|
ނައިސް
ނުދާނޭ ދުވަސް!
ލިޔުނީ: ޢާބިދީން

ހަމަކަށަވަރުން ﷲ ސުބުޙާނަހޫ ވަތަޢާލާ މިދުނިޔޭގެ ޙަޔާތް
ލައްވާފައިވަނީ އަބަދަށް ދާއިމަށް ދެމިގެންވާ އެއްޗެއްގެ ގޮތުގައެއް
ނޫނެވެ. އެހެނެއްކަމަކު މި ޙަޔާތް ލައްވާފައިވަނީ ނެތިވެ
ފަނާވެގެންދާނެ އެއްޗެއްގެ ގޮތުގައެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާގެ
މިއިލާހީ ޤާނޫނުން ބޭރުވުމުގެ ބާރެއް ހަމަހިލާ އެއްވެސް މަޚްލޫޤަކަށް
ލިބިގެނެއްނުވެއެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާ ވަޙީކުރައްވާފައިވެއެވެ.
"كُلُّ
نَفْسٍ ذَائِقَةُ الْمَوْتِ "
(آل عمران:185)
"
ކޮންމެ ނަފްސަކީވެސް މަރުގެ ރަހަ ދެކޭނެ ނަފްސެކެވެ."
އަދިވެސް ﷲ
ވަޙީކުރައްވާފައިވެއެވެ.
"كُلُّ
مَنْ
عَلَيْهَا
فَانٍ *
وَيَبْقَى
وَجْهُ
رَبِّكَ ذُو الْجَلاَلِ وَالإِكْرَامِ"
(الرحمن:26-27)
"އެބިންމަތީގައިވާ
ކޮންމެ އެއްޗަކީ ފަނާވެދަނިވި އެއްޗެކެވެ. އަދި ކަލޭގެފާނުގެ ވެރި،
ކީރިތިވަންތަކަމާއި މާތްވަންތަކަމުގެ ވެރި ރަސްކަލާނގެ ޛާތުފުޅު
ދެމިވޮޑިގެންވެއެވެ"
މިފަނާވެދަނިވި ޙަޔާތް ހެއްދެވި ދިރިދެމިގެންވާ،
ކާއިނާތުގެ މިލްކުވެރި އިލާހު ވަނީ އެއިލާހުގެ ޙިކްމަތްވަންތަކަމުން
މި ޙަޔާތުގައި އަހަރެމެން ހޭދަކުރާނެ ވަޤުތު ކަނޑައަޅުއްވާ
ނިންމަވާފައެވެ. އެވަޤުތު އަވަސްކުރުމުގެ އަދި ލަސްކުރުމުގެ ބާރެއް
އެއްވެސް ފަރާތަކަށް ލިބިގެނެއް ނުވެއެވެ. އެވަޤުތު ހަމަޖެހޭއިރަށް
މި ޙަޔާތާ އަލްވަދާޢު ކިޔަންޖެހޭނެއެވެ. މިކަން ބަޔާންކުރައްވާ ﷲ
ސުބުޙާނަހޫ ވަތަޢާލާ ވަޙީކުރައްވާފައިވެއެވެ.
"فَإِذَا جَاءَ أَجَلُهُمْ لا
يَسْتَأْخِرُونَ سَاعَةً وَلا يَسْتَقْدِمُونَ"
(النحل: 61)
"ފަހެ
އެބައިމީހުންގެ އަޖަލު އައިސް ޖެހިއްޖެނަމަ އެންމެ ހިނދުކޮޅެއްގެ
މިންވަރުވެސް ލަސްނުކުރެވޭހުއްޓެވެ. އަދި އެންމެ ހިނދުކޮޅެއްގެ
މިންވަރު އަވަސްވެސް ނުކުރެވޭހުއްޓެވެ."
އާދެ
ދުނިޔޭގެ މިކުޑަވަޤުތުކޮޅުގެ ޙަޔާތަށް ނިމުމެއް އައުމަށް ފަހު
އެހާހިސާބުން އަދި ބައެއްމީހުން ހީކުރާގޮތަށް ހުރިހާކަމެއް
ނިމުނީއެއްނޫނެވެ. އެފަދަމީހުން ބުނާ ބުނުން ﷲ ސުބުޙާނަހޫ ވަތަޢާލާ
ވަނީ އެއިލާހުގެ ފޮތުގައި ބަޔާންކުރައްވާފައެވެ. ﷲ ތަޢާލާ
ވަޙީކުރައްވާފައިވެއެވެ.
"إِنْ هِيَ إِلاَّ حَيَاتُنَا
الدُّنْيَا نَمُوتُ وَنَحْيَا وَمَا نَحْنُ بِمَبْعُوثِينَ"
(المؤمنون: 37)
"އެދިރުއުޅުމަކީ،
ތިމަންމެންގެ ދުނިޔޭގެ ދިރިއުޅުން ފިޔަވައި އެހެން އެއްޗެއް ނޫނެވެ.
ތިމަންމެން މަރުވަމެވެ. އަދި ދިރިއުޅެމުއެވެ. އަދި އަލުން ދިރުއްވައި
ފޮނުއްވާނޭ ބަޔަކުކަމުގައި ތިމަންމެން ނުވަމުއެވެ."
ކޮންމެއަކަސް
މިއީ ﷲ ސުބުޙާނަހޫ ވަތަޢާލާގެ އެއްކައުވަންތަކަމާއި މުހައްމަދު
ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ރަސޫލުކަމުގެ ތެދުކަން ޤަބޫލުކުރާ
މީހުންގެ ޢަޤީދާއެއްނޫނެވެ.
އަހަރެމެންނަކީ މިދުނިޔޭގެ ޙަޔާތަށް ފަހު އަދި އުޚްރަވީ ޙަޔާތެއް
ވާކަން ހިތުން ތެދުކޮށް ކަށަވަރުކޮށްގެން ތިބި ބަޔަކީމުއެވެ. އަދި
ހަމައެއާއެކު އަހަރެމެންނަކީ،
ޤިޔާމަތް ދުވަހަކީ ނައިސްނުދާނެ ދުވަހެއްކަން ހިތުން ތެދުކޮށް
ޤަބޫލުކޮށްގެން ތިބި ބަޔަކީމުއެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާ
އެދުވަހުގައި އަހަރެމެން އެއެއްޗެއްގެ ބުރަކަށިމަތީގައި ހިނގާބިނގާވެ
މިއުޅޭ ބިމާއި،
އަހަރެމެންގެ ބޯމަތީގައިމިވާ އުޑާއި،
ފެންނަން މިހިރަ ބޮޑު ބިޔަ ފަރުބަދަތަކާއި އަދި ޚުދު އިންސާނުންނަށް
އެދުވަހުން ވެގެންދާނެގޮތް އެއިލާހުގެ ފޮތުގައި ވަނީ ވަރަށް
ޞަރީޙަކޮށް ބަޔާންކުރައްވާފައެވެ. އެއިލާހު
ވަޙީކުރައްވާފައިވާވެއެވެ:
"إِذَا رُجَّتِ الأَرْضُ
رَجًّا * وَبُسَّتِ الْجِبَالُ بَسًّا *فَكَانَتْ هَبَاءً
مُنْبَثًّا"
(الواقية: 37)
"ބިންގަނޑު
ގަދަފަދައަށް ހެލިގެންފި ހިނދެވެ. އަދި ފަރުބަދަތައް ފުނޑުފުނޑުވެ،
ހިމުންވެއްޖެ ހިނދެވެ. ފަހެ،
ވަޔާ ބުރައިގެންދާ ކުނޑިތަކެއްކަމުގައި އެ ފަރުބަދަތައް ވެއްޖެ
ހިނދެވެ."
"وَانْشَقَّتِ السَّمَاءُ
فَهِيَ يَوْمَئِذٍ وَاهِيَةٌ"
(الحاقة: 16)
"އަދި
އުޑު ފަޅަފަޅައިގެން ދާނެތެވެ. ފަހެ އެދުވަހުން އެ އުޑުވާހުށީ،
ބަލިކަށިވެގެންނެވެ"
"يَوْمَ يَكُونُ النَّاسُ
كَالْفَرَاشِ الْمَبْثُوثِ * وَتَكُونُ الْجِبَالُ كَالْعِهْنِ
الْمَنْفُوشِ"
(سورة القارعة: 4-5)
"ވިއްސިވިހާލިވެގެންދާ
ކޮކާތަކެއް ފަދައިން މީސްތަކުން ވާނޭ ދުވަހެވެ. އަދި ބުރުވައިލެވޭ
ކެހެރިތަކެއް ފަދައިން ފަރުބަދަތައް ވާނޭ ދުވަހެވެ."
މިއީ
އެދުވަހުން މިކައުނަށް އަންނާނެ ބޮޑު އިންޤިލާބުގެ ސިފަތަކެވެ.
ލޮބުވެތި އަޚުންނާއި އުޚްތުންނޭވެ! ވިސްނާލާށެވެ. މިފަދަ
ނުރައްކާތެރިކަން ބޮޑުވެގެންވާ ދުވަހެއްގައި އަހަރެމެން މި ނިކަމެތި
އިންސާނުންގެ ޙާލު ހުންނާނީ ކިހިނެއްހެއްޔެވެ؟
އެދުވަހުން އިންސާނުންގެ ޙާލު ހުންނާނެ ގޮތް ތަޞައްވަރުކުރެއްވުމަށް
ކީރިތި ޤުރުއާނަށް ރުޖޫޢަވަމާހިނގާށެވެ. ﷲ ތަޢާލާ ވަޙީކުރައްވާފައި
ވެއެވެ:
"يَا أَيُّهَا النَّاسُ
اتَّقُوا رَبَّكُمْ إِنَّ زَلْزَلَةَ السَّاعَةِ شَيْءٌ عَظِيمٌ *
يَوْمَ تَرَوْنَهَا تَذْهَلُ كُلُّ مُرْضِعَةٍ عَمَّا أَرْضَعَتْ
وَتَضَعُ كُلُّ ذَاتِ حَمْلٍ حَمْلَهَا وَتَرَى النَّاسَ سُكَارَى
وَمَا هُمْ بِسُكَارَى وَلَكِنَّ عَذَابَ اللَّهِ شَدِيدٌ"
(الحج: 1-2)
"އޭ
މީސްތަކުންނޭވެ! ތިޔަބައިމީހުންގެ ވެރިރަސްކަލާނގެއަށް
ތިޔަބައިމީހުން ތަޤުވާވެރިވާށެވެ! ހަމަކަށަވަރުން ޤިޔާމަތްވުމުގެ
ބިންހެލުމަކީ ބޮޑުވެގެންވާ ކަމެކެވެ. ތިޔަބައިމީހުންނަށް އެ ޒަލްޒަލާ
ފެންނަދުވަހު،
ކިރުމައިން އެއުރެން ކިރުދޭ ދަރިންގެ މަތިން ހަނދާންނެތި،
އަދި މާބަނޑު އަންހެނުން އެއުރެންގެ ބަނޑުގައި އޮތް ދަރި ވިހައި،
އަދި މީސްތަކުން މަސްތުވެފައިތިބޭ ބަޔަކުފަދައިން ތިބާ ދެކޭނޫއެވެ.
ނަމަވެސް އެއުރެންވަނީ މަސްތުވެފައެއް ނޫނެވެ. އެހެނެއްކަމަކު ﷲ ގެ
ޢަޛާބު ގަދަފަދައީއެވެ."
އެދުވަހުން އިރު މީސްތަކުންނާއި މޭލެއްގެ ދުރުމިނަށް ގާތް
ކުރެވިގެންވާނެއެވެ. އަދި މީސްތަކުން އެބައިމީހުންގެ ޢަމަލުތަކާ
އެއްވަރަށް ދަލުގެ ތެރޭގައި ވާނެއެވެ. އެއްބައެއްގެ ފައިގެ ކުޑަ
ހުޅާހަމަޔަށް ދާ ހުންނައިރު އަނެއްބައެއްގެ ކަކުލާހަމައަށް
ދާހުންނާނެއެވެ. އަދި އަނެއްބައެއްގެ އުނަގަނޑާ ހަމައަށެވެ. އަދި
އަނެއްބަޔަކު އެކީ ދަލުގެ ތެރޭގައި ޣަރަގުވެފައި ވާނެއެވެ. އަދި
އެދުވަހުން ކުށްވެރި އަޅުންތައް ކަސްތަޅު އެޅުވިފައިފައިވާނެއެވެ.
އެދުވަހުން ފޮނި ބަސްތަކަކުން ނުވަތަ ފަށުވި ޢިބާރާތްތަކަކުން ﷲ
ސުބުޙާނަހޫ ވަތަޢާލާގެ ޢަދުލުވެރި ހިސާބުބެއްލެވުމުގެ ދަރުބާރުގައި
ޢުޒުރެއް ނުދެއްކޭނެއެވެ. އެދުވަހުން ﷲ ސުބުޙާނަހޫ ވަތަޢާލާ ޙުއްޖަތް
ޤާއިމްކުރައްވާނީ ޚުދު އަހަރެމެންގެ ގުނަވަންތަކުންނެވެ. އެދުވަހުން
ﷲ ސުބުޙާނަހޫ ވަތަޢާލާ އަހަރެމެންގެ ދޫތައް ބަންދުކުރައްވާނެއެވެ.
އަދި އަހަރެމެންގެ ގުނަވަންތަކަށް ހެކިދީ ވާހަކަ ދެއްކުމަށް
އަމުރުކުރައްވާނެއެވެ.
"الْيَوْمَ نَخْتِمُ عَلَى
أَفْوَاهِهِمْ وَتُكَلِّمُنَا أَيْدِيهِمْ وَتَشْهَدُ أَرْجُلُهُمْ
بِمَا كَانُوا يَكْسِبُونَ"
(سورة يس: 65)
"މިއަދު
ތިމަންރަސްކަލާނގެ އެއުރެންގެ އަނގަތަކުގައި ސިއްކަގައްސުވައި
ބަންދުކުރައްވާ ހުށީމެވެ. އަދި އެއުރެންގެ އަތްތައް
ތިމަންރަސްކަލާނގެއަށް ބަސްދަންނަވާނެތެވެ. އަދި އެއުރެން
ހޯދައިއުޅުނު ޢަމަލުތަކާމެދު އެއުރެންގެ ފައިތައް ހެކިދޭނެއެވެ."
ލޮބުވެތި އަޚުންނާއި އުޚްތުންނޭވެ! ސުވާލަކީ ޔަޤީނުންވެސް ނައިސް
ނުދާނެ މި ނުރައްކާތެރި ދުވަހަށް އަހަރެމެން ތައްޔާރުވެފައިވަނީ
ކިހާވަރަކަށް ބާވައެވެ؟
އެދުވަހަށް އަހަރެމެން ތައްޔާރުކޮށްފައިވަނީ ނަމާދާއި،
ރޯދާއާއި،
ޒަކާތާއި،
މައިންބަފައިންނަށް ކިޔަމަންތެރިކަން އަދާކުރުމާއި،
މީހުންނަށް ހެޔޮފޯރުކޮށްދިނުމާއި،
އަދި މިނޫންވެސް ހެޔޮލަފާ ޞާލިޙް ޢަމަލުތައްބާވައެވެ؟
ނޫނީ އަހަރެމެންގެ އަތުގައިވަނީ ފާފަތަކުގެ ބޮޑު ފުނިވަރެއް ބާވައެވެ؟
ރިބާއާއި،
ޒިނޭއާއި،
ދޮގުހެދުމާއި،
ޣީބަބުނުމާއި،
މީހުންގެ ޙައްޤުތަކަށް އަރައިގަތުމާއި،
މިނޫންވެސް ހުތުރުކަންބޮޑު ފާފަތައްބާވައެވެ؟
ﷲ
ސުބުޙާނަހޫ ވަތަޢާލާ ރުހިވޮޑިގަންނަވާ ހެޔޮލަފާ ޞާލިޙް
ޢަމަލުތަކާއިގެން އެދުވަހުން އެއިލާހާ ބައްދަލުކޮށްފިނަމަ އެމީހަކު
އުޑުތަކާއި ބިންތަކުގެ ތަނަވަސްކަންހުރި ސުވަރުގެ ޙާޞިލުކޮށްފިއެވެ.
މިއާޚިލާފަށް ފާޙިޝްޢަމަލުތަކާއި މުންކަރާތްތަކާ އެކު އެއިލާހާ
ބައްދަލުކޮށްފިނަމަ އޮތީ ގެއްލުމާއި ހަލާކެވެ. ނަރަކައިގެ
ގަދަފަދަވެގެންވާ ވޭންދެނިވެގެންވާ އަލިފާނުގެ ޢަޛާބެވެ. ނަރަކައިގެ
ބަނޑޭރިން ކަމުގައި ﷲ ލައްވާފައިވާ ހަރުކަށި ގަދަފަދަ މަލާއިކަތުން
އެދުވަހުން އެއްވެސް ރަޙުމެއް ނުކުރާނެއެވެ. ﷲ އަމުރުފުޅަށް
އެބޭކަލުން ނަރަކައިގެ އަހުލުވެރިންގެ ގައިގައި ތަޅުއްވާނެއެވެ.
ނަރަކައިގެ އަހުލުވެރިންގެ އަލިފާނުގައި އަނދައި ރޯފިލައްޖެ ކޮންމެ
ހިނދަކު އެބައިމީހުންގެ ހަންތައް ބަދަލުކުރެވޭނެތެވެ. އެއީ ޢަޛާބުގެ
ރަހަ ލިބިގަތުމަށް ޓަކައެވެ. ﷲ ސުބުޙާނަހޫ ތަޢާލާ ވަޙީކުރައްވާފައި
ވެއެވެ.
"إِنَّ الَّذِينَ كَفَرُوا
بِآَيَاتِنَا سَوْفَ نُصْلِيهِمْ نَارًا كُلَّمَا نَضِجَتْ
جُلُودُهُمْ بَدَّلْنَاهُمْ جُلُودًا غَيْرَهَا لِيَذُوقُوا
الْعَذَابَ إِنَّ اللَّهَ كَانَ عَزِيزًا حَكِيمًا "( النساء: 56)
"ހަމަކަށަވަރުން
ތިމަންރަސްކަލާނގެ އާޔަތްތަކަށް ކާފިރުވި މީހުން ނިކަންހުރެ
ތިމަންރަސްކަލާނގެ އެއުރެން ނަރަކަޔަށް ވައްދަވާހުށީމެވެ. އެއުރެންގެ
ހަންތައް ރޯފިލައްޖެ ކޮންމެ ހިނދަކު،
އެއުރެންގެ ހަންތައް އެނޫން ހަންތަކަކަށް ބަދަލުކުރެވޭނެއެވެ. އެއީ
އެއުރެން ޢަޛާބުގެ ރަހަ ލިބިގަތުމަށްތަކައެވެ. ހަމަކަށަވަރުން ﷲ އީ
ޢަޒީޒްވަންތަ ޙަކީމްވަންތަ ރަސްކަލާނގެ ކަމުގައި ވެއެވެ."
އެތާގެ
އަހުލުވެރިންގެ ކާނާއަކީ ޒައްޤޫމެވެ. އެމީހުންގެ ބުއިމަކީ ލެއާއި
އެކުވެފައިވާ ދޮހާއި،
ހޫނުކަން ނިހާޔަތަށް ގަދަވެގެންވާ ފެނެވެ. އޭގެ ސަބަބުން
އެބައިމީހުންގެ ގޮހޮރުތައް ބުރިބުރިވެގެންދާނެއެވެ. އެ ނަރަކައިގެ
ގަދަފަދަވެގެންވާ އަޛާބުފެނުމުން އެހިނދު މި އިންސާނާ އެދުވަހުން
ހިތާމަކުރާނެއެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާ އެންގެވި ގޮތަށް އުޅެވުނު
ނަމައޭ ހިތަށް އަރާނެއެވެ. ދުނިޔޭގެ އަގުހުރި ވަޤުތުތައް ބޭކާރު
ގޮތުގައި ނަގާނުލެވުނު ނަމައޭ ހިތަށް އަރާނެއެވެ. ނަމާދު ކުރެވުނު
ނަމައޭ ހިތަށް އަރާނެއެވެ. ﷲ އަށް ބިރުވެތި ވެވުނު ނަމައޭ ހިތަށް
އަރާނެއެވެ. އަދި އޭނާ ދެރަވާނެއެވެ. މާތް ރަސޫލާ ޞައްލަﷲ ޢަލައިހި
ވަސައްލަމްގެ ސުންނަތަށް ތަބާނުވެވުނުކަމަށް ޓަކައެވެ. މިވެނި އެވެނި
ބަޔަކު އެއީ މިތުރުންކަމުގައި ހެދުނުކަމަށްޓަކައެވެ.
"يَا وَيْلَتَى لَيْتَنِي لَمْ
أَتَّخِذْ فُلاَنًا خَلِيلاَ * لَقَدْ أَضَلَّنِي عَنِ الذِّكْرِ
بَعْدَ إِذْ جَاءَنِي وَكَانَ الشَّيْطَانُ لِلإِنْسَانِ خَذُولاَ"
(الفرقان: 28-29)
"އޭ
ހުރި ހަލާކެއްގެ ބޮޑުކަމާއެވެ! ސަހަރޯއެވެ! ތިމަން އެވެނި މީހަކު
މިތުރަކު ކަމުގައި ނުހިފިނަމަ ކިހާ ރަނގަޅުވީސް ހެއްޔެވެ!
ހަމަކަށަވަރުން ތިމަންނާއާ ހަމައަށް އެ ޤުރުއާން އައުމަށްފަހު އޭނާ
ތިމަން އެއިން އެއްކިބާކޮށް މަގުފުރައްދައިފިއެވެ. އިންސާނާއަށް އޭނާ
ދެރަކޮށް ނިކަމެތިކޮށްލާ އެއްޗެއްކަމުގައި ޝައިޠާނާ ވެއެވެ."
އަދި
އެދުވަހުން ފާސިޤު،
ފާޖިރު،
ކާފިރު
އަޅުން ﷲ ހަޟްރަތުގައި ރޮއި ހޭރެމުން އެމީހުން އަނބުރާ ދުނިޔެއަށް
ފޮނުވުމަށް އެދި އާދޭސްކުރާނެއެވެ. އެއީ ކީއްކުރަންތޯއެވެ؟ އެއީ
އެމީހުންނަށް އަދާނުކުރެވުނު ނަމާދުތައް އަދާކުރުމަށެވެ. ނުހިފިދިޔަ
ރޯދަތައް ހިފުމަށްޓަކައެވެ. އަރައިގަނެވުނު މީސްތަކުންގެ ޙައްޤުތައް
އަދާކުރުމަށްޓަކައެވެ. މައިންބަފައިންނަށް ކަމޭހިތުމަށްޓަކައެވެ.
ކުރެވުނު ބޮޑުވެގެންވާ ފާހިޝްޢަމަލުތަކުގެ ފާފައިން
ތައުބާވުމަށްޓަކައެވެ.
ﷲ
އެބައިމީހުންނަށް ވަޙީކުރައްވާނެތެއެވެ. ހެޔޮ ވިސްނޭނެ މީހަކަށް ހެޔޮ
ވިސްނޭނެހާ ޢުމުރު ތިމަން އިލާހު ތިޔަބައިމީހުންނަށް
ނުދެއްވަމުހެއްޔެވެ؟
އަދި އިންޛާރުކޮށް ޙައްޤު ގޮތް ބަޔާންކުރެއްވުމަށްޓަކައި
ރަސޫލުންނާއި ނަބިއްޔުން ނުފޮނުއްވަމުހެއްޔެވެ؟
އަދި ހައްޤާއި ބާޠިލް ވަކިކޮށްދެއްވުމަށްޓަކައި ފޮތްތައް
ބާވައިނުލައްވަމުހެއްޔެވެ؟
އަދި ލަޢުނަތް ލެއްވިގެންވާ ޝައިޠާނާއަކީ ތިޔަަބައިމީހުންގެ
ޢަދުއްވެއްކަން ބަޔާންކޮށްނުދެއްވަމުހެއްޔެވެ؟
ނަމަވެސް ތިޔަބައިމީހުން ވަނީ ތިމަންއިލާހު ދެއްވި ޢުމުރުގެ
ދުވަސްތައް ނުކިޔަމަންތެރިގޮތުގައި ހޭދަކޮށްލާފައެވެ. އަދި
ތިމަންއިލާހުގެ ރަސޫލުންނާއި ނަބިއްޔުން ދޮގުކޮށްފައެވެ. އަދި ތިމަން
އިލާހު ބާވައިލެއްވި ފޮތްތައް ތިޔަބައިމީހުން ވަނީ
އެއްކިބާކޮށްލާފައެވެ. އަދި ތިޔަބައިމީހުންވަނީ ޝައިޠާނާއަކީ
މިތުރަކު ކަމުގައި ހަދާފައެވެ. އެހެންވީމާ،
މިއަދު ތިޔަބައިމީހުންގެ ޢަމަލުތަކުގެ ހިތި ނަތީޖާ ދެކޭށެވެ. ﷲ
ސުބުޙާނަހޫ ވަތަޢާލާ މިބައިމީހުންގެ ވާހަކަ ބަޔާންކުރައްވާ
ވަޙީކުރައްވާފައިވެއެވެ.
" وَهُمْ يَصْطَرِخُونَ فِيهَا
رَبَّنَا أَخْرِجْنَا نَعْمَلْ صَالِحًا غَيْرَ الَّذِي كُنَّا
نَعْمَلُ أَوَلَمْ نُعَمِّرْكُمْ مَا يَتَذَكَّرُ فِيهِ مَنْ
تَذَكَّرَ وَجَاءَكُمُ النَّذِيرُ فَذُوقُوا فَمَا لِلظَّالِمِينَ
مِنْ نَصِيرٍ"
(فاطر: 37)
"އެއުރެން
އެނަރަކައިގާ ރޮއިހޭރި ދަންނަވާނެތެވެ. އަޅަމެންގެ ވެރި ރަސްކަލާކޮ!
އަޅަމެން ކުރަމުން ގެންދިޔަ (ނުބައި) ޢަމަލުނޫން ޞާލިޙް
ޢަމަލުކުރުމަށް އަޅަމެން ނެރުއްވައިފާނދޭވެ! ހަނދުމަކުރާނެ މީހަކު
އެދުވަސްތަކުގައި ހަނދުމަކުރާހާ ދުވަހު،
ތިމަންރަސްކަލާނގެ ތިޔަބައިމީހުންގެ ޢުމުރު ނުދަންމަވަން ހެއްޔެވެ؟
އަދި އިންޛާރުކުރައްވާ ބޭކަލަކު ތިޔަބައިމީހުންގެ ގާތަށް
ވަޑައިގަތެވެ. ފަހެ،
ތިޔަބައިމީހުން (ޢަޛާބުގެ) ރަހަ ލިބިގަންނާށެވެ! ފަހެ
އަނިޔާވެރިންނަށް ނަޞްރުދޭނެ އެއްވެސް މީހަކު ނުވެއެވެ."
އެދުވަހުން ﷲ ސުބުޙާނަހޫ ވަތަޢާލާގެ ގަދަފަދަވެގެންވާ ޢަޛާބުން
އެއްވެސް މީހަކަށް ސަލާމަތްކަމެއް ހޯދައެއްނުދެވޭނެއެވެ.
މަންމައަކަށް،
ބައްޕައަކަށް،
ދަރިއަކަށް،
ބޭބެއަކަށް،
ދައްތައަކަށް،
އަންބަކަށް،
ފިރިއަކަށް އަދި އެއްވެސް މީހަކަށް އަނެކަކަށް ނަޞްރެއް
ނުދެވޭނެއެވެ. އެންމެންވެސް އުޅޭނީ އެމީހެއްގެ އަމިއްލަ ނަފްސު
ސަލާމަތްނުވެގެންނެވެ.
އާދެ
މިއީ ޤިޔާމަތްދުވަހު މީސްތަކުންގެ ޙާލަތު ހުންނާނެ ގޮތުގެ ކުޑަކުޑަ
ޚުލާޞާއެކެވެ. އަހަރެމެން ކޮންމެ މީހަކީވެސް އެދުވަހާ
ބައްދަލުކުރަންޖެހޭނެ މީހެކެވެ. އަހަރެމެން އެންމެންވެސް
ދަތުރުކުރަމުން މިދަނީ އެދުވަހާ ދިމާލަށެވެ. މިދަތުރުގައި އެންމެ
ފުރަތަމަ އަހަރެމެންނާ ބައްދަލުކުރާނެ އެކައްޗަކީ މަރެވެ. މި މަރަކީ
އެކަކަށް ވެސް އެއިން ބަރީއަވެ ސަލާމަތްވެގަނެވޭނެ އެއްޗެއް ނޫނެވެ.
ސަލަފުއްޞާލިޙުންގެ ބޭކަލެއްކަމުގައިވާ އިބްނު ސައްމާކު ރަޙިމަހުﷲ
ވިދާޅުވިއެވެ.
"އެއްދުވަހަކު
މަސްވެރިއަކު އޭނާގެ އާދައިގެ މަތިން މަސްބޭނުމަށްޓަކައި
އަތިރިމައްޗަށް ނުކުމެ ކަންވާރު މޫދަށް އެއްލިއެވެ. އެހިނދުގައި
ބުޅީގައި އެއްޗެއް އަޅައިގަތެވެ. ދަމާ ނަގާ ބެލިއިރު އެއީ ޤަބުރެއްގެ
ބޮލުގެ ކަށިގަނޑެކެވެ. އެހިނދު އެމަސްވެރިޔާ އެކަށިގަނޑަށް
ބަލާލާފައި އެކަށިގަނޑާ މުޚާޠަބުކޮށްފައި ރޮމުން ރޮމުން ބުންޏެވެ.
ޢިއްޒައްތެރިއަކު ކަމުގައި ތިބާ ވިއެވެ. އެކަމަކު މި މަރުން ތިބާއަށް
ސަލާމަތެއް ނުވެވުނެވެ.
މުއްސަންޖަކު
ކަމުގައި ތިބާ ވިއެވެ. އެކަމަކު މި މަރުން ތިބާއަށް ސަލާމަތެއް
ނުވެވުނެވެ.
ފަޤީރަކު
ކަމުގައި ތިބާ ވިއެވެ. އެކަމަކު މި މަރުން ތިބާއަށް ސަލާމަތެއް
ނުވެވުނެވެ.
ދީލަތި މީހަކު
ކަމުގައި ތިބާ ވިއެވެ. އެކަމަކު މި މަރުން ތިބާއަށް ސަލާމަތެއް
ނުވެވުނެވެ.
ޖައްބާރު
މީހަކުކަމުގައި ތިބާ ވިއެވެ. އެކަމަކު މި މަރުން ތިބާއަށް
ސަލާމަތެއް ނުވެވުނެވެ.
ޢިލްމުވެރިއަކު
ކަމުގައި ތިބާ ވިއެވެ. އެކަމަކު މި މަރުން ތިބާއަށް ސަލާމަތެއް
ނުވެވުނެވެ."
މިމަރުން މީހަކަށް ސަލާމަތްކަން ލިބޭނެނަމަ ﷲ ސުބުޙާނަހޫ ވަތަޢާލާގެ
ހަޟްރަތުގައި އެންމެ މާތް ވެގެންވާ އެންމެ ލޯބިވެގެންވާ އިންސާނާ
އަޅުގަނޑުމެންގެ މާތް ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި
ވަސައްލަމައަށް ސަލާމަތްކަން ލިބުނީހެވެ. ނަމަވެސް އެކަލޭގެފާނުވެސް
ﷲ ސުބުހާނަހޫ ވަތަޢާލާގެ މި އިލާހީ ސުންނަތުގެ ދަށުން މިދުނިޔެ
ދޫކުރައްވައިވަޑައިގަތެވެ.
މަރު
އަންނާނެ ވަޤުތަކީ އެކަކަށްވެސް އެނގިގެންވާ ކަމެއްނޫނެވެ. އެކަމުގެ
ޢިލްމުވަނީ ހަމައެކަނި ﷲ ސުބުޙާނަހު ވަތަޢާލާގެ ހަޟްރަތުގައެވެ. މަރު
އިންސާނާއާ ބައްދަލުކުރާކަށް ވަކި ޢުމުރެއް،
ވަކި ބައްޔެއް އަދި ވަކި ތަނެއްނުވެއެވެ.
تزود من التقوى فإنك لا تدري
إذا جن ليل هل تعيش إلى الفجر
ތިބާ
ތަޤްވާވެރިކަމުން ދަތުރުގެ ކޮއްތު ލިބިގަންނާށެވެ. އެހެނީ ރޭގަނޑާއި
ކުރިމަތިލައިފިނަމަ ފަޖުރުވަންދެންވެސް ތިބާ ދިރިހުންނާނޭ ކަމެއް
ނޭނގެއެވެ.
فكم من صحيح مات من غير علة وكم
من سقيم عاش حينا من الدهر
ފަހެ
އެއްވެސް ބަލިކަމެއް ނެތި ޞިއްޙަތު ސަލާމަތުން ތިބި ކިތައް މީހުން
ހަމައެއްވެސް ސަބަބަކާއި ނުލާ މަރުވެފައި ވޭހެއްޔެވެ! އަދި ބޮޑެތި
ބަލިތައް ޖެހިފައި ތިބި ކިތައް މީހުން އެތައް ދުވަސް ތަކެއް ވަންދެން
ދިރިއުޅެފައި ވޭހެއްޔެވެ!
وكم من صبي يرتجى طول عمره وقد
نسجت أكفانه وهو لا يدري
ލޮބުވެތި އަޚުންނާއި އުޚްތުންނޭވެ! މިމަރާއި މަރުގެ ސަކަރާތަށް
އަހަރެމެން ތައްޔާރުވެފައި މިވަނީ ކިހާވަރަކަށް ބާވައެވެ؟
ކައްވަޅާއި އެތާނގެ އަނދިރިކަމަށް އަހަރެމެން ތައްޔާރުވެފައި މިވަނީ
ކިހާވަރަކަށް ބާވައެވެ؟
ނަކީރާއި މުންކަރު ދެ މަލާއިކަތުންގެ ސުވާލުތަކަށް އަހަރެމެން
ތައްޔާރުވެފައި މިވަނީ ކިހާވަރަކަށް ބާވައެވެ؟
ކާއިނާތުގެ ވެރި ޖައްބާރުވަންތަ ޤައްހާރުވަންތަ އިލާހާ
ބައްދަލުކުރުމަށް އަހަރެމެން ތައްޔާރުވެފައި މިވަނީ ކިހާވަރަކަށް
ބާވައެވެ؟
އެ ބޮޑުވެގެންވާ ދުވަހުގެ ބޮޑުކަމާމެދު އަހަރެމެން ވިސްނުން
ބޮޑުކުރާކަށް އަދިވެސް ނުވޭބާއެވެ؟
ހަމަޔަޤީނުންވެސް އެއީ ނައިސްނުދާނޭ ދުވަހެކެވެ.
-ނިމުނީ- |