|
ސަލަތައި ރެސްޓޯރެންޓަކީ،
މިރާއްޖޭގައި ނުރަސްމީކޮށް އަޅާފައިވާ ބުދު ފައްޅިއެއް ކަމާއި މެދަކު
އެއްވެސް ޝައްކެއް ނެތެވެ.

ސަލަތައި ރެސްޓޯރެންޓްގެ ވާހަކަ، ފޮޓޯއާއި ވީޑިއޯ ތަފްޞީލާއިއެކު
އަޅުގަނޑުމެން ވާނީ ކުރީގެ ޚަބަރެއްގައި ގެނެސްދީފައެވެ.
ކޮންމެއަކަސް މިމައްސަލަގަނޑު ހިލުނު ދުވަހު އިސްލާމިކް އެފެއާރޒްގެ
އިސްވެރިން އެރެސްޓޯރެންޓަށް ވަޑައިގެން އެތަނުން އެބުދުތައް
ނެގުމަށް އަންގަވާފައިވެއެވެ. އެހެންކަމުން އަޅުގަނޑުމެން ދީނީ
ނިއުސްގެ ޓީމުން ޤަޞްދުކުރީ، އެބޭފުޅުން އެގޮތަށް އެންގެވުމުން
ތަނުގެ ވެރިފަރާތުން ކަންކޮށްފައިވަނީ ކިހިނެއްތޯ ބެލުމަށާއި އަދި
އެތަން އިތުރަށް ބަލާ ދިރާސާ ކުރުމަށް އެތަނަށް ދިއުމަށެވެ.
މިގޮތުން 28 މާރޗް 2009ވީ ހޮނިހިރު ދުވަހުގެ ޢަޞުރު ނަމާދަށްފަހު
އަޅުގަނޑުމެން އެތަނަށް ގޮސް ބެލިބެލުމުން ޔަޤީންވީ، މިއީ އަދި އެހާ
ފަސޭހައިން ދޫކޮށްލެވެން އޮތް މައްސަލައެއް ނޫންކަމެވެ.
ޙަޤީޤަތުގައިވެސް ދަންނަވަން ޖެހެނީ އެތަނަކީ ނުރަސްމީކޮށް
ރާއްޖޭގައި ހުޅުވާފައި ހުރި ބުދު ފައްޅިއެއް ކަމުގައެވެ. އިސްލާމިކް
އެފެއާރޒްއިން ވަޑައިގެންނެވި ބޭފުޅުންގެ އެދުމުގެ މަތިން ތަނުގެ
ވެރިފަރާތުން ނަގާފައިވަނީ ހަމައެކަނި އެތަނުގައި ބަހައްޓާފައި ހުރި
ބުދު އެކަންޏެވެ. ބާކީ ދެންހުރި ހުރިހާ ތަކެއްޗެއް އެތަނުގައި
އަދިވެސް އެހެރީ ހާމަޔަށް ފެންނާށެވެ. ތިޔަބޭފުޅުންވެސް އެތަނަށް
ވަޑައިގެން އަމިއްލަ ލޮލުން ބައްލަވާލެއްވުމަށް އަޅުގަނޑުމެން
ގޮވާލަމެވެ. އެތަން އެހުރީ ރައީސް އޮފީހާއި އިންޑިއަން އެމްބަސީއާއި
ދެމެދަށް ވާގޮތަށް އަމީރު އަޙްމަދު މަގުގައެވެ.
ކޮންމެއަކަސް މިމައްސަލާގައި ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުން،
ޚާއްޞަކޮށް ފުލުހުންނާއި ސިފައިން އެބޭފުޅުންނަށް އެތައް ފަހަރަކު
އެންގުމުންވެސް އަޅާ
ނުލާ ދޫކޮށްލީތީ، އަޅުގަނޑުމެން މިމައްސަލަ އެންމެ ހަރުކަށި
ޢިބާރާތުން ކުށްވެރި ކުރަމެވެ. އަދި އަޅުގަނޑުމެންނަށް ޚަބަރު
ލިބިފައިވާ ގޮތުގައި އިސްލާމިކް އެފެއާރޒްގެ ފަރާތުންވެސް މިމައްސަލަ
ހިލުނު ދުވަހު މިކަން ވަނީ އެފަރާތްތަކަށް އަންގަވާފައެވެ.
މިނިވަންކަމޭ ފްރީޑަމްއޭ ކިޔާ މިގޮވާ
ގޮވެލިފަތީގެ ޙަޤީޤަތް މިހާރު މިހިރަ ދަނީ އެނގި ފާޅުވަމުންނެވެ. ލޮބުވެތި އަޚުންނާއި އުޚްތުންނޭވެ. މިހެން އަދި
މިކަން ކުށްވެރިކޮށްލުމަކުން
އަޅުގަނޑުމެންނާއި ﷲ ތަޢާލާ ޙަވާލު ކުރައްވާފައިވާ ވާޖިބު އަދި
ޒިންމާ އަދާ ކުރެވުނީކަމަކަށް ނުވާނެއެވެ.
މިކަމަކީ
އަޅުގަނޑުމެންގެ އިސްލާމްކަމާއި އީމާންކަމާއި އަދި ޢަޤީދާއާއި
ގުޅިފައިވާ ބޮޑު މައްސަލައަކަށްވާއިރު، ދިވެހި އެންމެހައި ލޮބުވެތި
އަޚުންނާއި އުޚްތުންނަށް އަޅުގަނޑުމެން މިގޮވާލަނީ ވީހާވެސް އަވަހަށް
މިކަމާއި އިދިކޮޅަށް ތެދުވެ، އަތާއި ފަޔާއި ދުލާއި އަދި ޖާނާ މާލުން
މިކަން ހުއްޓުވުމަށް ކުރެވުނު ހުރިހާ މަސައްކަތެއް ކުރުމަށެވެ.
އެހެނީ މިއަދު އަޅުގަނޑުމެން، މިކަމަކީ ކަމަކަށް ނުހަދައި
ދޫކޮށްލައިފިނަމަ މިކަންވެގެންދާނީ މިހާ ފާޅުކަން ބޮޑުގޮތަކަށް
އެހެން ދީންތަކަށް މިތަނުގައި ފުރުޞަތު ދިނުމަށް ހުޅުވާލެވޭ ދޮރެއް
ކަމުގައެވެ. އެކަން ކުރާ މީހުންނަށް އަޅުގަނޑުމެންގެ އަތުން ކޮށާދެވޭ
މަގެއް ކަމުގައެވެ. ވީމާ ވަޤުތު ފާއިތުވުމުގެ ކުރިން
އަވަސްވެގަންނާށެވެ. ﷲގެ ދީނަކީ އެންމެ މަތިވެރި ދީން ކަމުގައި ހަދާ
އަދި އެއިލާހުގެ ކަލިމަފުޅަކީ އެންމެ މަތިވެރި ކަލިމަފުޅު ކަމުގައި
ހެދުމަށް އަވަސްވެވަޑައިގަންނަވާށެވެ. ތިރީގައިމިވަނީ އަޅުގަނޑުމެން
އެދުވަހު ނަގާފައިވާ ފޮޓޯތަކެވެ.











-ނިމުނީ-
|