|
الرِّيَاء
-
ދެއްކުންތެރިކަން
الحمد
لله
رب
العالمين
والصلاة
والسلام
على
عبه
ورسوله.
ދެއްކުންތެރިކަމަކީ އަޅުގަނޑުމެން އެންމެނަށްވެސް އެނގޭފަދައިން
އިންސާނާ ކުރާ އެއްވެސް އަޅުކަމެއްގެ ތެރޭގައި އެކަން ކިތަންމެ ކުޑަ
މިންވަރަކަށް ނަމަވެސް ހިމެނިއްޖެނަމަ، އެއަޅުކަމެއް މާތް
اللّـهގެ
ޙަޟްރަތުގައި ޤަބޫލުނުކުރެވި އެއަޅުކަން ބާޠިލްވާން މެދުވެރިވާ ދެ
ކަންތަކުގެ ތެރެއިން އެއް ކަންތަކެވެ. އެހެނީ، ދެއްކުންތެރިކަމަކީ
މާތް
اللّـه
އަށް ކުރެވޭ ޝިރުކެކެވެ. އެހެނަސް އެއީ މީހާ މިއްލަތުން
ބޭރުކޮށްލާވަރުގެ ޝިރުކެއް ނޫނެވެ. އެއީ އެޝިރުކު ހިމެނޭ ޢަމަލު
އެކަނި ބާޠިލްކޮށްލާ ޝިރުކެކެވެ. އާދެ ކުޑަ ޝިރުކެކެވެ.
الرِّيَاء
ނުވަތަ ދެއްކުންތެރިކަމަކީ ވަރަށް ގިނަ ފަހަރަށް އަމިއްލަ
ނަފްސަށްވެސް ނޭނގި އެމީހާ ކުރާ އަޅުކަމުގެ ތެރެއަށް ވަންނަ ވަރަށް
ނުރައްކާތެރި ޢަދުއްޥެކެވެ. މިކަމަށް އިޝާރާތް ކުރައްވައި މާތް
ނަބިއްޔާ މުޙައްމަދު
صلى
الله
عليه
وسلم
ޙަދީޘް ކުރައްވާފައިވެއެވެ.
"އޭ މީސްތަކުންނޭވެ! ތިޔަބައިމީހުން މިޝިރުކާއިމެދު
ރައްކާތެރިވާށެވެ. އެހެނީ ހިންޏެއްގެ ފިޔަވަޅުތަކަށްވުރެ އޭގެ
ވަންހަނާކަން ބޮޑުވެގެންވެއެވެ". އެހިނދު މީސްތަކުންގެ ތެރެއިން
ވާހަކަދައްކެވުމަށް، މާތް
اللّـه
އިރާދަކުރެއްވި ބޭކަލަކު ސުވާލު ކުރެއްވިއެވެ. "ހިންޏެއްގެ
ފިޔަވަޅުތަކަށްވުރެ ބޮޑަށް ވަންހަނާ ވެފައިވާ ކަމަކުން ތިމަންމެން
ރައްކާތެރިވާނީ ކިހިނަކުންތޯއެވެ؟" އެކަލޭގެފާނު ޙަދީޘް
ކުރެއްވިއެވެ. "أَللًّهُمَّ
إِنَّا
نَعُوذُبِكَ
مِن
أَن
نُشْرِكَ
بِكَ
شَيْءٍ
نَعْلَمُهُ
وَنَسْتَغْفِرُكَ
لِمَا
لاَ
نَعْلَمُ
- އޭ ﷲ! އަޅަމެންނަށް އެނގިތިބެ އިބަ ﷲ އަށް ޝިރުކުކުރުމުން އަޅަމެން
ރައްކައުތެރި ކޮށްދެއްވާންދޭވެ. އަދި އަޅަމެންނަށް ނޭނގި ކުރެވޭ
ޝިރުކުތަކަށް އަޅަމެން ފާފަ ފުއްސެވުމަށް އެދި އިނބަ
اللّـه
އަށް އިސްތިޣްފާރު ކުރަމެވެ"
މިފަދައިން ވިދާޅުވާށެވެ." (ޙަދީޘް ރިޥާ ކުރެއްވީ އިމާމް ޢަޙްމަދު،
403/4 ؛ މިޙަދީޘްވަނީ އިމާމް އަލްބާނީ އެކަލޭގެފާނުގެ ޞަޙީޙް
އަލް-ޖާމިޢް، 3731 ގައި ޞައްހަ ކުރައްވާފައިވެއެވެ).
ހަމަގައިމުވެސް، މިދުނިޔެ މަތީގައި އެމީހަކަށްވީ އެންމެ ގިނައިން
ހެޔޮ ޢަމަލުތައްކޮށް، މާދަމާ މާތް
اللّـهގެ
ޙަޟްރަތުގައި އެމީހާގެ ފަތް ހުޅުވާލެވޭ ހިނދު އެފަތުގައި އެއްވެސް
ހެޔޮ ޢަމަލެއް ލިޔެވިފައި ނުވާތަން ފެންނާކަށް އެއްވެސް މީހަކު
ނޭދޭނެއެވެ. އެހެންވެއްޖެނަމަ އެމީހާއީ އެންމެ ނިކަމެތިވެގެންވާ
މީހުންގެ ތެރެއިންވެސް އެންމެ ބަދުނަސީބު ވެރިޔާއެވެ. މިކަމަށް
އިޝާރާތް ކުރައްވައި މާތް ﷲ ސޫރަތުލް ކަހްފުގައި ޥަޙީ
ކުރައްވާފައިވެއެވެ.
"قُلْ هَلْ نُنَبِّئُكُمْ بِالأَخْسَرِينَ أَعْمَالاً"
(الكهف:103)
އާޔަތުގެ މާނައިގެ ތަރުޖަމާ: "ކަލޭގެފާނު ވިދާޅުވާށެވެ. 'އެބައެއްގެ
ޢަމަލުތައް އެންމެ ބޮޑަށް ގެއްލެނިވެގެންވާ ބަޔަކީ ކޮބައިކަން
ތިމަންމެން ބަޔާންކޮށްދެއްވަން ހެއްޔެވެ؟"
"الَّذِينَ ضَلَّ سَعْيُهُمْ فِي الْحَيَاةِ الدُّنْيَا وَهُمْ
يَحْسَبُونَ أَنَّهُمْ يُحْسِنُونَ صُنْعاً"
(الكهف:104)
އާޔަތުގެ މާނައިގެ ތަރުޖަމާ: "އެބައިމީހުންނަކީ، ދުނިޔޭ ޙަޔާތުގައި
ހެޔޮ ޢަމަލުކުރުމަށް ކުރި ކަންތައްތައް ބޭކާރުވީ މީހުންނެވެ.
އެހެނެއްކަމަކު އެބައިމީހުން އުއްމީދުކުރަމުން ދަނީ އެކުރި
ކަންތަކުން އެބައިމީހުނަށް ހެވާއި ޘަޥާބު ލިބޭނެކަމަށެވެ"
މަތީގައި ބަޔާން ކުރެވުނު އާޔަތުގައި މާތް
اللّـه
ޚަބަރު ދެއްވާފައިވާ މީހުން ހީކޮށްގެން ތިބީ އެމީހުން ދުނިޔޭގައި
އުޅެމުން ދިޔައިރު އެމީހުންނަށް ހެޔޮ ޢަމަލު ކުރެވުނު ކަމަށެވެ.
ނަމަވެސް އެމީހުން ކުރި އެއްވެސް ޢަމަލަކީ ޤިޔާމަތް ދުވަހުން މާތް
اللّـهގެ
ޙަޟްރަތުގައި މަޤްބޫލު އެއްޗަކަށް ނުވިއެވެ.
ވީމާ، ދެއްކުންތެރިކަމަކީވެސް، އަޅާ ކުރާ ހެޔޮ ޢަމަލުތައް ނަފީކުރާ
އެއްޗަކަށް ވާއިރު އެއިން ރައްކާތެރިވުމަށްޓަކައި، ކޮންމެ
މީހަކަށްވެސް ޥާޖިބުވެގެންވަނީ ދެއްކުންތެރިކަމާއި ބެހޭގޮތުން
މަޢުލޫމާތު ހޯދައި އޭގެ ނުބައިކަމުން ސަލާމަތް ވުމެވެ. އެހެންކަމުން
އަޅުގަނޑު މިކުޑަކުޑަ ލިޔުންކޮޅުގައި މިހިމަނާލަނީ، އަޅުގަނޑުމެންގެ
ކިބައިގައި ދެއްކުންތެރިކަން ހުރިތޯ ދަނެގަނެވިދާނެ ހަތަރު ގޮތެކެވެ.
1.
ފަރްޟު ކަންތައްތައް ލަސްކުރުން:
ބައެއް މީހުން މާތް
اللّـه
ފަރްޟު ކުރައްވާފައިވާ ފަސް ނަމާދާއި، ޒަކާތާއި، ޙައްޖު ފަދަ
އަޅުކަންތައްތައް، ދީނީ ގޮތުން ޤަބޫލު ނުކުރެވޭފަދަ
ޢުޛުރުތަކަށްޓަކައި ލަސްކުރެއެވެ. އެގޮތުން ބައެއް މީހުން ޢާއްމުކޮށް
ނަމާދު ކުރަނީ ކޮންމެ ނަމާދެއްވެސް އެނަމާދެއްގެ ވަގުތު ނިމެން
ވީހާވެސް ކައިރިވީމައެވެ. އަދި އަނެއްބައި މީހުން މުދަލު ޒަކާތް
ނެރެނީ އެދައްކަންވާ ދުވަހުގެ އެތައް ދުވަހެއް ފަހުންނެވެ. އަދި
އަނެއްބައި މީހުން ޙައްޖު ވަނީ މީހާ މުސްކުޅިވެ ގައިބާރު
ދެރަވީމައެވެ. މިކަމުން ދައްކުވައިދެނީ މީހާގެ އީމާންތެރިކަން
ބަލިކަށިވެފައިވާ މިންވަރެވެ. އެމީހެއްގެ އީމާންތެރިކަން ބަލިކަށިވާ
ވަރަކަށް ފަރްޟު ކުރައްވާފައިވާ އަޅުކަންތައްތައް އަދާ ކުރުމުގައި
ފަސްޖެހި ލަސްކުރެވެއެވެ. އަދި އެމީހެއްގެ އީމާންތެރިކަން ބަލިވާ
ވަރަކަށް ހިތުގެ ތެރެއަށް ދެއްކުންތެރިކަން ވަނުމަށް ފަސޭހަވެ
މަގުފަހިވެއެވެ. މިސާލަކަށް ފަރުޟު ނަމާދުތަކަށް ފަރުވާކުޑަކޮށް
އެނަމާދުތައް އަޅާ މީހަކު ޖަމާޢަތަށް ނަމާދަށް މިއަރާކަމުގައިވަނީ
ކޮންމެވެސް ބޮޑު މީހަކު ނުވަތަ ލޯބިވާ މީހަކު އައުމުން އެމީހަކަށް
ތިމާއަކީ ނަމާދު ކުރާ މީހެއްކަން ދައްކާލުމަށްޓަކައެވެ. މިކަމަށް
އޮތް ފަރުވާއަކީ، ތިމާގެ އީމާންތެރިކަން އިތުރުވާނޭ ކަހަލަ ދީނީ
ފޮތްތައް ގިނަގިނައިން ކިޔައި ވީހާވެސް ބޮޑަކަށް މާތް
اللّـه
މަޢުރިފާކޮށް ދެނެގަތުމާއި ރަނގަޅު މީހުންނާއި އެކީ ގިނައިން ވަގުތު
ހޭދަކުރުމެވެ.
2.
ތިމާއާ ޙަޥާލު ކުރެވިފައިވާ ކަންތައްތައް އަދާކުރާއިރު
ފަރުވާކުޑަވުން:
އަޅުކަންތައްތަކާއި ދުނިޔެވީ މުޢާމަލާތްތައް އަދާ ކުރާއިރު
ފަރުވާކުޑަ ކުރެވުމަކީ އެމީހާގެ ހިތުގައިވާ އިޙްސާންތެރިކަން
ބަލިކަށިކަމުގެ ޢަލާމާތެކެވެ. އޭގެ މާނައަކީ މިފަދަ މީހެއްގެ ހިތަށް
ދެއްކުންތެރިކަން ވަންނުމަށް ދޮރު އެހެރީ ހުޅުވިފައެވެ. މިފަދަ
މީހުން ދުނިޔެވީ ކަންކަމުގައި އެމީހުންގެ ވެރިމީހާގެ ނުވަތަ
އެމީހުންގެ މައްޗަށް އިސްކޮށް ހުންނަ މީހާ އޭނާގެ ގާތުގައި ހުރެގެން
ކަމެއް ކުރުވާއިރު ވަރަށް ފަރުވާ ތެރިކޮށް އެކަން ކުރާނެއެވެ. އަދި
ވެރިމީހާ ނުވަތަ އިސްކޮށް އެހުންނަ މީހާ އެތަނުން ދުރަށް ދާއިރަށް
ކުރިން މަސައްކަތް ކުރަމުން ޖޯޝް މުޅިން އޭނާގެ ކިބައިން ގެއްލި
ދެއެވެ. އޭނާއަށް އަބަދުވެސް ފަރުވާތެރިކަމާއެކު ކަމެއް ކުރެވޭނީ
އޭނާއަށް އިޙްސާސްވާގޮތަށް މީހަކު އޭނާ ކުރާ މަސައްކަތް ބަލަން
ހުންނަނަމައެވެ. މިކަމަކަށް އޮތް ފަރުވާ އަކީ، ކޮންމެ ކަމެއްވެސް
ކުރާއިރު، އޭނާއަށް މާތް
اللّـه
ފެންނަން ނެތްކަމުގައި ވިޔަސް، މާތް
اللّـه
އޭނާއަށް ބައްލަވާ ވޮޑިގެންވާކަން ހިތް މައްޗަށް ގެނެސްގެން އެކަމެއް
ކުރުމެވެ.
3.
މީހުންގެ ކުރިމަތީގައި ބައެއް ކަހަލަ އަޅުކަންތައް ކުރުން.
އިސްލާމްދީނުގައި މީސްތަކުންނާ އެކީގައި ކުރަން އަންގަވާފައިވާ
ކަންތައްތައް، ނުވަތަ އެކަމެއް ކުރުމަށް މީސްތަކުންނަށް ހިތްވަރުދީ
އެކަމެއް ދިރުވަންވެގެން ކުރާ ކަންތައްތައް ފިޔަވައި، ދެން ހުންނަ
ކަންތައްތައް ނުވަތަ އަޅުކަންތައްތައް - ކޮންމެހެން ކުރަން ޖެހިގެން
ނޫނީ ނުވަތަ ބައެއް ޙާލަތްތަކުގައި މެނުވީ – ޢާއްމުކޮށް މީހުންގެ
ކުރިމަތީގައި ކުރެވޭނަމަ އެއީ ތިމާގެ ހިތުގައި ދެއްކުންތެރިކަން
ވާކަމުގެ ފާލެކެވެ. އެހެނީ، ޞަދަޤާތް ކުރުމާއި ދަމުނަމާދާއި ސުންނަތް
ނަމާދުތަކާއި ޛިކްރު ކުރުން ފަދަ ކަންތައްތައް ކުރުން މޮޅު
އިތުރުވެގެންވަނީ މީސްތަކުންނަށް ވަންހަނާކޮށެވެ. އެއީ ބައެއް
ޙާލަތްތަކުގައި މެނުވީ ކޮންމެހެން މީހުންނަށް ފެންނަ ގޮތަށް ކުރުން
ރަނގަޅު އަޅުކަންތައްތަކެއް ނޫނެވެ. މިގޮތުން އުއްމަތުގެ ބޮޑެތި
ސަލަފުންގެ ދަންނަބޭކަލުން އެބޭކަލުންގެ ޢަމަލަށް ދެއްކުންތެރިކަން
ވަދެދާނެކަމަށް އެބޭކަލުންގެ އަނބީންނަށްވެސް ސިއްރުން ދަމުނަމާދު
ކުރާކަމުގައިވެއެވެ. އެހެންނަމަވެސް ދަންނައެވެ. މިސްކިތުގައި
ޖަމާޢަތް ހަދައިގެން ރޯދަމަހު ދަމު ނަމާދު ކުރުމަކީ އަދި އެހެން
ކަމެކެވެ. އެއީ، އަދި އެހެން މަޥްޟޫއެކެވެ.
4.
މީސްތަކުންނާ އެކަހެރިވާ ވަގުތުތަކުގައި ފާފަތައް ކުރެވުން:
ތިމާ މީސްތަކުންނާ އެކަހެރިވެ އެކަނިވާ ވަގުތުތަކުގައި
އީމާންތެރިކަން ގަދަވެ ވަރުދަވުމުގެ ބަދަލުގައި ފާފަތަކަށް
އަރައިގަނެވޭނަމަ އެއީވެސް ދެއްކުންތެރިކަމުގެ ޢަލާމާތެކެވެ. މިހެން
ދެންނެވުމުން އެއްވެސް ޙާލެއްގައި ސިއްރުން ކުރެވޭ ފާފަތައް ފާޅުގައި
ކުރަންފަށަންވީއެއް ނޫނެވެ. އޭގެ ބަދަލުގައި އެކަންކަން އެއްކޮށް
ހުއްޓާލައި އެގުތުތަކުގައި ތިމާގެ ފަތަށް ހެޔޮކަމެއް އިތުރު ކުރެވޭތޯ
ބަލާނީއެވެ. އެހެނީ ފުރިހަމަ މުއުމިނުންގެ ގޮތަކީ އެމީހުން އެކަނިވެ
އެކަހެރިވާ ވަގުތުތަކުގައި މާތް ﷲގެ މަތިން ކުރާ ޛިކްރުތައް ގިނަކޮށް
އެމީހުންގެ ލޮލުން ކަރުނަ އޮހޮރައި ރުއިމެވެ.
ނިންމާލަން އަޅުގަނޑު ޤަޞްދު ކުރަނީ ޢިލްމުވެރިއަކު ދެއްވި ވަރަށް
ފުރިހަމަ ނަޞޭޙަތަކުންނެވެ. އެބޭފުޅާ ވިދާޅުވަނީ: "الرِّيَاءގެ
(އެބަހީ ދެއްކުންތެރި ކަމުގެ) ކިބައިން ތިބާ ސަލާމަތްވުމަށްޓަކައި
(ތިބާ އަޅުކަންތައްތައް ކުރާއިރު) އެހެން މީހުން ދެކިފާނެ ގޮތަކާއި
މެދު ދޭ ސަމާލުކަމަކީ، ޖަނަވާރުންނާއި ކުޑަކުދިން އެކަމަކާއިމެދު
ދެކިފާނެ ގޮތަކާއިމެދު ތިބާ ދޭ ސަމާލުކަން ފަދައިން ހަދާށެވެ. އަދި
މީސްތަކުންގެ ތެރޭގައި ކުރާ އަޅުކަންކަމާއި އެބައިމީހުންނާ
އެކަހެރިކޮށް ކުރާ އަޅުކަންކަމާއި ތަފާތު ނުކުރާށެވެ. އަދި
އެމީހުންނަށް އެނގިގެން ކުރާ އަޅުކަމާއި އެމީހުންނަށް ނޭނގި ތިބާ
ކުރާ އަޅުކަމާ ތަފާތު ނުކުރާށެވެ. އެހެނެއްކަމަކު، ސަމާލުކަންދޭވީ
މާތް
اللّـهގެ
ހައްދެއްނުވާ ދެކެވޮޑިގަތުމަށެވެ".
وصلى
الله
على
نبينا
محمد
وآله
وصحبه
وسلم. |