"ފަހެ ތިޔަބައިމީހުން ޤުރުއާނުގެ އެއްބަޔަށް އީމާންވެފައި އޭގެ އަނެއް ބަޔަށް ކާފަރުވަނީ ހެއްޔެވެ؟" سورة البقرة

 
 

އިސްލާމީ ކަންތައްތަކާއި ބެހޭ އެންމެ މަތީ މަޖިލީހުގެ ރައީސް، މުޙައްމަދު ރަޝީދު އިބްރާހިމްއަކީ ދެ އަނގައިގެ ވެރިއެކެވެ.

 

މިއޯޑިއޯ އަޑުއެއްސެވުމަށް ރިއަލް ޕްލޭޔަރ ޑައުންލޯޑް ކުރައްވާ.

އޯޑިއޯ ޑައުންލޯޑް ކުރެއްވުމަށް މިލިޔުންކޮޅަށް ފިއްތަވާލައްވާ.

(މިއީ މީނާގެ ކިބައިން ނީވޭކަހަލަ ވަރަށް ނާދިރު ފަތުވާއެކެވެ. މިފަތުވާއަކީ ތަންކޮޅެއް ކުރީގެ ފަތުވާއެކެވެ. މީގެ އަށެއްކަ އަހަރު ކުރިން މަޖީދިއްޔާ ސްކޫލްގައި ދިން ދީނީ ނަޞޭޙަތެއްގައި ޑީޖޭއާއި ބެހޭގޮތުން މީނާއާއި ސުވާލު ކުރުމުން ބުނެފައިވަނީ، އެކަންކުރަނީ އެކަންތައްތައް ކުރާ ތަންތަނުގައި ބޮކި ދިއްލައިގެން ކަމުގައިވާނަމަ އެއީ ހުއްދަ ކަމެއް ކަމުގައެވެ. މިހާރު އަނެއްކާ މިބުނަނީ ދީނުގެ ތަރަހައިގެ ތެރޭގައި ހުއްދައޭއެވެ. ސުބްޙާނަﷲ އެވެ. އެހެންކަމުން ދެން އަދި މާދަމާ މީނާ ބުނާނީ ކީކޭ ކަމެއް ނޭނގެއެވެ.)

(މިދިޔަ ހުކުރު ދުވަހު (21-12-2007) ނެރުނު ދީނުގެ މަގުގެ 48 ވަނަ ޢަދަދު)

    އަޅުގަނޑުމެންގެ ރާއްޖޭގައި ދީނީ ކަންތައް މިއޮތް މިންވަރަކީ އެކަމާއިމެދު ރަނގަޅަށް ވިސްނާލައިފިނަމަ ހިތާމަ ކުރަން ޖެހޭހައި ދަށު ދަރަޖައެއްގައެވެ. މިވޭތުވެ ދިޔަ ތިރީސް އަހަރުގެ ތެރޭގައި ދެވުނު ދީނީ ތަރުބިއްޔަތު މިއޮތީ މިއަދު އަޅުގަނޑުމެންގެ މުޖްތަމަޢުގެ ތެރެއިން އޮބި ނޯންނަ ވަރަށް ފެންނާށެވެ. މީގެ އިތުރު ތަފްޞީލެއް ތިޔައިގެ ތެރެއިން ހަމަ އެއްވެސް ބޭފުޅަކަށް ބޭނުންވެވަޑައެއް ނުގަންނަވާނެއެވެ.

    އާދެ މިހާރު މިއޮތް ވެރިކަން ފެށިގެން ކުޑަ ދުވަސް ކޮޅަކަށްފަހު ދެން ފެނުނީ ދީނުގެ ބިންގާ ތަޅާ ސުންނާފަތިކޮށް، ސަރުކާރުގެ ބޮޑެތި މަޤާމުތަކުގައި ތިބި މީހުން ވެރިކަމުގައި ބައްދައިގަތްތަނެވެ. ވެރިކަން ދިފާޢު ކުރުމަށްޓަކައި ބޭނުން ކުރި ހަތިޔާރަކީ ދީނެވެ. ދިވެހި ރައްޔިތުންގެ ތެރޭގައި މާބޮޑު ދީނީ ހޭލުންތެރިކަމެއް ނެތި ނަމަވެސް ދީނަށް އޮތް ބޮޑު ލޯތްބެއްގެ ނާޖާއިޒު ފައިދާ، ބަޔަކު ފޭރިގަތީ ވެރިކަމުގެ ދަހިވެތި ކަމުގައި އެވެރިކަން ދިފާޢުކުރުމަށްޓަކައެވެ.

    މިގޮތުން މިކަމުގައި އެންމެ ބޮޑަށް ދިވެހި ރައްޔިތުން މަގުފުރައްދާލި އެކަކީ އިސްލާމީ ކަންތައްތަކާއި ބެހޭ އެންމެ މަތީ މަޖިލީހުގެ ރައީސް މުޙައްމަދު ރަޝީދު އިބްރާހީމެވެ. ދީނުގެ ނަމުގައި ދެފަހަރު އެއްވާހަކައެއް ނުދައްކައެވެ. ސަރުކާރުގެ ގޮނޑީގައި އިންނައިރު ވަކި އެއްޗެކެވެ. ގޭގައާއި ރަޙުމަތްތެރިން ގާތު މުޅީން ވަކި އެއްޗެކެވެ. އާދެ އޭނާގެ ވާހަކައަކީ އެންމެ ކުޑަ ކުއްޖާއަށްވެސް އޮޅުން ފިލުވައިދޭން ނުޖެހޭ ވަރަށް ޢާއްމުވެ ފަޟީޙަތްވެފައިވާ ވާހަކައެކެވެ. ﷲ ތަޢާލާގެ ދީނުގެ ޢިލްމު އުނގެނި އެއަށް ޙަރާމްކޯރުވާ މީހުން ފަޟީޙަތް ކުރައްވަވާ ހުއްޓެވެ. އަދި އެމީހުންނަކީ ﷲ ތަޢާލާގެ ލަޢުނަތް ޙައްޤުވެގެންފި މީހުންނެވެ. އަދި ލަޢުނަތްދޭ މީހުންގެ ލަޢުނަތް ލިބޭ މީހުންވެސް މެއެވެ. މީގެ ތެދުކަން މިއަދު އަޅުގަނޑުމެންނަށް މިއޮތީ ސާފުކޮށް ފެންނާށެވެ. ސޫރަތުލް ބަޤަރާގައި ﷲ ތަޢާލާ ވަޙީ ކުރައްވާފައިވެއެވެ.

"إِنَّ الَّذِينَ يَكْتُمُونَ مَا أَنْزَلْنَا مِنَ الْبَيِّنَاتِ وَالْهُدَى مِنْ بَعْدِ مَا بَيَّنَّاهُ لِلنَّاسِ فِي الْكِتَابِ أُولَئِكَ يَلْعَنُهُمُ اللَّهُ وَيَلْعَنُهُمُ اللاَّعِنُونَ" (البقرة:159)

"ހަމަކަށަވަރުން ތިމަން ﷲ ބާއްވާލެއްވެވި ހެކިތަކާއި ހިދާޔަތް ޤުރުއާނުގައި މީސްތަކުންނަށް ތިމަން ﷲ ބަޔާން ކޮށްދެއްވާފައި ވަނިކޮށް އެއަށްފަހު އެފޮރުވާ އޮޅުވާލާ މީހުންނަށް ﷲ ތަޢާލާ ލަޢުނަތް ލައްވަވައެވެ. އަދި ލަޢުނަތް ދޭމީހުންގެ ލަޢުނަތް އެމީހުންނަށް ވެއެވެ."

    އާދެ މީނާ ވަނީ ދިވެހި ރައްޔިތުންނަށް ދީނުގެ އެތައް ޙުކުމްފުޅު ތަކެއް އޮޅުވާލާ މަކަރު ހަދާފައެވެ. މިގޮތުން ބުރުޤާގެ މައްސަލައާއި ހުކުރު ޖަމާޢަތުގެ މައްސަލައާއި ޤުނޫތު މައްސަލައާއި ތުނބުޅިއާއި ފައިކުރީގެ މައްސަލައާއި މިފަދަ އެތައް މައްސަލައެއް ހިމެނެއެވެ. ކީރިތި ޤުރުއާނުގައި އަންހެނުންގެ ޢައުރަ ނިވާވާގޮތަށް ބުރުޤާ އެޅުމަކީ ވާޖިބެއްކަމުގައި ސާފުކޮށް ފެންނަން އޮއްވައިވެސް މައުމޫނާއި މީނާއާއި ދެމީހުން ބުނަމުން ދިޔައީ އެއީ ލާޒިމު ކަމެއް ނޫނޭއެވެ. މިފަދަ ހޫނުތަނެއްގައި އެއީ ކޮންމެހެން އަޅަންޖެހޭ އެއްޗެއް ނޫނޭއެވެ. މިމީހުން ކިތަންގެ ގަދަ ހަރުއަޑުން އެވާހަކަ ދެއްކި ކަމުގައިވިޔަސް މިއަދު ދިވެހި ގިނަ ރައްޔިތުން އެވާހަކަތައް ދޮގުކޮށް އެދަނީ ޙައްޤަށް ރުޖޫޢަވަމުންނެވެ. މިކަމުގެ ހެއްކަކަށް މުޖުތަމަޢުގެ ތެރެއިން ފެންނަމުންދާ ކަޅު ހެދުންތަކާއި ބުރުޤާތައް ފުދެއެވެ. މިއީ ޙައްޤުގައި ތިބި މަދު ޝެއިޚުން ކޮޅެއް ނަމަވެސް އެބޭކަލުން ކުރެއްވެވި މަތިވެރި މަސައްކަތުގެ ނަތީޖާއެވެ. އަދި ހަމައެހެންމެ ބުރުޤާ ޢާއްމުވެ ފައުޅުވެގެން ދިއުމުގައި އަހަރުމެންގެ އަޚް، ޢަލީ ރަމީޒް ނެރުއްވި "ޔާ ރައްބަނާ" މަދަހަ ސީޑީވެސް ވަރަށް މުހިއްމު ދައުރެއް އަދާ ކުރިއެވެ.

ދެން ހުކުރު ޖަމާޢަތުގެ މައްސަލައާއި ޤުނޫތާއި ތުނބުޅިއާއި ފައިކުރީގެ މައްސަލަތޯއެވެ. މިމައްސަލަތަކުގައި މީނާއާއި މައުމޫނާއި ޚިލާފަށް ޤުރުއާނާއި ސުންނަތުގައި މިކަންތައްތައް އޮތްގޮތް ބަޔާންކޮށްދެއްވި ޢިލްމުވެރިޔަކުނަމަ ޖާގަދިނީ ޖަލުގެ ތޭރިތަކުގެ ފުރަގަހުންނެވެ. މީނާ ޤުނޫތާއި ބެހޭގޮތުން އެކިއެކި ބައްދަލުވުންތަކާއި ޓީވީއާއި ރޭޑިއޯގައި ބުނަމުން ދިޔައީ އެއީ ކިޔަން ޖެހޭނޭ އެއްޗެއް ކަމުގައެވެ. އެކަމަކު ގެއަށް ގޮސް ޤުނޫތާއި ބެހޭގޮތުން ސުވާލު ކޮށްލުމުން ބުނީ ތިމަންނާވެސް ފަތިސް ނަމާދުގައި ޤުނޫތު ނުކިޔަމޭއެވެ. މިމީހުންގެ ހުރި މުނާފިޤު ކަމެއްގެ ބޮޑު ކަމާއިއެވެ. މިދޭތެރެއިން ޤުނޫތަކީ ކިޔަންޖެހޭ އެއްޗެއް ނޫންކަމަށް ނޫސްތަކަށް އިންޓަވިއު ދީފައިވެއެވެ. ކީއްވެތޯއެވެ؟ ޙައްޤު ބަސް ބުނާ ޢިލްމުވެރިން ގިނަވެ މީސްތަކުންނަށް އެކަމުގެ އަޞްލު އޮޅުން ފިލީމައެވެ. މިމީހުންގެ މިއޮންނަނީ މުޅީންވެސް ހަޑިމުޑުދާރު ސިޔާސަތެވެ. ރައްޔިތުންނަށް އޮޅުވާލައިގެންވެސް ވެރިކަމާއި ބަގުޑި ބެއްދުނީމަ ނިމުނީއެވެ. އެންމެ ފުރަތަމަ ދުވަހުއްސުރެ ޙައްޤު ބަސް ބުނަމުން ދިޔަނަމަ މިއަދާއި ހަމައަށް މީސްތަކުން މިހާބޮޑު އޮޅުން ބޮޅުން ގަނޑެއްގެ ތެރޭގައި ނުތިބީހެވެ. އަދި ތިމާ ދައްކާ ވާހަކަ ދެކޮޅު ނުޖެހިގެން މީސްތަކުންގެ ތެރޭގައި ފަޟީޙަތްވާކަށްވެސް ނުޖެހުނީހެވެ.

ދެން އަނެއްކާ މިހާރު އޮޅުވާލަން މިއުޅެނީ ލަވަ ކިޔައި މިއުޒިކު ކުޅުމުގެ މައްސަލައެވެ. މިވެސް މީނާ އެކިފަހަރު އެކިގޮތަށް ދައްކަމުން އަންނަ ވާހަކައެކެވެ. މީގައިމިވާ އޯޑިއޯގައި މިވަނީ މީނާ ތަންކޮޅެއް ކުރީން ހިލޭ އަންހެނުންނާއި ފިރިހެނުންނާއި އެއްތަންވެ ލަވަކިޔައި ނަށައި ހެދުމަކީ ހުއްދަ ކަމެއް ނޫން ކަމުގައި ދީފައިވާ ފަތުވާއެކެވެ. މީގެ އަށެއްކަ އަހަރު ކުރިން މަޖީދިއްޔާގެ ގްރޭޑް ދިހައެއް ނިންމި ކުދިންނާއި އެކުދިންގެ ބެލެނެވެރިންނަށް ބޭއްވި ދީނީ ނަޞޭޙަތް ދިނުމުގެ ޕްރޮގްރާމެއްގައި ބައިވެރިވުމުގެ ފުރުޞަތު އަޅުގަނޑަށްވެސް ލިބުނެވެ. އެރޭ އެކުދިންނަށް ދީނީ ނަޞޭޙަތް ދިނީ މީނާއެވެ. އަދި ނިންމާލާފައި ދީނީ ސުވާލަށް ޖަވާބު ދިނުންވެސް އޮތެވެ. އެރޭ އޭނާއާއި ކުރެވުނު ސުވާލަކީ އަންހެނުންނާއި ފިރިހެނުން މަސްހުނިވެގެން މިބާއްވާ ޑީޖޭތައް ހުއްދަވާނޭތޯއެވެ. އާދެ ތިޔަބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ ފަދައިން ޑީޖޭއަކީ ހިލޭ އަންހެނުންނާއި ފިރިހެނުން އެއްތަންވެ ލަވައާއި މިއުޒިކް ކުޅެ ނުވަތަ ކިޔައި ނަށާ ހަދާ ޙަފްލާތަކެވެ. މީނާ ދިން ޖަވާބަކީ ކޮބައިތޯއެވެ؟ އެތަނުގައި އެކަންކުރަނީ ބޮކި ދިއްލައިގެންނަމަ ހުއްދަވާނޭއެވެ. މިހާރު އަނެއްކާ މިބުނަނީ ދީނުގެ ތަރަހައިގެ ތެރޭގައި ހުއްދައޭއެވެ. ސުބްޙާނަﷲ އެވެ. އެހެންކަމުން ދެން އަދި މާދަމާ މީނާ ބުނާނީ ކީކޭ ކަމެއް ނޭނގެއެވެ.

(ދީނުގެ މަގުގެ ލިޔުމުގައި މިއުޒިކް ހުއްދަކޮށް ލިޔެފައިވާ ލިޔުން ކޮޅު. ދީނަށް ގޮވާލާ ނުވަތަ ދީނަށް ނަޞްރުދޭ ގޮތަށް ހުންނަ ލަވަ ހުއްދަވިކަމުގައި ވިޔަސް މިއުޒިކް ޙަރާމްކަމަށް އެތައް ޙަދީޘެއް ރިވާވެފައިވެއެވެ).

ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ. ތިޔަބޭފުޅުންގެ ހަވާ ނަފްސު އެދޭގޮތަށް ކަންތައް ކުރުމަށްޓަކައި، ދެފަހަރު އެކައްޗެއް ނުކިޔާ، މީހުން މަގުފުރައްދާ މިކަހަލަ މީހުން ދައްކާ ވާހަކަތަކަށް ނުހެއްލި، އެކަންތައްތައް ޤުރުއާނާއި ރަސޫލާ صلى الله عليه وسلمގެ ޙަދީޘްފުޅުތަކުގައި އޮތްގޮތް ރަނގަޅަށް ހޯދާ ބަލާށެވެ. ނޭނގޭނަމަ ﷲ ތަޢާލާ ވަޙީ ކުރައްވާފައިވަނީ އެނގޭ މީހުންގެ ކިބައިން އަހައި އޮޅުންފިލުވުމަށެވެ. ދީނީ ކަންކަމުގައި ދޮގާއި މަކަރާއި ހީލަތް ހަދާ މީހުންގެ ކިބައިންނެއް ނޫނެވެ. ﷲ އަށް ބިރުވެތިވެ ޙައްޤުބަސް ބުނާ އަދި އެގޮތުގައި ޘާބިތުވެ ތިބޭ މީހުންގެ ކިބައިންނެވެ. ޙައްޤު ހޯދަން މަސައްކަތް ކުރާ މީހުންނަށް އެގޮތް ދައްކަވާނެކަމީ ﷲ ތަޢާލާގެ ވަޢުދެކެވެ. ﷲ ތަޢާލާ ވަޙީ ކުރައްވާފައިވެއެވެ.

"وَالَّذِينَ جَاهَدُوا فِينَا لَنَهْدِيَنَّهُمْ سُبُلَنَا" (العنكبوت: 69).

"އަދި ހަމަކަށަވަރުން ތިމަން ﷲގެ ތެދުމަގު ހޯދުމަށް ގަދައަޅާ މަސައްކަތް ކުރާ މީހުންނަށް ތިމަން ﷲ އެމަގު ދައްކަވާ ހުށީމެވެ."

    ޙަޤީޤަތަކީ މިމީހުން ކިތަންމެ ވަރަކަށް ޙައްޤު ފޮރުވަން އުޅުނު ކަމުގައި ވިޔަސް އެކަމެއް ނުކުރެވޭނެ ކަމެވެ. ދުވަހަކަށްވުރެ ދުވަހަކު އިތުރުވަމުންދާ ކަޅު ހެދުންތަކާއި ބުރުގާތަކާއި ތުނބުޅިތަކުން މިކަން ދޭހަކޮށްދެއެވެ. ތަންކޮޅެއް ކުރީގައި ތުނބުޅިއެއް ހުރި މީހަކުނަމަ ޖަލަށްލައި ގަދަކަމުން ތުނބުޅި ބާލުވައި ހެދިއެވެ. ބޮޑު ބުރުޤާ އަޅައިފި ނަމަވެސް ބިރުދައްކާލަނީ ޖަލަށް ލައިގެންނެވެ. އެހެންނަމަވެސް މިމީހުންނަށް ނޭނގުނު ޙަޤީޤަތަކީ ޙައްޤަކީ ފަސްއަޅައި ފޮރުވާލެވޭނޭ އެއްޗެއް ނޫންކަމެވެ. އޭގެ ނަތީޖާއަކަށްވީ އެވަރަށް އަނިޔާކޮށް އަދަބުދީ ހެދިއިރުވެސް ދީނީ މީހުން އެގޮތުގައި ޘާބިތުވެ ތިބުމުން މީސްތަކުންގެ ހިތްތަކުގައި ސުވާލު އުފެދި ޙައްޤު ހޯދަން މަސައްކަތް ކުރަން ފެށުމެވެ. އެހެންކަމުން ދުވަހަކަށްފަހު ދުވަހެއް ދިޔައީ ދީނަށް އުޅޭ މީހުން އިތުރުވަމުންނެވެ. މިއިން ދޭހަކޮށްދެނީ ﷲ ތަޢާލާގެ ވަޙީ ބަސްފުޅުގެ ތެދު ކަމެވެ. ﷲ ތަޢާލާ ވަޙީ ކުރައްވާފައިވެއެވެ.

"وَقُلْ جَاءَ الْحَقُّ وَزَهَقَ الْبَاطِلُ إِنَّ الْبَاطِلَ كَانَ زَهُوقاً" (الاسراء:81)

"އަދި ކަލޭގެފާނު ވިދާޅުވާށެވެ. ޙައްޤުގޮތް އަތުވެއްޖެއެވެ. އަދި ބާޠިލްގޮތް ނެތި ހިނގައްޖެއެވެ. ހަމަކަށަވަރުން ބާޠިލަކީ ނެތި ފަނާވެދާނެ އެއްޗެކެވެ." (ސޫރަތުލް އިސްރާ:81).

 

ރަސޫލު ﷲ صلى الله عليه وسلم ޙަދީޘްފުޅު ކުރައްވާފައިވެއެވެ.

"ތިމަންކަލޭގެފާނުގެ އުންމަތުގެ ތެރެއިން ބަޔަކު މީހުން ޒިނޭއާއި ފަށުވިފޭރާމާއި ރަލާއި އަދި މިއުޒިކް ކުޅޭ ސާމާނު ހުއްދަކޮށް ހަދާނެތެވެ." (ރަވާހުލް ބުޚާރީ: 5590)

dheenee-news@hotmail.com

 
 
 
 
 

 

މިސައިޓްގައިވާ ލިޔުންތައް އެއްވެސް އުނިއިތުރު ކުރުމެއްނެތި ބޭނުން ކުރުމަކީ ކޮންމެ މުސްލިމަކަށްވެސް ލިބިގެންވާ ޙައްޤެކެވެ.©1428 (2007)