|
ރޯދައިން ލިބޭ ބައެއް ފިލާވަޅު.
ޑރ. ޢަބްދުލް
މަޖީދު ޢަބްދުލްބާރީ

އެހެނިހެން އަޅުކަންތަކާ އަޅާބަލާއިރު ރޯދައަކީ ވަރަށް ތަފާތު
އަޅުކަމެކެވެ. ރޯދަފިޔަވައި އެހެން ހުރިހާ އަޅުކަމެއްވެސް އަދާ
ކުރެވެނީ ޢަމަލަކުންނެވެ. ނަމަވެސް ރޯދައަށް ހުރުމަކީ ވަކި
ކަންތައްތަކެއް ނުކޮށް ދޫކޮށްލައިގެން ހުންނަ ހުރުމެކެވެ. ތިމާ ހުރީ
ރޯދައަށޭ ބުނެ ސިއްރުން ކައިބޮއި ހެދިކަމުގައި ވިޔަސް ދެންތިބޭ
މީހުންނަށް އެކަން އޮންނާނީ ވަންހަނާ ވެފައެވެ. ނަމަވެސް ރޯދަވެރިޔާ
ކެއުމާއި ބުއިން އަދި އެނޫންވެސް ރޯދަގެއްލޭ އެންމެހާ ކަންތައްތަކުން
ދުރުހެލިވެ ހުންނަނީ ﷲ ގެ ރުއްސަވާ ވޮޑިގަތުން ލިބުމަށެވެ.
ރޯދަވެރިޔާއަށް ވަކި ޚާއްޞަ ދަރުމައަކާއި ޘަވާބެއް ދެއްވުމަށް މާތް ﷲ
ވަޢުދު ކުރައްވާފައިވަނީ އެހެންވެއެވެ.
ރޯދައިގެ
ޙިކުމަތް.
ޝައްކެއްނެތް ގޮތުގައި ރޯދަހިފުމަކީ ތަޤުވާވެރިވުމަށް މަގުފަހިވާ
ކަމެކެވެ. މިމަތިވެރި ޙިކުމަތް ބަޔާންކުރައްވަމުން ރޯދަ
ފަރުޟުކުރެއްވިކަން އެންގެވި އާޔަތުގައި މާތް ﷲ
ވަޙީކުރައްވާފައިވެއެވެ.
"يَاأَيُّهَا الَّذِيْنَ ءَامَنُوا
كُتِبَ عَلَيْكُمُ الصِّيَامُ كَمَا كُتِبَ عَلَي الَّذِيْنَ مِنْ
قَبْلِكُمْ لَعَلَّكُمْ تَتَّقُوْنَ"
( البَقَرَة 185 )
މާނައީ : "އޭ
އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުންގެ ކުރިން އިސްވެދިޔަ
މީސްތަކުންގެ މައްޗަށް ރޯދަ ފަރުޟުކުރެއްވި ފަދައިން
،
ތިޔަބައިމީހުންގެ މައްޗަށްވެސް ރޯދަ ފަރުޟު
ކުރައްވައިފިއެވެ. އެއީ ތިޔަބައިމީހުން ތަޤުވާވެރި ވުމަށްޓަކައެވެ."
މިމަތިވެރި ޙިކުމަތް ރަސޫލު ޞައްލަ ﷲ ޢަލައިހި ވަސައްލަމްގެ
ޙަދީޘްގައި ބަޔާންކުރައްވާފައިވަނީ މިފަދައިންނެވެ.
"الصَّومُ جُنَّةٌ"
(البخاري و مسلم )
"
ރޯދައަކީ ރައްކާތެރި ކަމެކެވެ."
ޝައްކެއް ނެތްގޮތުގައި މިއީ ވަރަށް ޙިކުމަތްތެރި ބަސްފުޅެކެވެ.
ރޯދައަކީ ހުރިހާ މާނައެއްގައިވެސް ރައްކާތެރި ކަމެކެވެ. ޒުވާނުންގެ
ތެރެއިން ކައިވެނި ކުރުމުގެ ތަނަވަސްކަން ލިބިގެން ނުވާމީހުން ރޯދަ
ހިފުމަށްވެސް އިރުޝާދު ދެއްވާފައިވެއެވެ. އެހެނީ ރޯދަ ހިފުމުން
ޝަހުވާނީ އެދުންތައް މައިތިރިކުރުވާ ކަމަށްޓަކައެވެ. ރޯދައަށް
ހުއްޓައި މީހަކު ތިމާއާ ދިމާއަށް ހުތުރު އެއްޗިހި ކިޔައި
ޒުވާބުކުރަން އުޅުނުކަމުގައި ވިޔަސް ތިމަންނަ މިހުރީ ރޯދައަށޭ ބުނެ
އެކަމުން ދުރުހެލިވުމަށް އިރުޝާދު ދެއްވާފައިވެއެވެ.
އެހެންކަމުން ރޯދައަށް ހުންނަ ހުރުމުގައި ދުރުހެލިވާންޖެހޭ
ކަންތައްތަކުން ދުރުހެލި ނުވާނަމަ ނުކައި ނުބޮއި ހުރުމުގެ ބޭނުމެއް
ނެތެވެ. އެފަދަ މީހާ ރޯދައަށް ހުއްޓަސް ބަނޑުހައި ހޫނުކަމާއި
ކަރުހިއްކުން ނޫންކަމެއް އޭނާއަކަށް ނުވެއެވެ.
"كَمْ مِنْ صَاءِمٍ لَيْسَ
لَهُ مِنْ صِيَامِهِ إِلاَّ الْجُوْع وَالْعَطَش"
(رواه أحمد والدارمي وابن ماجه)
މާނައީ :
"އެމީހެއްގެ ރޯދައިން ބަނޑުހައި ހޫނުކަމާއި ކަރުހިއްކުން ނޫން
އެހެންކަމެއް ނުލިބޭ ކިތައް ރޯދަވެރިން ވޭހެއްޔެވެ؟
"
މާނައަކީ ރޯދައަށް ތިބޭ މީހުންގެ ތެރޭގައި އެފަދަ މީހުން ވަރަށް
ގިނައެވެ. އެހެން ޙަދީޘެއްގައި ވެއެވެ.
"مَنْ لَمْ يَدَعْ قَوْلَ
الزُّوْرِ وَالْعَمَل بِهِ فَلَيْسَ لِلَّهِ حَاجَةٌ فِيْ أَنْ
يَدَعَ طَعَامَهُ وَشَرَابَهُ"
(رواه البخاري)
މާނައީ : "
ރޯދައަށް ހުރެ ދޮގުބުނުމާއި މަކަރުވެރި ޢަމަލުތަކުން ދުރުހެލި
ނުވާމީހާ،
ކެއިން ބުއިމުން ދުރުހެލިވެ ހުއްޓަސް އެއީ އެމީހެއްގެ ކިބައިން ﷲ
ޤަބޫލުކުރައްވާ ކަމަކަށް ނުވާނެއެވެ. "
އެހެނީ
ރޯދައަށް ހުންނަ ދުވަހުގެ ދުވާލުގެ ވަގުތުގައި މެނުވީ ޙަލާލުތަކެތިން
ކައިބޮއި ހެދުމަކީ ހުއްދަކުރައްވާފައިވާ ކަމެކެވެ. ނަމަވެސް
ދޮގުހެދުމާއި ދެބައޮޑުވުމާއި ޣީބަބުނުމާއި މަކަރުވެރި ޢަމަލުތައް
ކުރުމީ ހުރިހާ ވަޤުތެއްގައިވެސް ޙަރާމްކުރައްވާފައިވާ ކަންކަމެވެ.
އެހެންކަމުން މިފަދަ ޙަރާމްކަންތައްތައް ކުރާ މީހަކު ރޯދައަށޭ ކިޔައި
ނުކައި ނުބޮއި ހުރުމުގެ ބޭނުމެއް ނެތެވެ.
ރޯދަމަހުގެ
މާތްކަން.
ރޯދަމަހަކީ ބަރަކާތުން ފުރިގެންވާ މަހެކެވެ. އެމަސް އައުމުން
ސުވަރުގޭގެ ދޮރުކޮޅުތައް ހުޅުވި ނަރަކައިގެ ދޮރުކޮޅުތައް
ލައްޕާލެވެއެވެ. ނަތީޖާ އެއްގެ ގޮތުން ހެޔޮކަމުގެ މަގުތައް
ފަހިވެގެން ދެއެވެ. ނުބައިކަމުގެ މަގު ހަނިވެއެވެ. ރޯދަމަހުގެ
މަތިވެރިކަމާއި މާތްކަން ބަޔާންކުރައްވަމުން މާތް ނަބިއްޔާ
މުޙައްމަދު ޞައްލަ ﷲ ޢަލައިހި ވަސައްލަމް ޙަދީޘް ކުރައްވާފައިވެއެވެ.
"إِذَا جَاءَ رَمَضَانُ
فُتِّحَتْ أَبْوَابُ الْجَنَّةِ وَغُلِّقَتْ أَبْوَابُ النَّارِ
وَصُفِّدَتِ الشَّيَاطِيْنُ"
(رواه البخاري و مسلم)
މާނައީ :
"ރަމަޟާން މަސް އައުމުން ސުވަރުގޭގެ ދޮރުކޮޅުތައް ހުޅުވާ ލެވެއެވެ.
އަދި ނަރަކައިގެ ދޮރުކޮޅުތައް ލައްޕާލެވެއެވެ. އަދި ޝައިޠާނުންތައް
ކަސްތަޅު އެޅުވި ހައްޔަރުކުރެވެއެވެ."
އެހެންކަމުން ރޯދަމަހު ޝައިޠާނުންގެ ބާރު ކުޑަކަން އަޅުގަނޑުމެންނަށް
އިޙްޞާޞްކުރެވެއެވެ. ބޮޑެތި ފާފަތައް ކޮށްއުޅޭ ގިނަބަޔަކު ރޯދަމަސް
އައުމުން ތައުބާވެ ހެޔޮކަންތައްތައް ކުރާތަން ފެންނަނީ
މަދަކުންނޫނެވެ. މިސްކިތްތަކަށް އަރާމީހުންގެ ޢަދަދުވެސް އެހެން
ދުވަސްވަރާ އަޅާބަލާއިރު އެތައް ގުނައަކަށް އިތުރުވެގެން ދެއެވެ.
ނަމަވެސް ޝައިޠާނާގެ ވަސްވާހަށް ހެއްލި ނިމިގޮސްފައިވާ މީހުން
ރޯދަމަހަކަސް އެހެން މަހަކަސް އެމީހުންގެ ދިރިއުޅުމަކަށް އެއްވެސް
ބަދަލެއް ނާދެއެވެ. އަދި ކީއްތޯއެވެ. އެފަދަ ބައެއް މީހުންގެ
ނުބައިކަން ރޯދަމަހު އިތުރު ވެގެން ދާތަންވެސް އަޅުގަނޑުމެންނަށް
ފެނޭމެއެވެ. ރޯދަމަހުގެ 27 ވިލޭރޭވެސް މިފަދަ މީހުން އެބައިމީހުންގެ
ނުބައި ޢަމަލުތަކުގައި ޣާފިލުވެގެން ތިބޭމެއެވެ. (ސައިޓްގެ
މުޝްރިފްގެ ބަސް: މިތަނުގައި 27 ވިލޭ ރެއޭ ބަޔާން ކުރެވިފައިވީ
ކަމުގައި ވިޔަސް،
ލައެލަތުލް ޤަދްރި ވިލޭރެއަކީ ކަނޑައެޅިގެން އެރޭ ކަން އެނގޭކަށް
ނެތެވެ. ރަސޫލު ﷲ
صلى الله عليه وسلم
ގެ
ކިބައިން އެނގެން އޮތް މިންވަރަކީ،
އެއީ ރޯދަމަހުގެ ފަހު ދިހައިގެ އޮނަހިރި ރޭތަކުން ރެއެއް ކަމެވެ.)
ރޯދަމަހުގެ މާތްކަމުގެ ތެރޭގައި ހިމެނިގެންވާ އަނެއްކަމަކީ
އެމަހުގައި ލައިލަތުލް ޤަދްރި ވިލޭރޭ ލެއްވިގެންވާ ކަމެވެ. އެރެއަކީ
އެރޭ އަޅުކަން ކުރުމުން އެއްހާސް މަހު އަޅުކަން ކުރުމަށްވުރެ ޘަވާބު
އިތުރުވާ ރެއެކެވެ.
އެއްހާސް މަހަކީ 83 އަހަރާއި އެތައް މަހެކެވެ. އާދެ! އެންމެ ރެއަކު
އަޅުކަން ކުރުމުން ޢުމުރު ދިގު މީހެއްގެ މުޅި ޢުމުރު ދުވަހު އަޅުކަން
ކުރުމުގެ ޘަވާބު ޙާޟިލްވުމަކީ ކިހާބޮޑު ދީލަތި ކަމެއްތޯއެވެ!
ފުރިހަމަ އީމާންކަމާއެކު،
ރޯދަވެރިންނަށް ދެއްވާފައިވާ މަތިވެރި ނިޢުމަތް ލިބުމަށް އެދިހުރެ
ރަމަޟާން މަހު ރޯދަ ހިފައިފި މީހެއްގެ ފާއިތު ވީހައިތާނގައި
ކުރެވިފައިވާ އެންމެހާ ފާފަ ފުއްސަވާނޭ ކަމުގައި ޙަދީޘް
ވާރިދުވެފައިވެއެވެ.
ރޯދަ ހިފުމުން
ލިބޭ ރޫޙާނީ ފައިދާއި ޞިއްޙީ އަދި އިޖްތިމާޢީ ފައިދާ.
ޝައްކެއް ނެތް ގޮތުގައި ރޯދައިގެ މަޤްޞަދަކީ ދުނިޔަވީ އެންމެހާ
އެދުންތަކުން ނަފްސު ރައްކާތެރިކުރުވައި ދުރުހެލި ކުރުމެވެ. އަބަދު
ކުރުމަށް އާދަވެފައިވާ ކަންތައްތަކުން ދުވަސްކޮޅަކަށް ނަމަވެސް
އެއްކިބާވެ ހުރުމީ ދުނިޔޭގެ އެދުންތަކުން ނަފްސު ސަލާމަތްކުރުމަށް
އެޅޭ ތަރުބަވީ ފިލާވަޅެކެވެ. މުޅި ދުވާލުގެ ވަޤުތުތަކުގައި ކެއިން
ބުއިމުން އެއްކިބާވެ ހުރުމުގެ ސަބަބުން ޝަހުވަތްތެރިކަން ކުޑަވެ
ދުނިޔޭގެ ދަހިވެތިކަން ތިމާގެ ހިތުތެރެއިން ކޮންމެވެސް ވަރަކަށް
ފިލައިގޮސް ރޫޙާނީބައި އިތުރުވާގޮތް މެދުވެރިވެއެވެ. އެހެންކަމުން
ތިމާގެ ގުނަވަންތައް ނުބައިކަންތަތަކަށް އަރައިގަތުން ދުރުހެލި
ކުރުވައެވެ. އެންމެހާ ނުބައި އަޚުލާޤުން ދުރުކުރުވައެވެ. ދުލުން
ނުބައި އެއްޗެތި ކިޔުން ހުއްޓުވައެވެ. މީހުންނާ ޒުވާބުކުރުން
ހުއްޓުވައެވެ. ބަނޑުހައިވާ ހިނދު ފަޤީރުންނާއި ނިކަމެތީންގެ ޙާލަތު
ހިތަށް ގެނެވެއެވެ. އަދި އެފަދަ މީހުންނަށް އެހީތެރިވުމަށް އިތުރު
ބާރެއް ލިބެއެވެ. ޙަދީޘްގައި އައިސްފައިވެއެވެ. "ރަސޫލު ﷲ ޞައްލަ ﷲ
ޢަލައިހި ވަސައްލަމްއަކީ އެންމެ ދީލަތި ސާހިބާއެވެ. އަދި
އެކަލޭގެފާނުގެ ދީލަތިކަން އެންމެ ބޮޑީ ރޯދަމަހުއެވެ."
ރޯދަ
ހިފުމުން ލިބޭ ރޫޙާނީ ފައިދާތަކުގެ އިތުރަށް ރޯދަ ހިފުމަކީ
ޞިއްޙަތަށްވެސް ބޮޑެތި ފައިދާ ކުރާ ކަމެކެވެ. މައިދާގެ ބަލިތަކާއި
ހިތުގެ ބަލިތައް ޖެހުމުން ދުރުކުރުވާ ކަމެކެވެ. އެހެނީ މާއިދާއަކީ
ވަރަށް ގިނަ ބަލިތަކުގެ މަރުކަޒެވެ. މައިދާގެ މަސައްކަތް
މެދުކެނޑުމެއްނެތި އަބަދު ހިނގަމުން ދިޔުމުގެ ސަބަބުން މައިދާގެ
ބަލިތައް ޖެހުން އަވަސްވެއެވެ. އެހެންކަމުން ރޯދައަކީ ހުރިހާ
މާނައެއްގައިވެސް ރައްކާތެރިކަމެކެވެ.
-ނިމުނީ-
______________________________________________________
ނޯޓް:
މިލިޔުމަކީ ދަރުމަ
މަޖައްލާއިން
ނަގާފައިވާ ލިޔުމެކެވެ.
|