"ފަހެ ތިޔަބައިމީހުން ޤުރުއާނުގެ އެއްބަޔަށް އީމާންވެފައި އޭގެ އަނެއް ބަޔަށް ކާފަރުވަނީ ހެއްޔެވެ؟" سورة البقرة

 
 

އެމެރިކާގެ ސުނާމީ އެހީއާއި އެކީގައި ކްރިސްޓިއަންދީނާއި ދިވެހި "ބައިބަލް" ދިވެރާއްޖެއަށް...

ކ.ގުރައިދޫއިން

ފޮޓޯއިން ތިޔަ ފެނިވަޑައިގަންނަވަނީ އެމެރިކާގެ އެހީދޭ ޖަމާޢަތަކުން ގުރައިދޫގައި ބެހި ބައިބަލް (ލޫކަސް) ފޮތުގެ ފޮޓޯއެކެވެ.

ބޮޑުރާޅު އެރުމުގެ ކާރިޘާއާއި ގުޅިގެން ކ.ގުރައިދޫއަށް ޒިޔާރާތްކުރި އެމެރިކާގެ ރައްޔިތެއް ގުރައިދޫގައި ހާލުގައި ޖެހިފައި ތިބި މީހުންނަށް އެހީއެއްގެ ގޮތުގައި -/1000 $ ޑޮލަރު ދިނުމަށް ފަހު ބުންޏެވެ. "ތިމަންނަ މިރަށަށް އެހީދޭނެ އެމެރިކާގެ ބަޔަކު ފޮނުވާނަމެވެ". މީނާ ދިޔުމަށް ފަހު ހަފުތާއެއްގެތޭގައި އެމެރިކާގެ 6 ރައްޔިތަކު ކ. ގުރައިދޫއަށް އައެވެ. އަދި ވަރަށް ހެޔޮލަފާ ބަޔަކަށް ހެދިގެން ފެން ތާނގީތަކެއް ރަށުގެ އެކި ސަރަހައްދުތަކުގައި ބަހައްޓާން ފެށިއެވެ. މިފެން ތާނގީތައް ބަހައްޓާން އުޅުނީ ރަށުގެ ޒުވާނުންނާ ވާހަކަ ދެއްކުމަށް ފަހު ގުރާދޫ ޒުވާނުންނަށް ފެން ތާނގީ ބަހައްޓަން ކުރާ މަސައްކަތުގެ އުޖޫރައެއް ލިބޭ ގޮތަށެވެ. މަސައްކަތް ފެށި ދުވަހު ހަވީރު އަޅުގަނޑު ހުރީ އަޅުގަނޑުގެ ފިހާރަ ދޮރު ކުރިމަތީގައެވެ. މިހެން ހުއްޓާ ފެން ތާނގީ ބަހައްޓަން އުޅޭ އެމެރިކާ މީހަކު އަޅުގަނޑުގެ ވަރަށް ކައިރީގައި ހުއްޓި އަޅުގަނޑާ ދިމާލަށް ވަރަށް ރަނގަޅަށް ބަލާލިއެވެ. އަނިޔާވެރިޔަކު ބަލާލާ ގޮތަށެެވެ. އަދި ޖެއްސުމުގެ ފާޑަކަށް ބުނެލިއެވެ. "ކަލެއަކީ ޕާކިސްތާނު މީހެއް ހެއްޔެވެ؟". އަޅުގަނޑުވެސް ޖެއްސުމަށް ބުނީމެވެ. "އާއެކެވެ. އަހަރެންމީ ޕާކިސްތާނު މީހެކެވެ". އެހެން ބުނުމުން މީނާ ދިޔައީ ސިއްސައިގެންނެވެ. އަދި ބުންޏެވެ. "މިރަށުގައި ކީއްކުރަނީ ހެއްޔެވެ؟". އަޅުގަނޑު ބުނީމެވެ. "މި ފިހާރާގައި މަސައްކަތް ކުރަން އައިސް އުޅެނީއެވެ". މީނާ ސުވާލު ކުރިއެވެ. "ކަލޭތީ ޕާކިސްތާނުގެ ކޮން ރަށެއްގެ މީހެއް ހެއްޔެވެ؟". އަޅުގަނޑު ބުނީމެވެ. "އަހަރެންމީ ޕާކިސްތާނުގެ އިސްލާމްއާބާދުގެ މީހެކެވެ". މިމީހާ ވަރަށް ފޮނިވެލާފައި ބުންޏެވެ. "ތިމަން އިސްލާމްއާބާދުގައި ހުރީމެވެ. އިސްލާމްއާބާދަކީ ވަރަށް ފަގީރު ތަނެކެވެ".

    އެހެން ދުވަހަކު އަޅުގަނޑު މިސްކިތުން ފޭބިތަނުން މިމީހާ ބުންޏެވެ. "ކަލެއަކީ ޕާކިސްތާނު މީހެއް ނޫން. އަހަރެން އަދި ފަހުން ކަލެއާ ވާހަކަ ދައްކަން ބޭނުން". އަޅުގަނޑު އެމީހާއަކަށް އެފަހަރަކު ޖަވާބެއް ނުދެމެވެ. އޭގެ އަނެއްދުވަހު އަޅުގަނޑު ފިހާރައިގައި އެކަނި ހުއްޓައި މިމީހާ ފިހާރައަށް ވަނެވެ. އަޅުގަނޑު އެވަގުތު ހުރީ ކީރިތި ޤުރުއާނުގެ ދިވެހި ތަރުޖަމާ ކިޔާށެވެ. އަދި ކައުންޓަރު ކައިރީގައި ހުރި ގޮނޑީގައި އިށީނުމުގެ ހުއްދައަށް އެދުނެވެ. އަޅުގަނޑު ހުއްދަ ދިނީމެވެ. މިމީހާ އަޅުގަނޑާ ވާހަކަ ދައްކަން ފަށާއިފިއެވެ. ދެއްކީ މުޅިންވެސް ކްރިސްޓިއަން ދީނުގެ ވާހަކައެވެ. މީނާ ބުނީ އިސްލާމުންނަކީ މަގުފުރެދިފައި ތިބި ބައެއެްކަމުގައެވެ. އަޅުގަނޑު ވަރަށް ރުޅިއައިސްފައި މިމީހާއާ ދިމާލަށް ބުނީމެވެ. "ކަލޭ ތިޔަހުރީ މަގުފުރެދިފައެވެ. ކަލޭ އެއްރަސޫލަކު ބާކީ އެބަކުރެއެވެ. އަހަރެން ހުރިހާ ރަސޫލުންނެއެްވެސް ޤަބޫލުކުރަމެވެ. ޢީސާގެފާނަކީވެސް (عليه السلام) ރަސޫލެއްކަމަށް އަހަރެން ޤަބޫލުކުރަމެވެ. އަދި ކަލޭގެ މަޤުޞަދަކީ ފެން ތާނގީތަކެއް އަހަރެމެންނަށް ދީފައި ކްރިސްޓިައަން ދީން ފެތުރުން ހެއްޔެވެ؟". މިމީހާ ރުޅި އައެވެ. އަދި އަޅުގަނޑާ ދިމާލަށް ބުންޏެވެ. "ކަލޭތިޔައީ މޮޔައެކެވެ. ދިވެހިރާއްޖޭގައި ވަރަށް ގިނަ ބަޔަކު ކްރިސްޓިއަން ދީނުގެ ޢަޤީދާ ޤަބޫލުކޮށްގެން އެބަތިއްބެވެ". މިހެން ބުނެފައި މިމީހާ ހިނގައްޖެއެވެ. އަޅުގަނޑު އަވަސް އަވަހަށް ގޮސް އަޅުގަނޑުގެ ރައްޓެހީންނަށް މިޚަބަރު ދިނީމެވެ. އަޅުގަނޑުގެ ރައްޓެހިންގެ ޚިޔާލަކަށްވީ ފެން ތާނގީތައް ބެހެއްޓުމުގެ މަސައްކަތް ނިމެންދެން މި މައްސަލަ ނުޖައްސާ ބޭއްވުމެވެ. އޭގެފަހުން އަޅުގަނޑު ޚަބަރު ލިބުނީ މިމީހުން އަތުން ދިވެހި ބަހުން ލިޔެފައި އޮތް "ބައިބަލް" ރަށުގެ އެއް ކުއްޖަކު ހޯދައިގެން އުޅޭ ވާހަކައެވެ. މިކުއްޖާ އެމީހުންގެ އަތުން މިފޮތް އަތުލީ އެމީހުން އައިސްގެން އުޅޭ މަޤްޞަދް ފަޅާ އަރުވާލުމަށް ކަމުގައި ފަހުން އެނގުނެވެ. އަދި މިހާރު މިމީހުންގެ މައްސަލަ ރަށު އޮފީހަށްވެސް އެނގިއްޖެއެވެ. އަދި މިމީހުން ދިޔައިރު އިންޑިޔާއާއި، ޕާކިސްތާނުގައި މިމީހުންގެ މަސައްކަތް ކުރިއަށް ގެންދާ ވާހަކައާއި 'ދިވެހިރާއްޖޭގައި އުޅޭ މުސްލިމުންގެ ހަރުދަނާ ޢަޤީދާއެއް ނެތްކަމަށްވެސް' ބައެއް މީހުން ކައިރީގައި ބުނިކަމަށްވެއެވެ.

މިފޮޓޯއިން ތިޔަ ފެނިވަޑައިގަންނަވަނީ ގުރައިދޫގައި ބެހި ފޮތް އެރަށު ބަޔަކު ހިފައިގެން މާލެއައިސް ސިފައިންގެއަށް ދިއުމުން، އެމީހުންނަށް (ސިފައިންނަށް) އެކަމުގައި އެއްވެސް ކަމެއް ކުރެވެން ނެތްކަމަށް ބުނުމުން ފޮތް ހިފައިގެން ދިޔަ މީހުންގެ ތެރެއިން މީހަކު ރުޅިއައިސްގެން ފޮތުން ވީދާލާފައިވާ ގަނޑުތަކެވެ.

    އަޚުންނާއި އުޚްތުންނޭވެ! ވިސްނަންވެއްޖެއެވެ. މިހާރަށްވުރެ ބޮޑަށް އަޅުގަނޑުމެންގެ އިސްލާމްދީން ކުރިއެރުވުމަށް މަސައްކަތް ކުރަންވެއްޖެއެވެ. އަދުއްވުން އެދަނީ އަޅުގަނޑުމެންގެ އިސްލާމްދީން ނައްތާލަން ކުރެވެން އޮތް ހުރިހައި ގޮަތަކުން ހަނގުރާމަ ކުރަމުންނެވެ. ސިއްރާއި ފައުޅުގައެވެ.

dheenee-news@hotmail.com

 
 
 
 
 

 

މިސައިޓްގައިވާ ލިޔުންތައް އެއްވެސް އުނިއިތުރު ކުރުމެއްނެތި ބޭނުން ކުރުމަކީ ކޮންމެ މުސްލިމަކަށްވެސް ލިބިގެންވާ ޙައްޤެކެވެ.©1428 (2007)