''ﷲ އާއި އެކަލާނގެ ރަސޫލާ ކަމަކާމެދު ވަކި ގޮތެއް ނިޔާކުރައްވާފައި ވަނިކޮށް، އެބައިމީހުންގެ އެކަންތަކުގައި އެނޫންގޮތެއް ޚިޔާރުކުރުމަކީ މުއުމިން ފިރިހެނަކަށްވެސް އަދި މުއުމިން އަންހެނަކަށް ވެސް ހުއްދަވެގެންވާ ކަމެއްނޫނެވެ. ﷲ އަށާއި އެކަލާނގެ ރަސޫލާއަށް އުރެދިއްޖެ މީހާ ހަމަކަށަވަރުން ބަޔާންވެ ފާޅުވެގެންވާ މަގުފުރެދުމަކުން އެމީހަކު މަގުފުރެދިއްޖެއެވެ.'' سورة الأحزاب: 36

 
 

ﷲ ތަޢާލާ ޙަރާމްކުރެއްވި އެއްޗެއް ނުވަތަ ކަމެއް ޙަލާލުކުރުމުގައާއި، ޙަލާލުކުރެއްވި އެއްޗެއް ނުވަތަ ކަމެއް ޙަރާމްކުރުމުގައި ޢިލްމުވެރިންނަށާއި ވެރީންނަށް ކިޔަމަންވެއްޖެމީހާ، ފަހެ ﷲ ފިޔަވައި އެބައިމީހުން ރައްބުންތަކެއް (އަޅުކަންކުރާ ފަރާތްތަކެއް) ކަމުގައި ހަދައިފި ވާހަކަ ނަންގަނެވިގެންވާ ބާބު.

---

قال ابن عباس: "يوشك أن تنزل عليكم حجارة من السماء، أقول: قال رسول الله صلى الله عليه وسلم، وتقولون: قال أبو بكر وعمر"

މާތް ﷲ ރުއްސުންލެއްވި ابن عباس ވިދާޅުވިއެވެ. "އަހުރެން މިބުނަނީ رسول الله صلى الله عليه وسلم ޙަދީޘްފުޅުކުރެއްވިއެވެ. (ހަމަބުނާއިރަށް) ތިޔަބައިމީހުން ތިޔަބުނަނީ أبو بكر رضي اللّـه عنه އާއި عمر رضي اللّـه عنه ވިދާޅުވިއެވެ. (މިގޮތަށް ތިޔަބައިމީހުންގެ ޙާލަތުވަނީނަމަ) ތިޔަބައިމީހުންގެ މައްޗަށް އުޑުން ހިލަވެހުން ކައިރިވެގެންވެއެވެ."

އަދި إمام أحمد بن حنبل رحمه الله ވިދާޅުވިއެވެ. "ޙަދީޘްގެ سند އާއި ޙަދީޘް ޞައްޙަކަން އެނގުމަށްފަހުގައި ވެސް سفيان الثوريގެ ރައުޔު އިޚްތިޔާރު ކުރާ މީހުންނާއިމެދު އަހުރެން އަޖައިބުވަމެވެ." އަދި اﷲ ވަޙީކުރައްވަނީވެސް މިފަދައިންނެވެ.

"فَلْيَحْذَرِ الَّذِينَ يُخَالِفُونَ عَنْ أَمْرِهِ أَنْ تُصِيبَهُمْ فِتْنَةٌ أَوْ يُصِيبَهُمْ عَذَابٌ أَلِيمٌ" (النور:63)

މާނައީ: "رسول الله صلى الله عليه وسلمގެ ޙުކުމްފުޅާ ޚިލާފުވާމީހުން، އެބައިމީހުންނަށް ފިތުނައެއް ނުވަތަ ވޭންދެނިވި ޢަޛާބެއް އަތުވެދާނެކަމަށް، ބިރުވެތިވާހުށިކަމެވެ."

ފިތުނައިގެ މުރާދަކީ ކޮބައިކަން ތިޔަބައިމީހުންނަށް އެގޭހެއްޔެވެ؟ އޭގެ މުރާދަކީ ޝިރުކެވެ. މީހަކު ކީރިތި ނަބިއްޔާ صلى الله عليه وسلمގެ ޙަދީޘްފުޅެއް ރައްދުކޮށްފިނަމަ، އޭނާގެ ހިތަށް ބާޠިލްކަންވަދެ، އޭނާ ހަލާކުވެދިއުން އެކަށީގެންވެއެވެ.

މާތް ﷲ ރުއްސުންލެއްވި عدي بن حاتمގެ ކިބައިން ރިވާވެގެންވެއެވެ. ނަބިއްޔާ صلى الله عليه وسلم މިއާޔަތް ކިޔަވައި ވިދާޅުވަނިކޮށް އެކަލޭގެފާނު އެއްސެވިއެވެ.

"اتَّخَذُوا أَحْبَارَهُمْ وَرُهْبَانَهُمْ أَرْبَاباً مِنْ دُونِ اللَّهِ وَالْمَسِيحَ ابْنَ مَرْيَمَ وَمَا أُمِرُوا إِلاَّ لِيَعْبُدُوا إِلَهاً وَاحِداً لا إِلَهَ إِلاَّ هُوَ سُبْحَانَهُ عَمَّا يُشْرِكُونَ" (التوبة:31)

މާނައީ: "އެބައިމީހުން (އަހުލުކިތާބީން) އެބައިމީހުންގެ ޢިލްމުވެރިންތަކާއި، އަޅުވެރިންތަކާއި މަރިޔަމް عليها السلامގެ ދަރި މަސީޙް (އެބަހީ ޢީސާ عليه السلام)، ﷲ ފިޔަވައި ރައްބުންތަކެއް ކަމުގައި ހަދައިފިއެވެ. އެކަމަކު އެންމެ އިލާހަކަށް އަޅުކަން ކުރުމަށް މެނުވީ އެބައިމީހުންނަށް އަމުރުކުރެވިގެންނުވެއެވެ. އެކަލާނގެއީ، އެކަލާނގެ ފިޔަވައި ޙައްޤު އިލާހަކު ނުވާ ރަސްކަލާނގެއެވެ. އެބައިމީހުން އެކުރާ ޝިރުކުތަކުން އެކަލާނގެ ހުސްޠާހިރުވަންތަވެ ވޮޑިގެންވެއެވެ."

عدي بن حاتم رضي اللّـه عنه ވިދާޅުވިއެވެ. "އަހުރެން ކީރިތި ނަބިއްޔާ صلى الله عليه وسلم އަށް ދަންނަވައިފީމެވެ. ހަމަކަށަވަރުން އަހުރެމެން އެޢިލްމުވެރިންނަށާއި އަޅުވެރިންނަކަށް އަޅުކަމެއް ނުކުރަމުއެވެ. ނަބިއްޔާ صلى الله عليه وسلم ޙަދީޘްފުޅުކުރެއްވިއެވެ. اﷲ ތަޢާލާ ޙަލާލު ކުރެއްވިކަމެއް އެބައިމީހުން ޙަރާމް ކުރުމުން ތިޔަބައިމީހުން އެކަން ޙަރާމްކަމެއް ކަމުގައި ނުދެކެންހެއްޔެވެ؟ އަދި اﷲ ތަޢާލާ ޙަރާމްކުރެއްވިކަމެއް އެބައިމީހުން ޙަލާލުކުރުމުން ތިޔަބައިމީހުން އެކަން ޙަލާލުކަމެއްކަމުގައި ނުދެކެންހެއްޔެވެ؟ އަހުރެން ދަންނަވައިފީމެވެ. ނޫނެކެވެ. އެކަން އެގޮތަށް ދެކެމުއެވެ. ދެން ނަބިއްޔާ صلى الله عليه وسلم ޙަދީޘްފުޅުކުރެއްވިއެވެ. ފަހެ، އެބައިމީހުންނަށް އަޅުކަން ކުރުމަކީ އެއީއެވެ."  (مسند أحمد وسنن الترمذي)

މިބާބުން ނެރެވުނު މައްސަލަތައް:

1.     ނޫރު ސޫރަތުގެ 63 ވަނަ އާޔަތުގެ ތަފްސީރު.

2.     ތައުބާ ސޫރަތުގެ 31 ވަނަ އާޔަތުގެ ތަފްސީރު.

3.     عدي بن حاتم رضي اللّـه عنه އިންކާރުކުރެއްވި ޢިބާދަތުގެ މުރާދުގެ މައްޗަށްވާ تنبيه (އެބަހީ ޢިބާދަތުގެ މުރާދަކީ ހަމައެކަނި ޢަދިއްޔު رضي اللّـه عنه ވިސްނެވިގޮތެއްނޫނެވެ. އަދި ކިއެއްތަ! ޢިބާދަތުގެ މާނަ އެއަށްވުރެ ތަނަވަސްވެގެންވެއެވެ.)

4.     (މީހަކު މަޤާމުގެ ގޮތުން ނުވަތަ ޢިލްމީ ގޮތުން ކިތަންމެ މަތިވެރިކަމުގައި ވީނަމަވެސް رسول الله صلى الله عليه وسلمގެ ޙަދީޘްފުޅުގެ ކުރިމަތީގައި އެމީހެއްގެ ބަހަކަށް ޢަމަލެއް ނުކުރެވޭނެއެވެ. މިކަމުގައި) عبدالله بن عباس رضي اللّـه عنهما، أبوبكر رضي اللّـه عنه ، އާއި  عمر رضي اللّـه عنهގެ މިސާލު ޖެއްސެވުން. އަދި الإمام أحمد رحمه الله، سفيان الثوري رحمه اللهގެ މިސާލުޖެއްސެވުން.

5.     މިއަދު ޙާލަތު ބަދަލުވެގެން ގޮސްފައިވަނީ މިހާހިސާބަށެވެ. މިއަދު މީސްތަކުންކުރެ ގިނަމީހުން ދެކޭގޮތުގައި ރާހިބުންނަށް އަޅުކަން ކުރުމަކީ އެންމެ މާތް ޢަމަލެވެ. އަދި އެޢަމަލަށް ވަލީވެރިކަމޭވެސް ކިޔެއެވެ. އަދި ޢިލްމުވެރިންނަށް އަޅުކަންކުރުމަކީ އެބައިމީހުން ދެކޭގޮތުގައި ޢިލްމާއި ފިޤުހެވެ. ދެން އެންމެ ފަހުން ޙާލަތު ބަދަލުވެގެން ދިޔައީ ﷲ ފިޔަވައި، ޞާލިޙުންގެ ތެރެއިން ނުވާ މީހުންނަށްވެސް އަޅުކަން ވެވޭ ހިސާބަށެވެ. އަދި އެހެން ގޮތަކަށް ބުނާނަމަ ޖާހިލުންނަށް އަޅުކަން ވެވޭ ހިސާބަށެވެ.

-ނިމުނީ-

_____________________________________________________

ނޯޓް: މިލިޔުމަކީ شيخ الإسلام محمد بن عبد الوهاب ގެ "كتاب التوحيد"ގެ ދިވެހި ތަރުޖަމާ، (ޝެއިޚް މުޙައްމަދު އިބްރާހިމް، ޅ.ނައިފަރު، ކުރައްވާފައިވާ ތަރުޖަމާ) އިން ނަގާފައިވާ ލިޔުމެކެވެ.

dheenee-news@hotmail.com

 
 
 
 
 
 
 
 

 

 
 
މިސައިޓްގައިވާ ލިޔުންތައް އެއްވެސް އުނިއިތުރު ކުރުމެއްނެތި ބޭނުން ކުރުމަކީ ކޮންމެ މުސްލިމަކަށްވެސް ލިބިގެންވާ ޙައްޤެކެވެ.©1428 (2007)