|
ރައްޔިތުންގެ މަޖިލީހުގައި ބައެއް މެމްބަރުން ކުފުރުގެ ބަސްތައް
ގޮވަމުންދާއިރު ރައްޔިތުންނާއި ކަމާއިބެހޭ ފަރާތްތައް
ކޮބައިހެއްޔެވެ؟

ﷲ
ސުބްޙާނަހޫ ވަތަޢާލާ އަކީ ނެތުމުގެ ތެރެއިން އިންސާނުންނާއި އަދި
މިކާއިނާތުގައި ވާހާ އެއްޗެއް ހެއްދެވި އިލާހެވެ. އެއިލާހު
އިންސާނުން މިބިންމަތީގައި ލައްވަވާފައިވަނީ ކުޅި މަޖަލަކަށް ނޫނެވެ.
އިންސާނުން މިބިންމަތީގައި ލައްވަވާފައިވަނީ ދުނިޔެއާއި
އާޚިރަތުގައިވެސް އެބައިމީހުންނަށް ކާމިޔާބާއި ފަލާޙް ލިބޭފަދަ
ޝަރުޢީ ޤާނޫނުތަކަކާއި އެކުއެވެ. އެޤާނޫނުތަކަކީ އިންސާނުންގެ އުނި
ސިކުނޑިން ހަދާ ދެކޮޅު ނުޖެހޭ ޤާނޫނުތަކަށް ގޮންޖަހާލެވޭ ވަރަށްވުރެ
ފުރިހަމަ އަދި ހުރިހާ ޒަމާނަކަށްވެސް 'ފިޓް' ވާ ޤާނޫނުތަކެކެވެ.
އެހެންނަމަވެސް ހިތާމައަކީ %100 މުސްލިމުން ކަމަށް ދަޢުވާ ކުރާ
މިޤައުމުގެ ވެރިކަމުގެ އެކިއެކި ބާރުތައް ޙަވާލުކުރެވިފައިވާ
މުއައްސަސާތަކުގައި ތިއްބެވި ބައެއް ބޭފުޅުންވެސް، ﷲ ތަޢާލާ
ބާއްވާލެއްވި ޤާނޫނުތައް މުގުރާ ފުނޑާލަން މަސައްކަތް ކުރާ ކަމެވެ.
އަދި އެއަށްވުރެވެސް ހިތާމަހުރި ކަމަކީ މިފަދަ ކުފުރުގެ ޢަމަލުތައް
ހިންގައި ބަސްބުނެ ހަދަމުންދާއިރު އެކަމާ އިހްތިޖާޖުކޮށް އެކަމާއި
އިދިކޮޅަށް ތެދުވާނޭ ފަރާތްތައް، %100 މިމުސްލިމް ޤައުމުގައި
ނެތްކަމެވެ.
އާދެ
ދިވެހިރާއްޖޭގެ ރައްޔިތުންގެ މަޖިލީހަކީ ޒަމާނުއްސުރެ މިގޮތަށް ކަން
ހިނގަމުން އައިސްފައިވާ ތަނެއްކަން ތާރީޚް ހެކިދެއެވެ.
އެހެންނަމަވެސް ފާއިތުވެ މިދިޔަ މަދު އަހަރުކޮޅެއްގެ ތެރޭގައި،
މީސްތަކުން އަޅުކަން ކުރާފަދަ ނިޒާމެއް ކަމުގައިވާ ޑިމޮކްރަސީގެ
ނިޒާމު ތަޢާރަފުވެ ޢާއްމުވުމުން އެގޮވެލި ތަކުގެ އަޑު އިސާހިތަކު
އެތައް ގުނައަކަށް ގަދަވެގެން ހިނގައްޖެއެވެ. އެތަނުގައި ދައްކާކަށް
ނުދައްކާކަށް ވާހަކައެއް ނޯވެއެވެ. ނުބެހޭކަށް، މީހެއްގެ އަބުރެއް
ޢިއްޒަތެއް ނެތެވެ. މިގޮތަށް ދަމުން އެންމެފަހުން މިހާރު ﷲއާއި
އެއިލާހުގެ ނަބިއްޔާގެ އަބުރާ އިއްޒަތާއި ކަރާމަތަށް އަރައިގަނެ
ހިތުހުރި ވާހަކަތަކެއް ދައްކާ ހިސާބަށްވެސް ދިޔައީއެވެ.
نعوذ بالله من ذلك.
އާދެ
އަޅުގަނޑު ބަޔާންކުރަން މިއުޅެނީ، މިކަމުގެ ސިލްސިލާގެ ތެރެއިން 23
މާރޗް 2009 ވީ ހޯމަ ދުވަހު ރައްޔިތުންގެ މަޖިލީހުގައި، އެމަޖިލީހުގެ
ދެމެމްބަރަކު ﷲ އާއި ﷲ ގެ ރަސޫލާއަށް ފުރައްސާރަ ވާނޭހެން ދެއްކި
ކުފުރުގެ ވާހަކަތަކެއްގެ ވާހަކައެވެ. މިގޮތުން މާލޭގެ މެމްބަރު
އިބްރާހިމް އިސްމާޢީލް ވަނީ، "މިހާރުވެސް މިމުޖްތަމަޢުގައި މީގެ ސާދަ
ޤަރުނު ކުރީގެ ބޯދާއި ޚިޔާލަށް ތަބާވާ ބަޔަކު އުޅޭކަމަށް" އަޑު
އުފުލައި އެކަމާއި އިދިކޮޅަށް ވާހަކަ ދައްކާފައެވެ. އަޅުގަނޑު ހިތަށް
އަރަނީ މީގެ ސާދަ ސަތޭކަ އަހަރު ކުރީގެ ބޯދާ ޚިޔާލަކީ
އިސްލާމްދީންކަން އިބުރާ އަށް އެނގިވަޑައި ނުގަންނަވަނީތޯއެވެ؟
ނުވަތަ އިބުރާ އިސްލާމްދީން ޤަބޫލު ނުކުރައްވަނީތޯއެވެ؟ ކޮންމެއަކަސް
ދީނުގައި ކަނޑައެޅިފައިވާ ކަމަކާއި ނުވަތަ ޙުކުމަކާއި އިންކާރުކޮށް
އެއާއި ޚިލާފަށް ޙުކުމްތައް ހެދުމަކީ މީހާ ދީނުން ބޭރުވެ
މުރުތައްދުވެގެން ދާނޭ ކަމެކެވެ. އެހެންކަމުން އަޅުގަނޑު އިބުރާއަށް
ގޮވާލަނީ އަވަހަށް ތައުބާވެ އެބުނެވުނެ ބަސް އަނބުރާ ގެންގޮސް ދީނަށް
އެކީ ރުޖޫޢަވުމަށެވެ.
ދެން
ހަމަ އެދުވަހު، އަޅުގަނޑުމެންގެ ކީރިތި ނަބިއްޔާގެ ޢިއްޒަތާއި
ކަރާމަތަށް ހުތުރުވާފަދަ ބަސްތަކެއް ވިދާޅުވެފައިވާ އަނެއް
މެމްބަރަކީ ލ.އަތޮޅުގެ މެމްބަރު ރީކޯ މޫސާ މަނިކެވެ. މޫސާ މަނިކުގެ
ވާހަކައިގާ ބުނެފައިވެއެވެ. "މީހަކު ޢުމުރުން ނުވަ އަހަރުގެ ކުއްޖަކާ
އިނަސް، ތިމަންގެ ދަރި އެޢުމުރުގައި މީހަކާ ނުދެވާނަމެވެ." ރީކޯ މޫސަ
އެބުނާ މީހަކީ އަޅުގަނޑުމެންގެ މާތް ރަސޫލާ މުޙައްމަދު ޞައްލަﷲ
ޢަލައިހި ވަސައްލަމް އެވެ. މިއީ މުސްލިމަކު އަޅުގަނޑުމެންގެ ކީރިތި
ނަބިއްޔާއަށް ނިސްބަތްކޮށް ދެއްކުން ހުއްދަވާނޭ ވާހަކަތަކެއް
ހެއްޔެވެ؟
އަޅުގަނޑުމެން ކަންބޮޑުވެގެން މިއުޅެނީ އަޅުގަނޑުމެންގެ ދަރީން
އެޢުމުރުގައި ޝަރުޢީގޮތުން ގުޅި ލާމެހިދާނެތީ ހެއްޔެވެ؟ ކައިވެނި
ނުކޮށް ލޯބިވެގެން އުޅެމުން، ދެމަފިރިން ކުރާ ހުރިހާ ކަމެއް
ކުރިޔަަސް އެއީ މައްސަލައެއް ނޫނެވެ. އަދި ކިއެއްހެއްޔެވެ. މިހުރިހާ
ކަމެއް ހިނގަނީ ޚުދު އަޅުގަނޑުމެން މައިން ބަފައިން ކުރިމަތީގައެވެ.
އެހެންނަމަވެސް އަޅުގަނޑުމެންނަށް މައްސަލައަކަށް މިވަނީ ޝަރުޢީ
ކައިވެނީގެ ގުޅުކަމުން ގުޅުމުންނެވެ. ފަހެ އަޅުގަނޑުމެންގެ
ބުއްދިއާއި ހަމަ ވިސްނުން ހަމަ ނެތީތޯއެވެ؟
އަޑުއައްސަވާށެވެ. މީގެ ކުޑަ ދުވަސްކޮޅެއްގެ ކުރިން މީޑިއާގެ
ސަމާލުކަން ހޯދި އެއްވާހަކައަކީ އިނގިރޭސި ވިލާތުގައި 13 އަހަރުގެ
ފިރިހެން ކުއްޖެއް ކަމަށްވާ އަލްފީ ޕެޓަން އާއި ޢުމުރުން 15 އަހަރުގެ
އަންހެން ކުއްޖެއް ކަމަށްވާ ޗާންޓެލް ސްޓެޑްމަން އާ ދެމީހުންނަށް
ދަރިއަކު ލިބުނު ވާހަކައެވެ. މިވާހަކަ އިނގިރޭސި ޓެބްލޮއިޑް
ނޫހެއްކަމަށްވާ ދަ ސަން ގައިވެސް ޝާއިޢުކޮށްފައިވެއެވެ. އަދި
މިދެކުދިންނާއި އެދެކުދިންގެ ގުޅުމުން ލިބުނު ދަރިފުޅުގެ ފޮޓޯ
އެނޫހުގެ ބޭރުގަނޑުގައި ޖަހާފައިވެއެވެ. މިއަންހެން ކުއްޖާ ބަލިވެ
އިންއިރު ފިރިހެން ކުއްޖާގެ ޢުމުރަކީ އެންމެ 12 އަހަރެވެ. އަދިވެސް
ބަލާލަމާތޯއެވެ. އެމެރިކާގައި އެންމެ ފަހުން ނިމިދިޔަ ރިޔާސީ
އިންތިޚާބުގައި އެއްކޮޅުން ރަނިންގ މޭޓެއްގެ ގޮތުގައި ކުރިމަތިލީ
އަންހެނެއް ކަމުގައިވާ ސާރާ ޕެލިންގެ އަންހެން ދަރިއެއް ކަމުގައިވާ
ބްރިސްޓަލް ޕެލިން، އެންމެ ސަތާރަ އަހަރުގައި ކައިވެނީގެ ގުޅުމުން
ބޭރުގައި ދަރިއަކަށް ބަނޑުބޮޑުވެފައި އިންކަން އެދުވަސްވަރުވަނީ
މީޑިއާގެ ފަލަ ޞުރުޚީތަކަށް އަރާފައެވެ. އަދި އޭގެ
ދުވަސްކޮޅެއްފަހުން އޭނާ ވިހާފައިވާކަންވެސް ވަނީ މީޑިއާއިން
ޢާއްމުކޮށްފައެވެ. ކޮންމެއަކަސް މިފަދަ ކަންކަމަކީ އެގޮތަށް ވާހަކަ
ދައްކާ ހަދާ މީހުންނަށް މާބޮޑު މައްސަލަތަކެއް ނޫނެވެ.
އެހެންނަމަވެސް އެމީހުންނަށް މައްސަލައަކަށް މިވަނީ އެބޭފުޅުން
އެވިދާޅުވާގޮތަށް އަށާރަ އަހަރު ނުވަނީސް އިސްލާމްދީނުގައި ކައިވެނި
ކުރުން
ހުއްދަވީމައެވެ.
އަޅުގަނޑު ހިތައް އަރަނީ މިފަދަ ދީނާއި ޚިލާފު ވާހަކަތައް ދައްކާ
މީހުން އެމީހުން އެދައްކާ ވާހަކައިގެ ސަބަބުން އެމީހުންގެ
އިސްލާމްކަން ނެތި ހިނގައިދާނެކަމަށް ބިރުވެތި ނުވަނީ ހެއްޔޭއެވެ؟
މުޖްތަމަޢުގައި އެންމެހައި ނުބައި ފާޙިޝް ކަންތައްތަކާއި
މުންކަރާތްތަކާއި ބޮޑެތި ޖަރީމާތައް ޢާއްމުވެ ފެތުރެމުންދާއިރު
މިފަދަ ސިޔާސީ ބޭފުޅުންގެ ވާހަކައަކީ ޙުކުމް ތަންފީޛު ނުކުރެވޭތީ
ނުވަތަ ޤާނޫނު ނުހެދި އޮތުމުން އަދަބު ދެވެން ނެތް ވާހަކައެވެ.
މިބޭބޭފުޅުންގެ އަތުން ހަދާ ޝަރީޢަތާއި ޚިލާފް ޤާނޫނުތަކުން އެއްވެސް
ފައިދާ އެއް ނުކުރާއިރު އަދިވެސް ވިސްނެން ނުވޭ ހެއްޔެވެ؟ ޖަލުގެ
މައްސަލައަށް ބެލިއަސް މިިކަން ނިިކަން ރަނގަޅަށް މިއޮތީ ދުވާލުގެ
އިރު ފެންނަ ފަދައިން ސާފުކޮށް ފެންނާށެވެ. ދީނުގައި އަންގަވާފައިވާ
ގޮތަށް ޙުކުމް ނުކުރުމުން ކުރަން ޖެހޭ ޚަރަދުތައް ބޮޑުވެ، ޖެހޭ
މައްސަލަތައް އިތުރުވެ، ކަންތައްތައް މިވަނީ ބޮއްސުން ލައިގެން
ގޮސްފައެވެ. ފަހެ އިންސާނުން މިދުނިޔެއަށް ފޮނުވިފައިވަނީ އެއްވެސް
އުނިކަމެއް ނުވާ ފުރިހަމަ ޤާނޫނުތަކަކާއި އެކުގައި ކަމަށްވާއިރު،
މިއަދު އަޅުގަނޑުމެންގެ ތެރޭގައި ފެތުރި ޢާއްމުވެފައިމިވާ ފާޙިޝް
ކަންތައްތަކާއި މުންކަރާތްތަކާއި ޖަރީމާތައް ނުހުއްޓުވިގެން މިއުޅެނީ
އިސްލާމީ ޝަރީޢަތް ތަންފީޛު ނުކުރުމުގެ ސަބަބުންކަން އަދިވެސް
މިބޭބޭފުޅުންނަށް ނޭނގެނީތޯއެވެ؟ މިފަދަ ބޭބޭފުޅުންގެ އިސްލާމްކަމާއި
ބުއްދިއާއި ސިކުނޑި ސަލާމަތުން ހުރިކަމާއި މެދު ސުވާލު އުފެދެއެވެ.
ކޮންމެއަކަސް ދެން އަލިއަޅުވާލަން މިޖެހެނީ މިފަދަ ދީނާއި ޚިލާފް
ކަންތައްތައް މަނާކޮށް މީސްތަކުންނަށް ބަޔާންކޮށްދޭން ތިބި
މުއައްސަސާތަކަށާއި ފަރާތްތަކަށެވެ. މިފަދަ ކަންކަމަކީ މީހާގެ
އިސްލާމްކަމާއި ގުޅޭ ބޮޑެތި މައްސަލަތަކަށް ވާހިނދު، އަދި މީސްތަކުން
އެކަމުގެ ސަބަބުން މަގުފުރެދި ދީނުން އެއްކިބާވެގެން ހިނގައިދާނޭ
ކަންކަމަށް ވާއިރު މިކަންކަމާއި މެދު އިންކާރުކޮށް ވާހަކަދައްކާ
ބަޔާންކޮށްދޭން ތިބި ފަރާތްތައް ކޮބައިހެއްޔެވެ؟ ދީނީ
ޢިލްމުވެރިންތައް ކޮބައިހެއްޔެވެ؟ ސިޔާސީ ގޮތުން ނުވަތަ ފަރުދީ
ގޮތުން ލިބޭނޭ ފައިދާއެއް ނެތުމުން ނުވަތަ އެފަދަ ކަމަކާ ދެކޮޅަށް
އެއްޗެކޭ ބުނުމުން ގެއްލުމެއް ލިބިދާނެތީ، ޢާއްމު މަޞްލަޙަތާއި
ގުޅިފައިވާ މިފަދަ ބޮޑު ކަމެއްގައިވެސް ހަނު ތިބެންވީތޯއެވެ؟
މިއަށްވުރެ މާކުދި ދީނީ މައްސަލަތަކުގައި އެއްބަޔަކު އަނެއް ބަޔަކަށް
އަރާރުންވެ ނޫސްތަކުގައާއި ވެބްސައިޓުތަކުގައި ލިޔެ އަދި ނޫސް
ކޮންފަރެންސް ތަކުގައި ވާހަކަ ދައްކާ ހަދާ އިރު، އެއްވެސް މީހަކު
މިކަންކަމާއިމެދު ވާހަކަ ނުދައްކާ އަޅާނުލާ ދޫކޮށްލާ ކަމީ ހިތާމަ
ހުރިކަމެކެވެ.
އާދެ
މިހާރު އަޅުގަނޑުމެންނާއި ބޯމަތިވެފައިމިވަނީ ރައްޔިތުންގެ
މަޖިލީހުގެ އިންތިޚާބުގެ ދުވަސްވަރެވެ. ދަންނާށެވެ. އަޅުގަނޑުމެން
ވޯޓު ދީގެން ހޮވާ މީހުންނަކީ ކުރީގައި މިބަޔާން ކުރިފަދައިން ދީނަށް
ފުރައްސާރަކޮށް ހަޖޫ ޖަހާ ހަދާ މީހުން ކަމުގައިވާނަމަ
އަޅުގަނޑުމެންނަށްވެސް އެކަމުގައި އެބައިވެރިވެވެނީއެވެ.
އަޅުގަނޑުމެން އެންމެންވެސް އިސްލާމީ ޝަރީޢަތް މިތަނުގައި ތަންފީޒު
ކުރުމަށް ބޭނުންވާ ކަމަށް ދަޢުވާ ކުރަމެވެ. އެހެންނަމަވެސް އެންމެ
އަންތަރީސްވާ ކަމަކީ، މިކަމަކީ އެންމެ ފަސޭހައިން (އެއީ މިހާރު
މިއޮތް ގޮތުންނަމަ) ރައްޔިތުން މަޖިލީހުގެ ތެރެއިންލާފައި ކުރެވެން
އޮތް ކަމަކަށް ވާއިރު އަޅުގަނޑުމެން އެތަނަށް މިހޮވަނީ، އެއްކަލަ
ދީނުގެ ޙުކުމްފުޅުތަކާއިމެދު ހިތުހުރި ގޮތަކަށް ވާހަކަ ދައްކަމުންދާ
މީހުންކަމަށް ވާތީއެވެ.
އަޅުގަނޑުމެންނަށް އިސްލާމީ ޝަރީޢަތް ތަންފީޛު ކުރުމަކީ އެންމެ
ޢަދުލުވެރި ގޮތްކަން ހަނދުމަ މިވަނީ ބަޔަކު އައިސް ތިބާގެ އަނބި
ދަރީން ނުވަތަ މައިން ބަފައިންގެ ތެރެއިން މީހަކު
މަރާލައިފިނަމައެވެ. ނުވަތަ މިފަދަ ބޮޑުކަމެއް އަޅުގަނޑުމެންނާއި
ކުރިމަތިވުމުންނެވެ. އޭގެ ކުރީގައި އަޅުގަނޑުމެންނަށް މިތިބެވެނީ
އެއްކަލަ ސިޔާސީބޭފުޅުންގެ ހެއްލުމުގައި ޖެހިފައެވެ. ކެމްޕެއިން
ކުރާއިރު ކޮންމެ ބަޔަކުވެސް އެންމެ ހަރުއަޑުލާ ދައްކާ ވާހަކައަކީ
އިސްލާމީ ޝަރީޢަތާއި ދީން ޙިމާޔަތް ކުރާ ވާހަކައެވެ. އެކަމަކު
ބޭނުންވާ މަޤާމު ލިބުމުން އެވާހަކަތައް ވަނީ، ވަޔަށް ބުރުއްސާލެވޭ
ކުނޑިތަކެއް ކަމުގައެވެ. ހުރި ހިތާމައެއްގެ ބޮޑު ކަމާއިއެވެ. އޭ
ލޮބުވެތި މުސްލިމް އަޚުންނާއި އުޚްތުންނޭވެ! އަދިވެސް އަޅުގަނޑުމެން
މިޣާފިލްކަމުގެ ނިދިން ހޭލައި ޙަޤީޤީ ދުނިޔެއަށް ލޯ ހުޅުވަން ނުވަނީ
ހެއްޔެވެ؟
ކޮންމެއަކަސް މިމައުޟޫއަށް އަޅުގަނޑު އެއްޗެއް ލިޔަސް ޤަޞްދުކޮށްގެން
ހުއްޓައި އާފަތިސް ނޫހުގައި، ޢަބްދުﷲ ނަޢީމް އިބްރާހިމް މިކަމާއި
ގުޅޭ ގޮތުން "ސާދަވަނަ ޤަރުނުގެ ބޯދާ ޚިޔާލާއި މިޒަމާން"،
މިމައުޟޫއަށް ވަރަށް ފުރިހަމަ ލިޔުމެއް ލިޔުއްވާފައިވަނިކޮށް
ފެނިއްޖެއެވެ. އެހެންކަމުން އަޅުގަނޑަށް މިކަމުގައި އިތުރު
ހިއްވަރެއް ލިބިގެން ދިޔައެވެ. އެއީ އަޅުގަނޑެކޭ އެއްފަދައިން
މިކަމާއި އިދިކޮޅަށް ތެދުވާނޭ މުސްލިމް ދަރިއަކު މިފަސްގަނޑުގައިވެސް
ހުރިކަމަށްޓަކައެވެ. މިގޮތުން އަޅުގަނޑު ޤަޞްދު ކުރީ އެލިޔުންވެސް
އަޅުގަނޑުގެ މިލިޔުމާއި އެކު މިސައިޓުގައި ހިމަނާލާށެވެ.
"ސާދަވަނަ
ޤަރުނުގެ ބޯދާ ޚިޔާލާއި މިޒަމާން" ވިދާޅުވެލައްވާ...
-ނިމުނީ- |