|
މަންމައަކު ރޮއްވާލި،
ދަރިއެއްގެ ކުރެހުން!
ތަރުޖަމާ: ނަބީލް

ކުޑަކުޑަ ޢާއިލާއެކެވެ. ދެ ފިރިހެން ކުދިންނާއި އަންހެން ކުއްޖެކެވެ.
ދަރީންނަށް އޯގާތެރި މަންމަ އެކެވެ. ދިރިއުޅުމަށްޓަކައި އަވަދިނެތި
މަސައްކަތްކުރާ ބައްޕައެކެވެ.
ޢާއިލާގައި ބާކީ ދެން ހުންނަނީ އެންމެ ފަރުދެކެވެ. އެއީ ކުދީންގެ
މަންމަގެ މަންމައެވެ. އެހެނަސް ވަރަށް ބަލި މާމައެކެވެ. ގޭގެ
އެއްކަނެއްގައި ކުޑަކުޑަ ކޮޓަރިގަނޑެއް މާމައަށް ޚާއްސަކުރެވިފައި
ހުރެއެވެ. މާމައަކީ ޢާއިލާއާ ވަކިކޮށްލެވިފައިވާ މީހެއް ކަހަލައެވެ.
ކުދީން އެކޮޓަރިއަށް ވައްދާ މާމަ އުފާކޮށްދިނުމެއް ނޯވެއެވެ.
އެއްދުވަހެއްގައި ކުދީންގެ މަންމަ މާމައަށް ކާންދިނުމަށްޓަކައި
މާމަގެ ކޮޓަރިއަށް ދަމުން ކުރެހުމުގެ މަސައްކަތެއް ކުދީންނާ
ހަވާލުކުރިއެވެ. އެނބުރި އައިރު ކޮންމެ ކުއްޖަކު ވެސް ވަނީ
ހަވާލުކުރެވުނު މަސައްކަތް ވަރަށް ފުރިހަމައަށް ނިންމާފައެވެ.
އަންހެން ދަރިފުޅު ކުރަހާފައި ހުރި މަންޒަރު ވަރަށް ވެސް ރީތިވެފައި
ލޮލަށް ފަސޭހައެވެ. އެންމެ ބޮޑަށް ހުންނަ ފިރިހެން ކުއްޖާ ކުރަހާފައި
ހުރީ ކާރުތަކަކާއި އަދި އެ ނޫންވެސް އެއްޗެއްސެވެ.
މަންމަ ޢަޖައިބުވީ އެންމެ ތުއްތު ދަރިފުޅު ކުރަހާފައި ވާ އެއްޗެހި
ފެނިފައެވެ. އޭނާ ކުރަހާފައި ހުރީ ހަތަރެސްކަން ގޮޅިތަކެކެވެ. މަންމަ
ވަރަށް ޢަޖައިބުވެފައި ދަރިފުޅާ ސުވާލުކުރިއެވެ. ލޯބިވާ
ދަރިފުޅާއެވެ. ދަރިފުޅު ކުރަހާފައި މިހުރީ ކޮން އެއްޗެއްހެއްޔެވެ؟
ދަރިފުޅު ވަގުތުން ޖަވާބު ދިނެވެ. މިއީ އަހަރެން ބޮޑުވެގެން
އަހަންނަށް ލިބޭ ގެ ހަދާނެ ގޮތެވެ. ދެން މަންމަ ވަރަށް ހިނިތުންވެ
ހުރެ އަނެއްކާ ވެސް ކުރެހުމަށް ބަލާލިއެވެ. އެހިނދު އެހެން
ގޮޅިތަކާއި ވަރަށް ބޮޑަށް އެކަހެރި ކުރެވިފައިވާ ގޮޅިއެއް ފެނުނެވެ.
އަދި ދަރިފުޅާ ދެވަނަ ފަހަރަށް ސުވާލުކުރިއެވެ. ލޯބިވާ ދަރިފުޅާއެވެ.
ހާދަބޮޑަށް އެހެން ގޮޅިތަކާއި ވަކިކުރެވިފައި މިހުރީ ކޮން
ގޮޅިއެއްހެއްޔެވެ؟
ދަރިފުޅު ޖަވާބުދިނެވެ. މިއީ މާމަ ފަދައިން މަންމަ މުސްކުޅިވުމުން
މަންމައަށް ޚާއްސަކުރެވިފައިވާ ގޮޅިއެވެ.
މަންމަ އަށް ލިބުނީ ކުއްލި ސިހުމެކެވެ. ފިކުރުބޮޑުވެ ދެކަކޫ މައްޗަށް
ތިރިވިއެވެ. އިސާހިތަކު ދެލޮލަށް ޖަމާވި ކަރުނަތައް ހިފެހެއްޓުމެއް
ނެތި ކޯތާފަތް މައްޗަށް އޮހެން ފެށިއެވެ.
ދަރީންނަށް ފެންނާނީ ދަރީންނަށް ދެއްކި ނަމޫނާއެކެވެ. ދަރީންގައި
ހުންނާނީ އަހަރެމެން ކުރި ތަރުބިއްޔަތެކެވެ. އަހަރެމެންނާ މެދު
އަހަރެމެންގެ ދަރީން މިނާނީ އަހަރެމެން އަހަރެމެންގެ
މައިބަފައިންނަށް މިނެދިން ނާޅިއަކުންނެވެ.
-ނިމުނީ- |