"ފަހެ ތިޔަބައިމީހުން ޤުރުއާނުގެ އެއްބަޔަށް އީމާންވެފައި އޭގެ އަނެއް ބަޔަށް ކާފަރުވެ އުރެދެނީ ހެއްޔެވެ؟" سورة البقرة

 
 

އަފްރާޝީމް ހުކުރު ނަމާދު ކުރުމަށް އިބްރާހީމީ މިސްކިތައް އެރުމުން ވަރަށް ގިނަ އަދަދެއްގެ ބަޔަކު މިސްކިތުން ފައިބައިފި.

    މިއަދު އިބްރާހީމީ މިސްކިތުގައި އިމާމްވެ ހުކުރު ކުރުމަށް އަފްރާޝީމް އެރުމުން އެމިސްކިތުން ވަރަށް ގިނަ އަދަދެއްގެ ބަޔަކު ނިކުމެގެން ހިނގައްޖެއެވެ. މިގޮތުން އެމިސްކިތުން ތިން ސަތޭކައެއްހައި މީހުން ފައިބައިގެން ގޮސްފައިވާ ކަމަށް ވެއެވެ. އެމިސްކިތަށް ހުކުރަށް ދިޔަ ބައެއް މީހުންގެ ފަރާތުން ޚަބަރު ލިބިފައިވާ ގޮތުގައި އަފްރާޝީމް ހުކުރު ކުރަން އައުމުން މިސްކިތުގެ ތިރީބައިގާ (ޢާއްމުކޮށް ނަމާދު ކުރާ ބައިގާ) ތިބި ހުރިހާ މީހުން ކަހަލަ ގޮތަކަށް މިސްކިތުން ފައިބައިގެން ގޮސްފައިވެއެވެ.

    އެމިސްކިތުން ފައިބައިގެން އެހެން މިސްކިތްތަކަށް ދިޔަ މީހުން ހުކުރު ކޮށްގެން އަލުން އިބްރާހީމީ މިސްކިތް ދޮށަށް އެއްވުމުން ކޮންމެވެސް ވަރަކަށް ހަމަ ނުޖެހުން ހިނގާފައިވެއެވެ. މަންޒަރު ދުށް ފަރާތްތަކުން ޚަބަރު ލިބިފައިވާ ގޮތުގައި، ބޮޑަށް ބަދަލު ކުރެވުނީ ބަހުގެ ޙަމަލާތައް ކަމަށް ވެއެވެ. އަދި އެތަނުގައި ސިފައިންނާއި ޑީއާރުޕީއަށް ނިސްބަތްވާ މީހުން އަފްރާޝީމްއަށް ޙިމާޔަތް ދީގެން ދީނީ މީހުން ލައްވާ ގޯހެއް ހެދުމަށް މަސައްކަތް ކޮށްފައިވެއެވެ.

    ކޮންމެއަކަސް އަފްރާޝީމްގެ އާދަޔާ ޚިލާފް ދީނީ ފަތުވާތަކާއި އޭނާ ނަމާދު ކުރާއިރު އެދައްކާ ލަވަކިޔުމުގެ ހުނަރުތަކާއި ހެދި، އެތައް ބަޔެއްގެ ނަފްރަތާއި މަލާމާތް ރައްދުވާ މީހަކަށް އޭނާ ވަނީ ވެފައެވެ. އެއީ ހަމައެކަނީ ދީނީ މީހުން އެކަންޏެއް ނޫނެވެ. ދީނީ ކަންކަމާއިމެދު މާބޮޑު ސަމާލުކަމެއް ނުދޭ އެތައް ބަޔަކުވެސްވަނީ މިކަންކަމާއި ހެދި އޭނާއަށް ނަފްރަތުކޮށް އޭނާ އިމާމުވެ ނަމާދު ކުރާނަމަ އޭނާގެ ފަހަތުގައި ނަމާދު ނުކޮށް ފައިބަން ފަށާފައެވެ. މިޚަބަރުތައް ދުވަހު ނޫސްތައްކަމުގައިވާ ހަވީރާއި މިނިވަން ނޫހާއި ޖަޒީރާ ޑެއިލީއާއި މިނޫންވެސް ނޫސްތަކުގައި ޖަހާފައިވެއެވެ.

    އެތައް ބަޔަކު މިހާ ނުރުހުންވާ މީހަކު މީސްތަކުންގެ ތެރެއަށް ނެރެ، ޓީވީގެ ކުރިމައްޗަށް ނެރެގެން ސަރުކާރުން ބޭނުންވަނީ ސަރުކާރުން ގެންގުޅޭ ދީނާއި އިދިކޮޅު ޔަހޫދީ ސިޔާސަތު ފުޅާކޮށް ވަރުގަދަ ކުރާށެވެ. ނިކަން ވިސްނަވާ ވަޑައިގަންނަވާށެވެ. އަފްރާޝީމް ކިޔަވައިގެން އެއައި ތަނަކީ އިހަކަށް ދުވަހު އެމެރިކާގެ ފައްޅިއެއްގައި އިމާމުވެ ހުކުރު ނަމާދު ކުރި އައިމިނާ ވަދޫދުއޭ ކިޔާ ޝައިޠާނާވެސް ކިޔަވައިދޭން އުޅުނު ތަނެކެވެ. އޭނާވަނީ 1989 އިން 1992 އަށް އަފްރާޝީމް ޕީއެޗްޑީ ހަދައިގެން އެއައި މެލޭޝިޔާގެ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވާސިޓީގައި ކިޔަވާ ދީފައެވެ. އަދި މީނާއަކީ މާމޮޅު ދީނީ ޢިލްމުވެރިއެއް ކަމަށް ހަދައިގެން މިސަރުކާރުންވެސް ވަނީ މީނާ ރާއްޖެ ގެނެސް ތަންތަނުގައި ތަޤްރީރުކޮށް ހަދުވާފައެވެ. އަދި ހަމަ މިގޮތަށް ދާދި މިދާކަށް ދުވަހު، މިހާރު އިޞްލާޙު ކުރަމުންދާ ޤާނޫނު އަސާސީގައި އިސްލާމީ ޝަރީޢަތާއި ޚިލާފްކަމެއް ހިމެނޭތޯ ބެލުމަށް އައި ކަމާލީއަކީވެސް އެތަނުގެ ޕްރޮފެސަރެއް ކަމަށް ޚަބަރު ލިބިފައިވެއެވެ. އޭނާ ވަނީ ރާއްޖޭގައިވެސް އެހެން ދީންތަކަށް ބަދަލުވުމުގެ އިޚްތިޔާރު އޮވެ އެފަދަ މީހުންނަށް މިނިވަންކަން އޮތުމަކީ ދީނާއި ޚިލާފް ކަމެއް ނޫންކަމަށް ބުނެފައެވެ. ސުބްޙާނަ ﷲ އެވެ. މިފަދަ މީހުންނަށް ދެންވެސް ކިޔަންވީ ހަމަ މުސްލިމުން ހެއްޔޭއެވެ. ދިވެހި ލޮބުވެތި އަޚުންނާއި އުޚްތުންނޭވެ. މިފަދަ މީހުންގެ ކައިރީން އެދުރުވެގެން މިއަންނަ ދީނީ ޢިލްމުވެރިންނޭ ކިޔައިގެން މިއުޅޭ މީހުންނަށް ރައްކާތެރިވެ ވަޑައިގަންނަވާށެވެ.

dheenee-news@hotmail.com

 
 
 
 
 

 

މިސައިޓްގައިވާ ލިޔުންތައް އެއްވެސް އުނިއިތުރު ކުރުމެއްނެތި ބޭނުން ކުރުމަކީ ކޮންމެ މުސްލިމަކަށްވެސް ލިބިގެންވާ ޙައްޤެކެވެ.©1428 (2007)