|
ޢަދާލަތުންވެސް ބޭނަޒީރު ބުއްޓޫގެ ގޮތްތަކަށް
ލޯބިކުރަނީ ހެއްޔެވެ؟
އެންމެހައި ޢިއްޒަތަކާއި ކިބްރިޔާވަންތަ
ވެރިކަމެއްވަނީ ކީރިތި ﷲ
سبحانه وتعالى
އަށެވެ. ﷲ ތަޢާލާގެ ޢިއްޒަތްތެރިކަމާއި
އެއިލާހުގެ ދީނާއި ފޮތާއި ނަބިއްޔާގެ ޢިއްޒަތާއި
ޤަދަރު ކަނޑާލައި އެހެން މީސްމީހުންގެ ފަރާތުން
ޢިއްޒަތާއި ޤަދަރާއި ލޯބި ހޯދާ މީހުންނަށް، ﷲ
އާއި އެއިލާހުގެ ނަބިއްޔާއާއި އަދި
މުއުމިނުތަކުން ބަރީއަވެގެންވެއެވެ. ﷲ ތަޢާލާ
ވަޙީ ކުރައްވާފައިވެއެވެ.
"لاَ تَجِدُ قَوْماً يُؤْمِنُونَ بِاللَّهِ
وَالْيَوْمِ الآخِرِ يُوَادُّونَ مَنْ حَادَّ
اللَّهَ وَرَسُولَهُ وَلَوْ كَانُوا آبَاءَهُمْ
أَوْ أَبْنَاءَهُمْ أَوْ إِخْوَانَهُمْ أَوْ
عَشِيرَتَهُمْ أُولَئِكَ كَتَبَ فِي قُلُوبِهِمُ
الأِيمَانَ وَأَيَّدَهُمْ بِرُوحٍ مِنْهُ
وَيُدْخِلُهُمْ جَنَّاتٍ تَجْرِي مِنْ تَحْتِهَا
الأَنْهَارُ خَالِدِينَ فِيهَا رَضِيَ اللَّهُ
عَنْهُمْ وَرَضُوا عَنْهُ أُولَئِكَ حِزْبُ
اللَّهِ أَلا إِنَّ حِزْبَ اللَّهِ هُمُ
الْمُفْلِحُونَ"
(المجادلة:22)
"ﷲ
އާއި އާޚިރަތް ދުވަހަށް އީމާންވާ ބަޔަކު (އެބަހީ
ފުރިހަމަ މުއުމިނުން)، ﷲ އާއި އެއިލާހުގެ
ރަސޫލާއަށް އިދިކޮޅުހަދާ ބަޔަކީ އެމީހުންގެ
އެކުވެރީންކަމުގައި ހަދާތަނެއް ކަލޭގެފާނު
ދެކެވަޑައެއް ނުގަންނަވާނެއެވެ. އެއީ
އެބައިމީހުންގެ ބަފައިންކަމުގައި ވިޔަސް ނުވަތަ
ދަރީންކަމުގައިވިޔަސް ނުވަތަ އެއްބަނޑު އެއްބަފާ
އަޚުން ކަމުގައި ވިޔަސް ނުވަތަ ޢާއިލާގެ މީހުން
ކަމުގައިވިޔަސް މެއެވެ. ފަހެ އެބައިމީހުންނަކީ
އެއީ އެބައިމީހުންގެ ހިތްތަކުގައި
އީމާންތެރިކަން ލިޔެވިގެންވާ މީހުންނެވެ. އަދި
އެބައިމީހުންނަކީ އެއީ ﷲ ތަޢާލާގެ ޙަޟްރަތުން
ރޫޙެއްގެ (އެބަހީ ފުރިހަމަ ހެއްކާއި ދަލީލާއި
ބުރުހާނުގެ) ކިބައިން އެއިލާހު ތާޢީދު ދެއްވެވި
މީހުންނެވެ. އަދި ހަމަކަށަވަރުން އެބައިމީހުން
އެތަނެއްގެ ދަށުން ކޯރުތައް ދެމިދެމި އޮންނަ
ސުވަރުގެތަކަށް ވެއްދެވޭ ހުއްޓެވެ. އަދި
އެތަނުގައި ދާއިމަށް ދެމި ތިބޭނެއެވެ.
އެމީހުންނަކީ އެއީ ﷲ ތަޢާލާ އެބައެއްދެކެ
ރުހިވޮޑިގެންނެވި އަދި އެބަޔަކު ﷲ ތަޢާލާއަށް
ރުހިވަޑައިގަތް މީހުންނެވެ. ފަހެ
އެބައިމީހުންނަކީ ﷲ ތަޢާލާގެ ޖަމާޢަތެވެ.
(ޕާޓީއެވެ). ދަންނައެވެ. ﷲ ތަޢާލާގެ ޖަމާޢަތަކީ
އެއީ ހަމަކަށަވަރުން ދިންނަވާނޭ މީހުންނެވެ."
ފާއިތުވެ ދިޔަ ހަފްތާގައި މުޅި ދުނިޔޭގެ
ޚަބަރުތަކުގެ ފަލަ ސުރުހީއެއްކަމުގައި
ވެފައިއޮތީ ޕާކިސްތާނުގައި ޖާނުން ފިދާވެގެން
ދިން ޙަމަލާއެއްގައި ކުރީގެ ބޮޑުވަޒީރު އަދި
މިހާރުގެ ސިޔާސީ ކެންޑިޑޭޓެއްކަމުގައިވާ
ބޭނަޒީރު ބުއްޓޫ މަރާލި ވާހަކައެވެ. މިހާދިޘާގެ
ސަބަބުން ޑިމޮކްރަސީއަށް އަޅުކަންކުރާ އެތައް
ބަޔަކަށް ކުއްލި ސިހުމެއް ލިބިގެން ދިޔައެވެ.
އާދެ އެއީ ހަމައެކަނި ޕާކިސްތާނުގައި އެކަންޏެއް
ނޫނެވެ. ދުނިޔޭގެ ހުރިހައި ޤައުމު ތަކެއްގައި
ކަހަލަ ގޮތަކަށެވެ. ތަޢުޒިޔާގެ ބަޔާންތަކާއި
ޚިތާބުތައް ނެރުނު ޤައުމު ތަކުގެ ތެރޭގައި
އަޅުގަނޑުމެންގެ މިރާއްޖެވެސް ހިމެނެއެވެ.
މިއީއަކީ ކޮންމެހެން އަންތަރީސްވެ
ހައިރާންވާންޖެހޭ ވަރުގެ ކަމެއްނޫނެވެ.
އެހެންނަމަވެސް އަންތަރީސްވެ ހައިރާންވާން
މިޖެހުނީ އިސްލާމްދީން ކުރިއަރުވައި އިސްލާމީ
ޝަރީޢަތެއް ޤާއިމް ކުރުމަށްޓަކައި ރާއްޖޭގައި
ހަދާފައިވާ ސިޔާސީ ޕާޓީއެއް ކަމުގައިވާ ޢަދާލަތު
ޕާޓީއިން "އެކަމަނާއަށް" ކިޔާފައިވާ ފުރިހަމަ
ތަޢުޒިޔާއެއްގެ ސަބަބުންނެވެ.
އެކަމަނާއަކީތޯއެވެ. ދީނުގެ ޢަދުއްވުންގެ
އުނގުން ތަރުބިއްޔަތު ވެގެން ނިކުމެ އިސްލާމީ
ޙުކުމްފުޅުތަކާއި، އެއްވެސް އުނިކަމެއްނުވާ
ފުރިހަމަ ޝަރީޢަތާއި އިދިކޮޅަށް މަސައްކަތް ކުރި
ބޭކަނބަލެކެވެ. މިފަދަ މީހަކު ނެތި ދިއުމަކުން
(އެއީ އަދި ނުޙައްޤުން މަރާލި ކަމުގައި ވިޔަސް)،
އިސްލާމްދީން ކުރިއަރުވައި، އިސްލާމީ ރިވެތި
އުޞޫލުތައް ޤާއިމްކުރަން މަސައްކަތް ކުރާ ބަޔަކު
ހިތާމަކޮށް ރޮއެ ހަދަން ޖެހޭވަރުގެ ކަމެއް
ނޫނެވެ. ކިއެއްހެއްޔެވެ. އެއީ އޭގެ ސަބަބުން ﷲ
ތަޢާލާއަށް ޙަމްދު ކުރަން ޖެހޭވަރުގެ ކަމެކެވެ.
އެފަދަ މީހުން ނެތި ދިއުމުން ޢިބާދުތަކާއި
ބިލާދުތަކަށް (ﷲ ތަޢާލާގެ އަޅުތަކުންނާއި
ޤައުމުތަކަށް) ވަނީ ހިތްހަމަ ޖެހުމާއި ސަލާމަތް
ކަމެވެ. އެއީ އެމީހުންގެ މަކަރުވެރިކަމާއި
އަނިޔާވެރިކަމުން ސަލާމަތްވީތީއެވެ. ﷲ ތަޢާލާ
ކީރިތި ޤުރުއާނުގައި ވަޙީ ކުރައްވާފައިވެއެވެ.
"
فَقُطِعَ دَابِرُ الْقَوْمِ الَّذِينَ ظَلَمُوا
وَالْحَمْدُ لِلَّهِ رَبِّ الْعَالَمِينَ"
(الأنعام:45)
"ފަހެ އަނިޔާވެރިވި މީސްތަކުންގެ މުގޫތައް
ކަނޑައިލެވުނީއެވެ. އަދި ހަމަކަށަވަރުން
އެންމެހައި ޙަމްދެއްވަނީ ޢާލަމްތަކުގެ ވެރި ﷲ
ތަޢާލާއަށެވެ." އެބަހީ އެފަދަ މީހުންގެ
އަނިޔާވެރިކަމާއި ނުބައި ނުލަފާ ޖައްބާރު ކަމުން
މީސްތަކުންނަށް އުނދަގޫ ލިބުން މެދު
ކަނޑައިލެވުނީއެވެ.
އާދެ ކޮންމެއަކަސް ޢަދާލަތު ޕާޓީއަކީ
އިސްލާމްދީނުގައި އަންހެނުން ވެރިކަން ކުރުން
ޙުއްދަ ނޫންކަމުގައި ރާއްޖޭގައި އެންމެ
ހަރުއަޑުން ގޮވާލި މީހުންނެވެ. އެއީ ދީނުގައި
ކަނޑައެޅިގެން ޙަރާމްކަމަކަށްވާތީއެވެ.
ބޭނަޒީރަކީ ހަމަކަނޑައެޅިގެން މިޙުކުމްފުޅާއި
އިދިކޮޅަށް މަސައްކަތް ކުރަމުން ދިޔަ މީހެކެވެ.
ޢަދާލަތަކީ ރާއްޖޭގެ މަދަރުސާތަކުގައި އިސްލާމީ
މުޤައްރަރު ވަރުގަދަ ކުރުމަށް އެންމެ ގަދަޔަށް
އަޑުއުފުލާ މީހުންނެވެ. ބޭނަޒީރަކީ ވެރިކަން
ލިބިއްޖެނަމަ އެމެރިކާނުންނާއި އިނގެރޭސީން
ބޭނުންވާ ގޮތަށް ދީނީ މަދަރުސާތަކާއި
މަޢުހަދުތަކާއި ޖާމިޢާތައް ބަންދު ކުރުމަށް
މަސައްކަތް ކުރި މީހެކެވެ. އާދެ އެވެރިން
އަޑުފަތުރައިގެން އުޅޭގޮތަށް ޓެރަރިޒަމްގެ
ތުހުމަތު އަޅުވައިގެންނެވެ.
ޙައްދުފަހަނާޅާފައިވާ ޢަމަލުތައް ހިންގަން
ޖެހެނީވެސް މިފަދަ މުސްތަޝްރިޤުން މުސްލިމުންގެ
ނަމުގައި ތިބެ ހިންގާ ދީނާއި އިދިކޮޅު
ޖަރީމާތަކުގެ ސަބަބުންނެވެ. ޢަދާލަތަކީ
ރާއްޖޭގައި އޮންނަންޖެހޭނީ އިސްލާމީ
ޝަރީޢަތްކަމަށް ދަޢުވާކޮށް، އިނގެރޭސީންނާއި
އަދި ބޭރުގެ އެހެން ޤައުމުތަކުގެ
އެހީތެރިކަމާއިއެކު ވެރިކަމަށް އައުމަށް
މަސައްކަތް ކުރާ އެމްޑީޕީއަށް އެންމެ ގަދައަށް
ރައްދު ދިން މީހުންނެވެ. އަދި ޢަދާލަތަކީ
ކާފަރުންގެ ފިކުރީ ހަނގުރާމައާއި އިދިކޮޅަށް
ދިވެހި ރައްޔިތުން ހޭލުންތެރި ކުރުވަމުން
ދާބައެކެވެ. ބޭނަޒީރަކީ އެޤައުމުތަކުން
ތަމްރީނުވެގެން އައިސް އެމީހުން ބޭނުންވާގޮތަށް
ޕާކިސްތާނުގެ ވެރިކަން ބައްޓަން ކުރަމުންދިޔަ
އެމީހުންގެ ފިކުރީ ހަނގުރާމައިގެ އެޖެންޓެކެވެ.
މިވަރުން ފުދޭނެކަމަށް އުއްމީދު ކުރަމެވެ.
އެހެންކަމުން ހިތުގައި އުފެދޭ ފުރަތަމަ ސުވާލަކީ
އިސްލާމްދީނުގެ ޙުރުމަތް ކަނޑާލި މީހަކަށް،
ޙުރުމަތް ލިބިގެންވާ މީހެއްކަމުގައި
(މުޙްތަރަމާއަކަށް) ވާނީ ކިހިނަކުންތޯއެވެ؟
ދެވަނަ ސުވާލަކީ މިފަދަ މީހަކު ނެތިދިއުމުން
މުއުމިނުން ކުރާނީ ހިތާމަހެއްޔެވެ؟ ނުވަތަ ވާނީ
އުފާ ހެއްޔެވެ؟ މީގެ ޖަވާބު ކޮންމެއަކަސް
ތިޔަބޭފުޅުންގެ އަތްމައްޗަށް ދޫކޮށްލަމެވެ.
އަޅުގަނޑު ޢަދާލަތައް ކުރާ އިލްތިމާސްއަކީ
ކޮންމެފަދަ ޙާލަތެއްގައި ނަމަވެސް ޙައްޤުބަސް
ބުނުމަށެވެ. އެކަން ކުށްވެރި ނުކުރުމުން ބަޔަކު
މީހުން އިރުހާބީ (ޓެރަރިޒަމްގެ) ތުހުމަތު
އަޅުވާފާނެތީވެ، މިހާރު ދައްކާ ވާހަކަތަކަކީ
މިއޮތް ހުރިހައި ދުވަހަކު ދެއްކި ވާހަކަތަކާއި
ތަޢާރަޟްވާ ވާހަކަތަކަކަށް ނުހެދުމަށެވެ. އެހެން
ނޫންނަމަ ދެން މީސްތަކުންގެ ކުރިމަތީގައި
ފަޟީޙަތްވާކަށް މާގިނަ ދުވަހެއް ނުނަގާނެއެވެ.
ކޮންމެއަކަސް އެންމެ ފަހުގެ އިލްތިމާސަކީ
ޙައްޤުބަސް ބުނަން ފަސްޖެހޭކަމުގައި ވާނަމަ
ހަނުހިމޭނުން ތިބުމަށެވެ. ރަސޫލު ﷲ ޙަދީޘްފުޅު
ކުރައްވާފައިވެއެވެ.
"مَنْ كَانَ يُؤْمِنُ بِاَللَّهِ
وَالْيَوْمِ الآخِرِ فَلْيَقُلْ خَيْرًا أَوْ
لِيَصْمُتْ"
رَوَاهُ الْبُخَارِيُّ [رقم:6018]، وَمُسْلِمٌ [رقم:47].
"ފަހެ ﷲ އަށާއި އާޚިރަތް ދުވަހަށް އީމާންވާ
މީހަކު ހެޔޮބަހެއް ނޫނީ ނުބުނާ ހުށިކަމެވެ.
އެހެންނޫންނަމަ އޭނާ ހަނުހިމޭނުން ހުންނާށެވެ."
ކޮންމެއަކަސް ބޭނަޒީރު ބުއްޓޫގެ ޙަޔާތާއި
ބެހޭގޮތުން ދިރާސާކޮށްލައިފިނަމަ އަޅުގަނޑު
މިބަޔާންކުރި ވާހަކަތަކުގެ ތެދުކަން
ޔަޤީންވެގެންދާނެއެވެ. އެހެންކަމުން މިތަނުގައި
ކުރުގޮތަކަށް އޭނާގެ ޙަޔާތާއި (ޚާއްޞަކޮށް
ކިޔެވުމުގެ ޙަޔާތާއި) ބެހޭގޮތުން ކޮންމެވެސް
އެއްޗެއް ގެނެސްދޭން ޤަޞްދު ކުރަމެވެ.
ބޭނަޒީރު ބުއްޓޫއަކީ ޕާކިސްތާނުގެ ކަރާޗީގެ
ޝިޔަޢީ ޢާއިލާއަކަށް ލިބިފައިވާ މީހެކެވެ. އޭނާ
އުފަންވެފައިވަނީ 21 ޖޫން 1953 ގައެވެ. އޭނާ
ކިޔަވާފައިވާ މަދަރުސާތަކުގެ ތެރޭގައި ހިމެނެނީ
"ލޭޑީ ޖެނިންގްސް ނާސަރީ ސްކޫލާއި އެއަށްފަހު
ކަރާޗީގައި ހުންނަ ކޮންވެންޓް އޮފް ޖީސަސް
އެންޑް މޭރީ ސްކޫލެވެ. ރާވަލްޕިންޑީ
ޕްރެޒެންޓޭޝަން ކޮންވެންޓްގައި ދެއަހަރު
ކިޔެވުމަށްފަހު އޭނާ ދެން ކިޔެވީ ޕާކިސްތާނުގެ
މުއްރީ ކިޔާ ރަށެއްގައި ހުރި ޖީސަސް އެންޑް މޭރީ
ކޮންވެންޓް ސްކޫލުންނެވެ. ކަރާޗީގެ ގްރެމަރ
ސްކޫލުން އޭލެވެލް ހެދުމަށްފަހު މަތީ ތަޢުލީމު
ހޯދުމަށްޓަކައި ދެން ދިޔައީ އެމެރިކާއަށެވެ.
އެތަނުގެ ހާރވަޑް ޔުނިވަރސިޓީގައި 1969 އިން
1973 އަށް ބެޗްލާސް އޮފް އާރްޓްސް ޑިގްރީ
ހެދިއެވެ. އެތަނުގައި ކިޔެވި ދުވަސްވަރާއި
ބެހޭގޮތުން ފަހުން އެނާ ބުނެފައިވެއެވެ. "އެއީ
އަހަރެންގެ ހަޔާތުގެ އެންމެ އުފާވެރި ހަތަރު
އަހަރެވެ." އަދި އޭނާގެ ހިތުގައި ޑިމޮކްރަސީގެ އެންމެ ފުރަތަމަ
ބިންގާ އެޅުނު ތަނަކީވެސް އެތަންކަމުގައި
ބުނެފައިވެއެވެ. ހާރވަޑް ޔުނިވަރސިޓީއަށްފަހު
ދެން ކިޔެވުން ކުރިޔަށް ގެންދިޔައީ
އިނގެރޭސިވިލާތުގެ އޮކްސްފޯޑް
ޔުނިވަރސިޓީއިންނެވެ. އެއީ 1973 އިން 1977
އަށެވެ. އޭނާއަށް ފުރަތަމަ ބޮޑު ވަޒީރުކަން
ލިބިފައިވަނީ 1988 ވަނަ އަހަރުގެ ޑިސެމްބަރު
މަހުގެ ދެވަނަ ދުވަހުއެވެ. ވެރިކަމުގައި
ހުރިއިރު ފިރިމީހާއާއި ދެމީހުން ހިންގާފައިވާ
އެތަކެއް ޚިޔާނާތުގެ މައްސަލައެއްވަނީ ފަޅާ
އަރާފައެވެ. މިގޮތުން ސްވިޒަރލެންޑާއި
ޕޮލެންޑާއި ފްރާންސުންވަނީ އެމީހުން
ހިންގާފައިވާ ބޭންކު އެކައުންޓްތަކާއި
ވިޔަފާރިތަކުގެ ޑޮކިއުމެންޓްތައް ޕާކިސްތާން
ސަރުކާރަށް ހުށަހަޅާފައެވެ. ބޭނަޒީރު ވެރިކަމުން
ފޭބިތާ ބައި ގަޑިއިރުގެ ތެރޭގައި އޭނާގެ
ފިރިމީހާވަނީ ހައްޔަރު ކުރެވި ޖަލަށްލެވިފައެވެ.
އަދި ޖަލުގައި އަށް އަހަރު ހޭދަކޮށްފައިވެއެވެ.
އަދި ބޭނަޒީރުވެސް ވަނީ ޕާކިސްތާނުން
ބޭރުކޮށްލުމުން އަށް އަހަރު ވަންދެން ދުބާއީ
އާއި އިނގެރޭސިވިލާތުގައި އުޅެފައެވެ. 2007ވަނަ
އަހަރުގެ އޮކްޓޯބަރ 18 ގައި ޕާކިސްތާނަށް
އެނބުރި އައީ މުޝައްރަފާއިއެކު ދެމީހުން
ވެފައިވާ އަޑިނޭނގޭ އެއްބަސްވުންތަކެއްގެ
ދަށުންނެވެ. އެއަށްފަހު އޭނާ ދިޔައީ ކުރިއަށް
އޮތް އިންތިޚާބަށް ތައްޔާރުވަމުންނެވެ. އެގޮތުން
ރާވަލްޕިންޑީގައި 27 ޑިސެމްބަރ 2007ގައި ބޭއްވި
އެއްވުމެއްގައި ބަޑި ޖެހުމާއިއެކު ޖާނުން
ފިދާވެގެން މީހަކު ދިން ހަމަލައެއްގައި އޭނާވަނީ
މަރުވެފައެވެ. މިޙަމަލާ ދިނީ މުޝައްރަފް ކަމެއް
ނުވަތަ ހަނގުރާމަވެރި ޖަމާޢަތެއްކަން އަދިވެސް
ޔަޤީން ނުވެއެވެ. އެހެންނަމަވެސް އާދަކާދައިގެ
މަތިން މިކަމުގެވެސް ފޫޅު ކަނޑާފައިވަނީ
އަލްޤާޢިދާއަށެވެ.
(ނޯޓް: ބޭނަޒީރުގެ ޙަޔާތާއި ބެހޭ މަޢުލޫމާތު
ނަގާފައިވަނީ އިންޓަނެޓް އެންސައިކްލޮޕީޑިއާއެއް
ކަމުގައިވާ ވިކިޕީޑިއާއިންނެވެ.) |