''ﷲ އާއި އެކަލާނގެ ރަސޫލާ ކަމަކާމެދު ވަކި ގޮތެއް ނިޔާކުރައްވާފައި ވަނިކޮށް، އެބައިމީހުންގެ އެކަންތަކުގައި އެނޫންގޮތެއް ޚިޔާރުކުރުމަކީ މުއުމިން ފިރިހެނަކަށްވެސް އަދި މުއުމިން އަންހެނަކަށް ވެސް ހުއްދަވެގެންވާ ކަމެއްނޫނެވެ. ﷲ އަށާއި އެކަލާނގެ ރަސޫލާއަށް އުރެދިއްޖެ މީހާ ހަމަކަށަވަރުން ބަޔާންވެ ފާޅުވެގެންވާ މަގުފުރެދުމަކުން އެމީހަކު މަގުފުރެދިއްޖެއެވެ.'' سورة الأحزاب: 36

 
 

އަހަރެންގެ ބަސް.

މުޙައްމަދު ސިރުޙާން، ހދ ވައިކަރަދޫ

ގެއެއްގައި އެލުވާފައިހުރި ކޮށްޓެއްގައި ވާހަކަ ދައްކާ ގުރައެއް އިނެވެ. މިގުރާ ކިޔަމުން ދެއެވެ. "އަހަންނަކީ މިނިވަނެކެވެ. އަހަންނަކީ މިނިވަނެކެވެ." އެގުރާގެ ވެރިމީހާ ވަނީ އެގުރައައް އެހެންކިޔަން ދަސްކޮށްދީފައެވެ. ވީމާ އެގުރާ މީހަކު ހަމަ ފެންނަ އިރަށް އެހެން ތަކުރާރުކޮން ކިޔާލަކިޔާލަ އިނދެއެވެ.

ދޫންޏަކީ ފަންނާނުން މިނިވަންކަން ރަމްޒުކޮށްދޭން ބޭނުން ކުރާ މަޚްލޫގެވެ. ދޫންޏަކީ މިނިވަންކޮން ޖައްވުގައި އުދުހި އުޅޭ މަޚްލޫގެކެވެ. ނަމަވެސް ކުރިން މިދެންނެވި ގުރާގެ ޙާލަކީ ކޮބައިތޯއެވެ؟ އެގުރާވަނީ ވަރަށް ގިނަ ކަންކަމުން މަހުރޫމު ވެފައެވެ. މިނިވަންކަމާއެކު ޖައްވުގައި އުދުހި އުޅުމާއި ރީތި ޤުދުރަތީ ރީތި މަންޒަރުތައް ފެނުމާއި، އެއަށް ޤުދުރަތުން ދެއްވާފައިވާ އިޚްތިޔާރީ ކާނާ ކެއުމުން ނުވަތަ މިނޫންވެސް ވަރަށް ގިނަ ކަންކަމުންނެވެ. އެކަމަކުވެސް އޭތި ކިޔަމުންދަނީ "އަހަންނަކީ މިނިވަނެކެވެ." ވާނީވެސް އެހެންތާއެވެ. އޭތީގެ ޙަޔާތް މުޅިންހެން ހޭދަކުރީ އެކޮށިތެރޭގައެވެ. އެކޮށިން ގަޑިންގަޑިއަށް ކާންލިބެއެވެ.

ސުވާލަކީ، އޭތި ބަޔާންކުރަމުން އެދަނީ އޭތީގެ ޙަޤީޤީ ޙާލު ހެއްޔެވެ؟ ނޫނީ އެއީ ޖައްވުގައި މިނިވަން ކަމާއިއެކު އުދުހުމުގެ ފޮނިކަން ލިބިފަނުވާތީ ބުނާ އެއްޗެއް ހެއްޔެވެ؟ ނޫނެކެވެ. އެއީ ވާހަކަދައްކާ ގުރައެއްވީމާ، ދަސްކޮށްދީފައި ވާ ތަކެތި ކިޔަނީއެވެ. އޭތި ކިތަންމެ ވަރަކަށް އެހެން ކީކަމުގައިވިޔަސް ޙަޤީޤަތުގައި އެއީ މިނިވަން ދޫންޏެން ނޫނެވެ. މި މިސާލާއި އަޅުގަނޑުމެން ދިވެހީންނާއި ގުޅުންހުރީ ކިހާވަރަކަށްތޯއެވެ؟

މިހާރު އެގުރާ ކައިރީ އެހުރީ އެސޮރުގެ ވެރިމީހާއެވެ. އޭނާ އެގުރައަށް ކާންދެނީއެވެ. އަދި އޭނާ އެގުރާ ކައިރީ އެބަބުނެއެވެ. "އޭ ސޮރާ އަހަރެމެން ދައްކާ ވާހަކަ މީހަކު އެބަ ލިޔެއެވެ. އެލިޔުން އެތައް ބަޔަކު މިހާރު އެކިޔަނީއެވެ. އެކަމަކު ވެސް ސޮރަށް މިއަދު އަހަރެން އާ ލަފްޒެއް ދަސްކޮށް ދޭނަމެވެ." "އަހަރެން މީ މުސްލިމެއް. އަހަރެން މީ މުސްލިމެއް". މިހެން ކިޔައި ދިނުމުން ގުރާވެސް ހަމައެހެން ކިޔަން ފަށައިފިއެވެ.

މިފަހަރު އެދަސްކޮށްދިނީ އޭގެޒާތުގައި ރަނގަޅު އެއްޗެކޭ ބުނެވިދާނެއެވެ. އެއީ ދުނިޔޭގައި މާތްﷲ ލެއްވި ކޮންމެ އެއްޗަކީވެސް އެކަލާނގެ ލެއްވި ޤާނޫނަށް ބޯލަނބާ މަޚްލޫގެކެވެ. އެކަލާނގެ ޤާނޫނަން ބޯލަނބާ ބޯލެނބުމަށް ކިޔަނީ އިސްލާމް ކަމެވެ. މިސާލަކަށް އަހަރެމެންނަށް ހަނދަކީ އިސްލާމެކޭ ބުނެވި ދާނެއެވެ. ގަސްގަހާގެއްސާއި މާމެލާމެއްޔަކީވެސް އިސްލާމުންނޭ ބުނެވިދާނެއެވެ. އެއީ އެތަކެތި މާތް ﷲ ގެ ޤާނޫނަށް ބޯލަނބާތީއެވެ.

ދެން އުފެދޭ ސުވާލަކީ އެހެންވެއްޖެނަމަ ކާފަރުންނަކީވެސް މުސްލިމުންތޯ އެވެ؟ ކާފަރުމިހާގެ ހަށިގަނޑުގެ ގުނަވަންތައް މާތް ﷲ ލެއްވި ޤުދުރަތީ ޤާނޫނަށް ތަބާވެއެވެ. އެކަމަކު އޭނާއަށް ﷲ ދެއްވާފައިވާ (އެކަލާނގެއަށް ބޯލެބުމާއި ނުލެނބުމުމުގެ) މިނިވަން އިޚްތިޔާރުން އޭނާ އިޚްތިޔާރު ކުރަނީ އެކަލާނގެ އަށް ބޯނުލެނބުމެވެ. މިގޮތުގެމަތީން އިންސާނުން ދެބަޔަކަށް ބެހިގެން ދެއެވެ. އެއީ ކާފަރުންނާއި މުސްލިމުންނެވެ. މާތް ﷲ މިކައުނުގައި ލައްވަވާފައިވާ މަޚްލޫޤުންނަށް ތަފާތު ނަންނަން އަހަރެމެން ކިޔަމުއެވެ. އަދި ތަފާތު ބައި ތަކަކަށް އެތަކެތި ބަހާލަމެވެ. ގަސްގަހާގެއްސާއި ދޫނިސޫފާސޫފި އެއީވެސް މިގޮތުން ކިޔޭ ނަންނަމެވެ. ދޫންޏެއް އެއީ ދޫންޏެއްކަމަށް އަހަރެމެން ކަނޑައަޅަނީ ވަކިގޮތަކަށް ހުންނަ ނުވަތަ ވަކި ގޮތަކަށް އުޅޭ މަޚްލޫޤަކަށެވެ. މިގޮތުން އިސްލާމެއްގެ ގައިގާވެސް ވަކިގޮތްތަކެއް ހުންނަން ޖެހެއެވެ. ވަކި ޝަރުތަކެއް ހުންނަށް ޖެހެއެވެ. ހަމައެކަނި އަހަންނަކީ އިސްލާމެކޭ ބުނުމަކުން ނުފުދެއެވެ. ތިމާ ބުނާ ބަހާއި ޢަމަލާއި ދިމާވާންޖެހެއެވެ. ދިމާނުވާނަމަ އެއީ މުނާފިޤުންގެ ސިފައެކެވެ.

 އެއްކަލަ ގުރާ އަދިވެސް އިނީ ކޮށީގަ "އަހަންނަކީ އިސްލާމެއް، އަހަންނަކީ އިސްލާމެއް" މިހެން ކިޔާލަ ކިޔާލައެވެ. ޖެހިގެންއައި ދުވަހު ގުރާގެ ވެރިމިހާ އައިސް ބެލިއިރު ގުރާ އޮތީ މަރުވެފައެވެ. އޭނާއަށް އެމަންޒަރު ފެނުމުން ވަރަށް ބާރަށް ހަޅޭއްލަވައި ގަނެވުނެވެ. "އަސްތާ އަހަރެންގެ ގުރާ". ކުޑަ އިރުކޮޅަކުން ހަމައެއަޑު އޭނާގެ އަޑުން ތަކުރާރު ވިއެވެ. އަހަރެންގެ މިލިޔުންވެސް މިހާރު ތިޔަ ތަކުރާރު ކުރަނީއެވެ. ނަމަވެސް މިއީ ލިޔުމެކެވެ.  އަހަރެންގެ މި ޢަމަލާއި ތިޔަ އަޚާގެ ތިޔަ ޢަމަލު މަލާއިކަތުބޭކަލުން ދަނީ ލިޔުއްވަމުންނެވެ. އަދި ޤިޔާމަތްދުވަހު އެކަމުގެ ހިސާބު ބެއްލެވޭނެއެވެ.

-ނިމުނީ-

dheenee-news@hotmail.com

blog stats

 
 
 
 
 
 
 
 

 

 
 
މިސައިޓްގައިވާ ލިޔުންތައް އެއްވެސް އުނިއިތުރު ކުރުމެއްނެތި ބޭނުން ކުރުމަކީ ކޮންމެ މުސްލިމަކަށްވެސް ލިބިގެންވާ ޙައްޤެކެވެ. ©1428 (2007) - 1429 (2008)