|
ދޫކޮށްލެވިފައިވާ ދަރިއެއްގެ ވޭނީ އިޙްސާސްތައް.
ލިޔުނީ: އަޙްމަދު
ރިމާޒް

އޭ ލޯބިވާ މަންމައާއި ބައްޕާއެވެ!
އޭ އަހަރެންގެ ލޮލުގެ ފިނިކަން ކަމުގައިވާ މަންމާއެވެ!
އޭ
އަހަރެންގެ ހިތުގެ ވިންދު ކަމުގައިވާ ބައްޕާއެވެ!
އަހަރެން މިސިޓީ ލިޔުމުގެ ކުރިން ވަރަށް ވިސްނީމެވެ.
މިސިޓީ
ލިޔަން ވަރަށް ފަސްޖެހުނީމެވެ. ސަބަބަކީ މަންމައާއި
ބައްޕައަށްޓަކައި އަހަރެންގެހިތުގައިވާ މަތިވެރި ދަރަޖައެވެ. ތިޔަ
ދެމައިންނަށްޓަކައި އަހަރެންގެ ހިތުގައިވާ އިޙްތިރާމެވެ.
އެކަމަކު،
ވަޤުތު ފާއިތުވަނީއެވެ. ވަޤުތު ފާއިތުވުމުގެ ކުރިން މަންމަމެންނަށް
އަހަރެންގެ ހިތުގައިމިވާ ކެކުޅުންތައް ބަޔާންކުރަން ބޭނުމެވެ.
އަހަރެން މިދުނިޔެއަށް އުފަންވި ދުވަހަކީ މަންމައާއި ބައްޕަ އެންމެ
އުފާވި ދުވަސްކަން އަހަރެންނަށް އެނގެއެވެ. މަންމަމެން އެދުވަހު ވީ
އުފަލުން ލޮލޮން އުފާވެރިކަމުގެ ކަރުނަ އޮހޮރިގެން ދިޔައެވެ.
އެންމެ
ރީތި ހެދުންތަކާއި ކުޅޭ ސާމާނު އަހަރެންނަށް ގަނެދިނެވެ.
އެއަށްފަހު އެންމެ މަތިވެރި ތަރުބިއްޔަތަކުން އަހަރެން ތަރުބިއްޔަތު
ކުރީމުއެވެ.
އަދި
އެންމެ މަތިވެރިވެގެންވާ ރީތި އަޚްލާޤީ ސިފަތަކުން އަހަރެން
ޒީނަތްތެރި ކުރުވީމުއެވެ.
ﷲ ތިޔަ
ދެމައިންނަށް އެއިލާހުގެ ތަނަވަސް ރަޙްމަތުން ރަޙްމަތްލައްވާށިއެވެ!
އަދި ގިނަގުނަވެގެންވާ ޘަވާބާއި ދަރުމަ ދެއްވާށިއެވެ!
ދުނިޔެއާއި އާޚިރަތުގައި ތި ދެމައިންގެ ޤަދަރު އުފުއްލަވާށިއެވެ!
އަދި ތި
ދެމައިން ސުވަރުގޭގެ އެންމެ މަތީ ފިރްދައުސްގައި ލައްވާށިއެވެ!
އެކަމަކު މަންމަމެންގެ ވަޒީފާއާއި ހުރެ މަންމަމެންގެ ލޯތްބާއި
އަޅާލުމާއި އެހީތެރިކަމުން ފަހުން މަޙްރޫމްވިއެވެ.
އަހަރެންގެ ޙާލުބަލާލާނެ ވަޤުތެއް މަންމަމެންނަކަށް ނުވެއެވެ.
އަހަރެންގެ ސްކޫލުގެ ކިޔެވުމާއި ބެހޭގޮތުން ސުވާލުކޮށްލާނެ ވަޤުތެއް
މަންމަމެންނަކަށް ނުވެއެވެ.
އަހަރެންގެ ރައްޓެހިންނަކީ ކޮންކަހަލަ ބައެއްކަމެއް މަންމަމެން
ނުބަލަމުއެވެ.
އަހަރެން ގެއިން ބޭރަށްދަނީ ކީއްކުރަންކަމާއި ގެއަށް އެނބުރި
އަންނަނީ ކޮންއިރަކުކަން މަންމަމެން ނުބަލަމުއެވެ.
އަހަރެންގެ ސުކޫލް ފޮތްތަކާއި،
ރިޕޯޓްފޮތްވެސް ބަލާލާނެ ވަޤުތެއް މަންމަމެންނަކަށް ނުވެއެވެ.
ލޯބިވާ
މަންމައާއި ބައްޕާއެވެ!
އަހަރެން ސްކޫލުދޮށުށް ބަލާ އަންނަ ގޭގެ މަސައްކަތުމީހާ ލަސްވެ،
އެކަނި މާއެކަނި މަގުމަތީ އެތައް އިރަކު ހުންނަކަން މަންމަމެންނަށް
އެނގޭހެއްޔެވެ؟
އެހެންކުދިންގެ މައިންބަފައިން އެކުދިންގެ އަތުގައި ހިފައިގެން
ގެއަށް ގެންދާ މަންޒަރު އަހަރެންނަށް ފެނުމުން އެގޮތަށް
އަހަރެންނާމެދު މަންމަމެން ކަންތައްކުރަން އަހަރެންވެސް ބޭނުންވާކަން
މަންމަމެންނަށް އެނގޭހެއްޔެވެ؟
ސްކޫލުގެ ބައެއްފިލާވަޅުތައް އަހަރެންނަކަށް ދޭހައެއްނުވެއެވެ. އަދި
ބައެއް ތަމްރީނުތައް އަމިއްލައަށް ހަދާކަށް އަހަރެންނަކަށް
ނޭނގެއެވެ.
މިކަންތަކާ ހުރެ ކުލާހުގައި އަހަރެންނަށް އަދަބުދެވެނީ
ކިހާވަރަކަށްކަން މަންމަމެންނަށް އެނގޭހެއްޔެވެ؟
ކޮންމެ
ދުވަހަކު ކުލާހުގައި ހުރިހާ ކުދިންގެ ކުރިމަތީގައި މުދައްރިސުން
އަހަރެންނާ ސުވާލުކުރެއެވެ.
އަހަރެން ފިލާވަޅުތައް ނުހަދާއަންނާތީއެވެ.
ސުވާލުތަކަށް ޖަވާބު ނުދެވޭތީއެވެ.
މުދައްރިސުން އަހަރެންގެ މަންމައާއި ބައްޕަކޮބާހޭ ސުވާލުކުރެއެވެ.
މަންމަމެން އަހަރެންނަށް އެހީތެރިނުވަނީ،
އަހަރެންގެ ފޮތްތައް ނުބަލަނީ ކީއްވެހޭ ސުވާލުކުރެއެވެ.
ހުރިހާ
ކުދިންގެ ކުރިމަތީގައި މިގޮތަށް ކަންތައް ވާ ކޮންމެ ހިނދަކު
އަހަރެންގެ ހިތް ކުދިކުދި ވެގެންދެއެވެ.
އަހަރެންނަށް ގިސްލާރޮވެއެވެ.
މަންމަމެންނަށް އަޅެފަހެ މިކަން އެނގޭހެއްޔެވެ.
ސްކޫލަށް ގަޑިޖެހިގެންދާތީ ސުޕަވައިޒަރުން އަހަރެންނާ ސުވާލުކުރެއެވެ؟
އެހެންކުދިން އިންޓަވަލް ކުރަން އެއްޗެހި ގެންނައިރު އަހަރެން
އިންޓަވަލް ކުރަން އެއްޗެއް ނުގެންދާކަން މަންމަމެންނަށް
އެނގޭހެއްޔެވެ؟
އަހަރެން ކިޔަވަނީ ކޮން ކުލާހެއްގައިކަމާއި،
ކޮން ގްރޭޑެއްގައިކަން މަންމަމެންނަށް އަޅެ އެނގޭހެއްޔެވެ؟
އަހަރެންގެ ރައްޓެހިން އަހަރެން ކައިރީގައި ބުނެއެވެ. އެކުދިންގެ
މަންމަމެންނާއެކު ފިލާވަޅުތައް މުރާޖަޢާ ކުރާވާހަކައެވެ. އަދި
އަހަރެންގެ ކައިރިން މަންމަމެންނާއެކު ފިލާވަޅުތައް މުރާޖަޢާ
ކުރަންހޭ އެކުދިން ސުވާލުކުރެއެވެ؟
ލޯބިވާ
މަންމައާއި ބައްޕާއެވެ! އެފަދަ ވަޤުތުތަކުގައި އަހަރެން ވަރަށް
ދެރަވެއެވެ. އެކަމަކު މަންމަމެންގެ ޤަދަރާއި އިޙްތިރާމް އެކުދިންގެ
ކުރިމަތީ ގެއްލި،
މަންމަމެންނަށް މަލާމާތްކޮށް އިހާނެތި ބަހެއްބުނެފާނެކަމަށްޓަކައި
އަހަރެން ދޮގުހަދަމެވެ. އަހަރެންވެސް މަންމަމެންނާއެކު ފިލާވަޅުތައް
މުރާޖަޢަކުރީމެވެ.
އާއެކެވެ.......މަންމަމެންނަށްޓަކައި އަހަރެން އެކުދިން ކުރިމަތީގައި
ދޮގުހަދަމެވެ.
މަންމަމެންދެކެ އަހަރެންވާ ލޯތްބެއްގެ ސަބަބުންނެވެ. މަންމަމެން
ފަޟީހަތްވެދާނެތީ އަހަރެން މިއުޅެންޖެހޭ ޙާލު މަންމަމެންނަށް
އެނގޭހެއްޔެވެ؟
ފާއިތުވެގެން މިދިޔަ އަހަރުތަކުގައި އަހަރެން ކުރަމުން މިއައި
ހިތާމައާއި އިޙްސާސްކުރަމުންމިދާ ހިތްދަތިކަމުގެ ސަބަބުން ހިތްމިވަނީ
ހަލާކުވާން ކައިރިވެފައެވެ. އަހަރެންގެ އަޑު މިވަނީ ކުރަކި ވެފައެވެ.
އަހަރެން ބޭނުންވަނީ ހަމައެކަނި ކާނެތަކެއްޗާއި ލާނެ އަންނައުނު
ހޯދައިދޭ މައިންބަފައިންނެއް ނޫނެވެ.
އަހަރެން ބޭނުންވަނީ އަހަރެންނަށް އަޅާލާ،
ލޯބިދޭނެ އަދި އަހަރެންގެ އުފަލާއި ހިތާމަތަކުގައި ބައިވެރިވާނެ
މައިންބަފައިންނެވެ.
އަހަރެންނަށް އޯގާތެރިވާ،
ނަޞޭޙަތްތެރިވެ،
އިރުޝާދުދީ،
އެހީތެރިވާނެ ނަމޫނާއެއްފަދަ މައިންބަފައިންނެވެ.
އަހަރެންނާ ތަފާތު ފާޑުފާޑުގެ ކުދިންނާ ދިމާވެއެވެ. އެކުދިންތައް
ފާޑުފާޑުގެ ކަންތައްތަކަށް އަހަރެންނަށް ހިތްވަރުދީ ވަސްވާސްދެއެވެ.
އަހަރެންނަށް މިކުދިންނަކީ ކޮންކަހަލަ ކުދިބައެއްކަމާއި،
ރަޙްމަތްތެރިންގެ ގޮތުގައި އިޚްތިޔާރުކުރާނީ ކޮންކަހަލަ
ސިފަތަކެއްހުރި ކުދިންކަން ބުނެދޭނީ ކާކުބާއެވެ؟
އަހަރެން ކުރާ ޢަމަލެއްގެ ސަބަބުން މަންމަމެންނަށް ހުތުރުނަމެއް
ލިބުމުގެ ކުރިން އަހަރެންނަށް ހެޔޮނުބައި ބުނެދީބަލާށެވެ. އަހަރެން
މަންމަމެންނަށް އުރެދޭކަށް ބޭނުމެއްނޫނެވެ. މަންމަމެން ކުރިމަތީގައި
ޒުވާބު ކުރާކަށް ބޭނުމެއްނޫނެވެ. އަހަރެން ބޭނުމީ މަންމަމެން މާދަމާ
އަހަރެންނާމެދު ފަޚުރުވެރިވާ މޮޅު ކުއްޖަކަށްވާށެވެ.
މައިންބަފައިންނަށް ކިޔަމަންތެރި ޞާލިޙު ދަރިއަކަށްވާށެވެ.
މަންމަމެންގެ ހެޔޮކަމުގެ ތިލަފަތަށް ބަރުކުރާ ފަރާތަކަށް ވާށެވެ.
ލޯބިވާ
މަންމާއެވެ! ލޯބިވާ ބައްޕާއެވެ!
އަހަރެންގެ ޣަރަޤުވަމުން މިދާ އެކަނިވެރިކަމާއި ހިތާމައިގެ
ފުންކަނޑުން އަހަރެން ސަލާމަތްކޮށް ރައްކާތެރިކަމުގެ އައްސޭރިއަށް
އަހަރެން ގެންގޮސްދޭށެވެ.
އަހަރެން ހަލާކުވުމުގެ ކުރިން ސަލާމަތްކޮށްދޭށެވެ.
ގޯސްބަޔަކު އަހަރެންގެ އަތުގައި ހިފުމުގެކުރިން އަހަރެންގެ އަތުގައި
ހިފައި ސަލާމަތްކޮށްދޭށެވެ.
-ނިމުނީ- |