''ﷲ އާއި އެކަލާނގެ ރަސޫލާ ކަމަކާމެދު ވަކި ގޮތެއް ނިޔާކުރައްވާފައި ވަނިކޮށް، އެބައިމީހުންގެ އެކަންތަކުގައި އެނޫންގޮތެއް ޚިޔާރުކުރުމަކީ މުއުމިން ފިރިހެނަކަށްވެސް އަދި މުއުމިން އަންހެނަކަށް ވެސް ހުއްދަވެގެންވާ ކަމެއްނޫނެވެ. ﷲ އަށާއި އެކަލާނގެ ރަސޫލާއަށް އުރެދިއްޖެ މީހާ ހަމަކަށަވަރުން ބަޔާންވެ ފާޅުވެގެންވާ މަގުފުރެދުމަކުން އެމީހަކު މަގުފުރެދިއްޖެއެވެ.'' سورة الأحزاب: 36

 
 

މަލިކުގައި ބަސް ކުރިއެރުވުމަށް ބޮޑު ހުރަސްތަކެއް.

ލިޔުނީ: މުޙައްމަދު އިސްމާޢީލް، މަލިކު

 

މަލިކަކީ ހިންދުސްތާނުގެ ޔޫނިއަން ޓެރިޓަރީ އޮފް ލަކްޝަދްވީޕްގައި ހިމެނޭ ރަށްތަކުގެ ތެރެއިން އެންމެ ދެކުނަށް އޮތް ރަށެވެ. ލަކްޝަދީބުގެ އެހެން ރަށްރަށާ ޚިލާފަށް މަލިކުގައި މޮށި އުޅެނީ މަލިކުންގެ ބަސް ކަމުގައިވާ ދިވެހި ބަހުންނެވެ. މި ބަހަށް އިނގިރޭސިން ކިޔަނީ "މަހަލް" ބަހެވެ. 

މަލިކު ފިޔަވައި ޔޫނިއަން ޓެރިޓަރީ އޮފް ލަކްޝަދްވީޕުގައި ހިމެނޭ އެހެން ރަށްރަށުގެ މީހުން މޮށިއުޅެނީ ހިންދުސްތާނުގެ މައި ކަރައިގައި އެންމެ ދެކުނަށް އޮތް ކެރެލާ އިސްޓޭޓުގައި ވެސް މޮށިއުޅޭ ބަސް ކަމުގައިވާ މަލަޔާޅަމް ބަސް ނުވަތަ ހޮޅި ބަހުންނެވެ. އެހެން ކަމުން ޔޫނިއަން ޓެރިޓަރީ އޮފް ލަކްޝަދްވީޕުގެ ރަސްމީ ބަހެއް ކަމުގައި ހަމަޖެހިފައި އޮތީ މަލަޔާޅަމް ބަހެވެ.

ބައެއް އިސްޓޭޓުތަކާއި ޔޫނިއަން ޓެރިޓަރީތަކުގައި ރަސްމީ ބަހުގެ ގޮތުގައި އެއް ބަހަށް ވުރެ ގިނަ ބަސް ހަމަ ޖެހިފައިވާތީ އާއި ލަކްޝަދީބުގެ އާބާދީއަށް ބަލާއިރު ދިވެހި ބަހުން މާދަރީ ބަހެއްގެ ގޮތުގައި މޮށިއުޅޭ މީހުންގެ ނިސްބަތް ކުޑަނޫންކަމުގައިވާތީ، ޔޫނިއަން ޓެރިޓަރީ އޮފް ލަކްޝަދްވީޕުގެ ރަސްމީ ބަހެއްގެ ގޮތުގައި ދިވެހި ބަސް ވެސް ހަމަ ޖެހޭތޯ ތަފާތު މަސައްކަތްތަކެއް ދަނީ ކުރެވެމުންނެވެ. މަލަޔާޅަމް ބަހުގެ އިތުރުން ލަކްޝަދީބުގެ ރަސްމީ ބަހެއްގެ ގޮތުގައި ދިވެހި ބަސް (Mahl) ހަމަޖެހިގެން ދިއުމަކީ ބަސް ކުރިއެރުވުމަށް އެޅިގެންދާނެ މުހިއްމު ފިޔަވަޅެކެވެ. މީގެ އިތުރުން މި ހިނދުން މިހިނދަށް ވެސް ރޭޝަންކާޑު ފަދަ މުހިއްމު ލިޔުންތަކުގައި ދިވެހި ބަސް ހިމެނުމަށް އަޅުގަނޑުމެން މިދަނީ މަސައްކަތް ކުރަމުންނެވެ.

މިހާރު ވެސް ހިންދުސްތާނުގެ މައިނޯރިޓީ ލެންގުއޭޖެއްގެ ގޮތުގައި ދިވެހި ބަސް ހިމަނައި މައިނޯރިޓީ ލެންގުއޭޖުތައް ދިރުވުމަށް ހިންދުސްތާނުގެ ސަރުކާރުން ދެއްވާ އެއްބާރުލުން އަޅުގަނޑުމެން މިދަނީ ހޯދަމުންނެވެ. ދާދި ފަހުން "ސެންޓްރަލް އިންސްޓިޓިއުޓް އޮފް އިންޑިޔަން ލެންގުއޭޖަސް، މައިސޫރު." އިން ވެސް ވަނީ ދިވެހި ބަހުން ހޭލުންތެރި ކުރުވުމުގެ ތަފާތު ދެ މެޓީރިއަލް ތައްޔާރުކޮށްފައެވެ. މިއީ ވެސް އަޅުގަނޑުމެންގެ ބަސް ދިރުވުމަށް ލިބިގެންދާ އެހީއެކެވެ.

އަޅުގަނޑުމެންގެ މާދަރީ ބަސް ކަމުގައިވާ ދިވެހި ބަހަކީ މަލިކު މީހުންގެ އައިޑެންޓިޓީ އެވެ. އަޅުގަނޑުމެންގެ ޕެހެޗާނެވެ. މަލިކަށް ޚާއްޞަކަމެއް ލިބިފައިވާ ނަމަ އެ ޚާއްޞަކަމެއް ގުޅިފައިވަނީ މަލިކު ބަހާ ކަން ޔަޤީނެވެ. އެހެން ކަމުން މަލިކު ބަސް ދެމެހެއްޓުމަށް ޓަކައި އަޅުގަނޑުމެންގެ ފެންވަރުން ކުރެވެން އޮތް ހުރިހާ މަސައްކަތެއް ކުރުމަކީ އަޅުގަނޑުމެންގެ ވާޖިބެކެވެ.

މަލިކުން ދިވެހި ބަސް އުވިގެން ދިޔަ ނުދިނުމަށް ޓަކައި އެންމެ ބޮޑަށް ސަމާލުކަން ދޭންވީ ތަޢުލީމީ ނިޒާމުގައި ބަހަށް ދެވޭ ސަމާލުކަން އިތުރުކުރުމެވެ. މިހާރު ވެސް މަލިކުގެ އިސްކޫލުތަކުގައި ހަތަރު ވަނަ ގްރޭޑާ ހަމަޔަށް ދިވެހި ބަސް ކިޔަވައިދެވެއެވެ. ބާރަ ވަނަ ގްރޭޑާ ހަމަޔަށް ވެސް ބަސް ކިޔަވައި ދިނުމުގެ ފުރުޞަތު އެބައޮތްމެއެވެ. އެހެން ނަމަވެސް މިކަމުގައި އަޅުގަނޑުމެންނަށް ދިމާވެފައިވާ ދައްޗަކީ ތަމްރީނު ލިބިފައި ތިބި މުދައްރިސުންގެ މައްސަލައެވެ. ދިވެހި ބަސް ކިޔަވައިދިނުމުގެ ސެޓިފިކެޓް އޮތް މުދައްރިސުން ނެތުމުން، އެ އުނިކަމެވެ.

ނުވަ ދިހައިގެ އަހަރުތަކުގެ ތެރޭގައި ހިންދުސްތާނުގެ ސަރުކާރާއި ދިވެހިރާއްޖޭގެ ސަރުކާރު ގުޅިގެން މަލިކުގެ ހަތަރު ބޭފުޅަކު ދިވެހި މުދައްރިސުންގެ ގޮތުގައި ތަމްރީނު ކުރެއްވިއެވެ. އެ ފަހުން އެކަހަލަ ތަމްރީނެއް ހިންގިފައި ނެތް ކަމީ މުދައްރިސުންގެ ދަތިކަން ދިމާވެފައިވުމުގެ މައިގަނޑު ސަބަބެވެ.

ދިވެހި މުދައްރިސް ކަމުގެ ކޯސްތައް ހިންގާ ތަނަކީ ދިވެހިރާއްޖެކަމަށް ވެފައި ދިވެހިރާއްޖެއިން ދިވެހި މުދައްރިސްކަމުގެ ކޯސްތައް އިސްކޮލަރުޝިޕުގެ ގޮތުގައި ދިވެހިންނަށް ނޫނީ ލިބޭނެ ގޮތް ހަމަޖެހިފައި މިހާ ތަނަށް ނެތްކަމީ ވެސް މިކަމުގެ އެއް ސަބަބެވެ.

ދިވެހިރާއްޖޭގައި ހިންގާ ދިވެހި ކޯސްތަކަށް އެޑްމިޝަން ހޯދުމަށް ބަލާއިރު މަލިކު ކުދީންނަށް ދިމާވާނެ އެންމެ ބޮޑު ދައްޗަކީ ކޯހަށް ވަނުމުގެ ޝަރުޠުގެ މައްސަލައެވެ. ޢާއްމު ގޮތެއްގައި އޮންނަ ޝަރުޠުތައް ކަމުގައިވާ "އެސް.އެސް.ސީ އިމްތިޙާނުގެ ދިވެހި މި މާއްދާއިން ފާސްވުން" މި ޝަރުޠު ވެސް ފުރިހަމައެއް ނުވާނެއެވެ. ސަބަބަކީ މަލިކުގައި އެފަދަ އިމްތިޙާނެއް ނަހަދާތީއެވެ.

އެހެންކަމުން މަލިކު މީހުންގެ މާދަރީ ބަސް ކަމުގައިވާ ދިވެހި ބަސް ކިޔަވައިދޭނެ މުދައްރިސުން ތަމްރީނު ކުރެވޭނެ މަގެއް ވެސް ހޯދުން މިވަނީ ވަރަށް ބޮޑު ދަތިކަމަކަށް ވެފައެވެ.

ދުނިޔޭގެ ކުރިއަރާފައިވާ ބަސްތަކެކޭ އެއްފަދައިން އަޅުގަނޑުމެންގެ މާދަރީ ބަސް ކަމުގައިވާ ދިވެހި ބަހުގެ ޑިގިރީ ކޯސްތަކެއް ފެށިގެން ދިއުމަކީ މަލިކުގެ އަހުލުންނަށް ވެސް ލިބުނު އުފަލެކެވެ. އެހެން ނަމަވެސް އެ ކޯހުން މަލިކު މީހަކަށް ޖާގައެއް ލިބުމަކީ ވަރަށް ވެސް ދުރުކަމެއްކަމަށް ފެނެއެވެ. އެއީ ކުރިން ވެސް ދެންނެވި ފަދައިން ޝަރުޠުގެ މައްސަލަ ފަދަ ސަބަބުތަކާ ހެދިއެވެ. އެހެން ކަމުން ދިވެހި ބަހުގެ ކޯސްތަކުން މަލިކު ކުދީންނަށް ފުރުޞަތު ލިބޭނެ މަގެއް ފަހިވާނެ ގޮތަކަށް ކޯސް ހިންގަވާ ފަރާތުން ވިސްނެވުމަކީ އަޅުގަނޑުމެންގެ އެދުމެކެވެ.

އަމިއްލަ ގޮތުން މިފަދަ ކޯސްތަކުގައި ކިޔަވަން މަލިކުން ދިވެހިރާއްޖެއަށް އަންނަން ބޭނުން ކުދީން ތިބި ނަމަވެސް ކޯސްތަކުން ފުރުޞަތު ނުލިބުމުގެ އިތުރުން ކޯސް ހިންގާ ކޭންޕަސް ހުންނަނީ މާލޭގައި ކަމަށް ވެފައި ހިންދުސްތާނުގެ ކިޔަވާ ކުއްޖަކު މާލޭގައި ކިޔަވަން ކުރަންޖެހޭ ޚަރަދު ހޯދުމަކީ ވެސް ފަސޭހަކަމެއް ނޫނެވެ.

މީގެ އިތުރުން ބަސް ކުރިއެރުވުމަށް ޓަކައި ބޭނުންވާ އެންމެ މުހިއްމު އެއް ވަސީލަތްކަމުގައިވާ އަދަބީ ގިނަ ފޮތްތަކެއް މަލިކުން ލިބެން ނެތުމަކީ ވެސް މިއަދު އަޅުގަނޑުމެންނަށް ކުރިމަތިވެފައިވާ މައްސަލައެކެވެ. މަލިކުގެ ލައިބްރަރީތަކަށް، ޚާއްޞަކޮށް "ޕަބްލިކް ލައިބްރަރީ، މިނިކޮއި" އަށާއި ކޮޗިނުގައި ތިބޭ މަލިކު މީހުންނާއި ކިޔަވާ ކުދީން ވަންނަ ލައިބްރަރީއެއް ކަމުގައިވާ "އެރްނާކުލަމް ޕަބްލިކް ލައިބްރަރީ" އަށް ދިވެހި ފޮތްތައް ހަދިޔާގެ ގޮތުގައި ނަމަވެސް ލިބޭ ނަމަ މިފަދަ މައްސަލަތަކަށް ލުޔެއް ލިބިގެންދާނެކަން ކަށަވަރެވެ.

މަލިކު މީހުންނަށް މަލިކު ބަހުން ލިބޭ ޓީވީ ޗެނަލްތައް ކަމުގައިވާ ޓީ.ވީ.އެމް. އާއި ވީ.ޓީ.ވީ. އިން ފެންނަ ޕޮރުގުރާމުތަކާ މަލިކު މީހުން ވަރަށް ބޮޑަށް ގަޔާވެއެވެ. މި ޕޮރުގުރާމްތަކުގެ ތެރޭގައި "ދުރުން ދިވެހި ބަސް ކިޔަވައިދޭ ކޯހެއް" ގެ ގޮތުގައި ޕޮރުގުރާމެއް ފޮނުވާ ނަމަ އެކަމުން މަލިކު މީހުންނަށާއި މަލިކުގެ ކިޔަވާ ކުދީންނަށް ވަރަށް ފައިދާކުރާނެކަން ޔަޤީނެވެ. ޓީ.ވީ.އެމް އިން ފޮނުވި "ހ.ށ. ޕޮރުގުރާމް" އަކީ ވަރަށް ކަމުދާ ޕޮރުގުރާމަކަށް ވިއެވެ. އަދި "ހ.ށ ރަސްގެފާނު" ފަދަ ކުޑަކުދީންގެ ފިލްމުތަކަކީ ވެސް ބަސް ކުރިއެރުވުމުގައި މަލިކުގައި ކުރެވޭ މަސައްކަތަށް ލިބިގެން ދިޔަ އިތުރު ހިތްވަރެކެވެ.

މަލިކުން ދިވެހި ބަސް އުވިޔަ ނުދިނުމަށް ޓަކައި ބަސް ކުރިއެރުވުމުގައި ދިމާވެފައި ހުރި ހުރަސްތައް ގިރާ ކުރެވިގެން ނޫނީ އަޅުގަނޑުމެންގެ ލޮބުވެތި މާދަރީ ބަސް ހިފެހެއްޓޭނެ ގޮތެއް ނޯންނާނެއެވެ. މި ހުރަސްތައް ގިރާ ކުރުމުގައި ބަސް ދެކެ ލޯބިވާ ދަރީންތަކެއްގެ އެހީ ލިބިގެން ދިއުމަކީ އަޅުގަނޑުމެންގެ އެދުމެކެވެ.

-ނިމުނީ-

______________________________________________________

ނޯޓް: މިއީ އިހަވަންދޫލައިވް އިން ނަގާފައިވާ ލިޔުމެކެވެ.

dheenee-news@hotmail.com

blog stats

 
 
 
 
 
 
 
 

 

 
 
މިސައިޓްގައިވާ ލިޔުންތައް އެއްވެސް އުނިއިތުރު ކުރުމެއްނެތި ބޭނުން ކުރުމަކީ ކޮންމެ މުސްލިމަކަށްވެސް ލިބިގެންވާ ޙައްޤެކެވެ. ©1428 (2007) - 1429 (2008)