|
ފަހެ އެހެންވީއިރު ﷲ ވޮޑިގެން ނުވަނީހެއްޔެވެ؟
-ނަބީލް-

ރިވާވެގެންވެޔޭ އެއްދުވަހެއްގައި ޢަބްދުﷲ ބިން ޢުމަރު ރަޟިޔަﷲ
ޢަންހުމާ އެކަލޭގެފާނުގެ ބައެއް އެކުވެރިންނާއެކު ޞަޙަރާގައި
ހިންގަވަމުން ވަޑައިގެން މަދީނާއާ ވަރަށް ގާތް ހިސާބެއްގައި
ފަރިއްކުޅުއްވުމަށް ހުރިހާ ބޭކަލުން އިށީނދެވަޑައިގެންނެވިއެވެ.
މިހެން ތިއްބަވަނިކޮށް ބަކަރި ހުއިހައްޕަން އުޅޭ ނިކަން ޅަ ޒުވާނަކު
އެބޭކަލުންނަށް ފެނިވަޑައިގަތެވެ. އަދި އެޒުވާނާ އެބޭކަލުންނަށް
ސަލާމް ގޮވާލިއެވެ. ދެން އިބްނު ޢުމަރު ރަޟިޔަﷲ ޢަންހު އެބޭކަލުންގެ
ކެއުމުގައި ބައިވެރިވުމަށް އެޒުވާނާއަށް ދަޢުވަތުދެއްވިއެވެ.
ވިދާޅުވިއެވެ. އޭ ބަކަރިހުއިހައްޕާ ޒުވާނާއެވެ! އަހަރެމެންގެ މި
ސުފުރާގައި ބައިވެރިވެލާން އަންނާށެވެ! އެޒުވާނާ ބުންޏެވެ. ތިމަންނާ
މިހުރީ ރޯދައަށެވެ.
ދެން އިބްނު ޢުމަރު ރަޟިޔަﷲ ޢަންހު ޢަޖައިބުވެވަޑައިން އިންނަވާ
ސުވާލުކުރެއްވިއެވެ. މިހާ ހޫނުގަދަ ދުވަހުގައި މިފަރުބަދަތަކުގެ
ތެރޭގައި ބަކަރި ހުއިހައްޕަމުން ވެސް ތިބާ ތިހުރީ ރޯދަވެރިއެއް
ގޮތުގައި ހެއްޔެވެ؟
އެންމެ ރަނގަޅެވެ. ތީގެ ތެރެއިން ކަންބަޅިއެއް އަހަރެމެންނަށް
ވިއްކަން ކެރޭނެހެއްޔެވެ؟ އަހަރެމެން އަގުދޭނަމެވެ. އަދި އެއިން
މަސްކޮޅެއް ވެސް ތިބާއަށް ދޭހުށީމެވެ. ދެން އެއިން ތިބާ
ރޯދަވީއްލާނީއެވެ. ދެން ޒުވާނާ ބުންޏެވެ. މިއީ އަހަރެންގެ
ގެރިބަކަރިތަކެއް ނޫނެވެ. މިއީ އަހަރެންގެ ސާހިބުމީހާގެ
އެއްޗިއްސެވެ.
އެޒުވާނާގެ އީމާންތެރިކަމާއި އަމާނާތްތެރިކަން އިމްތިޙާން
ކޮށްލެއްވުމުގެ ގޮތުން އިބްނު ޢުމަރު ރަޟިޔަﷲ ޢަންހު ވިދާޅުވިއެވެ.
ވަހުޝީ ޖަނަވާރެއް އެކަތި ކާލީކަމުގައި ސާހިބުމީހާއަށް
ދަންނަވާނީއެވެ.
އެހިނދު ޒުވާނާ ވަރަށް ރުޅި އައިސް، ކުޑަކޮށް ދުރަށް ޖެހިލާފައި
ޝަހާދު އިނގިލި އުޑާ ދިމާއަށް އުފުލާފައި ބުންޏެވެ. ފަހެ
އެހެންވީއިރު ﷲ ވޮޑިގެން ނުވަނީހެއްޔެވެ؟ "ފަހެ އެހެންވީއިރު ﷲ
ވޮޑިގެން ނުވަނީހެއްޔެވެ؟" ޒުވާނާގެ މިޖުމްލަ ތަކުރާރު ކުރައްވަމުން
ކީރިތި ކުރެއްވުމުގައި އެތައް އިރެއް ވަންދެން އިބްނު ޢުމަރު ރަޟިޔަﷲ
ޢަންހު އިންނެވިއެވެ.
އަދި އެކަލޭގެފާނު މަދީނާއަށް ވަޑައިގެން އެޒުވާނާގެ ސާހިބުމީހާ
ހޯއްދެވުމަށްފަހު ސާހިބުމީހާގެ އަތުން ޒުވާނާ ބައްލަވައިގަތުމަށްފަހު
މިނިވަން ކުރެއްވިއެވެ. އެޒުވާނާ ބުނި ބަހަކީ އަހަރެމެންގެ ހިތާއި
ފިކުރުގައި އަބަދުމެ ހަރުލައްވަން ޖެހިފައިވާ ޝިޢާރެކެވެ.
(މި ވާހަކައިގެ ރިވާޔަތެއް،
إمام أبو داود
އެކަލޭގެފާނުގެ ސުނަނުގެ،
ކިތާބުއް ޒުހުދުގައި، ޞައްޙަ މަގުން ރިވާ
ކުރައްވާފައިވެއެވެ.)
އިންސާނާގެ ޚިޔާލާތު ބައެއް ފަހަރަށް ނިކަން ގޯސްވެ ޝައިޠާނީ
ވަސްވާސްތަކުން ފުރިދެއެވެ. އަދި ނުބައި ކަންތައްތަކަށް ދައުވަތު ދޭ
ނަފުސު އޭގެ މިޝަންތައް ހިންގާލައެވެ. އެފަދަ ކަންކަން އިޙްސާސްވާ
ވަގުތުތަކުގައި އަމިއްލަ ނަފުސަށް ހަނދާންކޮށްދޭށެވެ. "ފަހެ
އެހެންވީއިރު ﷲ ވޮޑިގެން ނުވަނީހެއްޔެވެ؟"
-ނިމުނީ- |