|
މެދު
ނުކެނޑި އިވޭ އަޑެއް!
މުޙައްމަދު
ޝާފިޢު،
ހއ އިހަވަންދޫ

ﷲ
ސުބުޙާނަހޫ ވަތަޢާލާގެ ހައިބަވަންތަކަމަށާއި އެއިލާހުގެ
ޖައްބާރުވަންތަކަމަށް އަދި މުޙައްމަދު ޞައްލަ ﷲ ޢަލައިހި
ވަސައްލަމްއަކީ ރަސޫލެއްކަމަށް ގޮވާލެވޭ އަޑަކީ އަހަރެމެން
ދިރިއުޅެމުން މިދާ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހުއްޓުމެއްނެތި
އަބަދުވެސް ގުގުމާލާފައި ހުންނަ އަޑެކެވެ. މިއީ ތިބާ ހައިރާންވާފަދަ
ވާހަކައަކަށް ވެދާނެއެވެ. ނަމަވެސް މިއީ މުސްލިމް ދުނިޔެ ދަންނަ
ޙަޤީޤަތެކެވެ. ޢަޖައިބެއްފަދަ ހޯދުމެކެވެ.
ދުނިޔޭގެ ޗާޓުގައިވާ ޤައުމުތަކުގެ ތެރެއިން އިންޑޮނޭޝިޔާއަށް
ބަލާލަބަލާށެވެ. ދުނިޔޭގެ އިރުމަތީ ފަރާތުގައިވާ މުސްލިމް
ޤައުމެކެވެ. އިންޑޮނޭޝިޔާ އަކީ އެތައް ޖަޒީރާ ރަށްތަކެއްގެ މައްޗަށް
އެކުލެވިގެންވާ ޤައުމެކެވެ. އޭގެތެރެއިން ބައެއް ރަށްތަކަކީ ޖާވާ،
ސްމަޓްރާ،
ބޯރނިއޯ،
ސެލެބްސްއެވެ. 180 މިލިޔަނުގެ އާބާދީއެއް އޮންނަ އިންޑޮނޭޝިޔާއަކީ
ދުނިޔޭގައި އޮތް މުސްލިމުންގެ އާބާދީ އެންމެ ބޮޑު ޤައުމެވެ.
އިންޑޮނޭޝިޔާގެ އިރުމަތީ ރަށެއްކަމުގައިވާ ސެލެބްސްއަށް ފަތިސްވެގެން
އަންނައިރު އެތާގެ ގަޑިން ގާތްގަނޑަކަށް 5:30 އެހާކަންހާއިރު
ފަޖުރުގެ ބަންގިދޭން ފަށައެވެ. އިންޑޮނޭޝިޔާގެ އިރުމަތީގެ އެތައްހާސް
މުދިމުންނެއް ތައުޙީދުގެ މަތިވެރި ކަލިމައިގެ އަޑު އިއްވަން ފަށައެވެ.
މިކަންތައްތައް ދެން ދަނީ އިންޑޮނޭޝިޔާގެ ހުޅަނގާ ދިމާއަށެވެ.
އިންޑޮނޭޝިޔާގެ އިރުމައްޗާއި ހުޅަނގާ ދެމެދު ވަޤުތުގެ ތަފާތަކީ
ދޮޅުގަޑިއިރެވެ. އެހެންކަމުން ސެލެބްސްގައި ބަންގިގޮވާ ނިމޭތަނުން
ޖަކާޓާއާއި ޖާވާ ޖަޒީރާގައި ބަންގީގެ އަޑު ގުގުމާލައެވެ.
ސުމަޓްރާގައި ބަންގިގޮވާ ނިމުމުން އިންޑޮނޭޝިޔާގައި އެވަގުތައް
ބަންގިގޮވުން މެދުކެނޑުނީއެވެ. ބަންގި އިންޑޮނޭޝިޔާގައި
މެދުކެނޑޭއިރު އަވަށްޓެރި މެލޭޝިޔާގައި ބަންގިގޮވުން ވަނީ
ފެށިފައެވެ. މެލޭޝިޔާއަށްފަހު ބަރުމާގައެވެ. ޖަކާރޓާގައި ބަންގި
ގޮވާތާ އެއްގަޑިއިރުތެރޭ ބަނގްލަދޭޝްގެ ވެރިރަށް ޑާކާގައި
ބަންގިގޮވަން ފަށައެވެ. ބަނގްލަދޭޝްގައި ބަންގީގެ އަޑު އޮއްސުމާއެކު
ހުޅަނގު އިންޑިޔާގެ ޖައްވު ގުގުމައިގެންދަނީ ﷲ ގެ މަތިވެރިކަމާއި
ކާމިޔާބަށް އައުމަށް ގޮވާލެވޭ އަޑުންނެވެ. ކަލްކަތާއިން ފެށިގެން
ލަކަނޫއަށް އަދި ބޮމްބޭއިން މުޅި އިންޑިޔާގެ މާޙައުލުގައި އަޑަކަށް
ހުންނަނީ ކީރިތި ވަންތަ ﷲ ގެ ކިބްރިޔާވަންތަކަމާއި އެއިލާހުގެ
އާރާއިބާރުވެރިކަމުގެ ވާހަކަ އިންސާނުންގެ އަޑުން ގޮވާ އަޑުންނެވެ.
ސްރީނަގަރ އަދި އުތުރު ޕާކިސްތާނުގެ ރަށެއްކަމުގައިވާ
ސިއަލްކޮޓްގައިވެސް ހަމަ މިވަޤުތުގެ ތެރޭގައި ބަންގިގޮވުން ކުރިޔަށް
ދެއެވެ. ސިއަލްކޮޓް، ކޯޓާ، ކަރާޗީ އަދި ގޮވާޑަރު އާއި ހުރީ 40
މިނެޓްގެ ތަފާތެވެ. އެހެންކަމުން މިވަޤުތުތަކުގެ ތެރޭގައި މުޅި
ޕާކިސްތާނުގައި ފަތިސްނަމާދުގެ ބަންގީގެ އަޑު އިވެއެވެ.
ޕާކިސްތާނުގައި ބަންގިގޮތުން ނިމުމަކާ ހަމައަށް އައުމުގެ ކުރިން
އަފްޣާނިސްތާންގަޔާއި މުސްކަޓްގައި ބަންގިގޮވަން ފަށައެވެ.
މުސްކަޓާއި ބަޣްދާދުގެ ވަޤުތުގެ ތަފާތަކީ އެއްގަޑިއިރެވެ. މިވަޤުތުގެ
ތެރޭގައި މުޤައްދަސް ވެގެންވާ ޙިޖާޒުކަރައާއި ޔަމަނާއި އެކުވެރި
ޢަރަބި ޢިމާރާތާއި ކުވައިތާއި އިރާޤްގެ ޖައްވު ބަންގީގެ ހިތްގައިމު
ނިދާއިން ގުގުމާލައެވެ.
މިޞްރުގެ އިސްކަންދަރިއްޔާ (އެލެގްޒެންޑްރާ) އާއި ބަޣްދާދާއި ދެމެދު
ވަޤުތުގެ ތަފާތަކީ އެއްގަޑިއިރެވެ. މިގަޑީއިރުގެ ތެރޭގައި ސީރިޔާއާއި
ޢުރުދުން (ޖޯރޑަން) އާއި ސަޢުދީ ޢަރަބިޔާ،
ސޯމާލިޔާ އަދި ސޫދާންގައި ބަންގީގެ އަޑު އިވެއެވެ. އެލެގްޒެންޑްރާ
ނުވަތަ އިސްކަން ދަރިއްޔާއާއި ތުރުކީގެ އިސްތަންބޫލަކީ އެއް
ޢަރުޟެއްގައި އޮންނަ ދެޤައުމެވެ. އިރުމަތީ ތުރުކީއާއި ހުޅަނގު
ތުރުކީއާ ވަޤުތުގެ ތަފާތަކީ ދޮޅުގަޑިއިރެވެ. މިގަޑީގައި ބަންގި
އިވެމުންދަނީ ތުރުކީންނެވެ. އިސްކަންދަރިއްޔާއާއި ލީބިޔާގެ ވެރިރަށް
ޓްރިޕޮލީ ގެ ވެސް ވަޤުތުގެ ތަފާތަކީ ހަމަ އެއްގަޑިއިރެވެ.
އަލްޖީރިއާއާއި ތޫނިސްއާއި ރަބަތު އަދި މޮރޮކޯގައި ބަންގީގެ އަޑު
ގުގުމާ ނުނިމެނީސް މުޅި އެފްރިކާގައި ބަންގީގެ އަޑު ގުގުމަން
ފަށައެވެ. ޤައުމަކަށް ފަހު ޤައުމެކެވެ.
އިންޑޮނޭޝިޔާގެ އިރުމަތީ ރަށްތަކުގައި ފަށާ ބަންގި އޭގެ 9
ގަޑިއިރުފަހުން އެޓްލާންޓިކް ކަނޑުގެ އިރުމަތީ އައްސޭރިއާ ހަމައަށް
ފޯރައެވެ. އެޓްލާންޓިކް ކަނޑުގެ އައްސޭރިއާ ހަމައަށް ބަންގީގެ އަޑު
ފޯރުމުގެ ކުރިން އިރުމަތީ އިންޑޮނޭޝިޔާއަށް މެންދުރު ނަމާދު ވަޤުތު
އޮންނަނީ ވެފައެވެ. އެހެންކަމުން މެންދުރު ނަމާދަށް ގޮވާލާ އަޑު
ފެށެއެވެ. ޑާކާއާއި ހަމައަށް މެންދުރު ނަމާދު ވަޤުތު ވުމުގެ ކުރިން
ޢަޞްރު ނަމާދުގެ ބަންގި އިރުމަތީ އިންޑޮނޭޝިޔާގައި ގޮވަން ފަށައެވެ.
ޢަޞްރު ނަމާދު ވަޤުތު ޖަކާޓާއާ ހަމައަށް ފޯރަންވާއިރަށް ދޮޅު
ގަޑިއިރު ފަހުން މަޣްރިބް ނަމާދުގެ ބަންގި ގޮވަންޖެހެއެވެ.
ސުމަޓްރާއަށް މަޣްރިބް ނަމާދު ވަޤުތުވާތާ މާގިނައިރު ނުވަނީސް
ސެލެބްސްއަށް ޢިޝާ ވަޤުތު ވެއެވެ. އިންޑޮނޭޝިޔާގެ މުދިމުން
ފަތިސްނަމާދުގެ ބަންގި ގޮވަމުން ދާއިރު އެފްރިކާގެ މުދިމުން ޢިޝާ
ނަމާދަށް ގޮވަމުން ދެއެވެ.
ހައިރާން ކުރުވަނިވި ޙަޤީޤަތަކީ ﷲ ގެ އެއްކައުވަންތަކަމަށާއި
އެއިލާހު އީ އަޅުކަންވެވޭ ހަމައެކަނި އިލާހުކަމަށް ގޮވާލެވޭ
ގޮވާލުމުގެ އަޑަކީ އޭގައި އާދަޔާ ޚިލާފުކަމެއް އެކުލެވިގެންވާ
ކަމެކެވެ. އާދެ އެއީ ދުނިޔޭގެ ކަންފަތަށް މެދުނުކެނޑި އިވޭ އަޑެކެވެ.
އަބަދުވެސް ކޮންމެވެސް ޤައުމެއްގައި ބަންގީގެ އަޑު ނީވޭ އިރެއް
ނުދެއެވެ. ﷲ އަކްބަރުގެ އަޑުން މުޅި ދުނިޔެ ގުގުމާލައެވެ.
-ނިމުނީ- |