|
ރިޝްވަތު ދިނުމާއި، ރިޝްވަތުގައި ހިފުމާއި ކެއުމުގެ ނުބައިކަން.
ލިޔުނީ:
الشيخ آدم شمَِيْم

بسم الله الرحمن الرحيم
الحمد لله رب العالمين، والصلاة والسلام على أشرف
الأنبياء والمرسلين، وعلى آله وصحبه، ومن سار على نهجه واستن بسنته
إلى يوم الدين.
أما بعد:
އިންސާނުން އެކަކު އަނެކަކާ ކުރާ މުއާމަލާތްތަކާއި،
އެމީހުންގެ އިޖުތިމާއި ކަންތައްތަކާއި،
އެއުރެންގެ ވެރިފަރާތައް އަދާކުރާ އަޅުކަންތަކާއި،
ދުނިޔެއާ އާޚިރަތުގެ ހުރިހާ ކަމަކީ މާތް ﷲ ބާވައިލެއްވި މާތްވެގެންވާ
އިސްލާމްދީނުގައި ފުރިހަމަ ކުރެއްވިފައިވާ ކަންކަމެވެ. އެއާ
އެއްގޮތަށް މެނުވީ؛
ތިބާމެންގެ ދީނެއް ދުނިޔެއެއް އިސްލާހުވުމީ ނުވާނޭ ކަމެކެވެ.
އެހެންކަމުން މާތް ﷲ ޙަލާލާއި ޙަރާމް ކަނޑައަޅުއްވިއެވެ. އެކަލާނގެ
ޙަލާލް ކުރައްވާފައިވާ ކަންތައްތައް ޙަލާލު ކަމުގައި ދެކި،
ޙަރާމް ކުރެއްވިހާ ކަންތައްތައް ޙަރާމްކަމުގައި ގަބޫލުކޮށް ތަސްލީމު
ކޮށްފުމަށްދާންދެން އެއްވެސް މީހަކު އީމާންވި ކަމުގައި ނުވެއެވެ.
އިންސާނުންގެ އާޚިރަތް ބާއްޖަވެރިވުމަށްޓަކައި މާތް ﷲ އެބައިމީހުންގެ
މައްޗަށް އަޅުކަން ވާޖިބުކުރެއްވިއެވެ. އަދި އެބައިމީހުންގެ ދުނިޔެ
އިސްލާހުކުރެއްވުމަށްޓަކައި ބައެއް ބާވަތުގެ މުއާމަލާތް
ހަރާމްކުރެއްވެވިއެވެ. މާތް ﷲ ޙަރާމްކުރައްވާފައިވާ އެއްމެހާ
ކަންތައްތަކާއި އެއްޗިއްސަކީ އިންސާނުންގެ ދެދުނިޔޭގެ
މަސްލަހަތައްޓަކައި ހަރާމްކުރައްވާފައިވާ ކަންތައްތަކާއި
އެއްޗިއްސެވެ. އެކަންތައްތަކަށް އަރައިގަންނަހާ ހިނދަކު ބިމުގައި
ބޮޑުވެގެންވާ ފަސާދަ ދެމި އޮންނާނެވެ. އަދި އެފަދަ ކަންތައްތައް
ދޫކޮށްފުމަށް ދާންދެން އެބައިމީހުންގެ އިޖުތިމާޢީ ކަންތައްތައް
އިޞްލާޙު ނުވާހުއްޓެވެ.
ފަހެ
ދިރިއުޅުމުގައި އިންސާނާ އެއްމެ ސަމާލުވާންވީ އެއްކަމަކީ ކެއުމާއި
ބުއިމުގައި ޙަލާލު ތަކެތިން ފުދިގަތުމާއި ޙަރާމް ތަކެއްޗާއި
ދުރުހެލިވުމެވެ. މާތް ﷲ ވަހީކުރައްވާފައިވެއެވެ.
"يَا أَيُّهَا النَّاسُ كُلُوا مِمَّا فِي الأَرْضِ حَلالاً
طَيِّباً..."
(البقرة:
168).
"އޭ މީސްތަކުންނޭވެ! ބިމުގައިވާ ތަކެތި ހަލާލުގޮތުގައި،
ޠާހިރުކޮށް ކާށެވެ."
ސަލަފުންގެ އިލްމުވެރިން ވިދާޅުވެއެވެ. ޙަރާމް ތަކެތި ކައިއުޅޭ
މީހާގެ ދީނެއް ނުވެއެވެ. ދީނެއް ނެތް މީހެއްގެ މުރޫވަތެއް
ނޯންނާނެއެވެ. އޭނާގެ ޙަޔާތުން ވަނީ ބަރަކާތް ކެނޑިގެންނެވެ. އޭނާ
ކުރާ ދުޢާ އުޑަކަށް ނުއުފުލޭނެއެވެ. އެފަދަ މީހަކަށް އައުލާކަންބޮޑީ
އަލިފާން މެނުވީ ކޮން އެއްޗެއްހެއްޔެވެ.
ކީރިތި
ރަސޫލާގެ އަރިހުން ސައްޙަ މަގުން ސާބިތުވެގެންވެއެވެ.
«مَنْ نَبَتَ لَحْمُهُ مِنْ سُحْتٍ
فَالنَّارُ أَوْلَى بِهِ».
"ޙަރާމް
ތަކެތިން އެމީހެއްގެ ގައިގައި މަސްޖަހާފައިވާ މީހަކަށް
އައުލާކަންބޮޑީ އަލިފާނެވެ."
މިގޮތުން މާތް ﷲ ގަދައަޅައި ނަހީކުރައްވައި،
އެކަލާނގެ ރަސޫލާ ވަރަށް ބޮޑަށް މަނާކުރައްވާފައިވާ،
އިސްލާމް ދީނުގައި ބޮޑުވެގެންވާ ފާފެއްކަމުގައި ކަނޑައެޅިފައިވާ،
ނުބައިކަން ބޮޑު ފާފަޔަކީ ރިޝްވަތެވެ. ރިޝްވަތު ދިނުމާއި ރިޝްވަތު
ހިފުމެވެ.
ރިޝްވަތު ދިނުމާއި ކެއުމަކީ މާތް ﷲ ލަޢުނަތް ލެއްވި ޔަހޫދީންގެ
ޢަމަލެކެވެ. އެކަލާނގެ ވަޙީކުރައްވާފައިވެއެވެ.
"وَتَرَى كَثِيراً مِنْهُمْ يُسَارِعُونَ فِي الأِثْمِ
وَالْعُدْوَانِ وَأَكْلِهِمُ السُّحْتَ لَبِئْسَ مَا كَانُوا
يَعْمَلُونَ* لَوْلا يَنْهَاهُمُ الرَّبَّانِيُّونَ وَالْأَحْبَارُ
عَنْ قَوْلِهِمُ الأِثْمَ وَأَكْلِهِمُ السُّحْتَ لَبِئْسَ مَا
كَانُوا يَصْنَعُونَ"
(المائدة:
62 & 63)
.
މާނައީ:
"އެބައިމީހުންކުރެ (ޔަހޫދީންގެ ތެރެއިން) ގިނަބަޔަކު ފާފަކުރުމާއި
އުދުވާނީ ކަންކަންތައްތަކަށް އަރައިގަތުމާއި،
ޙަރާމް ކެއުމުގައި އަވަސްވެގަންނަތަން ކަލޭގެފާނު
ދެކެވަޑައިގަންނަވާނެއެވެ. ހަމަ ޔަގީނުންވެސް އެމީހުން އެކުރާ އަމަލު
ތަކަކީ ނުބައިވެގެންވާ ކަމެކެވެ. ވެރިންނާއި އިލްމުވެރިން
އެބައިމީހުންގެ ނުބައި ބަސްތަކާއި،
ހަރާމް ތަކެތި ކެއުމުން މަނާ ނުކުރަނީ ކީއްވެގެން ހެއްޔެވެ. އެމީހުން
އެކުރާ ކަންތައްތަކަކީ ހަމަކަށަވަރުންވެސް ނުބައިކަންބޮޑުވެގެންވާ
ކަމެކެވެ."
އަދިވެސް އެހެން އާޔަތެއްގައިވެއެވެ.
"سَمَّاعُونَ لِلْكَذِبِ أَكَّالُونَ لِلسُّحْتِ..."
(المائدة: 42).
މާނައީ:
"އެމީހުނަކީ ދޮގުވާހަކަ އަހައި،
ވަރަށް ގިނައިން ޙަރާމްތަކެތި ކާ ބައެކެވެ."
އިބްނު
މަސްޢޫދާއި އަދިވެސް އެހެން ސަލަފުންގެ އަރިހުން ރިވާވެގެން ވެއެވެ.
މިއާޔަތުގައި ވާ
"السُّحْت"
ރިޝްވަތަކީ އެކަމުގެ މައްޗަށް އިލާހުގެ ކޯފާ ޙައްޤުވެގެންވާ ނުބައި
ޢަމަލެކެވެ. އެކަމުގެ މައްޗަށް ﷲގެ ރަސޫލާ ވަނީ ލަޢުނަތް
ލައްވާފައެވެ. އިބްނު ޢުމަރާއި،
އަބްދު ﷲ ބުނު ޢަމްރު އާއި އަބޫ ހުރައިރާ އާއި އަސްޙާބުން ކުރެ
ޖަމާޢަތެއްގެ އަރިހުން އިމާމް،
އަޙުމަދާއި އަބޫ ދާވޫދާއި އައްތިރްމިޛީ އަދި އެތައް އިމާމަކު
ރިވާކުރައްވާފައިވެއެވެ.
«لَعَنَ رَسُولُ اللَّهِ صَلَّى
اللَّهُ عَلَيْهِ وَسَلَّمَ الرَّاشِيَ وَالْمُرْتَشِي».
މާނައީ: "ރިޝްވަތު ދޭ މީހާ އާއި،
ރިޝްވަތު ހިފާ މީހާ އަށް ރަސޫލު ﷲ
صَلَّى اللَّهُ عَلَيْهِ وَسَلَّمَ
ވަނީ ލަޢުނަތް ލައްވާފައެވެ."
ރިޝްވަތާއި މެދުގައި ސުވާލު ވެވުމުން
ابْنِ مَسْعُودٍ رضي الله عنه
ވިދާޅުވިއެވެ. "އެއީ؛
އަނިޔާވެރިވެގަތުމަށް މީހަކު، ކަލޭގެ އެހީއަށް އެދި ހަދިޔާއެއް
ދިނުމެވެ. އެފަދަ ކަމަކަށްޓަކައި ހަދިޔާއެއް ދީފިނަމަ އެޤަބޫލު
ނުކުރާށެވެ."
މަސްރޫޤު ވިދާޅުވެފައިވެއެވެ. "ގާޟީއަކު ހަދިޔާއެއްގައި ހިފައިފިނަމަ
ހަމަ ކަށަވަރުން އޭނާ ރިޝްވަތު ކައިފިއެވެ." އަދިވެސް އިބްނު
ޚުވައިޒް ވިދާޅުވިއެވެ. "މީހަކު އޭނާގެ ޖާހުގެ ބޭނުން ކޮށްގެން
މީހުންގެ އަތުން ކާ ކެއުމަކީވެސް ރިޝްވަތެވެ."
އަޙްކާމުލް ޤުރްއާނުގައި އިމާމް އަބޫބަކުރު އަލް ޖައްޞާސް
ބަޔާންކުރައްވާފައިވެއެވެ. ޙައްޤެއް ބާޠިލު ކުރުމަށްޓަކައި ނުވަތަ
ޖާއިޒް ނޫން ކަމެއް ކުރުމަށްޓަކައި ހިފައިފި ރިޝްވަތަކީ ޙަރާމްވެގެން
ވާ ސުޙްތުގެ ތެރެއިންވާ އެއްޗެއްކަމުގައި ސަލަފުންގެ މެދުގައި
އެއްވެސް ޚިލާފެއް ނުވެއެވެ.
ޝައްކެއްނެތެވެ. ރިޝްވަތަކީ މީހުންގެ މުދާ ބާޠިލު ގޮތުގައި ކެއުމެވެ.
އެއީ އަހަރެމެންގެ ރައްބު ކޯފާވެވޮޑިގަންނަވާނެ ކަމެކެވެ. ރިޝްވަތުގެ
މައްޗަށް އައިސްފައިވާ ވަޢީދުގެ ބޮޑުކަން،
މިކަމުގެ ހެއްކަކަށް ފުދެއެވެ. މީހަކު ތިމާގެ ޙައްޤު ނިގުޅައިގަނެވޭ
ހިނދު އެ ލިބިގަތުމަށްޓަކައި މަޖުބޫރުވެގެން ދީފި ލާރިޔަކީ
ރިޝްވަތެއް ނޫނެވެ. އެހެން ނަމަވެސް އެލިބިގަންނަ ފަރާތަށް
ޙަލާލުވެގެން ނުވެއެވެ.
ކަންމިހެން ހުރި އިރުގައިވެސް ޙަލާލުތަކެތިން ފުއްދުމެއް ނެތި،
ޙަރާމަކަށް ނުބަލައި ތިމާއަށް ޙައްޤުވެގެން ނުވާ ތަކެތި ހާޞިލު
ކުރުމަށްޓަކައި ފައިސާ އާއި މުދާ ހޭދަކުރާ މީހުންނާއި،
ޖެހުނުހައިގޮތަކަށް،
އަތުވިހާ ގޮތަކުން އެފަދަ މުދަލުގައި ހިފުމާއި ކެއުމުގައި
ހައްދުފަހަނަ އަޅައިގޮސްފައިވާ މީހުންގެ ގިނަކަމާއެވެ! ޙަރާމް
ގޮތްގޮތުން މުދާ ހޯދުމާއި،
އެފަދަ މަގުތަކުގައި އެހޭދަކުރުމީ ޖާހިލުކަމާއި ވިޔާނުދާކަމުގެ
އިންތިހާއެވެ. ނުވަތަ ނިފާގުކަމާއި ޔަހޫދިއްޔަވަންތަކަމެވެ.
މާތް
ﷲގެ ކޯފާ އާއި ޢަޛާބުން އެކަލާނގެ އަޅަމެން ދިންނަވާށިއެވެ. ޙަލާލު
ތަކެތިން ފުދިގެން ތިބޭ،
ޙަރާމާއި ދުރުހެލި ބައެއް ކަމުގައި އެކަލާނގެ އަޅަމެން ލައްވާށިއެވެ!
މާތް ރަސޫލާ
صَلَّى اللَّهُ عَلَيْهِ وَسَلَّمَ
ދަސްކޮށްދެއްވި މޫރިތި ދުއާއެއްގައި ވެއެވެ.
«اللَّهُمَّ اكْفِنِيْ بِحَلاَلِكَ
عَنْ حَرَامِكَ، وَأَغْنِنِيْ بِفَضْلِكَ عَمَّن سِوَاكَ».
މާނައީ: "އޭ ﷲ! އިބަރަސްކަލާނގެ ޙަރާމްކުރެއްވެވި ތަކެތި ފިޔަވައި
ޙަލާލު ކުރެއްވެވި ތަކެތިން މިއަޅާއަށް ފުއްދަވާންދޭވެ! އަދި
އިބަރަސްކަލާނގެ ފަޟްލުވަންތަވެރިކަމުން އިނބަރަސްކަލާނގެ ފިޔަވައި
އެހެން ފަރާތްތަކުން މިއަޅާ ފުއްދަވާދެއްވާންދޭވެ!"
وصلى الله وسلم وبارك على نبينا محمد وعلى آله
وصحبه وسلم.
-ނިމުނީ-
|