|
އަހަންނަށް މާފުކުރާށެވެ!
ތަރުޖަމާ: ނަބީލް

އަހަރެން އަންހެނުންގެ އަތުގައި ބޮސްދިން ހިނދު އޭނާގެ ދެލޯ
ކަރުނައިން ފުރުނެވެ. އަދި ކޯތާފަތްމަތި ކަރުނައިން ތެމުނެވެ.
އަހަރެން ބުނީމެވެ. އަހަންނަށް މާފުކުރާށެވެ. އަހަނަންނަށް ކުށެއް
ކުރެވިއްޖެއެވެ. އަހަރެމެން އެންމެންނަކީ ވެސް އިންސާނުން
ނޫންހެއްޔެވެ؟ ފުރިހަމަކަމުގެ ސިފަ ލިބިވޮޑިގެންވަނީ ހަމައެކަނި ﷲ
އަށް ނޫންހެއްޔެވެ؟ އަހަރެންގެ ޢުޛުރު ޤަބޫލުކުރާށެވެ. ތިބާ
ޢަހުދުވެފައިވީ ފަދައިން ވިސްނުންތޫނު ކެތްތެރިއެއްގެ ގޮތުގައި
އަބަދުވެސް ހުރެދޭށެވެ!
ދެ ލޮލުން ފޭދެމުން ދިޔަ ކަރުނަތައް ފޮހެލަމުން އޭނާ އަހަންނާ
ދިމާލަށް ބަލާލިއެވެ. އަދި ބުންޏެވެ. ތިބާގެ ކުލުނުވެރި ކަމާއިމެދު
އަހަރެން މިހިރީ ވަރަށް އުފަލުންނެވެ. އަހަރެން ސަމާސާ ރާގަކަށް
ބުނީމެވެ. ތިޔަ ރޮވުނީ އެހެންވެގެން ހެއްޔެވެ؟ އޭނާ ބުންޏެވެ.
ނޫނެކެވެ. އަހަރެންނެކޭ އެއްފަދަ އެހެން ބައެއް އަންހެން ކުދީންގެ
ފިރީން އެމީހުންނާ މެދު ގޯސްކޮށް ކަންތައް ކުރެވޭ ފަހަރުގައި
އެމީހުންގެ ކުށް ގަބޫލުނުކުރާ ތާނގާއި އޯގާތެރިކަމުގެ ލަފުޒެއް ވެސް
ނުބުނާ ޚަބަރު ލިބިފައިވާތީ އެކަން ހަނދާންވި ހިނދު ރޮވުނީއެވެ. ހަމަ
ތެދެކެވެ. އަހަރެން މިހިރީ ވަރަށް އުފާވެފައެވެ. ތިބާގެ މުޢާމަލާތާ
މެދުގައެވެ. ތިޔަ އޯގާތެރިކަމާއި ހަމްދަރުދީއާއި މެދުގައެވެ.
އަހަރެންގެ ހިތުގައި އުފާވެރިކަން އުތުރި އަރަމުންދަނީއެވެ. އެ
އުފާވެރިކަން ހުރިހާ އަންހެންތަކުންގެ ހިތްތަކަށް ބަހާފައި ވެސް އަދި
ބާކީ އޮތް ބައިން އަހަރެން އުފާކުރުމަށް ފުދޭހާ ވެއެވެ.
އަހަރެން ބުނީމެވެ. އަހަރެންގެ އުޒުރު ގަބޫލުކުރުމުގައި އެއްވެސް
ކަހަލަ ކޫރުމެއް ވިޔަސް ނުވާކަން އަހަންނަށް ޔަޤީންކޮށްދޭށެވެ.
އަހަންނަށް ކުށެއް ކުރެވުނީއެވެ. ފިތުރަތާއި ބުއްދި ސަލާމަތުން ހެޔޮ
ހާލުގައި ހުރި ކޮންމެ އިންސާނަކު ވިޔަސް މީހެއްގެ ޙައްގުގައި ކުށެއް
ކުރެވިއްޖެ ނަމަ އެމީހެއްގެ ކިބައިން މާފަށް އެދޭނެއެވެ. ވީއިރު އަދި
ވަކީން އަހަރެންގެ އަންހެނުން.... އަހަރެންގެ ދަރީންގެ މައިމީހާ ގެ
ޙައްގުގައި ކުށެއް ކުރެވުނު ހިނދު މާފަށް ނޭދެންވީ ކީއްވެހެއްޔެވެ؟
މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘްކުރައްވާފައިވަނީ
ވެސް ތިޔަބައިމީހުންގެ ތެރެއިން އެންމެ ހެޔޮ ބަޔަކީ
ތިޔަބައިމީހުންކުރެ އެމީހެއް އަހުލުވެރިންނަށް އެންމެ ހެޔޮ މީހާ
ކަމުގައިވިއްޔާއެވެ.
ތިމާއަށް ހެދޭ ގޯސްތަކުގައި އަނބިމީހާގެ ގާތުން މާފަށް އެދުމަކީ
އަނބިދަށުވުން ކަމުގައި ދެކުމަކީ ވަރަށް ބޮޑު ގޯހެކެވެ. އަދި
ފިރިހެންވަންތަކަން ވަނީ މާފަށް އެދުމަށް ވުރެ މަތީގައި ކަމަށް ހީވާ
ހީވުމީ ޝައިޠާނީ ވަސްވާހެކެވެ. މާފަށް އެދި ކުށަށް އިޢުތިރާފުވުމަކީ
ޢިހްތިރާމް އިތުރުވެ ގަދަރު މަތިވެރިވާ ކަމެކެވެ. ޤަބޫލުކުރާށެވެ.
ކުށް ކުރެވޭހިނދު ޢުޛުރުވެރިވުމީ ޢައިބެއް ނޫނެވެ. ޢައިބަކީ
ދެމަފިިރިންގެ ދެމެދުގައި ރުޅިވެރިކަމުގެ ފަރުބަދައެއް އުފެދޭހާ
ގިނައިން އިހާނެތިކަމުގެ ކަޅު ހިލަތައް އެއްފަރާތް ނުކޮށް،
ދެމީހުންގެ ދެމަދަށް ޖަމާކުރެވޭ ކަމެވެ.
-ނިމުނީ- |