|
ތިމާވަރުގެ މީހަކު ނެތްކަމަށް ޤަބޫލުކުރުމުގެ ކުރީގައި.....!
ލިޔުނީ:
އަރުޝަދު

އިރުގެ އެކިއެކި އަލި ދޯދިތައް 93 މިލިޔަން މޭލު ކަޑައްތު ކޮށްފައި 8
މިނެޓް ތެރޭ ދުނިޔެއާ ހަމައަށް ވާސިލްވުމުން، އައްޔަކީ އޭގެ ދުވެލި
ވަރަށް ބާރު އެއްޗެއްކަން ދޭހަވެއެވެ. އަލި ދަތުރުކުރާ ބާރުމިނަށް
ދަތުރު ކުރެވޭ އެއްވެސް އެއްޗެއް މިވުޖޫދުގައި ނުވާކަމަށް ގިނަ
އިލްމުވެރިން އެއްބަސްވެއެވެ. ދުނިޔޭގައި އެންމެ ބާރަށް ދަތުރުކުރާ
މަތިންދާބޯޓް ކަމުގައިވާ ކޮންކޯޑު، އަޑަށްވުރެ ބާރަށް ދަތުރު ކުރި
ކަމުގައިވިއަސް އަލި ދަތުރު ކުރާ ބާރުމިނާއި ކައިރިވެސް ނުކުރެއެވެ.
އަލި ދަތުރު ކުރާ ދުވެލީގެ ބާރުމިނަކީ، ސިކުންތަކު ތިންސަތޭކަ
މިލިއަން މީޓަރެވެ. މިއަލި އެއް އަހަރު ދުވަހުގެ ދިގު މުއްދަތުގެ
ތެރޭގައި ދަތުރު ކުރާ ދުރުމިނަށް ކިޔަނީ އެއް "އަލި އަހަރެވެ".
އިނގިރޭސި ބަހުންނަމަ "Light years"
އެވެ. ފޯން ކޯލެއް ކޮށްލާއިރު އެއިން ބޭރުވާ
މައިކްރޯވޭވްސްގެ ސްޕީޑަކީވެސް މިއަދަދެވެ. ފޯނުން ދޫކުރާ ވޭވްސް
އަކީ ވަރަށް ބާރު ސްޕީޑެއްގައި ދަތުރު ކުރާ އެއްޗެއްކެވެ.
އެހެންކަމުން ދުނިޔޭގެ ކޮންމެ ތަނަކަށްވެސް ކުޑަ ކުޑަ އިރުކޮޅެއް
ތެރޭ ފޯނުން ގުޅާލެވެއެވެ.
މިކައުނުގައިވާ ގުނާއަދަދު ނުކުރެވޭހާ ގިނަ ގެލެކްސީތަކާއި އެއިން
ކޮންމެ ގެލެކްސީއެއްގައި ގުނާ އަދަދު ނުކުރެވޭހާ ތަރިތައް ވެއެވެ.
މިގޮތުން އިރަކީވެސް މިގުނާ އަދަދު ނުކުރެވޭހާ ގިނަ ގެލެކްސީތަކުގެ
ތެރެއިން ގެލެކްސީއެއްގައި ހިމެނޭ، ގުނާ އަދަދު ނުކުރެވޭހާ ގިނަ
ތަރިތަކުން އެންމެ ތަރިކެވެ. ދުނިޔެއަކީ މިތަރި ވަށައިގެން ދަތުރު
ކުރަމުންދާ ޕްލެނެޓެކެވެ. ކޮންމެ ތަރިއެއް އޭގެ ނާރެހުގައި ދަތުރު
ކުރަމުންދެއެވެ. މިއިން ކޮންމެ ތަރިއެއްގެ ދެމެދުގައި އެތައް
ބިލިޔަން "އަލި އަހަރުތަކެއް" ވެއެވެ.
މިސާލަކަށް ދުނިޔެއާއި އެންމެ ކައިރީގައިވާ ތަރިއެއްގައި ތިބާގެ
ރައްޓެއްސެއް ހުރެއްޖެނަމަ އެމީހަކަށް ގުޅާލަންބޭނުންވާނެ ދޯއެވެ؟
އެހެނަސް ދުނިޔެއާއި އެންމެ ކައިރި ތަރިއާއި ދުނިޔެއާއި ހުރި
ދުރުމިން އެނގޭހެއްޔެވެ؟ ތަރިއަކާއި ހަމައަށް ދެވިދާނެހެއްޔެވެ؟
ފޯނު ނަގާފައި އޭނައަށް ގުޅަން ފެށޭނީ ކުރިން މިދެންނެވި ބާރު
ސްޕީޑްގެ ވޭވްސް އެތަރިއަށް ދަތުރު ކޮށްގެންނެވެ. މިބާރު ސްޕީޑްގެ
ވޭވްސް އެތަނަށް ހަމައެކަނި ވާސިލްވާން ހަތަރު އަހަރު ނަގާނެއެވެ.
އެންމެ ކައިރި ގެލެކްސީއަކަށް ފޯން ކޯލެއް ކޮށްލާނަމަ ހަމައެކަނި
ކޯލް ވާސިލްވުމަށްޓަކައިވެސް ދެމިލިޔަން އަހަރު ނަގާނެއެވެ. ސްޕީޑް
އެންމެ ބާރު އެއްޗެހީގެ ހާލަތު ހުރީ މިގޮތަށެވެ. އެހެންކަމުން މިއިން
ތަރިއަކަށް ދެވިދާނެތޯ ކުރެވޭ ސުވާލަކީ ފުރަތަމަ ނެތް އެއްޗެކެވެ.
މިކައުނަކީ އޭގެ ބޮޑުމިން އިންސާނެއްގެ ހިތަށް ތަސައްވަރުވެސް
ކޮށްލެވޭނެ އެއްޗެއް ނޫނެވެ.
ލޮލަށް އެއްޗެއް ފެންނާނީ ލޮލަށް އެޅޭ އައްޔެއްގެ ސަބަބުންކަން
ކޮންމެ މީހަކަށްހެން އެނގޭނެއެވެ. ތަރީގެ އަލި އަހަރެމެންނާ ހަމައަށް
އަންނަނީ އެތައް މިލިޔަން ސެންޓިގްރޭޑެއްގައި އަނދަމުން ދާތީއެވެ.
މިއަލި އަހަރެމެންގެ ލޮލާ ހަމައަށް ވާސިލްވެފައިވަނީ މީގެ އެތައް
އަހަރެއް ކުރިން ދަތުރު ފަށައިގެންނެވެ. މިހެންކަމުން މިވަގުތު
ތަރިތަކުގައި ވަމުންދާ ކަންތައް އަހަރެމެންނަށް ފެންނާނީ އެތައް
އަހަރެއް ފަހުންނެވެ.
އެހެންކަމުން ދުނިޔެއަކީ މިކައުނުގެ ނިސްބަތުގެ ބޮޑުމިނުން ހަމަ
"ސުމެއްގެ" އެއްޗެކެވެ. ވީއިރު މި ކުޑަކުޑަ ދުނިޔޭގައި އުޅޭ
އިންސާނާގެ ކުޑަކަން ދެން އޮންނާނީ ހަމަ ހިތަށް އަރުވާލުމެވެ.
މިބޮޑުވެގެންވާ ކާއިނާތުގެ (ޔުނިވާރސްގެ) ކުޑަ ޖަގަހައެއްގައި
މާތްކަލާނގެ ލައްވާފައިވާ އިންސާނާއަކީ ހަމަ މިކާއިނާތާއި ބަލާއިރު
ދާދި ކުޑަކުޑަ ފަންޏެކެވެ. އެހާމެ ނިކަމެތި މަޚްލޫޤެކެވެ.
ކަން މިހެން އޮތްއިރު އަދި މިކާއިނާތާއި އެންމެހާ ތަކެއްޗެއް
ހެއްދެވި ﷲ ތަޢާލާގެ ނިސްބަތުގައި އިންސާނާގެ ކުޑަކަމާއި
ނިކަމެތިކަން ބަޔާން ނުކުރެވޭހާ ބޮޑެވެ.
މާތް ﷲ އިންސާނާ މިތަނުގައި ލައްވަވާފައި، ގުނާ އަދަދު ނުކުރެވޭހާ
ނިޢުމަތް ދެއްވާފައި އެކަލާނގެއަށް އަޅުކަން ކުރުމަށް އެންގެވީމާ
އެކަމާވެސް ފަރުވާލެއް ނުބަހައްޓާ އިންކާރުކޮށް އިދިކީލިވާކަމީ
އިންސާނާގެ ޖާހިލުކަމާއި ނުބައި ނުލަފާކަން ނޫން އެހެން ކޮން
ކަމެއްހެއްޔެވެ؟
ﷲ
ތަޢާލާގެ މަތިވެރިކަމާއި ބޮޑުކަމާއި ކިބްރިޔާވަންތަ ކަމާއިމެދު
ފިކުރުނުކޮށް ބޮޑާވެގަތުމުގައި އިންސާނާއަށް އޮތީ ކޮން ޙައްގެއް
ހެއްޔެވެ؟ އެހާ މަތިވެރި ފަރާތެއް ހަމަ ކޮންމެ ވަގުތެއްގައި ދުވާލާއި
ރޭނގަޑުގައި، އައްޔާއި އަނދިރީގައި އިންސާނާއަށް ބައްލަވާ
ވޮޑިގެންވާހިނދު، ބުނާ ބުނުންތަކާއި ކުރާ ޢަމަލުތަކުގައި އެކަލާނގެ
ކޯފާވެވޮޑިގެންފާނޭ ކަންކަމުން ދުރުވެގަންނަން އަދިވެސް
ނުވަނީހެއްޔެވެ؟
-ނިމުނީ- |