|
بسم الله الرحمن الرحيم
ވަޤުތު ފާއިތުވުމުގެ ކުރިން.
ލިޔުނީ: އާދަމް
ނިޝާން އަލްމާލްދީފީ

އެެންމެހައި ޙަމްދު ޘަނާއެއް ޙައްޤުވަނީ ވަޤުތުގެ ވެރި ގަދަ
ކީރިތިވަންތަ ﷲ ތަޢާލާއަށެވެ. ޞަލަވާތާއި ސަލާމްލެއްވުން އެދި ދުޢާ
ކުރަނީ ވަޤުތުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފުމަށް
އަންގަވައިދެއްވި ކީރިތި ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި
ވަސައްލަމް އަށެވެ. މިޞަލަވާތާއި ސަލާމްގައި އެކަލޭގެފާނުގެ
އެންމެހައި އާލު އަޞްޙާބުންނާއި ޤިޔާމަތާއި ޖެހެންދެން
އެކަލޭގެފާނަށް ތަބަޢަވެވަޑައިގަތް އެންމެހައި މީސްތަކުން ޝާމިލް
ކުރަމެވެ.
އާދެ
ވަޤުތަކީ ﷲ ތަޢާލާ ލެއްވެވި އެއްޗެކެވެ. އެކަން ބަޔާން ކުރައްވައި
سورة العصر
ގައި
ވަޙީ ކުރައްވާފައިވެއެވެ.
"وَالْعَصْرِ(1)
إِنَّ الإِنْسَانَ لَفِي خُسْرٍ
(2)
إِلاَّ
الَّذِينَ
آمَنُوا وَعَمِلُوا الصَّالِحَاتِ وَتَوَاصَوْا بِالْحَقِّ
وَتَوَاصَوْا بِالصَّبْرِ
(3)"
މާނައީ:
"ޒަމާން (އެބަހީ: ވަޤުތު) ގަންދެއްވަމެވެ. ހަމަކަށަވަރުން
އިންސާނާވަނީ ހަލާކެއްގެ ތެރޭގައިކަން ކަށަވަރެވެ. އެއީ އީމާންވެ،
ޞާލިޙް ހެޔޮ ޢަމަލުތައް ކޮށް، ޙައްޤަށް ވަޞިއްޔަތްކޮށް އަދި
ކެތްތެރިވުމަށް ވަޞިއްޔަތް ކުރި މީހުން މެނުވީއެވެ."
އާނއެކެވެ.
ކާއްޓާއި މަސްކޮޅަކާއި ކާލައިގެން އަތިރިމަތީގެ ހޮޅުއަށީގައި ނުވަތަ
ގޭގެ ޖޯލިފަތީގައި އަތް އުރާލައިގެން ވާހަކަ ދައްކާލައި އަރާމު
ކުރުމުގައި ހޭދަކުރި ދުވަސްތައް ފާއިތުވެ ހިނގައްޖެއެވެ.
ކުޑަކުދިންނާއި ފުރާވަރުގެ ކުދިން އެކުދިންގެ ދުވާލުގެ ޙަޔާތުގެ
ވަޤުތުތައް ހޭދަ ކުރުމަށްޓަކައި އަތިރިމަތީގައި ބަތްކައްކާ ކުޅެން
އުޅެ މޫދަށް އެރި މަޖާ ކުރަން އުޅުނު ދުވަސް ވެސް ފާއިތުވެ
ހިނގައްޖެއެވެ.
ކޮންމެއަކަސް އަޅުގަނޑު މިދަންނަވާލީ މީގެ އަހަރުތަކެއްގެ ކުރީގެ
ވާހަކައެވެ. ދިރިއުޅުމުގެ ޙަޔާތުގައި ކުރާނޭ މާބޮޑެތި ކަންތައްތަކެއް
ނެތި ދުވާލުގެ ވަޤުތުތައް ހޭދަ ކުރަމުން ދިޔަ ދުވަސްތަކެއްގެ
ވާހަކައެވެ. އެހެންނަމަވެސް މިއަދު މިވަނީ އެދުވަސް ފާއިތުވެ
ގޮސްފައެވެ.
މިހާރު
އިންސާނާގެ ދިރިއުޅުމުގެ ޙަޔާތުގައި ކޮންމެ ދުވަހަކުމެ ހޭދަކުރަމުން
މިދާ ސައުވީސް ގަޑިއިރަކީވެސް އެއިންސާނާއަށް ކުޑަ މަދު ވަޤުތުކޮޅެއް
ކަމުގައި ވެއްޖެއެވެ. ކިޔެވުމާއި މަސައްކަތުގައާއި އުފާކޮށް
ކުޅިމަޖަލުގައި ދުވާލުދާ ހަތަރުދަން ހޭދަ ކުރަމުންދަނީއެވެ. އާދެ
އަޅުގަނޑުމެންގެ ތެރެއިން އެތައްބަޔަކު އެމީހުން ކުރަން ހުންނަ
ކަންތައްތައް ގިނަ ކަމުން، އިރުގެ ދައުރުވުން އިރުކޮޅަކަށް ނުވަތަ
ވަޤުތުކޮޅަކަށް ނަމަވެސް ހުއްޓުވާލެވޭނަމަ އެކަންވެސް ކުރީހެވެ.
ކޮންމެއަކަސް އިންސާނާ މިވަނީ އެހާމެ ބޮޑަށް މަޝްޣޫލުވެފައެވެ.
އާދެ
އަޅުގަނޑުމެންނީ މުސްލިމުން ކަމުގައި ވީހިނދު، އެންމެ ފުރަތަމަ
އަޅުގަނޑުމެން މަސައްކަތް ކުރަން ޖެހޭނީ، އަޅުގަނޑުމެން ހަމަ ކޮންމެ
މީހަކަށްވެސް ނައިސް ނުދާނޭ އިމްތިޙާނެއް ކަމުގައިވާ، އާޚިރަތުގެ
އިމްތިހާނުން ފާސްވުމަށެވެ. ސްކޫލްގެ އިމްތިޙާނަށް ތައްޔާރުވާން ދޭ
ސަމާލުކަމަށްވުރެ އެތައް ގުނައެއް އިތުރަށް މިއިމްތިޙާނަށް
ސަމާލުކަންދޭން އެބަޖެހެއެވެ. އެހެނީ އެއިމްތިހާނުގެ ވަޤުތު
ފާއިތުވެއްޖެނަމަ އެއީ ދެން އަލުން އަނބުރާ ލިބޭނޭ އެއްޗެއް ނޫނެވެ.
ރީ ޓެސްޓް އެއް ނުވަތަ ލޭޓް އެންޓްރީއެއް ނުހެދޭނެއެވެ.
އޭ
ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! ކޮންމެ ނަފްސެއްވެސް މަރުގެ ރަހަ
ދެކޭ ހުއްޓެވެ. ކަންނެތް ކަމާއި ޣާފިލް ކަންމަތީ އަދި ފާފަތަކަށް
އަރައިގަތުމުގެ މަތީގައި ތިއްބާ،
އަޅުގަނޑުމެންގެ މަރު އައިސް އަޅުގަނޑުމެންނާއި ބައްދަލުކުރުމުގެ
ކުރިން، އާޚިރަތް ދުވަހަށް ރައްކާތެރި
ވަމާތޯއެވެ. އެއީ ފަރުޟު ފަސް ނަމާދާއި އެހެނިހެން އަޅުކަންތައް
ފުރިހަމައަށް އަދާ ކޮށްގެންނެވެ. އަދި ނަހީ ކުރެއްވެވި އެންމެހައި
ކަންތައްތަކުންވެސް ދުރުހެލި ވެގެންނެވެ.
އަޅުގަނޑުމެންނަކީވެސް ހަމަ މަރުވާނޭ ބައެކެވެ. ފަހެ މާދަމާވެސް
އަޅުގަނޑުމެންގެ މަރުއައިސް ޖެހިއްޖެނަމަ ﷲގެ ހަޟްރަތުން ކާމިޔާބު
ލިބި ސުވަރުގޭގެ ދާޢިމީ ނިޢުމަތް ލިބޭނެ ކަމުގެ އޮތީ ކޮން
ޔަޤީންކަމެއްތޯއެވެ؟ އަޅުގަނޑުމެން
އަޅާފައިވާ ނަމާދުތަކާއި ކޮށްފައިވާ ފާފަތަކަށް އެންމެ ފަހަރަކު
ނަމަވެސް ވިސްނަވާލެއްވިން ތޯއެވެ؟ މިފަދަ
ޙާލަތެއްގައި ވަނިކޮށް މަރުއައިސް އެބަޔަކާއި ބައްދަލު ކުރާ މީހުންގެ
ވާހަކަ ބަޔާން ކުރައްވާ ކީރިތި ޤުރުއާނުގައި ﷲ ތަޢާލާ ވަޙީ
ކުރައްވާފައިވެއެވެ.
"حَتَّى إِذَا جَاءَ أَحَدَهُمُ
الْمَوْتُ قَالَ رَبِّ ارْجِعُونِ
(*)
لَعَلِّي أَعْمَلُ صَالِحاً فِيمَا تَرَكْتُ"
(المؤمنون:99&
100)
މާނައީ: "ފަހެ
އެބައިމީހުންކުރެ މީހެއްގެ ގާތަށް މަރު އައިސް ޖެހިއްޖެ ހިނދު
ބުނާނެތެވެ. އޭ ރައްބެވެ. އަޅަމެން އަނބުރާ އަލުން (ދުނިޔެއަށް)
ފޮނުއްވަވާން ދޭއެވެ. އެއީ މިއަޅާ އެދުނިޔެމަތީގައި ނުކޮށް
ދޫކޮށްފައިވާ ޞާލިޙް ހެޔޮ ޢަމަލުތައް ކުޅައުމަށެވެ."
އަޅުގަނޑުމެންގެ ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމް
ދެއްވާފައިވާ ވަރަށް އަގުމާތްވި އިރުޝާދުފުޅެއްގައި ވެއެވެ.
"اِغْتَنِمْ خَمْسًا
قَبْلَ خَمْسَ،"
މާނައީ: "ފަހެ
ފަސްކަމެއް ތިޔަބައިމީހުންނާއި ކުރިމަތިވުމުގެ ކުރިން ފަސްކަމެއްގެ
ފައިދާ ލިބިގަންނާށެވެ." އޭގެތެރެއިން އެއްކަމެއް ކަމަށް ބަޔާން
ކުރައްވާފައިވެއެވެ.
"فَرَاغَكَ قَبْلَ شُغْلِكَ"
މާނައީ:
"ތިބާ މަޝްޣޫލްވުމުގެ ކުރިން ތިބާގެ ހުސްވަގުތުތަކުގެ ބޭނުން
ހިފާށެވެ."
ވީމާ
އަޅުގަނޑުމެންނަކީ ކޮންމެ ކަމެއްވެސް އޭގެ ވަޤުތު ފާއިތުވުމުގެ
ކުރިން ކުރާ ބައެއް ކަމުގައި ވާން އެބަޖެހެއެވެ. ކޮންމެ
މުސްލިމަކުވެސް ވަޤުތު ފާއިތުވުމުގެ ކުރިން އޭނާގެ މައްޗަށް ވާޖިބު
ކަންތައްތައް ކޮށް ނިންމަން އެބަޖެހެއެވެ.
ކިޔަވާކުއްޖަކު
ނަމަ އިމްތިޙާނުގެ ކުރިން ރަނގަޅަށް އެއިމްތިޙާނަށް ތައްޔާރުވާން
އެބަޖެހެއެވެ. ޓީޗަރަކު ނަމަ މުޤައްރަރުގައި ކަނޑައެޅިފައިވާ
މަންހަޖު، ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ފުރިހަމަކޮށް
ޓެސްޓުގެ ކުރިން ޕޭޕަރުތައް ހަދާ ނިންމަން އެބަޖެހެއެވެ.
ވެރިޔަކުނަމަ ދުވަހުން ދުވަހަށް އަހަރުން އަހަރަށް ނިންމަންޖެހޭ
ކަންތައް ފުރިހަމައަށް އަދާކޮށް ނިންމަން އެބަޖެހެއެވެ.
އެގޮތަށް
ޢަމަލު ކުރެވިއްޖެނަމަ އަޅުގަނޑުމެން ވާނީ ދެދުނިޔޭގައިވެސް
ކާމިޔާބާއި ސަޢާދަތާއި ފަލާޙް ލިބެނިވި ބައެއް ކަމުގައެވެ.
وآخر دعوانا أن الحمد لله رب
العالمين.
-ނިމުނީ-
______________________________________________________
ނޯޓް:
މިލިޔުމަކީ ސީއެޗްއެސްއީ ގެ ދަރިވަރުން އުފައްދާފައިވާ
ޖަމްޢިއްޔާއެއް ކަމުގައިވާ "އިސްލާމިކް ފޯރަމް" ގެ އެދުމުގެ މަތިން،
ލީފްލެޓެއް ތައްޔާރު ކުރުމަށްޓަކައި އަލްއަޚް އާދަމް ނިޝާން
ލިޔެދެއްވާފައިވާ ލިޔުމެކެވެ.
|