"ފަހެ ތިޔަބައިމީހުން ޤުރުއާނުގެ އެއްބަޔަށް އީމާންވެފައި އޭގެ އަނެއް ބަޔަށް ކާފަރުވަނީ ހެއްޔެވެ؟" سورة البقرة

 
 

ރޯދަ ހިފަނީ ކީއްވެ؟

އަނާރާ ނަޢީމް

ކޮންމެ ކަމެއް ކުރާ އިރުވެސް އެކަމެއްގެ މަޤްޞަދު ފާހަގަވެ އެނގެން އޮންނަނަމަ އެކަމެއް ކުރަން ފަސޭހަ ވެއެވެ. އަދި އެއީ އެ ލަނޑުދަނޑިތައް ޙާޞިލްކުރުމަށް މަސައްކަތް ކުރުމަށް އިތުރު ބާރެއް ލިބޭ ކަމެކެވެ. ރޯދަ އެއީ ތިބާގެ މަޤްޞަދުތައް ޙާޞިލްކުރުމަށްޓަކައި ލަނޑުދަނޑިތައް ފާހަގަކުރުމަށް އެހީތެރިވެދޭ ކަމެކެވެ.

މިދަންނަވާ ފަދަ ސުވާލުތައް ތިބާގެ ނަފްސު ތިބާއާ ކުރުން އެކަށީގެންވެއެެވެ. ރޯދައަށް ހުންނައިރު ކެއިން ބުއިމާއި އަނބިފިރިކަމުގެ ގުޅުން ހިންގުމުން ދުރުހެލިވެ ތިބެނީ ކީއްވެ ހެއްޔެވެ؟ އެކަންތައްތަކަކީ އެހެން ވަޤުތުތަކުގައި ހުއްދަ ކަންތައްތަކެވެ. އަދި ރޯދައަށް ހުރުމުން ބަނޑުހައިވެ ފެންބޮވާ ވަރުބަލިވާއިރުވެސް އެކަންކަމުން ދުރުހެލިވެ ތިބުމުގެ މަޤްޞަދަކީ ކޮބައިހެއްޔެވެ؟ އަދި ތަފާތު ވައްތަރުގެ މީރު ބުއިންތަކާއި ކެއުންތައް ތިބާގެ ލޮލުގެ ކުރިމަތީގައި ވާއިރުވެސް އެއްޗެހީގެ ބޭނުންކުރުމަށް ޝައުޤުވެރި ނުވަނީ ކީއްވެހެއްޔެވެ؟ އަދި ﷲ އަހަރެމެންނަށް ރޯދަހިފަން އަމުރުކުރެއްވީ ކީއްވެތޯއާއި އަދި ރަމަޟާން މަހުގެ ރޯދަ ފަރުޟުކުރެއްވީ ކީއްވެތޯވެސް ސުވާލުކޮށްފާނެއެވެ.

މިހުރިހާ ސުވާލެއްގެ ޖަވާބުގައި ދަންނަވަން ޖެހެނީ ރޯދައަކީ އަޅުގަނޑުމެންގެ ބަނޑުހައި ހޫނުކޮށް ވަރުބަލިކުރުމަށް ފަރުޟުކުރެއްވި ކަމެއް ނޫނެވެ. އެހެނީ ﷲ އީ އެންމެ އޯގާވަންތަ ރަސްކަލާންގެއެވެ. މައިމީހާ އޭނާގެ ތުއްތު ދަރިފުޅަށް އޯގާތެރިވާ ވަރަށްވުރެ ބޮޑަށް ﷲ ސުބުޙާނަހޫ ވަތަޢާލާ އެކަލާނގެ އަޅުތަކުންނަށް އޯގާވަންތައެވެ. ﷲ ތަޢާލާގެ ވަޙީ ބަސްފުޅުގައި ވެއެވެ.

"يُرِيْدُ اللَّهُ بِكُمُ الْيُسْرَ وَلاَ يُرِيْدُ بِكُمُ الْعُسْرَ" (البَقَرَة: 185 )

" މާތް ﷲ ތިޔަބައިމީހުންނަށް ތަނަވަސް ފަސޭހަގޮތް އިރާދަކުރައްވައެވެ. އަދި ދަތި އުނދަގޫގޮތް ތިޔަަބައިމީހުންނަށް މެދުވެރިކުރައްވާކަށް އިރާދައެއް ނުކުރައްވައެވެ."

          އޭ ޢިއްޒަތްތެރި އަޚާއެވެ! ތިބާ ފަހަރެއްގައި ބުނުން އެކަށީގެންވެއެވެ. އަހަރެމެން ރޯދަ ހިފަނީ އެކަމަކީ ﷲ އަމުރުކުރައްވާފައިވާ ކަމަކަށްވާތީއެވެ.  އަދި ﷲ ގެ އަމުރުފުޅުތަކަށް ކިޔަމަންތެރިވެ އިޖާބަދިނުމުން އަހަރެމެންގެ މައްޗަށް ވާޖިބުވެގެން ވެއެވެ.

އާނއެކެވެ. ﷲ އަށާއި އެކަލާނގެ ރަސޫލާގެ އަމުރުފުޅުތަކަށް އިޖާބަ ދިނުމަކީ މުސްލިމް ކޮންމެ ފިރިހެނަކާއި އަންހެނެއްގެ މައްޗަށް ވާޖިބުކަމެކެވެ. އެއީ އެކަމުގެ ފައިދާއާއި ޙިކުމަތް އަޅުގަނޑުމެންނަށް ފާޅުވެ އެނގެން ނެތް ކަމެއްކަމުގައި ވިޔަސް މެއެވެ. ފަހެ ﷲ އަށް ބޯލަނބައި ކިޔަމަންގަތުން އަޅުގަނޑުމެންގެ މައްޗަށް ވާޖިބުވެގެންވެއެވެ. އެހެނީ ހުރިހާ ހެޔޮކަމެއްވަނީ ﷲ ތަޢާލާއާއި އެކަލާންގެ ރަސޫލާ އަމުރުކުރެއްވި ކަންތައްތަކުގައެވެ.

ރޯދައިގެ މަޤްޞަދު

ރޯދަ ފަރުޟުކުރެއްވުމުގައި ފައިދާއާއި މަތިވެރި މަޤްޞަދެއް ވާކަން ކަށަވަރެވެ. ﷲ ތަޢާލާގެ ވަޙީ ބަސްފުޅުގައިވެއެވެ.

"يَا أَيُّهَا الَّذِيْنَ ءَامَنُوا كُتِبَ عَلَيْكُمُ الصِّيَامُ كَمَا كُتِبَ عَلَي الَّذِيْنَ مِنْ قَبْلِكُمْ لَعَلَّكُمْ تَتَّقُوْنَ"  (البَقَرَة: 183)

މާނައީ : "އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުންގެ ކުރިން އިސްވެދިޔަ މީސްތަކުންގެ މައްޗަށް ރޯދަ ފަރުޟުކުރެއްވި ފަދައިން ، ތިޔަބައިމީހުންގެ މައްޗަށްވެސް ރޯދަ ފަރުޟުކުރައްވައިފިއެވެ. އެއީ ތިޔަބައިމީހުން ތަޤުވާވެރި ވުމަށްޓަކައެވެ."

-ނިމުނީ-

dheenee-news@hotmail.com

blog stats

 
 
 
 
 
 
 
 

 

 
 
މިސައިޓްގައިވާ ލިޔުންތައް އެއްވެސް އުނިއިތުރު ކުރުމެއްނެތި ބޭނުން ކުރުމަކީ ކޮންމެ މުސްލިމަކަށްވެސް ލިބިގެންވާ ޙައްޤެކެވެ. ©1428 (2007) - 1429 (2008)