''ﷲ އާއި އެކަލާނގެ ރަސޫލާ ކަމަކާމެދު ވަކި ގޮތެއް ނިޔާކުރައްވާފައި ވަނިކޮށް، އެބައިމީހުންގެ އެކަންތަކުގައި އެނޫންގޮތެއް ޚިޔާރުކުރުމަކީ މުއުމިން ފިރިހެނަކަށްވެސް އަދި މުއުމިން އަންހެނަކަށް ވެސް ހުއްދަވެގެންވާ ކަމެއްނޫނެވެ. ﷲ އަށާއި އެކަލާނގެ ރަސޫލާއަށް އުރެދިއްޖެ މީހާ ހަމަކަށަވަރުން ބަޔާންވެ ފާޅުވެގެންވާ މަގުފުރެދުމަކުން އެމީހަކު މަގުފުރެދިއްޖެއެވެ.'' سورة الأحزاب: 36

 
 

ޗައިނާ ދަތުރު.....

ތަރުޖަމާ: އަޙްމަދު އަސްލަމް

 

    އެއްދުވަހަކު ޢިލްމުވެރިޔަކު އޭނާގެ ބައިވެރިންނާއެކު ދީނީ ނަސޭހަތް ދިނުމަށް ޗައިނާއަށް ދިއައެވެ. މިދަތުރުގައި ދީނީ ނަސޭހަތް ދިނުމަށް ހަމަޖެހިފައިވަނީ ޗައިނާގެ އެކި ކަންކޮޅުތަކުގައި ހުންނަ ހޯލުތަކުގައެވެ. 

    އެމީހުން ތިބޭ ތަނާއި ތަންކޮޅެއް ދުރު ހިސާބެއްގައި ނަސޭހަތްދޭން ހަމަޖެހިފައި އޮތް ދުވަހެއް ކަމުން ކުލީ ކާރެއް ހަމަޖެއްސިއެވެ. ކާރު އައުމާއިއެކު އެންމެން ކާރަށްއަރާ ހަމަޖެހިލާފައި އެމީހުން އެބުނާ ހިސާބަކަށް ދެވޭނީ ކިހާއިރަކުންތޯ ޑުރައިވަރާއި ސުވާލު ކޮށްލިއެވެ.

     "ގާތްގަނޑަކަށް ދެ ގަޑިއިރު ތެރޭ ހީވަނީ ދެވިދާނެހެން" ޑުރައިވަރު ލަފާކޮށްލާފައި ބުންޏެވެ.

          "އަހަރެމެން މިވަގުތުކޮޅު ކޮންމެހެން ހުސްކޮށް ތިބެގެން ކަމަކުނުދާނެ! ޢިލްމުވެރިންނަކީ ﷲ ސުބުހާނަހޫ ވަތަޢާލާ، އެކަލާނގެ ދީން އެހެންމީހުނަށް ދަސްކޮށްދީ އޮޅުންފިލުވައި ދިނުމަށް ކަނޑައަޅުއްވާފައިވާ ބައެއް. އަހަރެމެންގެ މަސްއޫލިއްޔަތެއް މިޑުރައިވަރަށް އިސްލާމްދީނުގެ ދަޢުވަތު ދިނުމަކީ، އެހެންނޫނީ މިކާރަށް އަރާ ކާފަރުންނެކޭ އަހަރެމެންނެކޭ އެއްވެސް ތަފާތެއް ނެތް؟" ޑުރައިވަރަށް ނޭނގޭނެ ކަހަލަ ގޮތަކަށް ޝެއިޚު އޭނާގެ ބައިވެރިންނާއި ދިމާއަށް އެނބުރިލާފައި ބުންޏެވެ.

    ޝެއިޚު މަޑުމައިތިރިކަމާއިއެކު ޑުރައިވަރާއި ވާހަކަ ދައްކަންފެށިއެވެ. "ކަލޭ އެއްވެސް ދީނެއް ޤަބޫލުކުރަންތަ؟" "ނޫން! އަހަރެން އެއްވެސް ދީނެއް ޤަބޫލެއް ނުކުރަން. އަހަރެން ހެނދުނު ހޭލައިގެން ނުކުންނަނީ ލާރިހޯދުމަށް މަސައްކަތްކުރަން. ދެން ދުވަސް ނިމުމުން އަހަރެންނަށް ލިބުނު ލާރިކޮޅު އެއްކޮއްލާފައި ގެއަށް ބޭނުންވާ ސާމާނުކޮޅު ގަނެލައިގެން ގެއަށް ދަނީ. އަހަރެން ކޮން ކަމަކަށް ދީނެއް ބޭނުންވަނީ؟" ޑުރައިވަރު ބުންޏެވެ.

          "ކަލޭ ދުވަހަކު ވެސް އިސްލާމް ކިޔާ ދީނެއްގެ އަޑު އެހިންތަ؟" ޝެއިޚު ބުންޏެވެ. "އެހާ ބޮޑަކަށް ނާހަން، ތަންކޮޅެއްކުރިން އަހަރެނަށް ފެނުން ވީޑިއޯއެއްގައި އަޑުއެހިން ތިބުނާބަޔަކީ ވަރަށް ލޭ އޮހޮރުވުން ގިނަ ބައެކޭބުނާ އަޑު، މިއަށްވުރެން ބޮޑަކަށް ނޭނގޭ." ޑުރައިވަރު ބުންޏެވެ.

          "ތިހެން ވިއްޔާ ބުނެބަލަ، ކަލޭ ދަންނަ ގޮތުގައި ކޮމްޕިއުޓަރަކީ ކޯޗެއް؟ ޝެއިޚު އެހިއެވެ. "އަހަރެންނަށް ހީވަނީ އެއީ އަދި މިހާތަނަށް އީޖާދު ކުރި އެންމެ މޮޅު މެޝިންހެން، އަދި އެޔަކީ އެހާ ބޭނުންތެރި މުހިންމުވެސް އެއްޗެއް" ޑުރައިވަރު ބުންޏެވެ.

          "ތިހެންވިއްޔާ ބުނެބަލަ، ކަލެއަށް ހީވަނީ އެއީ އަމިއްލައަށް އުފެދުން އެއްޗެއް ހެންތަ، ނޫނީ ކޮންމެވެސް މީހަކު އުފެއްދިއެއްޗެއް ހެންތަ؟" ޝެއިޚު އަނެއްކާވެސް ސުވާލު ކުރިއެވެ. "ކިހިނެއް އޭތި އެކަނި އުފެދޭނީ އަހަރެންނަށް ޔަގީން އެއީ ހަމަ ކޮންމެވެސް މޮޅުމީހަކު އުފެއްދި އެއްޗެއްކަން." ޑުރައިވަރު ބުންޏެވެ.

          "އިންސާނުންނާއި ކޮމްޕިއުޓަރާއި ތެރެއިން ކޯޗެއް މޮޅުވެފައި ފުރިހަމަވާނީ؟" ޝެއިޚު އެއްސެވެ. "އެއްވެސް ޝައްކެއްނެތް އިންސާނުން" ޑުރައިވަރު ޖަވާބުދިނެވެ.

          "މައްސަލައެއް ނެތް ކޮމްޕިއުޓަރު އުފެއްދީ އިންސާނުން، އަދި އިންސާނުންނަކީ ކޮމްޕިއުޓަރަކަށް ވުރެންވެސް މޮޅު ފުރިހަމަ އެއްޗަކަށް ވާއިރު އިންސާނުންވެސް އުފެދިފައިވަނީ އެކަންޏެއް ނޫން އަދި އިންސާނުން ހައްދަވާފައިވަނީ ކޮންމެވެސް ފަރާތަކުންކަން ކަށަވަރު." ޝެއިޚު ބުންޏެވެ. "އާނ!" ޑުރައިވަރު ބުންޏެވެ.

          "އިސްލާމްދީނުގައި އަހަރެމެން މުސްލިމުން މިޤަބޫލުކުރަނީ ހުރިހާ އެއްޗެއްވެސް ހެއްދެވީ ﷲ ކަމުގައި. ރަނގަޅު އަދި ކުރިއަށް ވިސްނާލަބަލަ، ހިތަށް ގެނެސްބަލަ ކަލެއަކީ ދުވަހަކުވެސް ކޮމްޕިއުޓަރެއް ލޮލަށް ނުފެންނަ އަދި އޭގެ ވާހަކަ އަޑުވެސް ނާހާ މީހެއްކަމަށް، ދެން އަހަރެން ކަލޭގެ އަތަށް ކޮމްޕިއުޓަރެއް ދީފައި މީތި ބޭނުން ކުރާށޭ ބުނީމައި އެނގޭނެތަ އެމެޝިނާ ކުޅެން؟ ޝެއިޚު ބުންޏެވެ. "ނޫނ! ނޭނގޭނެ" ޑުރައިވަރު ބުންޏެވެ.

          "ދެން މިސާލަކަށް އަހަރެން މިދިނީ ކޮމްޕިއުޓަރު ބޭނުންކުރާނެ ގޮތުގެ ފޮތެއް، ކަލޭގެ އަތަށް އޭރުން އެކޮމްޕިއުޓަރު އެންމެ ފުރިހަމައަށް ބޭނުންކުރަން އެނގޭނެތަ؟ ޝެއިޚު ސުވާލުކުރިއެވެ. "އާނ! އޭރުން އެނގިދާނެ ކުޑަކޮށް ބޭނުން ކުރަން، އެކަމަކު އެންމެ ފުރިހަމައަށް ބޭނުންކުރާކަށް ނޭނގޭނެ" ޑުރައިވަރު ބުންޏެވެ.

          އިސްލާމް ދީނުގައި އަހަރެމެން ބަލަނީ ޤުރުއާނަކީ އިންސާނުން ދުނިޔޭގައި ދިރިއުޅެންވީ ގޮތް ބަޔާން ކޮށްފައިވާ ފޮތްކަމަށް. މިފޮތުގައިވާ ގޮތާއި ޚިލާފަށް އުޅެން ވެއްޖެއްޔާ އެބަޔަކު ހަލާކުވެދާނެ، ހަމައެގޮތަށް ކޮމްޕިއުޓަރުވެސް އެމެޝިން ބޭނުންކުރަން އޮންނަ ގޮތްނޫން އެހެން ގޮތަކަށް ބޭނުން ކޮށްފިއްޔާ އޭތީގައި މައްސަލަތައްޖެހި ހަލާކުވެދާނެ، މިގޮތުން ކޮމްޕިއުޓަރުވެސް ބޭނުންކުރަން ޖެހޭނީ އެމެޝިން ބޭނުންކުރާނޭ ގޮތް ލިޔެވިފައިވާ ފޮތާ އެއްގޮތަށް، އެފޮތާއި އެއްގޮތަށް އެބޭނުންކުރާނޭ ފުރިހަމަ ގޮތް ކިޔައިދޭން އެނގޭނީ އެކަމުގެ ޚާއްސަ އިންޖިނޭރުންނަށް. މިގޮތުގެ މަތީން އެކި ޖީލުތަކާއި ހަމައަށް ކޮންމެ ޢިލްމެއް ވެސް އަންނަނީ އެކަމެއްގެ މޭސްތިރިންގެ ކިބައިން ނަގުލުވަމުން.

    ހަމަ މިފަދައިން ﷲ ސުބުޙާނަހޫ ވަތަޢާލާގެ ކަލާމްފުޅު ކަމުގައިވާ ޤުރުއާނާއި އެކަލާނގެ ރަސޫލާގެ ބަސްފުޅުތައް މިއަންނަނީ މިގޮތުގެމަތިން ދައުރުވަމުން، ސުބުޙާނަހޫ ވަތަޢާލާ އިންސާނުން ހައްދަވާފައި، އުޅެންވީގޮތް ޤުރުއާނުގައި ބަޔާންކުރައްވާފައި ރަސޫލުބޭކަލުން ފޮނުއްވީ އެކަލާނގެ ބަސްފުޅުތަކުގެ އަލީގައި މީސްތަކުންނަށް ދިރިއުޅުން ބައްޓަން ކުރަންވީގޮތް ބަޔާންކޮއްދެއްވުމަށް" ޝެއިޚު މަޑުމައިތިރިކަމާއި ޝައުގުވެރިކަމާ އެކު ކިޔައިދެމުން ދިޔައެވެ.

    މިހާ ހިސާބަށް ދެމީހުންގެ ވާހަކަ ދިޔަތަނާ މިމީހުންގެ މަންޒިލާއި ހަމައަށް އާދެވިއްޖެއެވެ. ޝެއިޚަށް އެވަގުތު ފެނުނީ ޑުރައިވަރުގެ ދެލޮލުން ކަރުނަ ފައިބަމުން ދިޔަތަނެވެ. ޝެއިޚުގެ އެބަސްތަކުން ޑުރައިވަރުގެ ހިތަށް ވަނީ ވަރަށް ފުން އަސަރުތަކެއް ކޮށްފައެވެ. މިއީ އަދި މީގެކުރިން ޑުރައިވަރު އަޑުއަހައިފައިވާ ކަހަލަ ވާހަކަތަކެއްނޫނެވެ.

    "އަހަރެން ވަރަށް ޝައުގުވެރިވެއްޖެ ތިޔަ ވާހަކަތައް އަޑުއަހަން، ބުރަކަމަކަށް ނުވަންޏާ އަހަރެން އެދެނީ އަހަރެންގެ ކައިރީގައި ކަލޭމެން އަދި ފަނަރަ ވަރަކަށް މިނިޓު، ތިޔަ ދީނުގެ ވާހަކަ ދައްކަން މަޑުކޮއްލަދިނިއްޔާ" ޑުރައިވަރު އަސަރާއިއެކު ބުންޏެވެ.

    ޝެއިޚު އޭނާގެ އެދުން އުފަލާއި އެކު ޤަބޫލު ކުރިއެވެ. އަދި އިސްލާމްދީނުގެ ކަންތައްތައް އޭނާއަށް ކިޔާދިނެވެ. އޭނާ ވަރަށް ޝައުގުވެރިކަމާއިއެކު އަޑުއަހަމުން، ސުވާލުތައް ކުރަމުން ގެންދިއައެވެ. ޑުރައިވަރުގެ ހިތުގައިވަނީ ވަރަށް އާދަޔާ ޚިލާފު އިހުސާސްތަކެކެވެ.

          "އަހަރެން ބޭނުން ތިޔަ ދީނަށް ވަންނަން، ކިހިނެއް އަހަރެން ހަދަންވީ؟" ޑުރައިވަރު ބުންޏެވެ. "ﷲ ފިޔަވާ ހައްޤުގޮތުގައި އަޅުކަންވެވޭ އެހެން އިލާހެއް ނުވާކަމަށާއި އަދި މުޙައްމަދުގެފާނަކީ އެކަލާނގެ ރަސޫލާކަމަށް އަޅު ހެކިވަމެވެ. މިހެން ދުލުންކިޔާ ހިތުގެ އަޑިން ޤަބޫލުކުރުމުން އެ އަހަރެމެންގެ ދީނަށް ވަދެވުނީ" ޝެއިޚު ބުންޏެވެ.

    މިވަގުތުން ފެށިގެން ޑުރައިވަރު އިސްލާމް ވެއްޖެއެވެ. ޝެއިޚާއި އޭނާގެ ބައިވެރިން މިޑުރައިވަރަށް ހިދާޔަތް ދެއްވިކަމަށްޓަކައި ﷲ އަށް ޝުކުރުކުރިއެވެ.

-ނިމުނީ-

dheenee-news@hotmail.com

blog stats

 
 
 
 
 
 
 
 

 

 
 
މިސައިޓްގައިވާ ލިޔުންތައް އެއްވެސް އުނިއިތުރު ކުރުމެއްނެތި ބޭނުން ކުރުމަކީ ކޮންމެ މުސްލިމަކަށްވެސް ލިބިގެންވާ ޙައްޤެކެވެ. ©1428 (2007) - 1429 (2008)