"ފަހެ ތިޔަބައިމީހުން ޤުރުއާނުގެ އެއްބަޔަށް އީމާންވެފައި އޭގެ އަނެއް ބަޔަށް ކާފަރުވަނީ ހެއްޔެވެ؟" سورة البقرة

 
 

ރޯދަ މަހާއި ރޯއްޖާއެވެ.

އަލްމަރުހޫމް ޢަބްދުﷲ ފަހުމީ ދީދީ

އޭ މާތްވެގެންވާ އިސްލާމް ތަކުންނޭވެ! އެތައް ގޮތަކުން މެދުވެރި ވެފައިވާ ދަތިކަމާއި ތަދުކަމެއް ހާސްކަމެއްގައި ތިޔަބައިމީހުން ފިލައި ނުދެތެވެ. ހަަމަ ތެދު ތެދެވެ. އެއްވެސް އޮޅުމެއް ނެތް ސާފުގޮތުން ތިޔަބައިމީހުންގެ ހިތުގެ އެދުންތަކުގެ މޫނު މިއަދު އަނބުރާލައިގެންވަނީ، އެފަރާތް ފިޔަވައި ދެން ދެވަނަ ފަރާތެއް ނެތް މަތިވެރި ފަރާތަށެވެ. މުރާދު ތަކުގެ ޤިބްލަ އަށެވެ. ރަޙީމުވަންތަ އިޖާބަވަންތަ މާތް ރަސްކަލާންގެ ކިބަފުޅަށެވެ.

ހުރި އުހައުވެރިކަމެއްގެ ބޮޑުކަމާއިއެވެ! ނިޔަނެތި ނަޞީބު ވަރަށް އޯގާވެރި ގޮތަކުން، މިއަދު ތިޔަބައިމީހުންނަށް ބަލާލައިފިއެވެ. މިއޮއް އައީ ބަރަކާތްތެރި ވެގެންވާ ރަމަޟާން މަހެވެ. ޢަމަލުގެ ޘަވާބު ގިނަގުނަވާ މަހެވެ. ރަޙުމަތާއި ޢަފޫ ބާވައިލެއްވުމުގެ ޚާއްޞަ މައްސަރެވެ. ރޯދަމަހާ ރޯއްޖާއެވެ.

ޢަފޫއާއި ސަލާމަތް ހޯދައިގަތުމަށް ގަދަ އަޅާންވީއެވެ. ރަޙުމަތުގެ ވިލާގެ ފެން، ބޭނުންވަރަކަށް ނަގާންވީއެވެ. ރޯދައިގެ ޢިއްޒަތްތެރި މެހެމާނައިގެން އިޙްތިރާމްގެ ޙަފްލާއެއް ޤާއިމްކުރާންވީއެވެ. ލައިލަތުލް ޤަދްރީގެ ރޭހުން އިނާމެއް ލިބޭތޯ ތަންކޮޅެއް ނުބަހައްޓާ މަސައްކަތް ކުރާންވީއެވެ. مَنْ جَدَّ وَجَدَ އަކީ، ފިތުރަތުގެ އަލި މޮޓޯކަން ހަނދާންނެތި ނުކުރާށެވެ. މި ބަރަކާތްތެރި ޡަރްފުގައި ކިރިޔާވެސް ވިސްނައިފި ކަނބުރަކަށް އެއްދޮނުގައި ދެބުޅި ޖެހިދާނެއެވެ. ޔަޣުނީ: އިސްލާމީ ޤަވާޢިދުގެ އަސާސީ ފަސް ރުކުނުގެ ތެރެއިން، ހަތަރުވަނައަށް ގުނޭ މާތް ރޯދައިގެ ވާޖިބު ކަމުގައިވާ ރުކުން، އޭގެ ހެޔޮ މުސޫމުގައި އަދާވެވިދާނެއެވެ. މިކަމަށް ބެހެއްޓުނު އިހްތިރާމް، މިވަޤުތު ޖެހިފައިމިވާ ޙާލުތަކާމެދު ދެންނެވުނު އާދޭހެއްގެ މަޤާމުގައި ޤޫލުވެވިގެން މާތް ރަސްކަލާންގެ އެޙާލުތަކަށް ހެޔޮބަދަލު ފޮނުއްވަވާފާނެއެވެ.

ރޯދައަކީ މަތިވެރި މާނަތަކުން ފުރިގެންވާ ޚާއްޞަ އަޅުކަމެކެވެ. އިންސާނީ ޙަޔާތް ބާއްޖަވެރި ކުރުމުގެ ޤަވާޢިދު އެފަރާތަށް ގޮވާ ކަމެކެވެ. އިލާހީ ފޮތް ތަކަށް އެކަން މައްޗަށް އެއްބާރުލާ ކަމެކެވެ. އިންސާނީ ދައުރު ފެށުމާއެކު އޭގެ އާދަ ޖާރީ ވެފައިވާ މުސްކުޅި ހަރުކަމެކެވެ. ތެދުގޮތުން ރޯދައަށް ހުރި މީހަކު ދުވާލުގެ ހަވީރު އަތަށް އެޅީމާ އެވާ ގޮތްތަަކަށް އިންސާނާ ވިސްނާލައިފިނަމަ، ނިކަމެތީންނަށްވެސް ބަނޑުހައި ހޫނުކަން ލިބެނިވި ކެކުޅުންތައް ހިތަށް ކަޝްފުވާނެއެވެ. އޭރުން މާތް ވެގެންވާ އިސްލާމްދީނުގެ އަޞްލު ފަސްރުކުނުގެ ތެރެއިން ރޯދާގައި ހިމެނިފައިވާ ޙިކުމަތްތައް ވެސް ފައުޅުވާނެއެވެ. އިޤްތިޞާދުގެ އެންމެ މަތިވެރި އެއްދުސްތޫރު ކަމުގައި ރޯދަވެއެވެ. ކޮންމެވެސް ރޯދައިގެ ނަމުގައި މާބޮޑު އިސްރާފްތަކެއް ނުކޮށް ވޭތޯ ބަލާށެވެ. ރޯދަމަހު އެނޫން އިރަށްވުރެ އަޅުކަމާ ގައިގޯޅިވެ ޤުރުއާން ކިޔެވުން ގިނަކުރުމީ ރޯދައާއި އިޙްތިފާލްކުރުމުގެ އެންމެ ރިވެތި ސުންނަތެވެ.

-ނިމުނީ-

______________________________________________________

ނޯޓް: މިއީ 01 ޝައްވާލު 1366 ގެ ސަރުކާރުގެ ޚަބަރު ، އަލްއިސްލާމް – ދީނުލްފިޠްރާ-1 އިން ނަގާފައިވާ ލިޔުމެކެވެ.

dheenee-news@hotmail.com

blog stats

 
 
 
 
 
 
 
 

 

 
 
މިސައިޓްގައިވާ ލިޔުންތައް އެއްވެސް އުނިއިތުރު ކުރުމެއްނެތި ބޭނުން ކުރުމަކީ ކޮންމެ މުސްލިމަކަށްވެސް ލިބިގެންވާ ޙައްޤެކެވެ. ©1428 (2007) - 1429 (2008)