|
ޒިނޭއިން ސަލާމަތްވީ ކިހިނެއް؟
ލިޔުނީ: އަބޫ ޙަނީން

ޢިބުރަތްތެރި ވާހަކައެއްގައި ވެއެވެ. އަޅުވެރިޔެކެވެ. މިސްކިތަށް
އަރައި ﷲ އަށް އަޅުކަންކުރުމުގައި އިޚްލާޞްތެރިކަމާއެކު އޭނާގެ
ވަގުތުތައް ހޭދަކުރާ މީހެކެވެ. ރޭގަނޑުގެ ނިދީން އެހެންމީހުން އަރާމު
ލިބިގަންނަމުންދާއިރު އެނިދި ނަގާލާފައި ﷲ އަށްޓަކައި ޤާއިމްވެ
ހުންނަ މީހެކެވެ. އެއްދުވަހެއްގައި މިމީހާ މިސްކިތުގައި އިންދައި
އަންހެނަކު އަތުވެއްޖެއެވެ. އަސާގަނޑެއް ހިފައިގެން ހުރި
އަންހެނެކެވެ. ފެންނަ ފެނުމުގައި މުސްކުޅިއެކެވެ. އަންހެންމީހާ
އަޅުވެރިޔާ ކައިރިން އެދުނީ އޭނާ ގެޔަށް ދިޔުމަށްޓަކައި
އެހީތެރިވެދިނުމަށެވެ. އަޅުވެރިޔާގެ ހިތަށް ހަމްދަރުދީ ވަދެ
މިއަންހެންމީހާ އޭނާގެ ގެއަށް ދިޔުމަށްޓަކައި އެހީތެރިވެދީފިއެވެ.
ގޭތެރެއަށް ވަނުމާއެކު މިއަންހެން މީހާ،
އަވަސް އަވަހަށް ދޮރު ލައްޕާ ތަޅުލިއެވެ. އަދި ތަޅުދަނޑި ނެގިއެވެ.
އަސާގަނޑު އެއްލާލިއެވެ. އޭނާގެ ޙިޖާބު ނެގިއެވެ. އޭނާއަކީ
މުސްކުޅިއެއްވެސް ނޫނެވެ. އިސާހިތަކު އަންހެންމީހާގެ ޒީނަތްތެރިކަން
އަޅުވެރިޔާގެ ކުރިމަތީގައި އެއްވެސް ޖެހިލުމެއްނެތި
ފައުޅުކޮށްލައިފިއެވެ. ރީތި އަންހެނެކެވެ. އެހާމެ މީރުވަސް ދުވާ
އަތަރެއް ބޭނުންކޮށްފައި ވެއެވެ. އަންހެން މީހާ ބުންޏެވެ.
"އަހަރެންގެ ކައިރިއަށް އަންނާށެވެ." ފައުޅުގައި ފާޙިޝްކަންތަކަށް
ދަޢުވަތުދީފިއެވެ. އަޅުވެރިޔާ އިސްދަށަށް ޖަހައިގެން ހުރެ މަޑުމަޑުން
ކިޔެވެ. "އަޢޫޛު ބިﷲ އެވެ."
ކުޑަކޮށް ވިސްނާލަން ހުރެފައި އަޅުވެރިޔާ އަންހެންމީހާ ކައިރީ
ބުންޏެވެ. "އަހަރެން އަދި މިހުރީ ފެންވެސް ނުވަރައެވެ. ފާޚާނާއަށް
ގޮސްލައި މޫނު ދޮވެލައި ތާޒާ ވެލައިގެން އައުން ކިހިނެއްވާނެ
ހެއްޔެވެ؟"
އަންހެން މީހާ ވަރަށް އުފަލުން ހުރެ އަވަހަށް ފާޚާނާއަށް ވަންނާށޭ
ބުނެފިއެވެ.
އަޅުވެރިޔާ ފާޚާނާއަށް ވަދެފައި ފާޚާނާކުރުމަށްފަހު ނުކުތީ އޭނާގެ
ބޮލުގަޔާއި ގައިގައި ނަޖިސް އުނގުޅައިގެންނެވެ. ވަރަށް ނުބައިވަސް
ދުވައެވެ. ހަމަ ނުކުތުމާއެކު މި އަންހެންމީހާ "އައްޗި އައްޗީ" އޭ
ކިޔައިގެންފައި މިހާރު ނުކުންނާށޭ ކިޔައި ދޮރު ހުޅުވައި އަޅުވެރިޔާ
ނުކުތުމަށް މަގުދައްކައިފިއެވެ.
އޭނާ
އެބޮޑު ފާފައިން ސަލާމަތްވެއްޖެނަމަ ސުވަރުގޭގައި އޭނާއަށްޓަކައި
ތިބި ޙޫރުލްޢީނުންގެ މަތީން އޭނާ ހަނދާންކުރިއެވެ. އަދި އޭނާގެ
ޢަމަލުތައް ﷲ ބައްލަވާވޮޑިގެންވާ ކަމާއި އެ ޢަމަލުތައް
މަލާއިކަތްބޭކަލުން ލިޔުއްވަމުން ގެންދަވާކަން އޭނާ އަށް އެނގެއެވެ.
ދުނިޔެމަތީގައި މިފަދަ ގޮތަކަށް ނަމަވެސް އެފަދަ އިމްތިޙާނަކުން
ފާސްވިކަމަށްޓަކައި އޭނާ ﷲ އަށް ޙަމްދުކުރިއެވެ.
ދުވަސްކޮޅަކުން މިއަޅުވެރިޔާއަށް މުޙައްމަދުލް މިސްކީ އޭ،
ކިޔާ އެރަށުގެ މީހުން ނަންދީފިއެވެ. އޭގެ ސަބަބަކީ އޭނާގެ ގައިން
މަޑުމަޑު މީރު ވަހެއް ދުވުމެވެ. ﷲ ގެ ހުސްތާހިރުވަންތަކަމާއެވެ.
އަހަރެމެން އަންހެންކުދީންނާއި ފިރިހެންކުދީންނާއި ހުއްދަ
ނޫންގޮތުގައި އެކަނިވާ ހިނދު އަހަރެމެންގެ ޢަމަލުތައް މަލާއިކަތް
ބޭކަލުން ލިޔުއްވަމުން ގެންދަވާކަން ހަނދާން ހުރޭބާއެވެ؟
ނުވަތަ ﷲ ސުބުޙާނަހޫ ވަތަޢާލާ އަހަރެމެން އެ ކުރާކަންތައްތައް
ދެނެވޮޑިގެންވާކަން އަހަރެމެން ޤަބޫލުކުރޭބާއެވެ؟
ޤަބޫލުކުރާނަމަ އަހަރެމެން ޒިނޭ ކުރާނެހެއްޔެވެ؟
ތިބާއަށް ރިޒުޤުދެއްވާ ފަރާތުން އަދި ހުރިހާ ގުނަވަންތަކެއް ދެއްވި
ފަރާތުން ބައްލަވާވޮޑިގަންނަވާ ޙާލު އެއިލާހު ކައިރުނުވާށޭ
ވަޙީކުރައްވާފައިވާ ކަމަކާ ތިބާ ތިޔަ ކައިރިވަނީ އެ އިލާހަށް
ގޮންޖެހުމަށް ނޫން ދެން އެހެން ކޮން ކަމަކަށް ހެއްޔެވެ؟
އޭ
ކައިވެނި ނުކުރާ މީހާއެވެ؟
ތިބާ ކައިވެނި ނުކޮށް ތިޔަ ހޭދަކުރާ ދުވަސްތަކުގައި އޭނާގެ ކިބައިން
އުފާ ތިޔަ ލިބިގަންނަނީ އެއީ ކާރެއް ގަތުމުގެ ކުރީން ޓެސްޓަށް
ދުއްވަންތޯއެވެ¿
އެކާރު އެކްސިޑެންޓްވެސް ވެދާނެއެވެ! ނުވަތަ ހަލާކުވެސް ވެދާނެއެވެ.
ވިސްނާށެވެ.
ޠާހިރުވެގެންވާ،
ކުޑަކަމުނުދާ،
ބޮޑުކަމުނުދާ،
ޙައިޟުނުވާ،
އަދި ނިފާސްވެރިވެސް ނުވާ،
އަބަދުވެސް ބިކުރުވެރިކަމުގައި ދެމިތިބޭ،
ލޮލުގެ ކޮއިގެ ކަޅުކަންގަދަ،
ލޮލުގެ ހުދުބައިގެ ހުދުކަންގަދަ،
އެސްފިޔަތައް ދިގު އަދި ކަޅުކަންގަދަ،
ބޮލުގެ އިސްތަށިގަނޑު ރޭގަނޑުފަދަ،
މޫނު މުތްފަދަ،
މޫނުގެ އަލިކަން އިރުގެ އަލިކަމަށްވުރެ އަލި،
ތިބާނޫން އެހެން ފިރިހެނަކާ ދިމާއަށް ނަޒަރުވެސް ނުހިންގާ،
ޢިއްފަތްތެރި އަންހެންކުދީން ތިބާއަށް ލިބެން އޮއްވައި އެފުރުޞަތު
ތިޔަ ނަގާލަނީ މިދުނިޔޭގައި މިތިބަ "އުނި" އަންހެންކުދީންނަށްޓަކައި
ހެއްޔެވެ؟
އެހެންވެއްޖެނަމަ ތިބާއީ ބުއްދިވެރިއެއް ހެއްޔެވެ؟
ބުއްދިވެރިންނޭ މިކިޔަނީ ބުއްދި ހުންނަ މީހުންނަށެވެ. ވިސްނުން
ހުންނަ މީހުންނަށެވެ. އެއީ ރަނގަޅުތަކެއްޗާއި ނުރަނގަޅުތަކެތި
ވަކިކުރަން އެނގޭ މީހުންނެވެ. އެއީ ރަނގަޅު ތަކެއްޗަށް އިންތިޒާރު
ކުރާ ކުރުމުގައި ރަނގަޅު ތަކެތި ބޭނުންކުރުމަށް ހުރަސްއެޅޭ ނުރަނގަޅު
ތަކެތީން ރައްކާތެރިވާ މީހުންނެވެ.
-ނިމުނީ- |