''ﷲ އާއި އެކަލާނގެ ރަސޫލާ ކަމަކާމެދު ވަކި ގޮތެއް ނިޔާކުރައްވާފައި ވަނިކޮށް، އެބައިމީހުންގެ އެކަންތަކުގައި އެނޫންގޮތެއް ޚިޔާރުކުރުމަކީ މުއުމިން ފިރިހެނަކަށްވެސް އަދި މުއުމިން އަންހެނަކަށް ވެސް ހުއްދަވެގެންވާ ކަމެއްނޫނެވެ. ﷲ އަށާއި އެކަލާނގެ ރަސޫލާއަށް އުރެދިއްޖެ މީހާ ހަމަކަށަވަރުން ބަޔާންވެ ފާޅުވެގެންވާ މަގުފުރެދުމަކުން އެމީހަކު މަގުފުރެދިއްޖެއެވެ.'' سورة الأحزاب: 36

 
 

އަޅުގަނޑުމެންގެ ވެބްސައިޓް ހެކްކުރި ފަރާތުގެ ބާރުގެ ދަށުން އަނބުރާ ލިބުނު ގޮތް.

    އަޅުގަނޑުމެންގެ މިވެބްސައިޓް ނިމިދިޔަ އަހަރުގެ ޑިސެމްބަރ މަސްތެރޭގައި ކޮންމެވެސް ބަޔަކު ހެކްކުރުމުގެ ސަބަބުން ފާއިތުވެ ދިޔަ ދޮޅު މަހެއްހާ ދުވަހުގެ ތެރޭގައި ސައިޓްގެ ބާރުވަނީ އަޅުގަނޑުމެންގެ އަތުން ގެއްލިގެން ގޮސްފައެވެ. ކޮންމެއަކަސް ދޮޅުމަހުގެ މެދުކެނޑުމަކަށްފަހު އަނެއްކާވެސް އަޅުގަނޑުމެން އަތުކުރި މިއޮޅާލީ ކުރިއެކޭވެސް އެއްފަދައިން ނުވަތަ އެއަށްވުރެވެސް ފުރިހަމައަށް ތިޔަ އެންމެހައި ލޮބުވެތި އަޚުންނާއި އުޚްތުންނަށް ދީނީ އެކިއެކި މަޢުލޫމާތު ފޯރުކޮށްދިނުމަށްޓަކައެވެ.

    އަޅުގަނޑުމެންގެ ސައިޓް ހެކްކޮށްފައިވަނީ ދިވެއްސެކެވެ. އެހެންނަމަވެސް އެކަންކުރި ފަރާތުން މިހާރު އެކަމަށް މަޢާފަށް އެދި އަދި ސައިޓްމިވަނީ އަލުން އަނބުރާ އަޅުގަނޑުމެންނާއި ހަވާލުކޮށްފައެވެ. އަދި ހަމައެހެންމެ އެކުރެވުނު ކުށަށްޓަކައި މިސައިޓަށް ޒިޔާރަތްކުރާ އެންމެހައި ބޭފުޅުންގެ ކިބައިންވެސް އެފަރާތުން މަޢާފަށް އެދިފައިވެއެވެ. ކޮންމެއަކަސް މިތަނުގައި ވާހަކަތައް މާދިގުނުކޮށް އަޅުގަނޑުމެން މިގެނެސްދެނީ ސައިޓް ހެކްކުރި ފަރާތާއި އަޅުގަނޑުމެންނާއި ދެމެދު ބަދަލުކުރެވިފައިވާ މުހިއްމު ތިން މެއިލްއެކެވެ.

_____________________________________________________

ސައިޓް ހެކްކުރި ފަރާތުން ސައިޓް ޙަވާލުކުރުމަށްޓަކައި ފޮނުވާފައިވާ މެއިލް.

(މެއިލް ފޮނުވާފައިވަނީ: Tue 20/01/09 12:36 PM)

އައްސަލާމު އަލައިކުމް

ދީނީ ނިއުސް ޑޮޓް ކޮމް ވަނީ އަހަރެންގެ ބާރުގެ ދަށުގަ. އަހަރެންގެ މަގްސަދަކީ އެއްވެސް ހާލަތެއްގައި މި ސައިޓް އަދި މި އީމެއިލް ހެކް ކޮށް ދީނީ ނިއުސް ޑޮޓް ކޮމްގައި ގޯސް އިސްލާމް ދީނާއި ޚިލާފު ވާހަކަތަކެއް ލިޔުމެއް ނޫން.  އަހަރެންގެ ބާރުގެ ދަށަށް މި ސައިޓް އައުމަށްފަހު ސައިޓަށް އެއްވެސް ބަދަލެއް ގެނެސްފައެއް ނުވާނެ.

މި ސައިޓް އަހަރެންގެ ބާރުގެ ދަށަށް އަންނަން ޖެހުނު ސަބަބުތައް :

1. މި ސައިޓްގެ ސެކިއުރިޓީ ދައްކަން.

2. މި ސައިޓް ރަޖިސްޓްރީ ކުރުމަށް ބޭނުން ކުރި އީމެއިލް ގެ ސެކިއުރިޓީ ދައްކަން ފާހަގަ ކޮށްލަން.

އަހަރެންގެ ބާރުގެ ދަށަން މިސައިޓް އައި ދުވަހުން ފެށިގެން އަހަރެން މަސައްކަތް ކުރަމުން އައީ މިސައިޓްގެ އަސްލު ވެރިފަރާތް ހޯދާ މިސައިޓްގެ ހައްގުވެރިންނާ ހަވާލުކުރަން. ތިޔަ ބޭފުޅާގެ އީމެއިލް އެޑްރެސް ހޯދުނީ ވަރަށް އުނދަގުލުން.


އަހަރެންގެ ފަރާތުން މިސައިޓަކަށް އެއްވެސް ނުރައްކަލެއް ނުވާނެ.

އަހަރެން މިއީ އެއްވެސް ހާލަތެއްގައި އިސްލާމް ދީނާއި އިދިކޮޅު މީހެއް ނޫން.

އަހަރެން މި ސައިޓް ތިޔަ ބޭފުޅާ އާއި ހަވާލު ކުރުމުގެ ކުރިން ތިޔައީ މި އީމެއިލް ވެރިފަރާތްތޯ ޔަގީން ކުރަން ބޭނުން.

އެއީ ނުބައި ފަރާތަކަށް މި ސައިޓްގެ ކޮންޓްރޯލް ދިޔަ ނުދިނުމަށްޓަކައި.

އެހެން ކަމުން ތިރީގައިވާ މައުލޫމާތު ފުރިހަމަ ކުރުމަށްފަހު ޖަވާބު ދެއްވުން އެދެން:

1.     (މިބައި މިވަނީ އުނިކުރެވިފައެވެ.)

2.      (މިބައި މިވަނީ އުނިކުރެވިފައެވެ.)

3.      (މިބައި މިވަނީ އުނިކުރެވިފައެވެ.)


މި ސުވާލުތަކުގެ ޖަވާބު ލިބުމުން މި އީމެއިލް ގެ ޕާސްވޯޑް ރިސެޓިން ޕްރޮސެސް ފައްޓާނަން.

ފަހަރެއްގައި ތަންކޮޅެއް ގިނަ ދުވަސް ވެދާނެ.

ދިމާވި ދަތި ތަކަށާއި އުނދަގޫތަކަށްޓަކައި މާފު ކުރެއްވުން އެދެން. މި ސައިޓް ސައިޓްގެ ހައްގުވެރިންނާއި ހަވާލު ކުރުމަށްފަހުގައިވެސް އަހަރެން މިހުރީ ތިޔަ ބޭފުޅުން ބޭނުންވި ކޮންމެ ކަމަކަށް އެހީވެދިނުމަށް ތައްޔާރަށް.

ޝުކުރިއްޔާ

_____________________________________________________

މަތީގައިވާ މެއިލްގެ ޖަވާބުގައި އަޅުގަނޑުމެން ފޮނުވާފައިވާ މެއިލް.

އަޅުގަނޑުމެންގެ ވެބް ސައިޓަކީ ދިވެހި ރައްޔިތުން ދީނީ ގޮތުން ހޭލުންތެރި ކުރުވައި، މީސްތަކުންގެ އީމާންތެރިކަން އިތުރު ކުރުމަށް މަގުފަހިކޮށްދީ ﷲ އަށް ބިރުވެތި ވުމަށް މަގު ފަހިކޮށްދިނުމުގެ ގޮތުން ތައްޔާރު ކުރެވިފައިވާ ވެބް ސައިޓެކެވެ. އަދި ހަމައެހެންމެ ޤުރުއާނާއި ސުންނަތުގެ ޞައްޙަ މަޢުލޫމާތު ދިވެހި ލޮބުވެތި ރައްޔިތުންނަށް ފޯރުކޮށްދިނުމަކީ އަޅުގަނޑުމެން ސައިޓުގެ އެއްމެ މުހިއްމު އެއް ލަނޑުދަނޑިއެވެ.

ވީމާ މިފަދަ ސައިޓެއް މަޖަލަކަށްނަމަވެސް ހެކް ކުރި ކަމީ ވަރަށް ހިތާމަ ހުރިކަމެކެވެ. ކިތަންމެ ފަސޭހައިން މީހެއްގެ އެއްޗެއް ނުވަތަ ޙައްޤަކަށް އަރައިގަނެވެން ފުރުޞަތު އޮތް ނަމަވެސް އެފަދަ ގެއްލުމެއް ދިނުމަކީ ﷲ އަށް ބިރުވެތިވާ މުސްލިމަކު ކޮށްގެންވާނޭ ކަމެއް ނޫނެވެ. އަދި އެއީ ކަނޑައެޅިގެން ދީން ނަހީ ކުރާކަމެކެވެ. މިފަދައިން މީސްތަކުންގެ ޙައްޤުތަކަށް އެއްވެސް ޙައްޤަކާއި ނުލާ އަރައިގަންނަ މީހުން، އެމީހުން ދުނިޔެމަތީގައި އެޙައްޤު އަދާ ނުކޮށްފިނަމަ ޤިޔާމަތް ދުވަހުން އެމީހުންނާއި މެދު ކަންތައް ކުރެއްވޭނެގޮތް ބަޔާން ކުރައްވާ ކީރިތި ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘްފުޅު ކުރައްވާފައިވާ ޙަދީޘެއްގައި ވެއެވެ.

أبو هريرة رضي الله عنه ވިދާޅުވިއެވެ. ސަލާމާއި ޞަލަވާތް ލެއްވި އެކަލޭގެފާނު ޙަދީޘް ކުރެއްވިއެވެ. "މީހަކު ތިމާގެ އަޚާއަށް އަނިޔާއެއް ކޮށްފައިވާނަމަ ނުވަތަ އަދާ ކުރަން ޖެހިފައިވާ ޙައްޤެއް ވާނަމަ މަރުވުމުގެ ކުރިން އެ ޙައްޤެއް އަދާކޮށް (ކަނޑާ) ނިންމާ ހުށިކަމެވެ. އެއީ ޤިޔާމަތް ދުވަހު އޭނާގެ ކިބައިން އަތުލާނެ ދީނާރެއް ނުވަތަ ދިރުޙަމެއް ނުހުންނާނެތީއެވެ. އެދުވަހު އަނިޔާކުރި މީހާގެ ކިބައިން ހެޔޮކަމުން ބައެއް ނެގުމަށްފަހު އަނިޔާ ލިބުނު ފަރާތަށް ދެވޭނެއެވެ. މިގޮތަށްދީ އަނިޔާވެރިޔާގެ ހެޔޮކަންތައް ހުސްވެއްޖެނަަމަ އަނިޔާ ލިބިފައިވާ މީހާގެ ނުބައި ކަންތަކުން ބައެއް ދެއްވާނެއެވެ." (ބުޚާރީ: 6534)

ކޮންމެއަކަސް މިސައިޓް ހެކް ކުރުމަށްފަހު އަލުން އޭގެ ވެރި ފަރާތަށް ޙަވާލު ކުރުމަށް ތިޔަ ފަރާތުން ޤަޞްދު ކުރި ކަމީ، އަދި ހަމަ އެހެންމެ މިހާތަނަށް ސައިޓަށް އެއްވެސް ބަދަލެއް ނުގެނެސް ވާކަމީ ތިޔަ ފަރާތަކީ ދީނާއި އިދިކޮޅު ފަރާތެއް ނޫންކަން ދޭހަކޮށްދޭ ކަމެއްކަމަށް އަޅުގަނޑުވެސް ޤަބޫލު ކުރަމެވެ. އަދި އަޅުގަނޑުގެ މެއިލް އެޑްރެސް ހޯދައިގެން ސައިޓް ހަވާލު ކުރުމަށް މެއިލް ކުރެއްވި ކަމަށްޓަަކައި ތިޔަ ފަރާތަށް ޝުކުރު އަދާ ކުރަމެވެ.

ކޮންމެއަކަސް އަޅުގަނޑަކީ ވެބް ސައިޓް ހެދުމާއި މިކަންކަމަށް މާމޮޅު މީހެއް ނޫނެވެ. އެހެންނަމަވެސް އެނގޭ މިންވަރަކުން ދިވެހި ލޮބުވެތި ރައްޔިތުންނަށް ދީނީ މަޢުލޫމާތު ފޯރުކޮށްދިނުމުގެ މަޤްޞަދުގައި ވަރަށް އާދައިގެ ގޮތަކަށް ފްރޮންޓް ޕޭޖް ބޭނުން ކޮށްގެން މިމަސައްކަތް ކުރަނީއެވެ.

(މުހިއްމު މަޢޫލޫމާތު ހިމެނޭތީ މިބައި މިވަނީ އުނިކުރެވިފައެވެ.)

ވީމާ ވީހާވެސް އަވަސް ފުރުޞަތެއްގެ ތެރޭގައި ސައިޓް އަލުން އަނބުރާ ހަވާލުކޮށްދެއްވުމަކީ އަޅުގަނޑުގެ ވަރަށް ބޮޑު އެދުމެކެވެ. އަދި ހަމައެހެންމެ މިއީ އަޅުގަނޑުމެން ސައިޓަށް ޒިޔާރަތް ކުރާ އެތަކެއް ލޮބުވެތި އަޚުންނާއި އުޚްތުންނެއްގެ އެދުމަކަށް ވާނެކަންވެސް ކަށަވަރެވެ.

جزاكم الله خيرا.

ސައިޓުގެ مشرف އަދި އެޑިޓަރ

އާދަމް ނިޝާން

www.dheenee-news.com

_____________________________________________________

އަޅުގަނޑުމެން ފޮނުވި މެއިލްގެ ޖަވާބުގައާއި އަދި ސައިޓު އަޅުގަނޑުމެންނާއި ޙަވާލު ކުރުމަށް ބޭނުންވާ މަޢުލޫމާތާއި އެކު، ހެކްކުރި ފަރާތުން ފޮނުވާފައިވާ މެއިލް.

(މެއިލް ފޮނުވާފައިވަނީ: Sun 01/02/09 11:38 PM)

ތިޔަ ފަރާތުން މި ވެބްސައިޓް ހަދާފައިވަނީ ވަރަށް މާތް އަދި މަތިވެރި މަގްސަދެއްގައިކަން ފާހަގަ ކުރެވެއެވެ. އަޅުގަނޑަށް މިކުރެވުނު ކުށާއި މެދު އަޅުގަނޑު މިއަދު ދެރަވެ ހިތާމަ ކުރަމެވެ. އަޅުގަނޑަށް މި އަރައިގަނެވުނީ ބައެއްގެ ހައްގަކަށްކަން މިހާރު ގަބޫލު ކުރެވެއެވެ. ވީމާ މިކަމަށް ނިހާޔަތަށް މައާފަށް އެދެމެވެ. އެއްވެސް ހާލެއްގައި ބައެއްގެ ހައްގަކަށް އަރައިގަނެގެން އުމުރު ދުވަހު އުޅޭކަށް އަޅުގަނޑު އެއްގޮތަކަށްވެސް ބޭނުމެއް ނޫނެވެ. އެހެންކަމުން މިސައިޓްގެ ވެރިފަރާތާއި މިސައިޓް ހަވާލުކޮށްފީމެވެ. އަދި މުސްތަގުބަލުގައިވެސް މިކަހަލަ ކަމެއް ނުކުރާން ކަމަށް ގަސްދުކޮށް އަޒުމް ކަނޑައަޅައިފީމެވެ. އަދި އަޅުގަނޑު ތިޔަފަރާތައް ފޮނުވި އީމެއިލް ޖަވާބުގައި ދެއްވާފައިވާ ނަސޭހަތްތަކަކީވެސް ރަނގަޅު ނަސޭހަތްތަކެއްކަން ގަބޫލު ކުރަމެވެ. ބަޔާންކޮށްފައިއެވާ ޙަދީޘް އަކީ ވަރަށް ފައިދާ ކުރަނިވި ޙަދީޘެއްކަން ފާހަގަކުރަމެވެ. ވީމާ މިކަމަށް ވަރަށް ބޮޑަށް ޝުކުރުވެރިވަމެވެ.

 (މުހިއްމު މަޢުލޫމާތު ހިމެނޭތީ މިބައި މިވަނީ އުނިކުރެވިފައެވެ.)

ވީމާ ތިރީގައި މިވާ މައުލޫމާތު ބޭނުން ކުރައްވައިގެން ގެންނަންޖެހޭ ބަދަލުތައް ގެނައުން އެދެމެވެ.

 (މުހިއްމު މަޢުލޫމާތު ހިމެނޭތީ މިބައި މިވަނީ އުނިކުރެވިފައެވެ.)

 މި އީމެއިލް ތިޔަ ފަރާތަށް ލިބުނުހާ އަވަހަކަށް ލޮގިން ކުރުމަށްފަހު ޕާސްވޯޑާއި ޕާސްވޯޑް ރިސެޓް ކުރުމަށް ބޭނުންވާ މައުލޫމާތުތައް ބަދަލުކުރުމަކީ އަޅުގަނޑުގެ ވަރަށް ބޮޑު އެދުމެކެވެ. (މި މައުލޫމާތުތައް ބަދަލު ނުކުރި ކަމުގައިވިޔަސް އަޅުގަނޑުގެ ފަރާތުން އެއްވެސް ގެއްލުމެއް އަދި ނުރައްކަލެއް ނުވާނެކަން ޔަގީންކޮށްދެމެވެ.)

މި އީމެއިލް އެޑްރެސް އަދި ތިޔަފަރާތުގެ ވެބްސައިޓް ތިޔަބޭފުޅާއަށް ލިބުމަށް ފަހުގައިވެސް މައްސަލައެއް ދިމާވެއްޖެ ނަމަ އަޅުގަނޑާ ގުޅުއްވުން އެދެމެވެ. އަޅުގަނޑުގެ އީމެއިލް އެޑްރެހަކީ ...@hotmail.com (މިބައި މިވަނީ އެފަރާތުގެ އެދުމުގެ މަތިން އުނިކުރެވިފައި) އެވެ. (އަޅުގަނޑު މި ކުރި ކަމުގެ ސަބަބުން ތިޔަފަރާތައް ލޮގިން ކުރެއްވުމުގައި މައްސަލައެއް ދިމާވެއްޖެނަމަ).

އަދި މީގެ ފަހުން އަޅުގަނޑު ބޭނުންވަނީ ތިޔަފަރާތުން އަޅުގަނޑަކީ ރަހުމަތްތެރިއެއްކަމުގައި ދެކުމަށެވެ. ދެކުޅުވެރި، އަދާވާތްތެރި އަދި ދުޝްމަނެއްގެ ގޮތުގައި ނުދެކުމަށެވެ.

ދީނީ ނިއުސް ގެ ވެރިފަރާތަށް ދީނީ ނިއުސް  ޑޮޓް ކޮމް ރައްދު ކުރުމަށް ކުރި މަސައްކަތުގައި މަނަދޫ ލައިވްގައި ލިޔެފައި އޮތް ހަބަރުގެ ސަބަބުން ވަރަށް ބޮޑު ފަސޭހައެއް ވިއެވެ. ވީމާ މިކަންވެސް ފާހަގަކޮށްލީމެވެ.

 http://www.manadhoolive.com//index.php?option=com_content&task=view&id=1153&Itemid=2

 އަދި މިސައިޓަށް ޒިޔާރަތް ކުރައްވާ އެންމެހާ ބޭފުޅުންގެ ކިބައިންވެސް މައާފަށް އެދެމެވެ.

 ވީމާ ތިޔަފަރާތުގެ ތިޔަ މަތިވެރި މަގްސަދާއި އެކު ސައިޓް އަލުން އަޕްޑޭޓްކޮށް ހިންގުމުގެ މަސައްކަތް ކުރިއަށް ގެންދަވާށެވެ. އަޅުގަނޑަކީވެސް ވެބްސައިޓް ހެދުމާއި މިކަންކަމުގައި މާ މޮޅު މީހެއް ނޫނެވެ. އެހެން ނަމަވެސް މިކަމުގައި އެހީތެރި ވެވުނު ގޮތަކަށް ވެވުނު މިންވަރަކަށް އެހީތެރިވެދިނުމަށް އަޅުގަނޑު މިހުރީ ތައްޔާރަށެވެ.

-ނިމުނީ-

______________________________________________________

ނޯޓް: މިމަޢުލޫމާތުތައް މިސައިޓުގައި ޝާޢިއު ކުރަން ޤަޞްދުކުރި އެންމެބޮޑު އެއްސަބަބަކީ، މަނަދޫ ލައިވްގައި މިސައިޓް ހެކްކުރިކަމަށް ލިޔެފައިވާ ޚަބަރަށް ބައެއް ބޭފުޅުން ކުރައްވާފައިވާ ޚިޔާލުތަކުގެ ސަބަބުންނެވެ. ކޮންމެއަކަސް އިންސާނާއަކީ ކަންތައްތަކުގެ ޙަޤީޤަތް ރަނގަޅަށް ނޭގުނުކަމުގައިވިޔަސް ޖަދަލު ކުރުން ގިނަ މީހެކެވެ. ﷲ ތަޢާލާ ކީރިތި ޤުރުއާނުގައި ވަޙީ ކުރައްވާފައިވެއެވެ.

"وَكَانَ الأِنْسَانُ أَكْثَرَ شَيْءٍ جَدَلاً" (الكهف: 54)

މާނައީ: "އަދި ޖަދަލު ކުރުން ގިނަ މީހަކު ކަމުގައި އިންސާނާ ވިއެވެ."

dheenee-news@hotmail.com

blog stats

 
 
 
 
 
 
 
 

 

 
 
މިސައިޓްގައިވާ ލިޔުންތައް އެއްވެސް އުނިއިތުރު ކުރުމެއްނެތި ބޭނުން ކުރުމަކީ ކޮންމެ މުސްލިމަކަށްވެސް ލިބިގެންވާ ޙައްޤެކެވެ. ©1428 (2007) - 1429 (2008)