|
އުންމަތުގެ ޢިއްޒަތާއި ކަރާމަތް ދިޔައީ ޙަޤީޤަތުގައި ވެސް ޖިހާދު
ދޫކޮށްލުމުންނެވެ.
(ލިޔުނީ: އައްޝައިޚް
މުޙައްމަދު ޝަހީމު ޢަލީ ސަޢީދު 18 އޮކްޓޯބަރ 2008، ނޫރުލް
އިސްލާމް.ނެޓް)

އުންމަތުގެ ޢިއްޒަތާއި ކަރާމަތް ނަގަހައްޓައި އުންމަތުގެ ވަޙްދަތު
ހިފަހައްޓާ އެއްޗަކީ ޖިހާދެވެ. ޖިހާދުކުރުމަކީ،
އިސްލާމްދީން ޙިމާޔަތްކުރުމަށާއި،
އަނިޔާވެރިކަން ނައްތާލުމަށާއި،
ނަފްސުގެ ދިފާޢުގައި ﷲ ފަރުޟުކުރައްވާފައިވާ ވަރަށް މަތިވެރި
އަޅުކަމެކެވެ.
ޤިޔާމަތާ ޖެހެންދެން ޖިހާދު ދެމިގެންވެއެވެ. ޤިޔާމަތް ދުވަހާ
ޖެހެންދެން ފަލަޞްޠީނުގެ ބިމުގައި ޖިހާދުކުރެވޭނޭ ކަމުގެ ޚަބަރު
ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ބަސްފުޅުތަކުގައި
ވެއެވެ. ބައިތުލްމަޤްދިސާއި އެތަންވަށައިގެންވާ
ސަރަޙައްދުތަކުގައެވެ.
މުސްލިމުންގެ ހަނގުރާމަތަކުގައި އަޚްލާޤީ ހަމަތަކެއް ވަނީ
ކަނޑުއަޅުއްވާފައެވެ. އޭގެތެރޭގައި ކުޑަކުދީންނާއި އަންހެނުންނާއި
އެހެނިހެންދީންތަކުގެ އަޅުވެރީންނާއި،
ދީންތަކުގެ އަޅުކަންކުރާތަންތަނަށް ހަމަލާދިނުންވަނީ
މަނާކުރެވިގެންނެވެ. ގެރިބަކަރިޖަނަވާރުފަދަ ތަކެތި ނުޙައްޤުން
މެރުމާއި،
ގަސްގަހާގެއްސަށް ގެއްލުންދިނުންފަދަ ކަންކަމާއި،
އެކަށީގެންނުވާ ފަދަ ގޮތައް އިންސާނީ ހަށަގަނޑަށް ގެއްލުން
ދިނުންފަދަ ކަންކަމީ މަނާވެގެންވާ ކަމެކެވެ.
ހަނގުރާމަތަކަށް ވަޑައިގަންނަވާ ލަޝްކަރުތަކުގެ އެންމެހައި
ބޭކަލުންނާއި،
ކޮމާންޑަރުން ނަށް މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ
މިގޮތަށް އިރުޝާދުތައް ދެއްވާފައިވެއެވެ. ސަބަބަކީ މުސްލިމުންނަކީ
ރަޙްމަތުގެ ދީނުގެ އަހުލުވެރީންކަމުގައިވީތީއެވެ. އިންސާނުންނާއި
ޖަނަވާރުންނާއި ގަސްގަހާގެއްސާއި ދޫނި ސޫފާ ސޫތްޕަށް ރަޙްމު ކުރުމަކީ
މުސްލިމުންގެ ހަނގުރާމަތަކުގައްޔާއި،
އެނޫން ގޮތްގޮތުން ވެސް އަޚްލާޤީ މަތިވެރި ވާޖިކެވެ.
އާދެ!
މުސްލިމުންނާއި ޣައިރު މުސްލިމުންގެ ގުޅުމުގެ އަޞްލަކީ
ހަނގުރާމަތޯއެވެ؟
ނުވަތަ ސިލްމު ތޯއެވެ؟
އެބަހީ،
ޞުލްޙަވެރިކަންތޯއެވެ؟
ނުވަތަ އިސްވެ ހަނގުރާމަކުރުންތޯއެވެ؟
މިއީ ކުރުން ވަރަށް މުހިންމު ސުވާލެކެވެ. އެއްވެސް މީހަކީ ކާފިރަކަށް
ވީތީވެ،
އެމީހަކު މަރާލުމަށް އިސްލާމްދީން އަންގަވާފައިނުވެއެވެ.
އާދެ!
އިސްލާމްދީނުގައި ކަނޑައަޅުއްވާފައިވާ މަތިވެރި އުޞޫލުތަކުގައި
ވާގޮތުން މުސްލިމުންނާއި ޣައިރު މުސްލިމުންގެ ގުޅުން ބިނާވަނީ
މުޅިއަކުން ހަނގުރާމައިގެ މައްޗަކަށް ނޫނެވެ. އަދި މުޅިއަކުން
ޞުލްޙަވެރިކަމުގެ މައްޗަކަށްވެސް ނޫނެވެ. ކިއެއްތޯއެވެ؟
އިސްލާމްދީނުގެ ދަޢުވަތުގެ މައްޗަށެވެ. ކާފިރުންނާ މެދު އޮންނަން
ޖެހޭ ގުޅުން ބިނާވެގެންދާނީ،
އެމީހުން އިސްލާމްދީނުގެ ދަޢުވަތާމެދު މުޢާމަލާތުކުރާކުރުމުގެ
މައްޗަށެވެ. މިއީ އިސްލާމުންގެ ދައުލަތް އޮންނަ ހިދުއެވެ. ޣައިރު
މުސްލިމުން އިސްލާމްދީން ޤަބޫލުކޮށްފިނަމަ،
އެމީހުންނަކީ މުސްލިމުންގެ ޖަމާޢަތުގެ މީހުންނެވެ. އިސްލާމްދީން
ޤަބޫލުނުކޮށް އެމީހުންގެ ދީނުގެ މަތީގައި އެމީހުންނަށް ތިބެވޭނީ
އިސްލާމުންނާއެކު ކަނޑައެޅޭ ހަމަތަކެއްގެ މަތީން ޞުލްޙަވެރިވެ،
މުސްލިމުންގެ ދައުލަތަށް ޖިޒްޔަދީގެންނެވެ. މިއިންކަމެއް އެމީހުން
ޤަބޫލުނުކޮށްފިނަމަ،
އެމީހުންނާހަނގުރާމަކުރެވޭނެއެވެ. ހަނގުރާމަކުރާނީ،
އިސްލާމީ ދައުލަތުގެ ޙާލިމުގެ އަމުރަށެވެ. ޙާކިމުގެ ޙުކުމްގެ
ދަށުގައެވެ.
މިއަދު
އިސްލާމްދީނާއި އެންމެހައި މުސްލިމުން ތަމްސީލްކުރާނެ އިސްލާމީ
ދައުލަތެއްނެތެވެ. މިއަދު އުންމަތް މިވަނީ އެކިބައިބަތަކަށް،
ކުދިކުދި ދައުލަތްތަކަށް ބެހިފައެވެ. މިއަދު،
ދީނަށް ދަޢުވަތު ދިނުމަށްޓަކައި ދުނިޔޭގެ ކަނކޮޅުތަކުގައި
އިސްލާމުންގެ ލަޝްކަރުގެ ޙަރަކާތްތެރިވާނޭ ފުރްޞަތެއްނެތެވެ.
އިސްލާމީ އުންމަތް މިއަދު ދުވަސްތައް ހޭދަކުރަމުން މިދަނީ ދިފާޢީ
ޙާލަތެއްގައެވެ. އިސްލާމުންގެ އެތަކެއް ބިމެއް އެވަނީ އިސްތިޢުމާރު
ކުރެވިފައެވެ. މުޤައްދަސް ބިން " ޤުދުސް "
،
ފަލަޞްޠީނުގެ އެހެނިހެން ސަރަޙައްދުތައް،
މަސްޖިދުލްއަޤްޞާ،
އަފްޣާނިސްތާނު،
ޗެޗްނިޔާ،
ކަޝްމީރު،
ހާރޫނުއްރަޝީދުގެ ދާރުލްޚީލާފާ ( ޢިރާޤު ) ފަދަ އިސްލާމުންގެ ބޮޑެތި
ބިންތައް އެވަނީ އިސްތިޢުމާރު ކުރެވިފައެވެ. މިފަދަ ވަގުތެއްގައި
އެތަންތަނަށް ގޮސް ޖިހާދުކުޅައުމަށް ކުޅަދާނަވެގެންވާ މީހާގެ
މައްޗަށް ޖިހާދުކުރުން ފަރުޟުވެގެންވެއެވެ. މުސްލިމުންގެ ބިންތަކުގެ
ތެރެއިން ބިމެއްގެ ކައިވަތެއްހާ މިންވަރުގެ މައްޗައް ދުޝްމަނުން
ގަދަވެގެންފި ނަމަ އެތަނެއް ޙިމާޔަތްކުރުމަކީ ވާޖިބުވެގެންވާ
ކަމެކެވެ.
މިއަދު
އިސްލާމްދީނާއި މުސްލިމުންގެ ބިންތަކާއި މުސްލިމުން ޙިމާޔަތްކުރާނޭ
ދައުލަތެއް ނެތުމުންނާއި،
ޖިހާދުގެ ވާޖިބު އެއީ އެދައުލަތެއްގެ މަސްއޫލިއްޔަތެއްކަމުގައި
ދެކިގެން އެކަންކުރާ ދައުލަތެއް މިއަދު ނެތެވެ. މިއަދު އިސްލާމީ
އުންމަތުގެ ދިފާޢުގައި ޙަރަކާތްތެރިވަމުންދަނީ ތަފާތު ވިސްނުމާފިކުރު
ގެންގުޅޭ ޖަމާޢަތްތަކެވެ. ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި
ވަސައްލަމްގެ ސުންނަތުގައި ބަޔާންކުރައްވާފައިވާ ހަމަތަކުގެ މަތީގައި
ބިނާކުރެވިފައިވާ ކޮންމެ ޖަމާޢަތަކީ ހަމަ ޞައްޙަ ޖަމާޢަތެވެ.
އެމީހުން ﷲ ކަލިމަފުޅުމަތިވެރިކުރުމަށާއި،
މުސްލިމުންގެ ބިންތަށް މިނިވަންކުރުމަށްޓަކައި ޖިހާދުކުރުމުގެ ނިޔަތް
އޮތް ނަމަ،
މާތް ﷲ އިރާދަކުރެއްވިއްޔާ އެމީހުން އެކުރަނީ ހަމަ ޞައްޙަ
ޖިހާދެކެވެ. އެޖިހާދަކަށް މުސްލިމުން ވާގިވެރިވާންޖެހޭނެއެވެ.
އާދެ!
މިއަދު،
ކުރެވެމުންދާ ހަނގުރާމަތަކުގައި އިސްލާމުންނާ ދެކޮޅަށް އެންމެ
އިސްނަގައިގެން މިކަންކުރާ ބަޔަކީ އެމެރިކާއާއި،
އިސްރާއީލް އެވެ. އަޅުގަނޑުމެން މުސްލިމުން މިބައިމީހުންނާ
ހަނގުރާމަކުރަންޖެހޭނީ އެމީހުން ހިފާފައިވާ ބިންތަކުގައި
މައިދާނުގައި ތިބިމީހުންނާއެވެ. ކަމާނުބެހޭ އެޤައުމުތަކުގެ މަދަނީ
މީހުންނާއި،
އަންހެނުންނާއި ކުޑަކުދީންނަށް ޙަމަލާދެވިގެންނުވާނެއެވެ. ނުވަތަ
އެހެނިހެން ޤައުމުތަކުން،
މިޤައުމުތަކުގެ ރައްޔިތުން ފެނުމުން ޙަމަލާދީ،
އަނިޔާކުރުމަކީ ހުއްދަވާނޭ ކަމެއްނޫނެވެ.
ބަޔަކު
އަޅުގަނޑުމެންނާމެދު އިންޞާފުން ނޫންގޮތަކުން ކަމެއްކުރިޔަސް،
އަޅުގަނޑުމެން އަޅުގަނޑުމެންގެ ދީން އަންގަވާފައިވާ ހަމަތަކުން
އެއްކިބާވެގެންނުވާނެއެވެ.
-ނިމުނީ-
______________________________________________________
ނޯޓް:
މިލިޔުންގެ އަޞްލު ޝާއިޢު ކުރެވިފައިވަނީ ނޫރުލް އިސްލާމް
ވެބްސައިޓްގެ ތިރީގައި މިވާ ލިންކްގައެވެ.
http://noorul-islam.net/beta/noorulislam_view.asp?articleID=182
|