"ފަހެ ތިޔަބައިމީހުން ޤުރުއާނުގެ އެއްބަޔަށް އީމާންވެފައި އޭގެ އަނެއް ބަޔަށް ކާފަރުވަނީ ހެއްޔެވެ؟" سورة البقرة

 
 

އިރެއްގައި ސަރުކާރުން ދިވެހި ރައްޔިތުންނަށް ދީން އޮޅުވާލި ކަމުގައިވިޔަސް، ﷲގެ ރަޙްމަތުން މިހާރު އެކަމެއް ނުވާނެއެވެ.

    ދިވެހިންނަކީ ޒަމާނުއްސުރެ އިސްލާމްދީނުގެ ކަންތައްތަކަށް ލޯބި ކުރާ ބައެކެވެ. އަބަދުވެސް އެއިރެއްގައި އެނގިފައިވާ އެންމެ ރަނގަޅަކަށް ދީނަށް ޢަމަލު ކުރަމުން ދިޔަ ބައެކެވެ. އަދި ކިއެއްހެއްޔެވެ! ޙައްޤު ހޯދުމުގެ ގޮތުން ދީންވެސް އެވަނީ ބަދަލު ކޮށްފައެވެ. އަޅުގަނޑުމެންގެ ކާބަފައިން ބުދު ދީނަށް އަޅުކަން ކުރަމުން ދަނިކޮށް އިސްލާމްދީނުގެ ނޫރުކޮޅު މިބިމަށް ފޯރިހިނދު އެއީ ހަމަ އެއްވެސް ކިލަނބުކަމެއް ނުވާ ޙައްޤު ދީން ކަމަށް ހިތުން ރުހުމުން ޤަބޫލުކޮށްގެން އެބޭކަލުން މިދީނުގެ މަތިވެރި ހިދާޔަތުގެ ދަށަށް ވަނެވެ. އެއަށްފަހު މާލިކީ މަޛްހަބު ޚިޔާރުކޮށްގެން ތިއްބައި ދީނުގެ ޢިލްމު ޙާޞިލްކޮށްގެން ހުންނެވި ބޭފުޅަކު ވަޑައިގެން، ޝާފިޢީ މަޛްހަބަށް ގޮވާލެއްވުމުން ރާއްޖޭގެ ރައްޔިތުން ޝާފިޢީ މަޛްހަބު ޚިޔާރު ކުރިއެވެ. އޭރުގެ އެއްވެސް މީހަކު މިކަންކަމާއި އިދިކޮޅު ހަދައި ތިޔައީ އަހަރުމެންގެ ކާބަފައިން ޢަމަލު ކުރިގޮތެއް ނޫނޭ ކިޔައި، އަލަށް އެއެނގުނު އެއްޗަކަށް ޢަމަލު ކުރުމަށް ފަސްޖެހި އިންކާރު ކުރިކަމަށް ތާރީޚުގައި އެނގޭކަށް ނެތެވެ. އެބޭފުޅުން ދިޔައީ ޙައްޤު އެނގެމުން ދިޔަވަރަކަށް އެއަށް ޢަމަލު ކުރަމުންނެވެ.

ތިޔަ އެންމެހައި ބޭފުޅުންނަށްވެސް އެނގިވަޑައިގަންނަވާނޭ ފަދައިން އެޒަމާނަކީ ދީނުގެ ޢިލްމުވެރިންވެސް މަދު، ދަތުރު ފަތުރާއި މުވާސަލާތީ ކަންތައްވެސް އެހާމެ ދަތިކޮށް އޮތް ޒަމާނެކެވެ. އެހެންކަމުން ދީނުގެ ޢިލްމު އުނގެނިގެން ތިބީ ވަރަށްވެސް މަދު މީހެކެވެ. މިކަން ދާދި މިދާކަށް ދުވަޙާއި ޖެހެންދެންވެސް އޮތީ މިގޮތަށެވެ. އެހެންކަމުން އޭރުގެ މީހުންނަށް ކީރިތި ޤުރުއާނާއި އަދި ލޮބުވެތި ނަބިއްޔާ صلى الله عليه وسلم ގެ ޙަދީޘްފުޅުތަކުގައި ބަޔާންވެފައިވާ އެތައްކަމެއް އޮތީ ނޭނގިއެވެ. އޭރު ދީން އުނގެނިގެން މީހަކު އަތުވެއްޖެނަމަ އެއީ ވަރަށް މަތިވެރި ޝަރަފެކެވެ. އެފަދަ މީހަކު އެގެނެސްދޭ އެއްޗަކީ ރަނގަޅު އެއްޗެއް ކަމުގައިވިޔަސް ނުވަތަ ނުރަނގަޅު އެއްޗެއް ކަމުގައިވިޔަސް ދިވެހިން ދިޔައީ އެކަންކަން ޤަބޫލު ކުރަމުންނެވެ.

    ކޮންމެއަކަސް މިކަން މިހެން އޮއްވާ މީގެ ތިރީހަކަށް އަހަރު ކުރިން، ބޮޑު ދީނީ ޢިލްމުވެރިއެއްގެ ނަމުގައި ރާއްޖޭގެ ވެރިކަމާއި މައުމޫނު ޢަބްދުލްޤައްޔޫމް ޙަވާލުވީ ޤާނޫނާއިވެސް ޚިލާފަށް، ފިސްތޯލައެއް ފޮރުވައިގެން ހިފައިގެން ހުރެއެވެ. ދިވެހި ރައްޔިތުންގެ ކުރިމަތީގައި ﷲ ގަންދީ ބޮޑު ހުވައެއް ކުރީ އިސްލާމްދީނަށާއި ދިވެހި ރައްޔިތުންނަށް އޮލުވާލައިގެން ހުރެއެވެ. އޭރު ދިވެހިންގެ ހޭލުންތެރިކަން ކުޑަކަމުގެ ފައިދާ، މައުމޫން ޢަބްދުލްޤައްޔޫމާއި އޭނާގެ ބައިވެރިން ނަގާފައިވަނީ ދީން ހަތިޔާރެއްގެ ގޮތުގައި ބޭނުން ކޮށްގެންނެވެ. ޙައްޤުގޮތް އެނގިހުރެމެ ވެރިކަމުގެ ދަހިވެތިކަމުގައި ދިވެހި ރައްޔިތުންނަށް ދީން އޮޅުވާލީއެވެ.

މިކަންތައްތައް މިހެން އޮއްވާ ދަތުރު ފަތުރުގެ ކަންތައް ލުއިފަސޭހަވެ، ދީނުގެ ޢިލްމު ހޯދުމުގެވެސް މަގު ތަނަވަސްވެގެން ދިޔުމާއިއެކު އެތައްބަޔަކު ދީނުގެ ޢިލްމު ޙާޞިލް ކުރުމަށް އެކި ކަންކޮޅުތަކަށް ގޮސް، އަދި ވަކިން ޚާއްޞަކޮށް އިސްލާމްދީން އެތަނަކަށް ބާއްވާލެއްވުނު މައްކާއާއި މަދީނާއިން ދީން ކިޔަވައިގެން އަންނަން ފެށުމުން، ދިވެހީން މީގެ ކުރިން އަޑު ނާހާ އެތައް ކަމެއް ކީރިތި ޤުރުއާނާއި މާތް ނަބިއްޔާ صلى الله عليه وسلمގެ ޙަދީޘްފުޅުތަކުން އެނގެން ފެށިއެވެ. އާދެ އެދުވަސްވަރާ މިދިމާވީ މިހާރު މިއޮތް ސަރުކާރު ވެރިކަމާއި ބަގުޑި ބައްދައި، ދީން ހަތިޔާރަކަށް ހަދައިގަތް ދުވަސްވަރާއެވެ. އެހެންކަމުން މައުމޫނު ޢަބްދުލްޤައްޔޫމް އެދޭގޮތާއި ޚިލާފަށް ކިރިޔާވެސް އެއްޗެއް ބުނާ މީހެއްނަމަ އެމީހަކަށް ޖާގަދިނީ ހުރަގެއިންނެވެ. އާދެ ޖަލުންނެވެ.

    ކޮންމެއަކަސް ދުނިޔޭގައި ނެތްވަރުގެ ބޮޑު ޢިލްމުވެރިޔަކާއި އަޅުގަނޑުމެންގެ މިލޮބުވެތި އަމާން އޮމާން ސުލްޙަމަސަލަސް ޤައުމުގެ ވެރިކަން ހަވާލު ކުރުމުން، ތިމާގެ އަމިއްލަ ޖާހާއި މާލަށްޓަކައި އެހަވާލު ކުރެވުނު މަތިވެރި އަމާނާތަށް ޚިޔާނާތްތެރިވެ ދިވެހިންނަށް ޖައްސާފައިވާ ބިކަ ހާލު މިއަދު އަޅުގަނޑުމެންގެ މުޖްތަމަޢިން މިއޮތީ ފެންނާށެވެ. ފާއިތުވެދިޔަ ތިރީސް އަހަރު ތެރޭ މައުމޫނު އެބުނާ ދީނުގެ ތަރުބިއްޔަތު ދީގެން މުޖްތަމަޢު ތެރެއަށް ނެރުނު ޒުވާން ކުދިންނާއި ހެދި، ދިވެހިން ރައްޔިތުން މިއުޅެނީ ހަމަޖެހިލައިގެން ލޮލު ފިޔައެއް ޖަހާލަން ނުކެރިގެންނެވެ.

     އާދެ މިވީހާތަނަށް މައުމޫނު ޢަބްދުލްޤައްޔޫމްގެ ސަރުކާރުން ދިވެހި ރައްޔިތުންނަށް އެންމެ ބޮޑަށް އޮޅުވާލި ދީނީ މައްސަލަތަކަކީ އަންހެނުން ބުރުޤާ އެޅުމުގެ މައްސަލައާއި، ފަތިސް ނަމާދުގެ ޤުނޫތުގެ މައްސަލައާއި، ފިރިހެނުން ތުނބުޅި ދިގުކުރުމާއި ފައިކުރީގެ މައްސަލައާއި، ހުކުރު ޖަމާޢަތުގެ މައްސަލައެވެ. އަދި މިނޫންވެސް މިފަދަ އެތައް މައްސަލައެކެވެ. މިގޮތުން އެންމެ ވަރުގަދައަށް މަސައްކަތް ކުރީ އަންހެނުންގެ ބުރުގާއާއި ފިރިހެނުންގެ ތުނބުޅިއާއި ފައިކުރިއާއި އިދިކޮޅަށެވެ. މިގޮތުން ތުނބުޅިލައި ފައިކުރިކުރުކޮށްފައި ތިބޭ މީހުންނާއި ބޮޑުބުރުގާ އެޅި އަންހެނުންގެ ތެރެއިން އެތައް ބަޔަކު ޖަލަށްލައި އަނިޔާވެސް ކޮށްފައިވެއެވެ. އެހެންނަމަވެސް الله تعالى ގެ ކުޅަދުންވަންތަ ކަމުގެ ފުރިހަމަ ކަމާއިއެވެ! މިއަދު ރާއްޖޭގެ ހުރިހައި ކަންކޮޅުތަކަށް އެކަންތައްތައް މިވަނީ ފެތުރިފައެވެ. އެއީ އަންނަނިވި الله تعالى ގެ ޥަޙީ ބަސްފުޅުގައިވާ ފަދައިންނެވެ. "އެބައިމީހުން الله تعالى ގެ ނޫރު (އެބަހީ: އިސްލާމްދީން)، އެބައިމީހުންގެ އަނގަތަކުން (ފުމެ) ނިއްވާލަން ބޭނުންވެއެވެ. އެހެންނަމަވެސް، ކާފަރުން ކިތަންމެ ނުރުހުންވި ކަމުގައިވިޔަސް الله تعالى ، އެއިލާހުގެ ނޫރުކޮޅު ފުރިހަމަ ކުރައްވަވާ ހުއްޓެވެ." (ސޫރަތުއް ޞައްފު:8).

    ﷲގެ ރަޙްމަތްފުޅުން، ބުރުގާގެ މައްސަލާގައި މައުމޫނު ޢަބްދުލްޤައްޔޫމް އޮޅުވާލި އޮޅުވާލުން ދޮގުކޮށް، އެތައް އުޚްތުންނެއް މިހާރު އެދަނީ ބުރުޤާ އަޅަމުންނެވެ. މިކަމުންވެސް ދޭހަކޮށްދެނީ މިހާރު ދިވެހި ރައްޔިތުން މަޢުމޫނު ޢަބްދުލްޤައްޔޫމް ދައްކާ ދީނީ ވާހަކަތައް ޤަބޫލު ނުކުރާކަމެވެ. ޚުދު މައުމޫނު ޢަބްދުލްޤައްޔޫމްގެ އެންމެ ގާތުގައި އުޅޭ އެތައް ބަޔަކުވެސް އޭނާ ދައްކާ ދީނީ ވާހަކަތައް ޤަބޫލު ނުކުރެއެވެ. އެހެންނަމަވެސް ދުނިޔެވީ އެދުމާއި ފައިސާއާއި މަޤާމުގެ ދަހިވެތިކަމުގައި މައުމޫނަށް އާނ ހޫނ ކިޔާލަކިޔާލާ ތިބީއެވެ.

    މައުމޫން ޢަބްދުލްޤައްޔޫމެވެ! ސްޓޭޖްތަކަށް އަރައި ޤުރުއާނޭ އަދި ސުންނަތޭ ކިޔައިގެން ކިތަންމެ ގަދަޔަކަށް އަޑު އުފުލިޔަސް މިހާރު ދިވެހި ރައްޔިތުން އެވާހަކަތަކަކަށް އިޖާބައެއް ނުދޭނެއެވެ. ވެރިކަމަށް އައިފަހުން ތިޔަ ނެރެން ކިޔާ ޤުރުއާނުގެ ތަރުޖަމާއެއްގެ ވާހަކަ ދައްކާތާ މިހާރު ވިހި ތިރީސް އަހަރުވަނީއެވެ. އެފަދަ މަތިވެރި ފޮތަކާއިމެދު ދޮގު ވަޢުދުތަކެއް ކޮށްފައި ހުރި މީހަކު ކިތަންމެ ވަރަކަށް ޤުރުއާނޭ ކިޔައިގެން ވާހަކަދެއްކިޔަސް ދެން ދިވެހި ރައްޔިތުންނެއް އެވާހަކައެއް ޤަބޫލެއް ނުކުރާނެއެވެ. ނުވިތާކަށް މިދިޔަ އަހަރުގެ ރިޔާސީ ބަޔާނުގައިވެސް އެއަހަރު ނިމުމުގެ ކުރިން ކޮންމެ ގޭ ބީސީއަކަށް ޤުރުއާން ތަރުޖަމާގެ ކޮޕީއެއްް ފޯރުކޮށްދޭން ވަޢުދުވެފައިވެއެވެ. އެހެންނަމަވެސް އެކަންވެސް ވެފައިމިވަނީ ދިވެހި ހަރުބަހެއްގައި ބުނާފަދައިން "އިނބިލީހުގެ ކައިވެންޏަށް" ވީހެން ވެފައެވެ. ވާނީވެސް އެހެންތާއެވެ. ޤުރުއާނުގެ ރަނގަޅު ތަރުޖަމާއެއް ނެރެފިނަމަ ބިތުފަންގިނެގި ތިމާ ދައްކާފައިހުރި އެތައް ވާހަކަތަކެއް ފަޟީޙަތްވެ އަދި މިހާރަށްވުރެވެސް ބޮޑަށް ތިމާ ބޭޒާރުވާނެއެވެ.

    މައުމޫނު ޢަބްދުލްޤައްޔޫމްއެވެ! މިއުޒިކޭ ލަވައޭ ނެށުމޭ ކިޔައިގެން ތިޔަ އަޑު އުފުލަނީ ފަހެ މިހާރު މިއުޒިކް ކުޅެ ލަވަކިޔައި ނަށާ މިހަދަނީ، ކީރިތި ނަބިއްޔާ صلى الله عليه وسلم ގެ އަރިހުގައި ޞަޙާބިއްޔަ ބޭކަލުން ވިދާޅުވެ އުޅުނު ކަހަލަ ޅެންތަކާއި މަދަހަތައް ކިޔާފައި ހެއްޔެވެ؟ ޤުރުއާނާއި އަދި ޤުރުއާނަށް ފަހު މިބިންމަތީގައި އޮތް އެންމެ ޞައްޙަ ފޮތް ކަމުގައިވާ ބުޚާރީގައިވެސް މިކަން ޙަރާމް ކުރައްވައި ސާފު ދަލީލުތައް ބަޔާންވެފައި ވަނިކޮށްވެސް ފަހެ އެކަންކަން ހުއްދަ ކުރަނީ ހެއްޔެވެ.

ދެން ތިޔަ ބުނަނީ ޤުނޫތުގެ ވާހަކައެވެ. ވެރިކަމަށް އައިތާ ކުރީކޮޅު ޤުނޫތަކީ "ސުންނަތެއް ނޫންކަމަށް ބުނެ" އަދި އެކަމާއި ބެހޭގޮތުން ލިޔުނު ލިޔުންވެސް މަންސޫޚުވީހެއްޔެވެ؟ އެމައްސަލައިގައިވެސް އެކިފަހަރު އެކިއެތި ކިޔައި މިހާރު ތިޔަވަނީ ފަޟީޙަތްވެފައެވެ. ދެން ތުނބުޅީގެ މައްސަލާގައި އެއީ ސުންނަތެއްވެސް ނޫނޭ ތިޔަ ބުނަނީ އެއީކީ އަދި މިވީހާތަނަށް ދީނުގެ ހަމަ އެންމެ ޢިލްމުވެރިޔަކުވެސް ބުނެފައިވާ އެއްޗެއް ނޫނެވެ. ތުނބުޅިއަށް އިންކާރު ކުރާ މީހުންވެސް ބުނަނީ ތުނބުޅި ބެހެއްޓުން ވާޖިބެއް ނޫނޭއެވެ. އެއީކީ ސުންނަތެއް ނޫނޭއެކޭ ނުބުނެއެވެ. ދެން އޮތީ ހިލޭ އަންހެނުންނާއި ސަލާމް ކުރުމުގެ މައްސަލައެވެ. މަނިކުފާނަކީ ހިލޭ އަންހެނުންނާއި ވަރަށް ސަލާމް ކުރާހިތްވާ ބޭފުޅެއްކަން އަޅުގަނޑުމެންގެ ތެރެއަށް ފެތުރިގެން މިއުޅޭ މަނިކުފާނުގެ ސަލާމް ވީޑިއޯ ކްލިޕްއިންވެސް ދޭހަވެެއެވެ. (އޭތި ވަރަށް އަވަހަށް މިސައިޓުގައި ޝާޢިއު ކުރެވޭނެއެވެ. إن شاء الله). އެހެންވީމާ މަނިކުފާނަށް އެއީ މައްސަލައެއް ނޫންކަމުގައި ވެދާނެއެވެ. އެހެންނަމަވެސް ޙައްޤުގޮތަށް އުޅެން ބޭނުންވާ މީހުންނަށް އެއީ ކިހާވަރެއްގެ ކަމެއްކަން އެނގެއެވެ.

ދެން ހަމަ ތިޔަ ބުނަނީ މުސްލިމުންނާ ހަނގުރާމަ ނުކުރާ އަދި އެމީހުންގެ ގެދޮރުން ބޭރު ނުކުރާ މީހުންނާއި ގުޅުން ބޭއްވިދާނެ ވާހަކައެވެ. ރަނގަޅު ވާހަކައެކެވެ. އެހެންނަމަވެސް ތިމާމެން އެހީއާއި މަދަދު ހޯދާ ގާތް އެކުވެރިން ކަމުގައި ހަދައިގެން ތިޔަ އުޅެނީ އެފަދަ ޤައުމުތައް ހެއްޔެވެ؟ ސިފައިން ތަމްރީނު ކުރުމާއި އެމީހުންނަށް ބޭނުންވާ ފަންނީ އެހީ ހޯދައި އެބަޔަކަށް އަޅުދާސްތުވަމުން ތިޔަދަނީ މުސްލިމުން މަރާ ސުންނާފަތި ކުރަމުންދާ ބޮޑު ފަރަންޖީ ދައުލަތެއް ކަމުގައިވާ އެމެރިކާގެ ކިބައިންނެވެ. އަދި ސިޔާސަތު ބިނާ ކުރަމުން ތިޔަދަނީ، އަނެއްކޮޅުން މުސްލިމުންނާއި އިދިކޮޅަށް ހަނގުރާމައަށް ނިކުމެ އޮތް އިނގެރޭސީންގެ ކިބައިންނެވެ. އެމީހުން އެވަނީ، މުސްލިމުން އެބައިމީހުންގެ ގޯތި ގެދޮރުން ނެރެ ރެފިއުޖީންނަށް ހަދާފައެވެ. އެހެންނަމަވެސް އެމީހުން ބުނާގޮތަށް ނޫނީ ދީނީ އަދި ދުނިޔެވީ ކަމެއްވެސް ނުކުރެވެއެވެ. މިމީހުންގެ ހުރި މުނާފިޤު ކަމެއްގެ ބޮޑުކަމާއިއެވެ.

ދެން ފަހެ ތިމަންނަ ދަލީލު މިދައްކަނީ ޤުރުއާނާއި ސުންނަތުންނޭ ބުނާއިރު، ތިޔަ ހުރި ފެންވަރެއް ދައްކާލަން ނިކަން ސުންނަތުގެ ޝެއިޚުންނާއި އެކު މުނާޟަރާއަކަށް (ބަހުސްއަކަށް)، އެއް ސްޓޭޖަށް އަންނަން ނުކުރިގެން ތިޔައުޅެނީ ކީއްވެހެއްޔެވެ؟ ދިވެހި ރައްޔިތުންގެ ކުރިމަތީގައި ފަޟީޙަތްވެ އޮރިޔާންވެދާނެތީ ހެއްޔެވެ؟

blog stats
dheenee-news@hotmail.com
 
 
 
 
 

 

މިސައިޓްގައިވާ ލިޔުންތައް އެއްވެސް އުނިއިތުރު ކުރުމެއްނެތި ބޭނުން ކުރުމަކީ ކޮންމެ މުސްލިމަކަށްވެސް ލިބިގެންވާ ޙައްޤެކެވެ.©1428 (2007)