|
الموت
-
މަރު
ލިޔުނީ:
آدم نشان المالديفي

އެންމެހައި ޙަމްދު ޘަނާއެއް ޙައްޤުވަނީ، މިދުނިޔެއާއި މިދުނިޔޭގައި
ވާހާ ތަކެއްޗަކީ ނެތި ފަނާވެދާނޭ އެއްޗެއް ކަމުގައި ލެއްވެވި ގަދަ
ކީރިތިވަންތަ ﷲ ތަޢާލާއަށެވެ. ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާ
ކުރަނީ މިދުނިޔެވީ ޙަޔާތުގެ ޙަޤީޤަތް ބަޔާންކޮށްދިނުމަށް
ކައުކުރެއްވެވި މާތް ނަބިއްޔާ
محمد صلى الله عليه وسلم
އަށެވެ. މިޞަލަވާތާއި ސަލާމްގައި އެކަލޭގެފާނުގެ އެންމެހައި އާލު
އަޞްޙާބުންނާއި، ޤިޔާމަތާއި ޖެހެންދެން އެކަލޭގެފާނުގެ ހިދާޔަތުގައި
ހިފަހައްޓައިގެން ތިބިހައި ބަޔަކު ޝާމިލް ކުރަމެވެ.
އާދެ މިމައުޟޫއަކީ، މިއާއިމެދު
މީހަކު ވާހަކަ ދައްކަން ފަށައިފިނަމަ، މީސްތަކުން އެކަމާއިމެދު
ބިރުގަނެ،
ހާސްކަން އިތުރުވެ، ހިތްތައް ނުތަނަވަސްވެ، އަދި ނޭވާ ކުރުވެގެންދާ
މައުޟޫއެކެވެ. ކޮންމެއަކަސް މިމައުޟޫއަކީ ހަމަ ހުރިހައި
އެންމެނަށްވެސް
މުޙިއްމު މައުޟޫއެކެވެ.
އެހެނީ މިކަމުން ރެކިގަނެވޭނެ ހަމަ
އެކަކުވެސް
ނެތީމައެވެ.
އާދެ އެއީ މަރެވެ. އަޅުގަނޑުމެން އެއެއްޗަކަށް ބިރުން ފިލަން މިދުވާ
މަރެވެ. ﷲ ތަޢާލާ ކީރިތި ޤުރުއާނުގައި ވަޙީ ކުރައްވާފައިވެއެވެ.
"قُلْ إِنَّ الْمَوْتَ الَّذِي تَفِرُّونَ مِنْهُ فَإِنَّهُ
مُلاقِيكُمْ ثُمَّ تُرَدُّونَ إِلَى عَالِمِ الْغَيْبِ
وَالشَّهَادَةِ فَيُنَبِّئُكُمْ بِمَا كُنْتُمْ تَعْمَلُونَ"
(الجمعة:8)
"ކަލޭގެފާނު
ވިދާޅުވާށެވެ. ފަހެ ތިޔަބައިމީހުން އެއެއްޗަކަށް ބިރުން ފިލަން ތިޔަ
ދުވާ މަރު އައިސް ތިޔަބައިމީހުންނާއި ބައްދަލުކުރާނޭކަން ކަށަވަރެވެ.
އެއަށްފަހު ޣައިބާއި އަދި ފާޅު ދެނެވޮޑިގެންވާ ފަރާތްކަމުގައިވާ ﷲ ގެ
ޙަޟްރަތަށް ތިޔަބައިމީހުން ރައްދުކޮށް ޙަވާލު ކުރެވޭނެއެވެ. ފަހެ
ދުނިޔެމަތީގައި ތިޔަބައިމީހުން ކޮށްއުޅުނު ކަންތައްތަކުގެ ޚަބަރު
ތިޔަބައިމީހުންނަށް އެއިލާހު ދެއްވާނެއެވެ."
ކުރީގެ ޒަމާންތަކުގައި މީހުންވަނީ ދިރިއުޅެފައެވެ. އަދި ތަރައްޤީއާއި
ތަހްޒީބުގެ މިޒަމާނުގައިވެސް މީސްތަކުން މިދަނީ
ދިރިއުޅެމުންނެވެ. އެހެންނަމަވެސް ހުރިހައި މީސްތަކުންވެސް ވަނީ
މިއިލާހީ ގޮންޖަހާލުމުގެ ކުރިމަތީގައި ނުކުޅެދުންތެރި ބައެއް
ކަމުގައި ވެފައެވެ. އާދެ މަރު އައިސް ޖެހުމުން، އާރާ ބާރާއި،
ޢިއްޒަތާ މުދަލާއި ވެރިކަން އޮތް ކަމުގައިވިޔަސް، އޭގެ އެއްވެސް
އެއްޗަކުން ކުރާނޭ ފައިދާއެއް ނެތެވެ. މަރާއި ކުރިމަތިނުލާ އެކަމުން
ރެކި ގަނެވޭނޭ ހަމަ އެކަކުވެސް ނެތެވެ. މަރު އައިސް ޖެހިއްޖެނަމަ
ބޮޑެތި ރަސްރަސްކަލުން ކަމުގައި ވިޔަސް ނުވަތަ ނިކަމެތި އާރެއް
ބާރެއް ނެތް މީހެއް ކަމުގައި ވިޔަސް ފަރަޤު ކުރުމެއް ނެތެވެ.
މުއްސަންޖެއް ކަމުގައި ވިޔަސް ނުވަތަ ފަޤީރެއް ކަމުގައި
ވިޔަސްމެއެވެ. ބޮޑު މީހެއް ކަމުގައި ވިޔަސް ނުވަތަ ކުޑަ ކުއްޖެއް
ކަމުގައި ވިޔަސްމެއެވެ.
ފަހެ މަރާ ކުރިމަތިނުލާ އެއްވެސް ޤައުމެއް ނުވަތަ ބަޔަކު ވިޔަސް
އުޅުނު ހެއްޔެވެ؟ ނުވަތަ އެބައުޅޭ ހެއްޔެވެ؟ ދުނިޔެ ދުށް ބޮޑެތި
ވަރުގަދަ ދައުލަތްތަކާއި، ރަސްރަސްކަލުންނާއި، އާރާއި ބާރު ލިބުނު
މީހުންތައް ކޮބައި ހެއްޔެވެ؟ އާރާއި ބާރު އޮތް، އަދި ކަލެއް ކަމަށް
ދަޢުވާކުރި ފިރުޢައުނު ކޮބައި ހެއްޔެވެ؟ އޭނާގެ އަޢުވާނުންގެ
ތެރޭގައިވި ހާމާނު ކޮބައިހެއްޔެވެ؟ މުއްސަނދިކަން ލިބި ރަނާ ރިހިން
ޖަރީވެ ހުރެ
މިބިން
މަތީގައި
ބޮޑާވެގަނެ، ﷲ އަށް އުރެދިގަތް ގަތް، ޤާރޫނު ކޮބައިހެއްޔެވެ؟ އާރާއި
ބާރު ލިބި، ފަރުބަދަތައް ކަނޑައިގެން އެފަރުބަދަތަކުގައި ގަނޑުވަރު
ހަދައިގެން އުޅުނު ޢާދު ބާގައިގެ މީހުން ކޮބައިހެއްޔެވެ؟ ފަހެ
މިއެންމެންގެ ގަނޑުވަރުތަކާއި ރަސްރަސްކަން މިއަދު ކޮބައިހެއްޔެވެ؟
އެމީހުންނަކީ އިރެއްގައި މިދުނިޔޭގައި އުޅުނު ބައެއް ހެންވެސް މިއަދު
ހީނުވެއެވެ. ﷲ ތަޢާލާގެ ހުސްޠާހިރުވަންތަ ކަމާއިއެވެ. ފަހެ
ﷲގެ
މަގުގައި ޖިހާދު ކުރަން ނިކުތުމަށް އަމުރު ކުރެއްވުނު ހިނދު
މަރަށް ބިރުން، ﷲ ތަޢާލާގެ އަމުރުފުޅަށް ކިޔަމަން ނުވެ އެއިލާހަށް
އުރެދުނު ބަޔަކާއި ބެހޭގޮތުން ކީރިތި ޤުރުއާނުގައި ވަޙީ ކުރައްވާފައި
ވެއެވެ.
"قُلْ فَادْرَأُوا عَنْ أَنْفُسِكُمُ الْمَوْتَ إِنْ كُنْتُمْ
صَادِقِينَ"
(آل عمران:168)
"ކަލޭގެފާނު
ވިދާޅުވާށެވެ. ފަހެ ތިޔަބައިމީހުން ތިޔަކުރާ ދަޢުވާއަކީ ތެދު
ކަމުގައިވާނަމަ ތިޔަބައިމީހުންގެ ނަފްސުތަކުން މަރު
ދިފާޢުކޮށްބަލާށެވެ."
މިއީ ހަމަ އަޅުގަނޑުމެންނަށްވެސް އޮތް ގޮންޖަހާލުމެކެވެ. ގަދަފަދަ
ކީރިތިވަންތަ ﷲގެ އަމުރުފުޅުތަކާއި ނަހީތަކައް ބެލުމެއް ނެތި
އެއިލާހުގެ ނަބިއްޔާގެ އަގުމާތްވި އިރުޝާދުތައް ފެންނަން އޮއްވައި،
ހިތު ހުރި ގޮތަކަށް ޢަމަލު ކުރަމުންދާ ބަޔަކަށްވެސް އޮތް
އިންޒާރެކެވެ. ފަހެ އެފަދަ ބަޔަކުވެސް އެތިބެނީ ހަމަ މަރު ނުވާނޭ
ކަމަށް ހެއްޔެވެ؟ އެމީހުން އެމީހުންގެ ރައްބުގެ ޙަޟްރަތަށް އެނބުރި
ރުޖޫޢަ ނުކުރެވޭނޭ ހެއްޔެވެ؟
ކޮންމެއަކަސް މަރުވުމަކީ މައްސަލައެއް ނޫނެވެ. އެހެންނަމަވެސް
މައްސަލައަކީ މަރުވުމަށްފަހު ވާނޭ ގޮތަކާއި މެދުގައެވެ.
މަރުވުމަށްފަހު ވަނީ ކައްވަޅުގެ ގަދަފަދު ޢަޛާބުކަމެއް ނުވަތަ
އެތަނުގައި މުއުމިނުންނަށްވާ ނިޢުމަތްތަކެއް ކަމެއް ނޭނގެއެވެ. އަދި
ދާން އޮތީ ސުވަރުގޭގެ ބަގީޗާތަކުގެ ތެރެއިން ބަގީޗާއަކަށް ކަމެއް
ނުވަތަ ނަރަކައިގެ އަލިފާނުގެ ވާދީތަކުގެ ތެރެއިން ވާދީއަކަށް ކަމެއް
ނޭނގެއެވެ. މަރުވެފައިވާ މީސްތަކުންގެ ހަށިތައް ވަނީ މިބިމުގެ
ފަސްގަނޑުގެ ތެރޭގައެވެ. ސިއްރާއި ފާޅު އެނގިވޮޑިގެންވާ ހަމައެކަނި
ފަރާތްކަމުގައިވާ، ﷲ ތަޢާލާ ފިޔަވައި ހަމަ އެހެން އެއްވެސް
ފަރާތަކަށް އެމީހުންގެ ހާލު އެނގިގެނެއް ނުވެއެވެ.
މަރަކީ އަޅުގަނޑުމެން އެކަމާއިމެދު ޣާފިލްވެފައިވާ އެއްޗެއް ނަމަވެސް
އަޅުގަނޑުމެންނާއި އެންމެ ކައިރީގައިވާ އެކައްޗެވެ. ބަލަބަލާ ތިއްބާ
އަޅުގަނޑުމެންގެ ގާތް ތިމާގެ އަދި ރައްޓެހީންގެ އެތައް ބަޔަކު އެދަނީ
މަރުވަމުންނެވެ. ޒުވާނެއް މުސްކުޅިއެއް ކުޑަކުއްޖެއް ފަރަގު ކުރުމެއް
ނެތިއެވެ. ކޮންމެ ނަފްސެއްވެސް މަރުގެ ރަހަ ދެކޭ ހުއްޓެވެ. ﷲ ތަޢާލާ
ވަޙީ ކުރައްވާފައިވެެއެވެ.
"كُلُّ نَفْسٍ ذَائِقَةُ الْمَوْتِ وَإِنَّمَا تُوَفَّوْنَ
أُجُورَكُمْ يَوْمَ الْقِيَامَةِ فَمَنْ زُحْزِحَ عَنِ النَّارِ
وَأُدْخِلَ الْجَنَّةَ فَقَدْ فَازَ وَمَا الْحَيَاةُ الدُّنْيَا
إِلاَّ مَتَاعُ الْغُرُورِ"
(آل عمران:185)
"ކޮންމެ
ނަފްސަކީވެސް މަރުގެ ރަހަ ދެކޭނެ ނަފްސެކެވެ. އަދި ހަމަކަށަވަރުން
ޤިޔާމަތް ދުވަހުން ތިޔަބައިމީހުންނަށް، ތިޔަބައިމީހުންގެ
ޢަމަލުތަކުގެ އަޖުރު ބަރާބަރަށް ދެވޭނެއެވެ. ފަހެ ނަރަކައިގެ
އަލިފާނުން މިންޖު ކުރެވި، ސުވަރުގެ ވެއްދުނު މީހާ ދަންނައެވެ. ފަހެ
އޭނާ ކާމިޔާބު ވެއްޖެކަން ކަށަވަށެވެ. އަދި ހަމަކަށަވަރުން
މިދުނިޔަވީ ޙަޔާތަކީ ކެހިދެނިވި ސާމާނުތަކެއް ކަމުގައި މެނުވީ
ނުވެއެވެ."
"فَإِذَا جَاءَ أَجَلُهُمْ لا يَسْتَأْخِرُونَ سَاعَةً وَلا
يَسْتَقْدِمُونَ"
(النحل: 61)
"ފަހެ
އެބައިމީހުންގެ އަޖަލު އައިސް ޖެހިއްޖެނަމަ އެންމެ ހިނދުކޮޅެއްގެ
މިންވަރުވެސް ލަސްނުކުރެވޭހުއްޓެވެ. އަދި އެންމެ ހިނދުކޮޅެއްގެ
މިންވަރު އަވަސްވެސް ނުކުރެވޭހުއްޓެވެ."
"فَلَوْلا إِذَا بَلَغَتِ الْحُلْقُومَ * وَأَنْتُمْ حِينَئِذٍ
تَنْظُرُونَ * وَنَحْنُ أَقْرَبُ إِلَيْهِ مِنْكُمْ وَلَكِنْ لا
تُبْصِرُونَ"
(الواقعة: 83، 84، 85)
"ފަހެ
ނޭވާ ހޮޅިއާ
ހަމައަށް ފުރާނަ އަރައިފި ހިނދެވެ. އެހިނދު ތިިޔަބައިމީހުން ބަލަން
ތިބޭނެއެވެ. ތިޔަބައިމީހުންނަށްވުރެ ބޮޑަށް ތިމަންﷲ އޭނާއާ ކައިރިވެ
ވޮޑިގެންވަމެވެ. އެހެނެއްކަމަކު ތިޔަބައިމީހުންނަކަށް
ނުފެންނާނެއެވެ."
އިންސާނާ މިވަނީ ހޭބޯ ނާރާ ދުވާލުދާ ހަތަރުދަމު ގަދައަށް، ދުނިޔެވީ
ތަނަވަސްކަމާއި ޒީނަތްތައް ހޯދުމަށް ފޫގަޅާލާފައެވެ. ތިމާ ދެން ދާން
އޮތް ގޯތީގެ މަތީން އެކީ ހަނދުމަ ނައްތާލާފައެވެ. އެހެންކަމުން
އަޅުގަނޑު އެދެނީ ތިބާގެ ވަޤުތުތަކުގެ ތެރެއިން ހަމަ ވަރަށް ކުޑަކުޑަ
ވަޤުތުކޮޅެއް ދިނުމަށެވެ. ސިކުނޑީގައިވާ ހަމަ ހުރިހާ ޚިޔާލުތަކެއް
އެއްކިބާ ކުރުމަށްފަހު ދެލޯ މަރާލާށެވެ. އަދި ދެން ވިސްނާލާށެވެ.
މީހަކު ތިބާ މޫދަށް ނުވަތަ ފެންގަނޑަކަށް ލުމަށްފަހު، ފެންގަނޑު
ތެރެއަށް ގަންބާލައި ނޭވާ ހާސްވެ
މަރުވާ ހިސާބަށް ދާއިރުވެސް ފެންމައްޗަށް ބޯހިއްލިޔަ ނުދީ
ހިފަހައްޓާލައިފިނަމަ، އެޙާލަތުގައި މަރާއި އިދިކޮޅަށް ތިބާ
ތެޅިފޮޅެމުންދާނީ ކޮންފަދަ ކެކުޅުމާއި ވޭނެއްގައި ހެއްޔެވެ؟ އަދިވެސް
ވިސްނާލާށެވެ.
ތިބާ ކޮންމެވެސް ރަށަކަށް ދިއުމަށް ނުވަތަ ޤައުމަކަށް ދިއުމަށް
ކަނޑައަޅާފައިވާ ގަޑި ކައިރިވެ ފްލައިޓް ނައްޓާލަން ކައިރިވާއިރުވެސް
ތައްޔާރު ނުވެވިގެން ގެއިން ނުނިކުމެވި ނުވަތަ އެއާޕޯޓަށް ނުދެވި
ލަސްވާނަމަ، ކުރެވެނީ ކޮންކަހަލަ އިޙްސާސްތަކެއް ހެއްޔެވެ؟ ހިތް
ނުތަނަވަސްވެ ހާސްވާގޮތް ނުވޭ ހެއްޔެވެ؟ އެހެންކަމުން އަދި މަރު
އައިސް ބައްދަލު ކުރާއިރު އެކަމަށް ތައްޔާރު ނުވެ ހުރެއްޖެނަމަ
ލިބޭނެ ހިތްހަމަ ނުޖެހުމެއްގެ ބޮޑު ކަމާއިއެވެ. އޭރުން އަލުން
އެނބުރި އާދެވޭކަށްވެސް ނޯންނާނެއެވެ. އިތުރަށް ހެޔޮ ޢަމަލުކުރުމަށް
ފުރުޞަތެއް ނުލިބޭނެއެވެ. ﷲ ތަޢާލާ ކީރިތި ޤުރުއާނުގައި ވަޙީ
ކުރައްވާފައިވެއެވެ.
"حَتَّى إِذَا جَاءَ أَحَدَهُمُ الْمَوْتُ قَالَ رَبِّ ارْجِعُونِ(*)
لَعَلِّي أَعْمَلُ صَالِحاً فِيمَا تَرَكْتُ"
(المؤمنون:99& 100)
"ފަހެ
އެބައިމީހުންކުރެ މީހެއްގެ ގާތަށް މަރު އައިސް ޖެހިއްޖެ ހިނދު އޭނާ
ބުނާނެއެވެ. އޭ މިއަޅާގެ ރައްބެވެ. މިއަޅާ އަނބުރާ އަލުން
(ދުނިޔެއަށް) ފޮނުއްވަވާންދޭވެ! އެއީ މިއަޅާ އެތާނގައި ދޫކޮށްފައިވާ
ވަޤުތުތަކުގައި ޞާލިޙް ޢަމަލު ކުޅައުމަށެވެ."
ލޮބުވެތި އަޚުންނާއި އުޚްތުންނޭވެ. ވަޤުތު ފާއިތު ނުވަނީސް ޣާފިލް
ކަމުން ހޭލައި އާޚިރަތުގެ ގޯތި ބާއްޖަވެރި ކުރުމަށް މަސައްކަތް
ކުރާށެވެ. މީހާ ދީނުގައި ޘާބިތުކޮށްދީ އެންމެހައި ފާޙިޝްކަމަކާއި
މުންކަރާތް ތަކަކުން ދުރުހެލި ކުރުވާ، ނަމާދަށް
ތިބާ
އެންމެ ފުރަތަމަ ރައްކާތެރިވާށެވެ. ފަރުޟު ފަސްނަމާދު ބަރާބަރަށް
އަދާކުރާށެވެ. ތިބާ ނުކޮށް ދޫކޮށްލާފައިވާ ފަރުޟު ނަމާދުތައް
ފޫބެއްދުމަށްޓަކައި ސުންނަތް ނަމާދު ވީހާވެސް ގިނައިން ކުރާށެވެ.
ޤުރުއާން ކިޔަވައި އޭގައިވާ އެންމެހައި އަމުރުފުޅުތަކާއި ނަހީތަކަށް
ފުރިހަމައަށް ކިޔަމަން ވެވޭތޯ ބަލާށެވެ. ކީރިތި މާތް ނަބިއްޔާގެ
އަގުމާތްވި އިރުޝާދުތަކުން ނަފްސު ރޯޝަނީކޮށް އުޖާލާ
ކޮށްލާށެވެ. ރޯދަ ހިފައި ޞަދަޤާތް ދީ، ޒަކާތް ނެރެ ހެޔޮ ކަމުގެ
ތިލަފަތް ބަރު ކޮށް، އާޚިރަތުގެ ގޯތި ބާއްޖަވެރިވޭތޯ ގަދަ އަޅާ
މަސައްކަތް ކުރާށެވެ. ޒުވާންކަމާއި ފައިސާވެރިކަން އޮތް ހިނދު
ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރަން އަވަސްވެ ގަންނާށެވެ.
ތިބާގެ ޒުވާންކަން ގެއްލި މުސްކުޅިވެ ހެލިފެލިވެ ނޫޅެވޭ ވަރުވުމުގެ
ކުރިން، ހުރިހައި އަޅުކަމެއްވެސް އޭގެ އެންމެ ފުރިހަމަ ގޮތުގައި އަދާ
ކުރުމަށް އަވަސްވެ ގަންނާށެވެ. ތިބާގެ ނަފްސުގެ މަތީން މިހުރިހައި
ކަމަކުން ހަނދާން ނައްތާލުމަށްފަހު،
މީހުން ކާފަރުކޮށް ބިދުޢަވެރިކޮށް ފާސިޤުކޮށް ހެދުމުން
ދުރުހެލިވާށެވެ. ތިބާއަށް ދީނުގައި އޮތް ގޮތަށް ޢަމަލު ނުކުރެވޭ ނަމަ
ނުވަތަ ތިބާއަކީ އެގޮތަށް ޢަމަލު ކުރާ
މީހެއް
ކަމުގައި
ނުވިޔަސް، ޤުރުއާނާއި ސުންނަތުގައި ހިފަހައްޓައިގެން އުޅޭ މީހުންނަށް
ފުރައްސާރަކޮށް މަލާމާތް ކޮށް ނުހަދާށެވެ.
ނިންމާލަމުން
އަދިވެސް
ބަޔާންކޮށްލަދޭން ބޭނުންވަނީ،
އަޅުގަނޑުމެންނަކީ
ކޮންމެފަދަ ގޮތަކަށް އުޅޭ
ބައެއް
ކަމުގައި ވިޔަސް، މަރު އައިސް
އަޅުގަނޑުމެންނާއި
ބައްދަލު ކުރާނެއެވެ.
ހެޔޮ ޞާލިޙް ޢަމަލު ކުރާ މީހެއް ކަމުގައި ވިޔަސް ނުވަތަ
ހެއްދެވިހައި
ފާފަތަކަށް އަރައިގަނެ،
އެމީހެއްގެ ނަފްސު ފާފައިން ތަތްތެޅިފައިވާ މީހެއްކަމުގައި
ވިޔަސްމެއެވެ.
އަޅުގަނޑުމެންނަކީ ކިތަންމެ ބޮޑެތި އަދި ގިނަ ފާފަތަކަކަށް
އަރައިގަންނަމުންދާ ބައެއްކަމުގައި ވިޔަސް، އަވަސްވެ ގަންނަންވީ މަރު
އައިސް
އަޅުގަނޑުމެންނާއި
ބައްދަލު ކުރުމުގެ ކުރިން، އާދެ ތައުބާގެ ދޮރު ބަންދުވުމުގެ ކުރިން
އެފާފަތަކުން ތައުބާވެ ދުނިޔެއާއި އާޚިރަތުގެ ފަލާޙާއި ކާމިޔާބު
ލިބެނިވި މަގަށް ތަބާވުމަށެވެ. ތިބާއަކީ ކިތަންމެ ބޮޑު ފާފަތަކަށް
އަރައިގަންނަމުން
ދިޔަ މީހެއް ކަމުގައި ވިޔަސްމެއެވެ. ﷲ ތަޢާލާ ކީރިތި ޤުރުއާނުގައި
ވަޙީ ކުރައްވާފައިވެއެވެ.
"قُلْ يَا عِبَادِيَ الَّذِينَ أَسْرَفُوا عَلَى أَنْفُسِهِمْ لا
تَقْنَطُوا مِنْ رَحْمَةِ اللَّهِ إِنَّ اللَّهَ يَغْفِرُ الذُّنُوبَ
جَمِيعاً إِنَّهُ هُوَ الْغَفُورُ الرَّحِيمُ"
(الزمر:53)
"ކަލޭގެފާނު
ވިދާޅުވާށެވެ. އޭ ތިމަން ﷲ ގެ އަޅުތަކުންގެ ތެރެއިން އެބައެއްގެ
ނަފްސުތައް ފާފައިން އިސްރާފު ކޮށްފައިވާ އަޅުތަކުންނޭވެ.
ތިޔަބައިމީހުން ﷲ ގެ ރަޙްމަތުން އުންމީދު ކަނޑާނުލާށެވެ.
ހަމަކަށަވަރުން ﷲއީ ހުރިހައި ފާފައެއް ފުއްސަވާ އިލާހެވެ. (އަދި)
ހަމަކަށަވަރުން އެއިލާހަކީ ގިނަގިނައިން ފާފަ ފުއްސަވާ، ރަޙީމްވަންތަ
އިލާހެކެވެ."
-ނިމުނީ- |