|
އޭނާ މަރުވީ ހުކުރު ނަމާދުގެ ސަޖިދައިގައި އޮއްވައެވެ.
ތަރުޖަމާ: ނަބީލް

ހުކުރު ދުވަހުގެ ޢަޞްރު ނަމާދަށްފަހު އަހަރެން ގޭގައި ހުއްޓާ
އެކުވެރިޔަކު ފޯނުކޮށްފައި ބުންޏެވެ. "ޝައިޚް އެވެ، އަހަރެންގެ
ވަރަށް ގާތް އަޚަކު މަރުވެއްޖެއެވެ. އަދި އޭނާ މިހާރުވަނީ
ހޮސްޕިޓަލުގެ ފިނިކޮޓަރީގައެވެ. ތިބާގެ ކިބައިން އަހަރެމެން
ބޭނުންވަނީ އޭނާ ހިނެވުމާއި ކަފުންކުރުމުގެ ކަންތައް ކުރިއަށް
ގެންގޮސްދިނުމެވެ. އެހެންވީމާ މާދަމާ ހެދުނު ނުވައެއް ޖަހާއިރަށް
ހޮސްޕިޓަލަށް އަންނާށެވެ. ގަސްދުކުރެވިފައިވަނީ މެންދުރު ނަމާދަށް
ފަހު ކަށުނަމާދު ކުރުމަށެވެ."
ދެން ޖެހިގެން އައިދުވަހުގައި ކަނޑައެޅިފައިވާ ގަޑިއަށް އަހަރެން
ހޮސްޕިޓަލަށް ދިޔައީމެވެ. ހޮސްޕިޓަލުގެ ކައިރީގައި ވަރަށް މީހުން
ގިނައެވެ. އަނެއްކާ ހޮސްޕިޓަލުގައި، އެކަކަށްވުރެ ގިނަމީހުން
މަރުވެގެން އުޅެނީބާވައޭ އަހަރެން ހިތަށް އެރިއެވެ. ހޮސްޕިޓަލުން
އަހަރެންނާ އިސްތިޤްބާލުކޮށް މަރުހަބާކީ މަރުވެފައިވާ ޒުވާނާގެ
ބޭބެއާއި ބައްޕައެވެ. މަރުވެގެން މިއުޅެނީ ކިތައް މީހުންތޯ
އެމީހުންނާ އަހަރެން ސުވާލުކުރީމެވެ.
ޒުވާނާގެ ބައްޕަ ބުނީ ހަމަ އެންމެ މީހަކު ކަމުގައެވެ. އަދި އެއީ
އޭނާގެ ދަރިފުޅުކަމުގައި ވެސް ބުންޏެވެ. "ދެން އެހެންވީއިރު މިއީ
ކޮންހާ ބައިވަރު މީހުންނެއް؟" އަހަރެން ސުވާލުކުރީމެވެ. ޒުވާނާގެ
ބައްޕަ ބުނުއްވީ، އެއެންމެން އެއްވެގެން އުޅެނީ އޭނާ ދަރިފުޅުގެ ހެޔޮ
ނިމުމުގެ ސަބަބުން ކަމުގައެވެ. އޭނާ މަރުވީ ކިހިނަކުންތޯ އަހަރެން
ސުވާލުކުރީމެވެ.
ޒުވާނާގެ ބައްޕަ ކިޔައިދިނެވެ. އަހަރެންނެކޭ އެއްފަދައިން އަހަރެންގެ
ހުރިހާ ދަރިންވެސް ދިޔައީ އިއްޔެގެ ހުކުރުނަމާދެށެވެ. އިމާމް ޚުޠުބާ
ކިޔާ އަވަދިވުމުން ޤަމަތް ދެވުނެވެ. ދެން ދެވަނަ ރަކްޢަތުގެ ދެވަނަ
ސަޖިދައިގައި އޮއްވާ އަހަރެންގެ ދަރިފުޅުގެ ފުރާނަ މާތްކަލާނގެ
ގެންދަވައިފިއެވެ. ހުކުރު ދުވަހުއެވެ. އެކަލާނގެ ގޭތަކުގެ ތެރެއިން
ގެއެއްގައެވެ. ސަޖިދައިގައި އޮއްވައެވެ.
ދެން ތިމަންމެން އޭނާ ހިނެވުމަށްޓަކައި ޤަބުރުސްތާނުގެ ހިނަވާތަނަށް
ގެންދިޔައީމެވެ. ތިމަންމެން އެކަމަށް ތައްޔާރުވަމުން ދަނިކޮށް
މިސްކިތުގެ އިމާމް ބުނެފިއެވެ. އޭ ބޭބޭއެވެ. ޒުވާނާ މަރުވީ
އަހަރެންގެ މިސްކިތުގައެވެ. އެހެންވީއިރު އޭނާ ހިނެވުމުގެ ފުރުޞަތު
އަހަންނަށް ދީފާނުހެއްޔެވެ؟
ދެން އަހަރެން ބުނީމެވެ. އަހަރެމެން ދެމީހުންނަކީ ހަމަ އެކަކީމުއެވެ.
ކުރިއަށް ގެންދާށެވެ. ދެން އިމާމަށް އުނދަގޫ ވެދާނޭތީ އަހަރެން
ބޭރަށް ނުކުމެ ހިނަވާތަނުގެ ދޮރު ކައިރީގައި ހުރީމެވެ. ދެން އިމާމް
ހިނަވާ ނިމި ކަފުންކުރަމުން ގޮސް ޒުވާނާގެ ބޮލާއި މޫނާއި
ނިވާކޮށްލެވޭނޭ ގޮތް ނުވެގެން އަހަރެންގެ ގާތުން އެދުނެވެ.
ޒުވާނާ ބައްޕަގެ ވާހަކަ މިހާ ހިސާބަށް ދިއުމުން އަހަރެން ހިތަށް
އެރިއެވެ. ޚުތުބާކިޔާ އުޅޭ މިސްކިތެއްގެ އިމާމަކު އަދި ޤުރްއާންވެސް
ހިތުދަސް މީހަކު އަމިއްލައަށް މައްޔިތެއްގެ ހިނެވުމާއި ހަވާލުވެ،
ހުރިހާ ކަމެއް ފަސޭހަކަމާއެކު ކުރުމަށް ފަހު ހަމައެކަނި އޭނާގެ
ބޮލާއި މޫނާ ދިމާއަށްވާ ބައި ނިވާކޮށްލުމަށް ނުކުޅެދުންތެރިވީ، މީ
އަނެއްކާ ކޮންފަދަ ކަމެއް ބާވައެވެ.
ދެން އަހަރެންނަށް ބުނެވުނެވެ. ހަމަ ޔަޤީނެވެ. ތިކަމުގައި
ފޮރުވިފައިވާ ސިއްރެއް ވެއެވެ. އަވަސްވެގަތުމާ އެކު ޒުވާނާ
ބޭއްވިފައިވާ ތަނަށް ވަނީމެވެ. އަހަރެން ސިއްސައިގެން ދިޔައެވެ.
ފެނުނު މަންޒަރުން އަންތަރީސްވިއެވެ.
މަރުވެފައިވާ ޒުވާނާ ވަނީ އުފާވެރިކަމާއެކު ވަރަށް ބޮޑަށް
ހިނިތުންވެފައެވެ. ހިނިތުންވުމުގެ ބޮޑުކަމުން އޭނާގެ ދަތްތައް ވެސް
ފެންނާން ހުއްޓެވެ. ދެން އަހަންނަށް ވިސްނުނެވެ. އަސްލުގައި
އަހަރެންގެ އެކުވެރި އިމާމް ބޭނުންވީ އެމޫނު އަހަންނަށް ދައްކާ
ނުލައި ނުފޮރުވުމަށެވެ. އާއެކެވެ. މީސްތަކުންނަށް އެމޫނުގައި
ޢިބްރަތްތަކެއް ވެއެވެ.
ދެން ބޭރުގައި ތިބި މީހުންނަށް ވެސް ޒުވާނާގެ މޫނު ބަލާލުމުގެ
ފުރުސަތު ހުޅުވާލެވުނެވެ.
ބޭރުން ވަން މީހުންގެ ތެރެއިން މީހަކު އަހަންނާ ސުވާލުކުރިއެވެ. އޭ
ޝައިޚެއެވެ. މި ޒުވާނާ މިވަނީ މަރުވެފައިކަން ހަމަޔަޤީންހެއްޔެވެ؟
އަހަރެން ވަގުތުން ބުނީމެވެ. ތިބާއަކަށް އޭނާ މަރުވެފައިވާ ތަނެއް
ނުފެނޭހެއްޔެވެ؟ އެމީހާ ބުންޏެވެ. ނިކަން ބަލާބަލާށެވެ. ޒުވާނާ
ހިނިތުންވަނީއެވެ.
އޭގެ އިރުކޮޅެއް ފަހުން އަހަރެން ޒުވާނާގެ މޫނު ނިވާކޮށް ކަފުންކޮށް
ނިންމާލީމެވެ. ޒުވާނާ މިސްކިތަށް ގެންދެވުނެވެ. ޒުވާނާގެ ކަށު
ނަމާދަށް އައި މީސްތަކުން ގިނަކަމުން މިސްކިތް ފުރި ބާރުވިއެވެ.
ކަށުނަމާދަށް ފަހު ގަބުރުސްތާނަށް ގެންގޮސް ޒުވާނާ ވަޅުލެވިއްޖެއެވެ.
އަށާވީސް އަހަރުގެ އެޒުވާނާގެ ގާތް މީހަކު ބުނެފައިވެއެވެ. އޭނާގެ
ވަޒީފާ ނިންމާފައި ގެއަށް އައުމަށް ފަހު މެންދުރުގެ ކެއުން
ނިމުމާއިއެކު ކަހަލަ ގޮތަކަށް ޢަޞްރު ނަމާދަށް ބަންގި ގޮވައެވެ. ދެން
މިސްކިތަށް ނަމާދަށް ގޮސް ކޮންމެ ދުވަހެއްގައި ވެސް ޢަޞްރު ނަމާދަށް
ފަހު މަޣްރިބް ނަމާދު ޖެހެންދެން ޒުވާނާގެ މަސައްކަތަކީ އަހަރެމެންގެ
ދަރިންނަށް ޤުރްއާން ކިޔަވައިދިނުމެވެ. އެޒުވާނާ ވެސް ޤުރްއާން
ހިތުދަސްމެއެވެ. ފަހެ ޒުވާނާއަށް އެލިބުނީ ކޮންފަދަ ރިވެތި ނިމުމެއް
ހެއްޔެވެ؟ މާތް ﷲ އަހަރެމެން އެންމެންނަށް ވެސް ހެޔޮ ނިމުމެއް
ދެއްވާށިއެވެ. އާމީން.
-ނިމުނީ-
ނޯޓް:
މިއީ ސުޢޫދީ ޢަރަބިއްޔާގައި މައްޔިތުން ހިނެވުމުގެ
މަސައްކަތްކުރައްވާ
الشيخ عباس بتاوي
ވިދާޅުވެދެއްވާފައިވާ ވާހަކައެކެވެ. މިވާހަކަ އެކި ޢިބާރާތްތަކުން
ބައެއް ފޮތްފޮތާއި އިންޓަނެޓުގެ ސައިޓުތަކުގައިވެސް ޝާއިޢުކުރެވިފައި
ވެއެވެ.
|