|
ފަސްމިލިޔަން ރުފިޔާ ދޭންވާނެ،
ހުރިހާ ނިޢުމަތެއް ލިބެންވާނެ،
އެހެނަސް....
ލިޔުނީ: ނަބީލް

ކުންފުންޏަކުން އަލަށް ވަޒީފާ ދިން މީހަކާއި އެކުންފުނީގެ މެނޭޖަރ
ބައްދަލުކުރިއެވެ. އެއަށް ފަހު ވަޒީފާއާ ބެހޭ އިތުރު މަޢުލޫމާތު
ދިނެވެ.
"ކުރިންވެސް އެނގިފައިވާނޭ ފަދައިން މި ވަޒީފާގައި ކުރަން މިޖެހެނީ
ދާދި މަދު ކަމެއް،
އެހެން ނަމަވެސް މުސާރަ މަހަކު ފަސް މިލިޔަން،
މިއީ ވަރަށް ބޮޑު ޢަދަދެއް،
އަނެއް ކަމަކީ މި ކުންފުނީގެ ބައްދަލުވުންތަކަށް ގަވައިދުން
ހާޒިރުވާންވާނެ."
ވަޒީފާ
ލިބުނު ފަރާތުން ޖަވާބުދިނެވެ.
"މި ވަޒީފާއާ ދޭތެރޭ ވަރަށް ހިތްހަމަޖެހޭ،
ވަރަށް އުފާވެއްޖެ،
މިހާ މުސާރަ ރަނގަޅު ވަޒީފާއެއް ލިބުނީތީ،
އެކަމަކު ވެސް މިވަޒީފާގައި ކުރަން ޖެހޭ އެއްވެސް ކަމެއް
އަހަންނަކަށް ނުއެއް ކުރެވޭނެ،
އަދި އެއްވެސް ބައްދަލުވުމަކަށް ވެސް މަށަކަށް ހާޒިރެއް ނުވެވޭނެ،
އެހެން ނަމަވެސް ތިޔަ ވަޒީފާގެ މުސާރައަށްވާ ފަސް މިލިޔަން ރުފިޔާ
ކޮންމެ މަހަކު ވެސް ބަރާބަރަށް މަށަށް ދޭންވާނެ."
ތިބާގެ
ނަޒަރުގައި އޭނާ އެގޮވި ކޮހަަކީ ގަބޫލުކުރެވިދާނެ އެއްޗެއްހެއްޔެވެ؟
އަހަރެމެންގެ ތެރޭގައި އޭނާ އަށް ވުރެ މޮޔަ ކިތައް މީހުން އުޅޭ
ބާވައޭ ހިތަށް އަރައެވެ.
މާތް ﷲ އަހަރެމެންނަށް ދެއްވާފައިވާ ގިނަ ގުނަ ނިޢުމަތްތަކުގެ
ތެރެއިން ހަމައެކަނި އަހަަރެމެންގެ ފަސް ހިއްސުގެ ތެރެއިން އެންމެ
ނިޢުމަތަކީ ވެސް ފަސްމިލިޔަން ރުފިޔާއާ އަޅާ ކިޔޭނެ އެއްޗެއް ނޫނެވެ.
ނަމަވެސް
އަހަރެމެންނަށް
ދުވާލާއި ރޭގަނޑުގެ ވަގުތުތަކުގައި ދަޢުވަތު ދެވިދެވި އޮންނަ އެންމެ
ދިހަވަރަކަށް މިނިޓްގެ ފަސް ބައްދަލުވުމަށް ހާޒިރުވުމީ ނުވާނޭ ކަމެއް
ކަމުގައި އަހަރެމެން ދެކެމެވެ. އެކަލާނގެ އަމުރުކުރެއްވި ކަންކަން
ކުރުމަށް އަހަރެމެން ކަންނެތް ވަމުއެވެ. އެހެން ނަމަވެސް އެކަލާނގެ
ނިޢުމަތުގެ ތެރެއިން ހަމަ އެންމެ ނިޢުމަތެއް ހިނދުކޮޅަކަށް ބީވިޔަސް
އަބަދުމެ ޝަކުވާ ގޮވަމުއެވެ.
ޙަޤީޤަތަކީ އިންސާނަކު ވިހޭއްސުރެ މަރުވަންދެން ސަޖިދައިގައި
ކަލާނގެއަށް ޛިކުރުކޮށްކޮށް އޮތްކަމުގައި ވީނަމަވެސް އެކަލާނގެއަށް
ޙައްޤު ޝުކުރާއި އަޅުކަން އަދާކުރެވުނުކަމުގައި ނުވާނެއެވެ. އަދި
ޙަޔާތް ހުސްވަންދެން ގުނާ އަދަދު ކުރަން އުޅުނު ކަމުގައި ވީނަމަވެސް
އެކަލާނގެ ދެއްވާފައި މިވާ ގިނަގުނަ ނިޢުމަތްތައް ގުނާ ޢަދަދެއް
ނުމެކުރެވޭނެއެވެ.
ވީއިރު މި
ހުރިހާ ނިޢުމަތްތަކެއްގެ ބޭނުންކުރަމުން ނަމާދަަކަށް އެރުމެއް ނެތި،
ހަރާމެއް ހަލާލެއް ބެލުމެއް ނެތި އުޅެވޭ ކަމީ ކުޑަ ވަގުތުކޮޅެއްގައި
އެކަހަރީ އިނދެގެން ނަމަވެސް ވިސްނާލުން އެންމެ އެދެވިގެންވާ
ކަންތަކެވެ.
-ނިމުނީ- |