"ފަހެ ތިޔަބައިމީހުން ޤުރުއާނުގެ އެއްބަޔަށް އީމާންވެފައި އޭގެ އަނެއް ބަޔަށް ކާފަރުވަނީ ހެއްޔެވެ؟" سورة البقرة

 
 

އަހަރުމެން ނަމާދު ކުރަނީ ކީއްވެ؟

ފުރަތަމަ ޕާރޓް

"إِنَّ الصَّلاةَ تَنْهَى عَنِ الْفَحْشَاءِ وَالْمُنْكَرِ" (العنكبوت: 45)

"ހަމަ ކަށަވަރުން ނަމާދު ފާޙިޝް ކަންތަކާއި މުންކަރާތްތައް ނަހީ ކުރެއެވެ"

އިންސާނުން ނަމާދަށް ބޭނުންވަނީ ކީއްވެ؟

     ދުވާލުގެ ގިނަ ވަގުތުތަކެއް ބުރަ މަސައްކަތުގައި ހޭދަކުރުމަށް ފަހު، ވަރުބަލިކަން އިހުސާސްކުރަން ޖެހިފައިވާ މީހަކަށް، މުސައްލަމަތީގައ ހުރެ އެންމެ މަތިވެރި ﷲ އަށް ކުރާ ނަމާދުގައި ދޭންޖެހޭ ފުރިހަމަ ޚުށުއްވަތްތެރިކަން ދިނުމަކީ އުނދަގޫ ކަމެކެވެ. އަރާމު ދާންތައް މަތީގައި ވާހިނދު، މުޢައްޒިނުގެ ގޮވާލުމަށް އިޖާބަ ދިނުމަކީ ދަތި ކަމެކެވެ. “ސަލާމަތް ކަމާއި ނަސީބު ލިބިގަތުމަށް އަވަހަށް އަންނާށެވެ!” މަޝްހޫރު ޑޮކްޓަރ އަދި ފިލޯސަފަރެށް ކަމުގައިވާ އިބްނި ސީނާ، އޭނާގެ ޙަޔާތުގައި ހިނގި މިފަދަ ހާދިސާއެއް ހަނދާނަށް ގެނައެވެ. ވަރަށް ފިނި ރެއެކެވެ. އޭނާ އާއި އޭނާގެ އަޅެށް، ޢަރާމް ކުރުމަށްޓަކައި ޚުރާސާނުގެ ތަހުޒީބުނުވާ ހިސާބެއްގައި ހުރި ގެސްޓް ހައުސްއެއްގައި މަޑުކޮއްލިއެވެ. ރޭގަނޑުގެ ވަގުތެއްގައި އޭނާ ކަރުހިއްކައިގަނެގެން ފެންފޮދެއް ދިނުމަށް އެދި އޭނާގެ އަޅު ކަލޭގެއަށް ގޮވާލިއެވެ. އޭނާގެ އަރާމު ތަންމަތިން ތެދުވުމަށް އަޅުމީހާގެ ހިތެއް ނޭދުނެވެ. އެހެން ކަމުން އިބްނި ސީނާގެ ގޮވާލުމަށް ބީރު ކަންފަތެއްދިނެވެ. ނަމަވެސް އެނާއަށް ތަކުރާރުކޮށް ގޮވާލެވުމުން ހިތާއިދެކޮޅަށް ތެދުވުމަށް ފަހު ފެންބަލާ ދިޔައެވެ. އިރުކޮޅަކުން ބަންގީގެ ރިވެތި އަޑު ފަޒާގެ ތެރޭގައި ގުގުމާލިއެވެ. އީމާންވީ މީސްތަކުން ނަމާދަށް އަވަސްވެގަތުމަށް އެދި ގޮވާލާ މީހާއާއި މެދު އިބްނި ސީނާ ފިކުރުކޮށްލިއެވެ. އޭނާ ހިނިތުންވުމަކާއި އެކު ހިތަށްއެރިއެވެ. އަހަރެންގެ އަޅު ޢަބްދުﷲ، އަހަންނަށް އަބަދުވެސް އިޙްތިރާމްކޮށް ޤަދަރު ކުރެއެވެ. ތަޢުރީފުގެ ބަސްތަކުން އަހަރެންގެ ހިތް ފުރާލުމަށާއި އަހަންނަށް ލޯބިދިނުމަށް އޭނާއަށް ލިބޭ ކޮންމެ ފުރުޞަތެއްގެ ބޭނުން ހިފައެވެ. ނަމަވެސް މިރޭ އޭނާ އެވަނީ އަހަރެންގެ ބޭނުންތަކުގެ މަށްޗަށް އޭނާގެ އަމިއްލަ ހިތްހަމަޖެހުމާއި އަރާމު އިސްކޮށްފައެވެ. އެއާއި ޚިލާފަށް ﷲ ތަޢާލާގެ ފާރިސީ އަޅާ ދެކިބަލާށެވެ. އޭނާގެ އަރާމު ތަންމަތި ދޫކޮށްލުމަށް ފަހު ފިނި ރޭގަނޑުގެ ތެރެއަށް ނިކުތެވެ. އަދި ފެން ފިނި، އާރަކުން ވުޟޫ ކުރުމަށްފަހު މިސްކިތުގައިވާ އުސް މުންނާރަށް އަރައި، އޭނާ  އަޅުވެތިވާން އެންމެ ހައްޤު ފަރާތް މަތިވެރިކުރެއެވެ.

"أَشْهَدُ أَن لاَ إِلَـهَ إِلاَّ الله"

"ﷲ ފިޔަވައި ހައްޤު ވެގެން އަޅުކަން ވެވޭ އެހެން އެއްވެސް އިލާހަކު ނުވާކަމަށް އަޅު ހެކިވަމެވެ." 

"أَشْهَدُ أَنَّ مُحَمَّدا رَسُولُ اللهِ"

“ މުޙައްމަދުގެފާނީ ﷲގެ ރަސޫލާކަމަށް އަޅު ހެކިވަމެވެ.“

އިބްނި ސީނާ ލިޔުއްވާފައިވެއެވެ. މިރޭ އަހަންނަށް ހަޤީޤީ ލޯބީގެ ޖާޒުބިއްޔަތު އިޙްސާސް ކުރެވެއްޖެއެވެ. އެ ލޯބީގެ ނަތީޖާއަކީ ފުރިހަމަ ކިޔަމަންތެރިކަމެވެ. ﷲ ތަޢާލާ ދެކެ ފުރިހަމައަށް ލޯބިވެވޭނީ އެކަލާނގެއަށް ފުރިހަމައަށް ބޯލަނބައިގެންނެވެ. 

        ގަދަފަދަވަންތަ ﷲ ވަޙީކުރައްވަނީ: " قُلْ إِنْ كُنْتُمْ تُحِبُّونَ اللَّهَ فَاتَّبِعُونِي يُحْبِبْكُمُ اللَّهُ وَيَغْفِرْ لَكُمْ ذُنُوبَكُمْ وَاللَّهُ غَفُورٌ رَحِيمٌ" (آل عمران:31). ”(އެމީހުން ގާތުގައި) ކަލޭގެފާނު ވިދާޅުވާށެވެ. ތިޔަބައިމީހުން މާތްކަލާނގެ ކިބަފުޅަށް އެދި ލޯބިވާނަމަ ތިޔަބައިމީހުން ތިމަންކަލޭގެފާނަށް ތަބަޢުވާށެވެ. (އެއިރުން) މާތް ﷲ ތިޔަބައިމީހުންނަށް ރުއްސުން ލައްވައި ތިޔަބައިމީހުންގެ ފާފަތައް ފުއްސަވާނެތެވެ. މާތް ﷲ އެއީ ގިނަގިނައިން ފާފަފުއްސަވާ އެންމެ ރަޙްމަތްވަންތަ ކަލާނގެއެވެ.”

ނަމާދު: ފުރާނައިގެ އާދޭސް 

އިންސާނާގެ ބޮޑާކަމާއި ކިބުރުވެރިކަމުގެ ނަތީޖާއެއްގެ ގޮތުން އަނިޔާވެރި، ޚުދުމުހުތާރު ވެރިއަކާއި އެއްފަދައިން އޭނާގެ އަމަލުތައް ބަހައްޓައެވެ. ބައެއް މީހުން، އެމީހުންގެ އަމިއްލަ ނަފްސާއި މެދު ފަޚުރުވެރިވާލެއް ބޮޑުކަމުން، ކަލަކުކަމަށް ދަޢުވާކޮށްފައި ވެސް އެބަހުއްޓެވެ. މިޞްރުގައި ވެރިކަންކުރި ފިރުޢައުނަކީ މިގޮތަށް ކަންތައްކުރި އެކަކެވެ. އޭނާ އިޢުލާން ކުރިއެވެ

"أَنَا رَبُّكُمُ الأَعْلَى" (النازعات: 24)

”އަހަންނަކީ ކަލޭމެންގެ އެންމެ މަތިވެރި އިލާޙު“

        އޭނާގެ ހިތުތެރޭގައި އުފެދިފައިވާ ބޮޑާކަމުގެ ސަބަބުން ބަނީ އިސްރާޢީލް ބާގައިގެ މީހުން އޭނާއަށް އަޅުވެތިކޮށް އެމީހުންގެ ދިރިއުޅުން ސުންނާފަތިކޮށް ވިއްސިވިހާލިކޮށްލިއެވެ. އިންސާނާގެ ހަވާނަފްސު އޭނާއަށް ވިސްނައިދޭ ފަދައިން އޭނާއަކީ އެހާ ބާރުގަދަ، ގަދަފަދަ މީހެއްބާއެވެ؟ އަހަރުމެންނަށް އިންސާނާގެ ޠަބީޢަތުގެ ހަޤީޤަތް، ކީރިތި ޤުރުއާނުގައި އޮޅުންފިލުވައި ދެއްވައިފައިއެވެ.

" اللَّهُ الَّذِي خَلَقَكُمْ مِنْ ضَعْفٍ ثُمَّ جَعَلَ مِنْ بَعْدِ ضَعْفٍ قُوَّةً ثُمَّ جَعَلَ مِنْ بَعْدِ قُوَّةٍ ضَعْفاً وَشَيْبَةً يَخْلُقُ مَا يَشَاءُ وَهُوَ الْعَلِيمُ الْقَدِيرُ" (الروم:54)

 ”ބަލި ނިކަމެތި (ފެންފޮދަކުން) ތިޔަބައި މީހުން އުފެއްދެވީ، އަދި އެއައްފަހުގައި (ޅަފުރައިގެ) ބަލިކަމަށްފަހު، ބާރުދެއްވީ، އަދި އެއައްފަހުގައި، ބާރުވެރިކަމަށްފަހު ބަލި ނިކަމެތިކަމާއި މުސްކުޅިކަން ލެއްވީ މާތްﷲ އެވެ. އެކަލާނގެއީ އިރާދަ ކުރައްވާ ފަދައިން ޚަލްގުކުރައްވާ ކަލާނގެއެވެ. އަދި އެކަލާނގެއީ، ދެނެވޮޑިގެންވާ ކުޅަދުންވަންތަ ކަލާނގެއެވެ.“

        ބަލިކަށިކަމަކީ ފެށުމެވެ. އަދި ނިމުމެވެ. އިންސާނާގެ ފިޠުރަތަކީ މިއީއެވެ. ޅަފަތުގެ ބަލިކަށިކަމާއި ނިކަމެތިކަމުގެ ސަބަބުން އޭނާގެ ދިރިއުޅުން ބިނާވެފައިވަނީ އޭނާގެ މައިންބަފައިންނާއި އާއިލާގެ މައްޗަށެވެ. މިފަދަ ނާޒުކު ދުވަސްވަރެއްގައި އޭނާގެ އަމިއްލަ ހާލައިގެން އުޅެން ދޫކޮށްލެވިއްޖެ ނަމަ، އޭނާ ދިރިނުހުންނާނެކަން ކަށަވަރެވެ. އޭނާއަށް ބޭނުންވާނީ އޯގާތެރި ފިރުމުންތަކާއި މީހުންގެ އަޅާލުމެވެ. އޭނާގެ ތުއްތު އުމުރުގައެވެ. ކުޑަކުއްޖެއްގެ ގޮތުގައި ހޭދަކުރަންޖެހޭ ދުވަސްވަރުގައެވެ. އަދި ކިއެއްތޯއެވެ. އޭނާގެ ޒުވާން އުމުރުގައިވެސްމެއެވެ. މިދެންނެވި ކުޑަކުއްޖާ ޒުވާންކަމާއި މިނިވަންކަމުގެ އަހަރުތައް ފެށުމަށްފަހު، އޭނާގެ ހަޔާތަށް ބާރުފޯރުވާ މީހެއް ކަމުގައި އޭނާ ވެއެވެ. އޭނާ ބޮޑާކަމާއި އެކު އޭނާގެ ވަރުގަދަ ހަށިގަނޑާއި ރިވެތި ސޫރައާއި އޭނާއަށް ލިބިފައިވާ އެތައް ހުނަރުތަކެއްގެ މައްޗަށް ނަޒަރުހިންގާލައެވެ. އަދި އޭނާއަށް ވުރެ ނިކަމެތި މީހުންނަށް ނަފްރަތު ކުރަން ފަށައެވެ. އެބައެއްގެ އަމިއްލަ ސިއްޙަތަށް ފަރުވާލެއްނެތި ބަލައި ބޮޑުކުރި މައިންބަފައިންނާއި މެދުވެސް އެމީހުންގެ ހިތްތަކުގައި ވަނީ ރުޅިވެރިކަން އުފެދިފައެވެ. ބޭއިންސާފާއި ކެހިވެރިކަމުގައި ހައްދުފަހަނައަޅައި ގޮސްފައެވެ. އޭނާއަށް ލިބިފައިވާ އާރާއި ބާރު މީހުންގެ މައްޗަށް އަތްގަދަކުރުމުގައި ބޭކާރުކޮށްލައެވެ. އޭނާއަށް ވިސްނޭ ގޮތުގައި އޭނާއަކީ އަމުރުވެރިޔެކެވެ. އޭނާގެ ހިތަށްއެރި ގޮތަކަށް އަމުރުކުރުމުގެ ހައްޤު އޭނާއަށް ލިބިގެންވާކަމަށް އޭނާ ޤަބޫލުކުރެއެވެ. ނަމަވެސް، ޒުވާންކަމާއި، ރީތިކަމާއި، އާރާއިބާރަކީ އަބަދަށްޓަކައި ދެމިހުންނާނެ އެއްޗެއްތޯއެވެ؟ މަދު ދިހައިތަކެއް ފާއިތުވުމަށްފަހު އޭނާގެ ގައިބާރު ދެރަވެއެވެ. އޭނާގެ ސިއްޙީ ދުޅަހެޔޮކަން ގެއްލިދެއެވެ. އޭނާގެ ބޮލުގައި ނުރަޖަހައި ފުރާލައެވެ. އޭނަގެ ޒުވާންކަމުގެ މައްޗަށް މުސްކުޅި އުމުރު ވެރިވެގިނެއެވެ. ޒުވާންކަމުން މުސްކުޅިކަމަށް ބަދަލުވުމަށް ކިތަންމެ ގިނަ ވަގުތުތަކެއް ވޭތުވިކަމުގައި ވިނަމަވެސް މިކަމަކީ ކޮންމެ މިހަކުވެސް ކުރިމަތިލާންޖެހޭނެ ޙަޤީޤަތެކެވެ. އެއްވެސް ރަޙުމެއްނެތި ވަގުތު ހިނގަމުން ދެއެވެ. އެންމެހައި ޅަކުދިން އެމީހުންގެ މުސްކުޅި އުމުރާއި ހަމައަށް ވާޞިލްކޮށްދިނުމަށެވެ. އިސްވެ ދެންނެވުނު ޚުދުމުހުތާރު ވެރިޔާ، އޭނާ އުފަންވީއިރު އޮތް ފަދަ ނިކަމެތި، ބަލިކަށި ހާލަތަކަށް ރުޖޫޢަވާނެ ދުވަހެއް އަންނާނެއެވެ. ނަމަވެސް މިފަހަރު އޭނާއަށް އަޅާލުމަށް އޭނާގެ މައިންބަފައިންނެއް ނުތިބޭނެއެވެ. އޭނާގެ އަމިއްލަ އާއިލާއިން އޭނާ ބޭނުންނެތިގެން ބޭކާރުކޮށްލާނެއެވެ. ގިނަ ފަހަރު ކަންދިމާވަނީ މިގޮތަށެވެ. އޭނާގެ މުސްތަޤުބަލަކަށް ވަނީ މުސްކުޅިންނަށް އަޅާލާ ތަނެއްގައި އެކަނިވެރިކަމުގެ ދުވަސްތައް ވޭތުކުރުމެވެ. ”ބަލިކަށިކަމަކީ ފެށުމެވެ. އަދި ބަލިކަށިކަމަކީ ނިމުމެވެ.“ މިއިން ދޭހަވާ އެއްޗެއް ކިތަންމެހާވެސް ސާފެވެ. ހަޤީޤީ އަމުރުވެރިޔަކީ ﷲ ތަޢާލާއެވެ. ގަދަފަދަވަންތަކަމާއި ކުޅަދުންވަންތަކަން ލިބިވޮޑިގެންވަނީ ހަމައެކަނި އެފަރާތަށެވެ. ވަރުބަލިކަން އިޙުސާސްކުރަން ނުޖެހޭ ހަމައެކަނި ފަރާތަކީ އެއީއެވެ. އެހެން ފަރާތަކަށް ބަރޯސާވާން ނުޖެހޭ ހަމައެކަނި ފަރާތަކީ އެއީއެވެ.

اللهُ أَكْبَرُ - އެންމެ ބޮޑީ ﷲ އެވެ.

        މިމެސެޖް ސިކުނޑީގައި ހަރުލުމަށްފަހު އިންސާނާ ނެތުމުގެތެރެއިން ވުޖޫދަށް ގެންނެވި ގަދަފަދަވަންތަ ކަލާނގެއަށް އޭނާ ކިޔަމަންތެރިކަމާއި އެކު ބޯލަނބަން ޖެހޭނެކަން އޭނާއަށް ވިސްނެއެވެ. ކިޔަމަންތެރި އަޅެއްފަދައިން އެކަލާނގެ ހަޟްރަތުގައި ޤިޔާމްގައި ހުރުން ފިޔަވައި އެފާރަތަށް ބޯލެނބުމަށް އޮތް މޮޅުއިތުރުގޮތަކީ ކޮބައިތޯއެވެ؟ އަދި އެފަރާތަށް ރުކޫޢުކޮށް، ސަޖިދަކުރުމާއި އެފަރާތުގެ މަދަދަށް އެދި ދެއަތް އުފުލާ ދުޢާކުރުން ވެސް މިކަމުގައި ހިމެނެއެވެ.  ނަމާދަކީ އިންސާނިއްޔަތަށް ކުރިމަތިކުރައްވާފައިވާ ބުރަކަމެއްނޫނެވެ. އަދިކިއެއްތޯއެވެ؟ އެއީ ކޮންމެ ފުރާނައެއް އެކަމަށް އެދި ފެންބޮވައިގަނެފައިވާ އަމަލެކެވެ. ހެއްދެވިފަރާތް ދެނެގަތުމަށްޓަކައި ކޮންމެ ހިތެއްގެ ރުއިމެވެ. ނަމާދަކީ ﷲ ސުބްޙާނަހޫ ވަތަޢާލާ އިންސާނުންނަށް މިންވަރުކުރައްވާފައިވާ އަދަދުނުކުރެވޭހާ ގިނަ ނިޢުމަތްތަކަށް ޝުކުރުވެރިވުމުގެ ގޮތުން ކުރެވޭ ކުޑަކުޑަ ޢަމަލެކެވެ. އަހަރެމެންގެ ޢާއްމު ދިރިއުޅުމުގައި މީހުން އަހަރެމެންނަށް ކޮށްދޭ ހެޔޮކަންތައްތަކުގެ ބަދުލުގައި ހިނިތުންވުމަކާއި އެކު އެމީހަކަށް ޝުކުރުއަދާކުރަމެވެ. އެހެންކަމުން ﷲ ތަޢާލާއަށް ޝުކުރުއަދާކުރުން ކީއްތޯއެވެ؟ އެކަލާނގެއީ ކޮޅެއްނެތް ރަޙްމަތުން އަހަރެމެންގެ އެންމެހައި ބޭނުންތައް ފުއްދަވައިދެއްވާ އިލާހެވެ. ތިޔަބޭފުޅުންގެ ވަށައިގެންވާ ދުނިޔޭގެ ޗާލުކަމާއި ފުރިހަމަކަމަށް ނަޒަރު ހިންގަވާލައްވާށެވެ. އަދި ކަކޫމައްޗަށް ތިރިވެ އެތަކެތި އުފެއްދެވި އިލާހަށް ޝުކުރުވެރިވާށެވެ.

ނަމާދު: މުއުމިނުންގެ ދަރަޖަ އުފުއްލެވެމުގެ މެދުވެރިޔާ

        ﷲގެ ރަސޫލާ صلى الله عليه وسلم ، ރަސޫލުކަމައިގެން ފޮނުއްވުމަށްފަހު އެންމެ ފުރަތަމަ އެކަލޭގެފާނަށް ﷲ ތަޢާލާ އަމުރުކުރެއްވީ ނަމާދު ޤާއިމްކުރެއްވުމަށެވެ. ވަޙީގެ މަލާއިކަތާ ޖިބްރީލް އަލައިހިއްސަލާމް، އެކަލޭގެފާނު އަރިހަށް ވަޑައިގެންނެވުމުން، އެބޭކަލުންގެ ކުރިމަތިފުޅުގައި ހުރި ހިލަތަކަކުން ފެން އާރެއް ނިކުތެވެ. ދެން ޖިބްރީލް އަލައިހިއްސަލާމް، ވުޟޫކުރައްވާނެގޮތާއި، އަދި ﷲގެ ހަޟްރަތަށް ނަމާދު އަދާކުރައްވާނެގޮތް، ނަބިއްޔާ صلى الله عليه وسلم އަށް ހަރަކާތުން އުގަންނަވައި ދެއްވިއެވެ. ﷲގެ ރަސޫލާ صلى الله عليه وسلم ، ދުވާލަކު ދެފަހަރު، ދެ ރަކުޢަތުގެ ނަމާދެއް އަދާކުރައްވަން ފެއްޓެވިއެވެ. ހެނދުނުގެ ވަގުތުގައި ނަމާދެއް އަދި ހަވީރުގެ ވަގުތުގައި ނަމާދެކެވެ. ދެން އެކަލޭގެފާނު ގެކޮޅަށް ވަޑައިގެން އަނބިކަނބަލުން ޚަދީޖަތުގެފާނަށް، ޖިބްރީލް އަލައިހިއްސަލާމްގެ އުނގެނިވަޑައިގެން ކަންތައްތައް ދަސްކޮށް ދެއްވިއެވެ. އެވަގުތުން ފެއްޓިގެން ނަބިއްޔާ صلى الله عليه وسلم ދުވަހަކުވެސް ނަމާދު ދޫކުރައްވާފައެއް ނުވެއެވެ. އެކަލޭގެފާނު މަދީނާއަށް ހިޖުރަކުރެއްވުމުގެ ކުރިން، ރޭގަނޑުގެ ވަގުތެއްގައި، އަރީހާއަށް ގެންދެވުނެވެ. އަދި މިޢުރާޖަށް އުފުއްލެވުނެވެ. މިދަތުރުފުޅުގައި އެންމެ ގަފަދަވަންތަ ﷲ، ދުވާލަކު ފަސް ފަހަރު ނަމާދު ޤާއިމްކުރުމަށް އަމުރުކުރެއްވިއެވެ. މިނަމާދަކީ ދުވާލަކު ފަސް ފަހަރު ރޫޙާނީ މަތިވެރިކަމެއް ތަޖުރިބާކުރުމަށްޓަކައި މުސްލިމުންނަށް ﷲ ތަޢާލާ ދެއްވާފައިވާ އަގުހުރި ހަދިޔާއެކެވެ. ނަބިއްޔާ صلى الله عليه وسلم އޮޅުންފިލުއްވައިދެއްވި ގޮތުގައި ”ނަމާދަކީ މުސްލިމުންގެ މިޢުރާޖެވެ.“ އެހެނީ ނަމާދަކީ ކޮންމެ މުސްލިމަކަށް، އޭނާގެ އިލާޙާއި މުޢާމަލާތުކުރުމަށް ލިބޭ ފުރުޞަތެކެވެ.

 

(ނޯޓް: މިލިޔުމަކީ http://islaamdheen.wordpress.com އިން ނަގާފައިވާ ލިޔުމެކެވެ. މިލިޔުމުގައިވާ އާޔަތްތަކާއި އަދި ބަންގީގެ ޞީޣާގެ ބައިތައް ޢަރަބި ބަހުން ލިޔެވި އިތުރު ކުރެވިފައިވާ ވާހަކަ ތިޔަބޭފުޅުންގެ ސަމާލުކަމަށްޓަކައި ދެންނެވީމެވެ. އަދި ހަމައެގޮތަށް އަޞްލު ލިޔުމުގައި އާޔަތްތަކުގެ ނަމްބަރު ޖަހާފައިވާގޮތް ފޮހެލައި އެއާޔަތަކީ ކޮން ސޫރަތެއްގެ ކޮން އާޔަތެއްކަން ބަޔާންކޮށްދިނުމަށްޓަކައި ޢަރަބިން އެބައި ލިޔެފައި ވާނެއެވެ. އަދި ލިޔުމުގައި (ޓައިޕް ކުރުމުގައި) ހުރި ބައެއް ކުށްތައް އިޞްލާޙު ކުރެވިފައިވާނެއެވެ. މިލިޔުން ލިޔުއްވި ފަރާތަށާއި މިލިޔުން ކިޔާ އެންމެހައި މީސްތަކުންނަށް، ﷲ ތަޢާލާ ފާފަ ފުއްސަވައި ރަޙްމަތްލެއްވުން އެދި ދުޢާ ކުރަމެވެ.)

 

dheenee-news@hotmail.com

 
 
 
 
 

 

މިސައިޓްގައިވާ ލިޔުންތައް އެއްވެސް އުނިއިތުރު ކުރުމެއްނެތި ބޭނުން ކުރުމަކީ ކޮންމެ މުސްލިމަކަށްވެސް ލިބިގެންވާ ޙައްޤެކެވެ.©1428 (2007)