|
ސުވަރުގެއަށް އެދޭ ހިތްތައް!
ޢަބްދުލްމަތީން
ޢަބްދުލްމަޖީދު

ﷲ
ސުބުޙާނަހޫ ވަތަޢާލާ ދުނިޔެމަތީގައި ދެމަފިރިއަކަށް ދެއްވާނެ އެންމެ
ބޮޑު އެއް ނިޢުމަތަކީ އެ ދެމަފިރީންގެ ޙަޔާތް އުޖާލާކުރާނޭ ދަރިއަކު
ދެއްވުމެވެ. ބަނޑުގައި ވާ ނުވަމަސްދުވަހުގެ ދިގު ދަތުރުގެ ތެރޭގައި
ވޭނާއި އުނދަގުލާއި ކެކުޅުންތައް ތަޙައްމަލުކުރުމަށްފަހު ﷲ ގެ ހެޔޮ
ރަޙްމަތާއި ވާގިފުޅުން ދުނިޔޭގެ އަލިކަމުގެ ތެރެއަށް ލޯބި ލޯބި
ރުއިމުގެ އަޑަކާއެކު އުފަންވާ ދަރިފުޅު ތަރުބިއްޔަތު ކުރުމުގެ ބުރަ
މައްސޫލިއްޔަތު އަހަރެމެންގެ ތެރެއިން ބައެއް މައިންބަފައިންނަށް
ހަނދާންނެތެނީ ކީއްވެބާއެވެ؟ އަހަރެމެންގެ ތެރެއިން ކޮންމެ
މީހަކީވެސް އެމީހެއްގެ ކޮނޑުގައި މަސްއޫލިއްޔަތުތަކެއް އެޅިފައިވާ
ބައެއްކަމާއި އަދި ޤިޔާމަތް ދުވަހު އެމަސްއޫލިއްޔަތުތަކާމެދު
ސުވާލުކުރެވޭނެ މީހެއްކަން ހަނދާންނެތެނީ ކީއްވެބާއެވެ؟
ހިތާމައަކީ މިފަދަ ބޮޑު ނިޢުމަތެއް ދެއްވެވުމުންވެސް އަހަރެމެންނަށް
އެނިޢުމަތްތަކަށް އިޙްމާލުވެވޭކަމެވެ. މައިންބަފައިންނަށް ދަރިން
ހެޔޮގޮތުގައި އިސްލާމީ ގިއުގަނޑުގެތެރޭގައި ތަރުބިއްޔަތު ނުކުރެވި،
މުޖުތަމަޢުގެ ތެރެއަށް ދޫކޮށްލެވޭތީއެވެ. މުޖުތަމަޢުގައި
މާރާމާރީއާއި ފިތުނަފަސާދަ އާދަކާދައަކަށްވެ އަމަންއަމާންކަމާއި
ސުލްޙަމަސަލަސްކަމަކީ ތާރީޚީ ކަމަކަށްވެ މުޖްތަމަޢުގައި ހަރުލާފާއި
ހުރި އަޚްލާޤީ ރިވެތި ސިފަތައް ގެއްލެނީ ކޮން ބައެއްގެ
ސަބަބުންތޯއެވެ؟ ވައްކަން ކުރުމާއި ފޭރުމާއި، މަސްތުވާތަކެތި
ބޭނުންކުރުމާއި، މީހުން މެރުމާއި ޒިނޭކުރުމާއި ކުޑަކުދީންނާއެކު
ބަދުއަޚުލާޤީ ޢަމަލު ހިންގުމާއި މިނޫންވެސް ދިވެހި މުޖްތަމަޢު
ސިފަކުރުމުގައި މިއަދި ބޭނުންކުރަން ޖެހިފައިވާ ކޮންމެ
ހާދިޘާއެއްގައި އެތައް އެތައް ކުޑަކުދީންނެއް ޝާމިލްވަމުން
އެބަދެއެވެ. އެކުދީން މިދުނިޔެއަށް އައިސްފައިއެވަނީ މައިންބަފައިން
ނެތިތޯއެވެ؟ އެކުދީން އެކުރާ ކުށްތަކުގެ ޒިންމާ މައިންބަފައިން
އުފުލަން ނުޖެހޭތޯއެވެ؟
އެންމެހައި ލޮބުވެތި މައިންބަފައިންނޭއެވެ! ފުށްގަނޑެއް އަހަރުމެން
ބޭނުން އަހަރެމެން ބޭނުންގޮތަކަށް މޮޑެލެވޭ ބީދައިން ކުޑަ
ދަރިފުޅަވެސް އަހަރެމެން ބޭނުން ގޮތަކަށް ތަރުބިއްޔަތު
ކޮށްލެވިދާނެއެވެ. އެކުއްޖާއަކީ ރިވެހި އަޚުލާޤުގެ ވެރިޔަކަށް ހަދަން
ބޭނުންނަމަ އެކަންވެސް ކުރެވިދާނެއެވެ.
ދަރީން
ތަރުބިއްޔަތު ކުރުމުގެ ޒިންމާއަކީ ޚާއްސަކޮށް މަންމަގެ ކޮނޑުގައި
އެޅިފައިވާ ވަރަށް ބޮޑު ޒިންމާއެކެވެ. ފިރިމީހާގެ މުދަލާއި
ގޯތިގެދޮރާއި ދަރީން ބެލެހެއްޓުމަކީ އިސްލާމްދީނުގައި މައިމީހާގެ
ވަޒީފާއެވެ. އަނބިދަރީންނަށް ކާންބޯންދިނުމަކީ ފިރިމީހާގެ މައްޗަށް
ވާޖިބެކެވެ. އެހެންނަމަވެސް މިއަދު އަހަރެމެންގެ މުޖުތަމަޢުގެ
ތެރެއިން ފެންނަނީ އިސްލާމުދީނުގެ ރިވެތި އުސޫލުތަކާ ޚިލާފަށް
ކަންތައްވަމުންދާ މަންޒަރެވެ. މިކާއިނާތާއި ކާއިނާތުގެ ތެރޭގައިވާހާ
އެއްޗެއް ޚަލްޤުކުރެއްވި ހުސްތާޙިރުވަންތަ، ޙިކްމަތްވަންތަ
ޙަކީމްވަންތަ ﷲ ސުބުޙާނަހޫ ވަތަޢާލާގެ އަމުރުފުޅުތަކާއި ޚިލާފަށް
އަހަރުމެންގެ ނިކަމެތި ސިކުނޑިތަކުން ވިސްނާވިސްނުންތަކާ އެއްގޮތަށް
ޢަމަލުކުރަމުންދާތަނެވެ. ދެމަފިރީން ރެއާ ދުވާލު ވަޒީފާގައި އުޅެމުން
ދަރީން ކޮންމެވެސް ބޭރު ކަރައެއްގެ މީހެއްގެ ބެލުމުގެދަށުގައި
ތަރުބިޔަތުކުރަން ދޫކޮށްލާފައިވާ ހިތާމަވެރި މަންޒަރެވެ.
ހިތާމައެއްގެ ކޮޅެއްވެސް ނެތެއެވެ. މަންމަގެ ބަނޑުބޮޑުކަން
އެނގުމާއެކު، ފޮނި އުއްމީދުތަކަކާއެކު ލޯބިން ބަލާ ބޮޑުކޮށް
ތަރުބިއްޔަތު ކުރުމުގެ ހުވަފެންތައް ދެކެމުންއައި އެ މަންމަގެ
އިޙްސާސްތަކާއި ޝުއޫރުތައް ވިހެއުމުގެ ބުރަތަކާއި އުނދަގޫތަށް
ތަޙައްމަލްކުރުމަށްފަހު، ޖަހާ ރާޅުތަކާއި ޖެހޭ ފިނިފިވަޔާއެކު ފަޒާގެ
ތެރެއަށް ބުރުވާލެވުނީބާއެވެ! ﷲ ތަޢާލާގެ ނިޢުމަތް ހަނދާން
ނެތުނީބާވައެވެ؟ މީހުންގެ އެސްފީނާތަކުންނާއި ބަދު ދުޢާތަކުން
ސަލާމަތްކުރަން ލޯބިލޯބި އެނދެއްގެ ތެރޭގައި ބަލާބޮޑުކުރަމުންއައި
ދަރިފުޅު އެންމެ ފަހުން ބޭރުމީހެއްގެ އުނގުގެ ތެރެއަށް
ދާންޖެހުނީއެވެ. ބޭރުމީހެއް ކީއްކުރަންތޯއެވެ! ގިނަ ފަހަރަށް
މުސްލިމް ނޫން މީހެއްގެ "ލާދީނީ" ތަރުބިއްޔަތުގެ ހިޔާވަހިކަމުގެ
ތެރެއަށެވެ. ހަމަ ތެދެކެވެ. "ތިމާ ލޯބިކުރާ އެއްޗެއް ތިމާގެ ލޯމަތިން
ބީވެގެން މެނުވީ ތިމާއަށް އޭގެ ހަޤީޤީ އިޙްސާސެއްނުކުރެވޭނެއެވެ".
ދަރީން ލިބުމުގެ ނަޞީބުން މަޙްރޫމް ވެފައިވާ ކިތައް ކިތައް މީހުން
އެބައުޅޭބާއެވެ؟ އެމީހުންގެ އިޙްސާސްތައް ވަޒަންކުރެވޭބާއެވެ؟
އެހެންކަމުން ﷲ ތިބާއަށް ދަރީން ދެއްވުން އެ ނިޢުމަތަށް
ޝުކުރުކުރުމަކީ އެ އަމާނާތުން ތިބާ އެއްކިބާވުން ހެއްޔެވެ؟ ނޫނެކެވެ.
އަހަރުމެންނަށް ޢިއްޒަތާއި ޤަދަރާއި ޝަރަފު ގެނެސްދިން މަތިވެރި
އިސްލާމުދީނާއި އެދީނުގެ ރިވެތި އަޚްލާޤާއި ސުލޫކުތަކާއި އެދީން
އަހަރުމެންނާއި ހަމައަށް ފޯރުކޮށްދެއްވި މިއުއްމަތުގެ މާތް ރަސޫލާ
ޞައްލަ ﷲ ޢަލައިހި ވަސައްލަމްގެ ރިވެތި އިރުޝާދުތަކަށް ރުޖޫޢަ ނުވާހާ
ހިނދަކު އަހަރެމެންނަށް ދުނިޔެއާއި އާޚިރަތުގެ ހެވެއްނެތެއެވެ.
އަހަރުމެންގެ ތެރެއިން އިސްވެދިޔަ ޖީލުތަކުގެ ރަސޫލުންނާއި
ނަބީންނާއި ސަލަފުއްޞާލިޙުންގެ ޙަޔާތުން ޢިބްރަތް
ލިބިގަންނަމާތޯއެވެ! ހަމައެހެންމެ ސުވަރުގޭގެ ދާއިމީ ގޮވައްޗަށް
އެދިގެން ދަރީން ތަރުބިޔަތުކުރި މި މަންމަގެ ބުރަމަސައްކަތާއި
ނަޞީޙަތުގެ ބަސްތަކުން ޢިބްރަތް ލިބިގަންނަމާތޯއެވެ!
ފިރިމީހާގެ ލޯބިން މަޙްރޫމުވެ، ދެދަރީން ބެލެހެއްޓުމުގެ ބުރަ
މައްސޫލިއްޔަތު ކޮނޑުގައި އެޅިފައިވާ ޞާލިޙް މަންމައެކެވެ. ދަރީން
ބޮޑުވަމުން އަންނަން ފެށުމުން އެ ދެކުދީންނަށް ފުރަތަމަ ދިން
ނަޞޭޙަތުގެ ބަސް އަޑުއައްސަމާތޯއެވެ. ދަރިންނޭވެ! ﷲ ތަޢާލާއަށް
ބޯލަނބާ ކިޔަމަންވެ، އެއިލާހަށް އަޅުކަންކޮށް، ރޭ ނަމާދުކުރުގައި
ޤާއިމުވެތިބޭށެވެ! ﷲ ތަޢާލާގެ މަތިން ޛިކުރުކުރުމާއި އެއިލާހަށް
އަޅުކަންކުރުމުގެމަތީގައި ދެމިނުހުންނަ ހިނދުކޮޅެއް ރޭގަނޑުގެ
ބަޔަކުން ފާއިތުވެގެން ދިޔަ ނުދޭށެވެ! އެގޮތަކީ ރޭގަނޑު ތިން
ބަޔަކަށް ބަހާލުމެވެ. އެއްބައިގައި އެއްދަރިޔަކު އަޅުކަންކޮށް،
އަނެއްބައިގައި ދެވަނަ ދަރި އަޅުކަންކޮށް، ރޭގަނޑުގެ ފަހުބައިގައި
މަންމަ އަޅުކަންކުރަން ހޭލުމެވެ. އެގޮތަށް ފަތިސްނަމާދު ވަޤުތު
ޖެހެންދެނެވެ.
މަންމަ
މަރުވުމުންވެސް އެ ދެ ދަރިން ރޭ އަޅުކަންކުރުމުގައި
ޤާއިމުވެތިއްބެވެ. އޭގެތެރެއިން އެކަކު ބަލިވުމުން އަނެކަކު މުޅި
ރޭގަނޑުގައި ނަމާދު ކުރެއެވެ. އަޅުކަންކުރުމުގެ ސިއްރަކީ
ކޮބައިތޯއެވެ؟ ސަބަބަކީ މަންމަގެ ތަރުބިއްޔަތު ނުވަތަ ނަޞޭޙަތުގެ
މީރުކަން އެކުދިންގެ ހިތަށް ވާޞިލުވެ އަޅުކަންކުރުމާއި ﷲ އަށް
ކިޔަމަންވުމުގައި ޤާއިމުވެތިބުމެވެ.
އަހަރެމެންވެސް ދަރީން ހެޔޮގޮތުގައި ތަރުބިއްޔަތު ކުރުމަށް
އަވަސްވެގަންނަމާތޯއެވެ.
ދުނިޔޭގައި އެމީހަކަށް ލިބިފައިވާ ކުޑަކުޑަ ވަޤުތުކޮޅު
ފާއިތުވެނުދަނީސް، ހެޔޮ ޢަމަލުތައް ކޮށް،
ދުނިޔޭގެ މި ކެހިވެރި،
އަގެއްނެތް،
ވަޤުތީ ސައިބޯނި ބޮތްކެއްފަދަ ޙަޔާތް ފާއިތުވެ ނުދަނީހެވެ.
ތިމާމެންގެ މަސްއޫލިއްޔަތާމެދު ޤިޔާމަތް ދުވަހުން
ބޭއިންސާފުވެރިވުމެއްނެތި ސުވާލު ކުރެވޭނެކަމާމެދު ބިރުވެތިވެ
އެސުވާލުތަކަށް ޖަވާބުދާރީވާން ޖެހޭނެކަން ދަނެ ތިމާމެންގެ
މައްސޫލިއްޔަތު ހެޔޮގޮތުގައި އަދާކުރާ ބައެއްގެ ގޮތުގައި ވާށެވެ.
ހެޔޮގޮތުގައި ދަރީން ތަރުބިއްޔަތު ކޮށްފިނަމަ އެކަމުގެ އަޖުރު
މައިންބަފައިން މިދުނިޔެއާ ވަކިވުމަށްފަހުގައިވެސް ލިބޭނެއެވެ.
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘްކުރައްވާފައިވެއެވެ.
عَنْ أَبِي هُرَيْرَةَ رَضِيَ اللَّهُ عَنْهُ أَنَّ رَسُولَ اللَّهِ
صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ إِذَا مَاتَ الإِنْسَانُ
انْقَطَعَ عَنْهُ عَمَلُهُ إِلاَّ مِنْ ثَلاثَةٍ إِلاَّ مِنْ
صَدَقَةٍ جَارِيَةٍ أَوْ عِلْمٍ يُنْتَفَعُ بِهِ أَوْ وَلَدٍ صَالِحٍ
يَدْعُو لَهُ (رواه مسلم).
މާނަ: އަބޫ
ހުރައިރާ
رَضِيَ اللَّهُ عَنْهُ
ރިވާކުރައްވާފައިވާ ޙަދީޘްފުޅެއްގައި ވެއެވެ.
رَسُول اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّم
ޙަދީޘްފުޅު ކުރެއްވިއެވެ. "އިންސާނާ މަރުވުމުން، ތިން ކަމަކުން
މެނުވީ އޭނާގެ ޢަމަލުތައް (އެބަހީ ހެޔޮ ޢަމަލުތައް) ކެނޑިގެން
ދެއެވެ. އެއީ އޭނާ ކޮށްފައިވާ ދިގު ދެމިގެންވާ ޞަދަޤާތަކުން ނުވަތަ
ދޫކޮށްފައި ދިޔަ ފައިދާ ކުރަނިވި ޢިލްމަކުން ނުވަތަ އޭނާގެ (އޭނާ
ރަނގަޅު ގޮތުގައި ތަރުބިއްޔަތުކޮށްފައި) ހުރި ރަނގަޅު ޞާލިޙް
ދަރިޔަކު އޭނާއަށްޓަކައި ކުރާ ދުޢާއަކުން މެނުވީއެވެ."
-ނިމުނީ-
|