވެ. މިގޮތުން މިމޫސުމުގައި
އަދާކުރެވޭ އެންމެ މަތިވެރި އެއް އަޅުކަމަކީ ޙައްޖުގެ އަޅުކަމެވެ.
އަޅުގަނޑުމެން އެންމެން ދަންނަ ފަދައިން ޙައްޖަކީ ދީނުގެ ރުކުން
ތަކުގެ ތެރެއިން އެއް ރުކުނެވެ. ޙައްޖުގެ މަތިވެރިކަމާއި ބެހޭގޮތުން
ރަސޫލު ﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘްފުޅު
ކުރައްވާފައިވެއެވެ.
"الحج المبرور ليس له جزاء إلا الجنة"
(رواه البخاري ومسلم)
"މަބްރޫރު ޙައްޖަކަށް ސުވަރުގެ ފިޔަވައި އެހެން އެއްވެސް ޖަޒާއެއް
ނުވެއެވެ."
ކުރީގައި ބަޔާންވެ ދިޔަ ފަދައިން ފާފަތަކަށް އަރަގަނެވުނު ކަމުގައި
ވިޔަސް އެބައެއްގެ ހިތުތެރޭގައި އީމާންތެރިކަން ހުރި އަދި ދަރުމައާއި
ޘަވާބަށް އެދި މަސައްކަތްކުރާ މީހަކަށް، ފާފަތަކުން ދުރުހެލިވެ
މުއުމިނުންގެ ގޮތް ޚިޔާރު ކުރުމުގެ މަގު މިއޮތީ ނުލާހިކު ފަސޭހަކޮށް
ފެންނާށެވެ. އިޚްލާޞްތެރިކަމާއި އެކު ޙައްޖުފަދަ އަޅުކަންތައް
ކުރެވިއްޖެނަމަ ކުރީގައި ކުރެވިފައި ހުރި ހުރިހައި ފާފަތައް ފޮހެވި
ދިޔައީއެވެ. އެހެންނަމަވެސް ހިތާމައަކީ އަޅުގަނޑުމެންގެ ތެރެއިން
ގިނަމީހުން ޤަސްދުކޮށްގެން މިތިބެނީ މުސްކުޅިވުމުން ޙައްޖު ކުރަން
މަޑު ޖައްސާލައި މިދުނިޔެމަތީގައި ލެއްވެވިހައި ނުބައި ކަމެއް
ކުރުމަށެވެ. އާދެ މުސްކުޅިވުމުން ޙައްޖު ކޮށްލައިގެން ހުރިހައި
ފާފައެއް ފޮހެލުމުގެ ބޭނުމުގައެވެ. ދަންނާށެވެ. ތިމާގެ ގައިގެ
ވަރުދެރަވެ، ހެލިފެލިވެ ނޫޅެވޭ ވަރުވުމުން އައިސް ޙައްޖުފަދަ ބުރަ
އަޅުކަމެއް ފުރިހަމައަށް އަދާ ކުރެވޭނީ ކިހިނެއް ހެއްޔެވެ؟ ނުވަތަ
އޭގެ ކުރިން މަރު އައިސް ޖެހިއްޖެނަމަ ދެން ހަދާނީ ކިހިނެއްހެއްޔެވެ؟
ޒުވާންކަމާއި އާރާއި ބާރާއި މުދަލާއި ވަޤުތު އޮއްވާ އަވަހަށް
ޙައްޖުގެ އަޅުކަންތައް އަދާ ކުރަން އަވަސްވެ ގަންނާށެވެ.
އާދެ މިފަދަ މަތިވެރި އަޅުކަމަކަށް ޙައްޖުގެ އަޅުކަން ވާއިރު،
އެއަޅުކަން އަދާކުރާގޮތް އެނގެނީ އަޅުގަނޑުމެންގެ ތެރެއިން ކިތައް
މީހުންނަށް ބާވައެވެ؟
ޙައްޖުގެ އަޅުކަން އަދާކުރާނޭ ގޮތުގެ ތަފްޞީލު ބެއްލެވުމަށް
ތިރީގައިވާ ލިންކް ބައްލަވާށެވެ.
-ނިމުނީ-
_____________________________________________________
-
ޙައްޖުގެ އަޅުކަން އަދާކުރާނެ ގޮތް.
|