|
ދިވެހިންނާއި ދީން –
ބުރުޤާއާއި ފައިކުރީގެ މައްސަލައަކީ ރާއްޖޭގެ ކުރީގެ ޢިލްމުވެރިންގެ
ކިބައިންވެސް އެނގެން އޮތް ކަމެއް.
ދާދި އިހައްދުވަހަކާއި ޖެހެންދެން ގިނަ ދިވެހީންނަށް ދީނުގެ
މާގިނަ ތަކެއްޗެއް ނޭނގެއެވެ. ދީނުގެ ތެރެއިން އެނގިފައިވަނީވެސް
ކިރިޔާ ފަރުޟުތައް އަދާކޮށްލެވޭ ވަރުގެ ޢިލްމެކެވެ. އާދެ ނަމާދުގެ
ދުޢާތަކާއި، ރޯދައާއި މިފަދަ އަޅުކަންތައްތަކުގައި ކިޔާ ދުޢާތައް
އެކަންޏެވެ. އަދި މިވަރުވެސް ނުދަންނަ އެތައް ބަޔަކު މާލެއާއި
ރާއްޖެތެރޭގައިވެސް ތިއްބެވެ. އަދި އެބަ ތިބިވެސްމެއެވެ. މިހެން ވާން
ޖެހުނު އެތައް ސަބަބުތަކެއްވެސް އެބަހުއްޓެވެ. އެއީ އެޒަމާނުގައި
ދަތުރު ފަތުރުގެ ކަންތައް ހުރި ގޮތުން ދީނުގެ ޢިލްމު ޙާޞިލް ކުރަން
ދެވެނީ އަތުގެ އިނގިލިތަކުން ގުނާލެވޭހާ މަދު ބަޔަކަށެވެ. އަދި އޭގެ
އިތުރުން ދީން ކިޔަވައިގެން ހުރި މީހަކު ހުއްޓަސް ހުންނަނީ މާލޭގައި
ނުވަތަ ރާއްޖޭގެ މަދު ރަށެއްގައެވެ. އޭރުގެ ދަތުރު ފަތުރާއި
މުވާސަލާތީ ކަންތައްތައް ހުރި ގޮތުން ދީނީ ކަމެއް އޮޅުން ފިލުވަން
ޖެހުނަސް އެއީ ވަރަށް އުނދަގޫ ކަމެކެވެ. އެހެންނޫނަސް މިއަދަށް
ބަލާލި ކަމުގައި ވިޔަސް މިކަމުގެ ހެކި މިއޮތީ ފެންނާށެވެ. މީހުން
އުޅޭ 200 ވަރަކަށް ރަށް އޮންނައިރު ދީނީ ނަސޭޙަތެއް ދޭން ނުދާ ކިތައް
ރަށް އެބައޮތް ހެއްޔެވެ؟ އަދި މިނޫނަސް މިވެރިކަން ފެށިގެން މީގެ
މަދު އަހަރުތަކެއް ކުރިއާއި ޖެހެންދެން ދީނީ ޢިލްމުވެރިންގެ
އަނގަތައް ބަންދުކޮށް ދީނީ ނަޞޭޙަތް ދިނުން މަނާ ކޮށްފައިވުމަކީ
ދިވެހިންނަށް ދީނުގެ ކަންތައްތައް އޮޅުން ފިލުވަން ދިމާވެފައިވާ
އެންމެ ބޮޑު އެއް ހުރަހެވެ.
ކޮންމެއަކަސް ދިވެހީންވެސް ދަތުރު ފަތުރުގެ ކަންތަކާއި
މުވާސަލާތީ ކަންތައްތައް ކުރިއަރައި ދިޔުމުން ދުނިޔެ ތެރެއަށް ލޯ
ހުޅުވި، އޭގެ ތެރެއިން އެތައް ބަޔަކު ދީން ކިޔެވުމަށްޓަކައި ރަސޫލު ﷲ
ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ރަށް އަދި އިސްލާމްދީން އެތަނަކަށް
ބާއްވާލެއްވެވި މަދީނާއާއި މައްކާއަށް ގޮސް ދީން ކިޔަވަން
ފަށައިފިއެވެ. އަދި އެނޫނަސް އެހެން އިސްލާމީ މަދަރުސާތަކުންވެސް
ދީން އުނގެނިގެން އެތައް ބަޔަކު ރާއްޖެ އަންނަން ފަށައިފިއެވެ.
އެހެންނަމަވެސް ހިތާމައަކީ ޙައްޤުބަހެއް ބުނާ މީހަކު ވިއްޔާމުން
ހުރަގެއަށްލައި ހަށިގަނޑަށާއި ފުރާނައަށް ގެއްލުންވާ ގޮތައް ދެމުން
ދިޔަ އަނިޔާ ތަކެއްގެ ސަބަބުން ޙައްޤުބަސް މީސްތަކުންގެ ގިނަ
ބަޔެއްގެ ކަންފަތާއި ހިސާބަށް ނުފޯރައި އޮތީއެވެ. ކޮންމެއަކަސް
ޙައްޤުގައި ތިބި އެތައް ބަޔަކު ދިޔައީ މަޑުމަޑުން މީސްތަކުންނަށް
ދީން އުނގަންނައިދެމުންނެވެ. އޭގޭ ނަތީޖާއަކަށްވީ އެތައް ބަޔަކު
ޙައްޤުގެ މަގަށް ރުޖޫޢަވެ، ޙައްޤުގެ ބަހުގެ އަޑު ގަދަވުމެވެ.
އާދެ މިހާ ހިސާބުން ދެން ގިނަ ދިވެހީންނަށް މިކަންތައްތައްވީ
އާކަންތައްތަކަށެވެ. ޤުރުއާނާއި ރަސޫލާގެ ސުންނަތުގައި
ކަންޑައެޅިގެން ފެންނަން އޮތް އިރުވެސްމެއެވެ. އޭގެތެރޭގައި ބުރުޤާ
އެޅުމާއި ފައިކުރި ކުރުކުރުމާއި މިފަދަ އެތައް ކަމެއް ހިމެނެއެވެ.
މިކަމުގެ ޙަޤީޤަތް ރަނގަޅަށް ނޭނގިތިބެ ކިޔަންފެށީ މިއީ ބަޔަކު
އަލަށް ގެނެސްގެން އުޅޭ ދީނެއް ކަމުގައެވެ. އެއާއި އިދިކޮޅަށް
އެއްޗެއް ބުނާ މީހަކަށްވެސް ބުނަނީ ތިޔައީކީ ކާބަފައިން އުޅުނު
ގޮތެއް ނޫން ކަމުގައެވެ. އަޅުގަނޑު ހިތައް އަރަނީ އެހެންވީއިރު
ކާބައިން އުޅުނު ގޮތޭ ކިޔާފައި އެމީހުން އަލުން ބުދު ދީނަށް އަނބުރާ
ރުޖޫޢަ ނުވީ ކީއްވެތޯއޭ؟ ކޮންމެއަކަސް ސޫރަތުލް ބަޤަރާގައި ﷲ ތަޢާލާ
ވަޙީ ކުރައްވާފައިވެއެވެ.
"وَإِذَا قِيلَ لَهُمُ اتَّبِعُوا مَا أَنْزَلَ اللَّهُ قَالُوا
بَلْ نَتَّبِعُ مَا أَلْفَيْنَا عَلَيْهِ آبَاءَنَا أَوَلَوْ كَانَ
آبَاؤُهُمْ لا يَعْقِلُونَ شَيْئاً وَلا يَهْتَدُونَ" (البقرة:170)
"އަދި ﷲ ތަޢާލާ ބާއްވާލެއްވެވި އެއްޗަކަށް ތިޔަބައިމީހުން ކިޔަމަންވެ
ތަބާވާށޭ ބުނެވިއްޖެނަމަ އެމީހުން ބުނާނެތެވެ. '(އަހަރުމެން އެހެން
ހަދާނޫ ހެއްޔެވެ،) އެހެނެއްކަމަކު އަހަރުމެން ތަބާވާނީ އަހަރުމެންގެ
ކާބަފައިން ކަންތައް ކޮށްފައި ދިޔަގޮތަށެވެ.' ފަހެ އެމީހުންގެ
ކާބަފައިންނަކީ އެއީ އެއްވެސް އެއްޗެއް ނުވިސްނޭ އަދި ހިދާޔަތް
ލިބިފައިނުވާ ބައެއްކަމުގައި ވިޔަސް ހެއްޔެވެ؟"
ކޮންމެއަކަސް މިއާޔަތުގައި މިވަނީ އަޅުގަނޑުމެން އެންމެން ދަންނަ
ވަރަށް ބޮޑު ތެދު ޙަޤީޤަތެކެވެ. ﷲ އާއި ރަސޫލާގެ ސުންނަތައް ތަބާވާށޭ
ބުނެވިއްޖެނަމަ މީސްތަކުން ބުނެ އުޅެނީ ހަމަ މިހެންނެވެ. ދެން
ކާބަފައިންގެ ކަންތައްތަކަށް ބަލާލަމާތޯއެވެ. އެމީހުން ދައްކާފައި
ހުރި ވާހަކަތަކާއި ކޮށްފައި ހުރި ކަންތައްތައް މިއަދުގެ ޒުވާނަކަށް
ކިޔާދިނަސް ޤަބޫލު ނުކުރާނެއެވެ. އަދި ކިއެއް ހެއްޔެވެ. ނުވިތާކަށް
އެވާނީ ވަރަށް މަޖާ ޖޯކު ކަމަކަށެވެ.
ދެން އަޞްލު މައުޟޫއާއިގެން ކުރިއަށް ދަމާތޯއެވެ. އާދެ ބުރުޤާގެ
ވާހަކަ އެދުރު ޢުމަރު މާފަތްކަލޭގެފާނުގެ ބޮޑުތަރުތީބުގައާއި
ޖަމީލްދީދީގެ ތަޢުލީމް ދިޔާނާގައިވެސް ބަޔާން ކުރައްވާފައި ވެއެވެ.
އެހެންނަމަވެސް ކުރީގެ އަދި މިހާރުގެވެސް ގިނަ މީހުން ދެލިގަނޑު
އެކަނި ކިޔާތީވެ އޭގައި އޮތް އެއްޗެއް ނޭނގުނީ ކަމުގައި ހީވެއެވެ.
އަދި ހަމައެހެންމެ ފައިކުރީގެ ވާހަކަވެސް ކުރީގެ ދަންނަބޭކަލުންގެ
ކިބައިން މިއޮތީ އެނގޭށެވެ.
ޝެއިޚް އާދަމް ނަސީމް (ބީއޭ) އާއްމުންނާއި މުޚާޠަބުކޮށް ވާހަކަ
ދައްކަވަމުން ވިދާޅުވެފައިވެއެވެ. "ދެން ބައްލަވާ އަޅުގަޑުމެންގެ
ތެރޭގައި ހައްދުފަހަނައަޅައިގެން ދިޔުމަށް ބަލާ އެއް
މިންގަނޑު އެއީ. މޫނުބުރުގާ އެޅުން. ފިރިހެނުން ތުބުޅި ބެހެއްޓުން.
ދެން އިޒާރުގެ
މައްސަލަ. އެއީ މީހާ ލާހެދުން... އެއީ މުންޑުކަމަށްވިޔަސް
ފަޓުލޫނުކަމުގައިވިޔަސް
އަދި ފޮށައެއްކަމަށްވިޔަސް ތަނބިކައްޓަށްވުރެ ތިރިނުވާގޮތަށް
ބެހެއްޓުން. އެއީ ދީނީ
މައްސަލައެއް. އަޅުގަޑުމެން ކުޑައިރުގަ ކިޔަވަން އުޅުނު އިރުގަ
މަދްރަސަތުލް އަމީރު
އަހްމަދުގަ އަލްއުސްތާޛު އަހްމަދު ކާމިލްދީދީ، އަޅުގަޑުމެންގެ
ނާޡިރު، އަޅުގަޑުމެން
މުންޑު އަނދެފަ ހުންނަގޮތުން އިދާރާއަށް ގެންދަވައިގެން ތިހާ ތިރީގަ
ހުރެގެން
ކަމަކުނުދާނެއޭ ހުންނަން ޖެހޭނީ ތަނބިކައްޓަށްވުރެ ތިރިނުވާގޮތަށޭ
ވިދާޅުވި. މިހާރު
އެކަނިދޯ އަޅުގަޑުމެން ތަނބިކަށީގެ ވާހަކަ ދައްކަވަނީ. ކޮންއިރެއް
އެއީ؟ އަޅުގަޑު
މަދްރަސާގަ އުޅުނީ ހިޖްރައިން 1360 ވަނައަހަރު." (އެއީ މީގެ 68
އަހަރު ކުރިއެވެ).
ދެން ކޮންމެއަކަސް މިފަހަރު ލިޔަން ޤަޞްދުކުރި ބައި ނިމުނީއެވެ. ﷲގެ
ރަޙުމަތްފުޅާއިއެކު އަދި މިއަށްވުރެ ތަފްޞީލީ ވާހަކަތައް، ޚާއްޞަކޮށް
އިސްލާމީ އަދި ދިވެހި ތާރީޚުގެ ތެރެއިން ގެނެސްދޭނެ ކަމަށް ޢުއްމީދު
ކުރާ ޙާލު މިނިކަމެތި އަޅާގެ ގަލަން މިވަޤުތައް ބާއްވަމެވެ.
إِنَّ اللَّهَ عَلَى كُلِّ شَيْءٍ قَدِيرٌ |