
ސުވާލު:
ބައެއް ޤައުމުތަކުގައި ފަޖުރުވުމުގެ (އެބަހީ ފަތިސް ނަމާދު ވަޤުތު ޖެހުމުގެ) ގާތްގަނޑަކަށް ދިހަވަރަކަށް މިނެޓް ކުރި ކަނޑައަޅާ، އެއީ އިމްސާކް ވަޤުތު ކަމުގައި ބުނެ އުޅެތެވެ. އަދި އެވަޤުތުން ފެށިގެން ކެއުން ބުއިން ހުއްޓާލައި ރޯދައަށް ހުންނަން ފަށައެވެ. މިގޮތަށް ޢަމަލު ކުރުމަކީ މިއީ ޞައްޙަ ރަނގަޅު ގޮތެއް ހެއްޔެވެ؟
ޖަވާބު:
الحمد لله.
މިގޮތަށް ޢަމަލު ކުރުމަކީ ޞައްޙަ ރަނގަޅު ގޮތެއް ނޫނެވެ. އެހެނީ ރޯދަވެރިޔާއަށް، ﷲ ތަޢާލާ ވަނީ ފަޖްރު ވަޤުތު ލައިފުމަށް ދާންދެން ކެއުމާއި ބުއިން ހުއްދަ ކުރައްވާފައެވެ. ﷲ ތަޢާލާ ވަޙީ ކުރައްވާފައިވެއެވެ.
"وَكُلُوا وَاشْرَبُوا حَتَّى يَتَبَيَّنَ لَكُمْ الْخَيْطُ الأَبْيَضُ مِنْ الْخَيْطِ الأَسْوَدِ مِنْ الْفَجْرِ" (البقرة:187.)
މާނައީ: "އަދި ކަޅު ރޮދީގެ ތެރެއިން (އެބަހީ ރޭގަނޑުގެ އަނދިރި ކަމުގެ ތެރެއިން) ހުދު ރޮދި ފައުޅުވެއްޖައުމަށް (އެބަހީ ފަޖުރުލައިފުމަށް) ދާންދެން ތިޔަބައިމީހުން ކައިބޮއި އުޅޭށެވެ."
އިބްނު އުމަރު رَضِيَ اللَّهُ عَنْه އާއި ޢާއިޝާ رَضِيَ اللَّهُ عَنْها ގެ ކިބައިން އިމާމް ބުޚާރީއާއި މުސްލިމް ރިވާކުރައްވާފައިވާ ހަދީޡް ފުޅެއްގައިވެއެވެ. ބިލާލް رَضِيَ اللَّهُ عَنْه ރޭގަނޑުގައި (ހާރުދަމުގައި) ބަންގި ދޭކަމުގައި ވެއެވެ. رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ޙަދީޘްފުޅު ކުރެއްވިއެވެ.
"كُلُوا وَاشْرَبُوا حَتَّى يُؤَذِّنَ ابْنُ أُمِّ مَكْتُومٍ ، فَإِنَّهُ لا يُؤَذِّنُ حَتَّى يَطْلُعَ الْفَجْرُ" (رواه البخاري:1919 ، ومسلم: 1092)
މާނައީ: "ފަހެ ابْنُ أُمِّ مَكْتُومބަންގި ގޮވާ ވަޑައިގަންނަވަންދެން ތިޔަބައިމީހުން ކައިބޮއެ ހަދާށެވެ. އެހެނީ ފަޖުރުލުމުން މެނުވީ، އޭނާ ބަންގި ގޮވާ ކަމުގައި ނުވެއެވެ."
އިމާމް النووي رحمه الله ވިދާޅުވެފައިވެއެވެ. "މިއިން ދޭހަކޮށްދެނީ ފަޖުރުލުމަށް ދާންދެން ކެއުމާއި ބުއިމާއި ޖިމާޢުވުމާއި އަދި މިނޫން އެހެން ހުރިހާ ކަމެއްވެސް (އެބަހީ ރޯދަ ހިފައިގެން ހުންނަ އިރުން ކުރުން މަނާ ހުރިހާ ކަމެއް) ކުރުން ހުއްދަވެގެންވާ ކަމެވެ."
އިމާމް الحافظ ابن حجر، ފަތުޙުލް ބާރީގައި ވިދާޅުވެފައިވެއެވެ. "ފަތިސްވުމުގެ ގަޑިއެއްގެ ތިންބައި ކުޅަ އެއްބައި (އެބަހީ ވިއްސަކަށް މިނެޓް) ކުރިން ދެވަނަ ބަންގި ދީ، އަދި ރޯދަ ހިފަން ބޭނުންވާ މީހަކަށް ކެއުން ބުއިން މަނާވެއްޖެކަން އެންގުމަށްޓަކައި ބަހައްޓާފައިވާ ބައްތިތައް، (އެގަޑީގައި) ނިއްވާލުމަކީ މިޒަމާނުގައި އަލަށް ހަދައިގެން އުޅޭ ބިދުޢަތަކުގެ ތެރޭގައި ހިމެނޭ މުންކަރާތެކެވެ." (فتح الباري: 4/199).
އިމްސާކް ވަޤުތަކީ ފަޖުރުލުމުގެ ފަނަރަވަރަކަށް މިނެޓް ކުރިން ކަމުގައި ކަނޑައަޅައި، އެގޮތަށް ހަދައިގެން މިހާރު ގެންގުޅޭ ކަލަންޑަރުތަކާއި ބެހޭ ގޮތުން الشيخ ابن عثيمين رحمه الله އާއި ސުވާލު ކުރެވުމުން ވިދާޅުވިއެވެ. "މިކަމަކީ ސުންނަތުގައި އެއްވެސް އަޞްލެއް ނެތް އަދި ބިދުޢައިގެ ތެރޭގައި ހިމެނޭ ކަމެކެވެ. އަދި ކިއެއްހެއްޔެވެ. ސުންނަތް ގޮތަކީ މީގެ އިދިކޮޅެވެ. އެހެނީ ﷲ ތަޢާލާ އެއިލާހުގެ މަތިވެރި ފޮތުގައި ވަޙީ ކުރައްވާފައިވެއެވެ.
"وَكُلُوا وَاشْرَبُوا حَتَّى يَتَبَيَّنَ لَكُمْ الْخَيْطُ الأَبْيَضُ مِنْ الْخَيْطِ الأَسْوَدِ مِنْ الْفَجْرِ" (البقرة:187.)
މާނައީ: "އަދި ކަޅު ރޮދީގެ ތެރެއިން (އެބަހީ ރޭގަނޑުގެ އަނދިރި ކަމުގެ ތެރެއިން) ހުދު ރޮދި ފައުޅުވެއްޖައުމަށް (އެބަހީ ފަޖުރުލައިފުމަށް) ދާންދެން ތިޔަބައިމީހުން ކައިބޮއި އުޅޭށެވެ."
އަދި ކީރިތި ނަބިއްޔާ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ޙަދީޘްފުޅު ކުރައްވާފައިވެއެވެ. " إِنَّ بِلاَلاً يُؤَذِّنُ بِلَيْلٍ، فَكُلُوا وَاشْرَبُوا حَتَّى يُؤَذِّنَ ابْنُ أُمِّ مَكْتُومٍ ، فَإِنَّهُ لا يُؤَذِّنُ حَتَّى يَطْلُعَ الْفَجْرُ" (رواه البخاري:1919 ، ومسلم: 1092)
މާނައީ: "ހަމަކަށަވަރުން ބިލާލް رَضِيَ اللَّهُ عَنْه ރޭގަނޑުގައި (ހާރުދަމުގައި) ބަންގި ދެއްވައެވެ. ފަހެ ابْنُ أُمِّ مَكْتُومބަންގި ގޮވާ ވަޑައިގަންނަވަންދެން ތިޔަބައިމީހުން ކައިބޮއެ ހަދާށެވެ. އެހެނީ ފަޖުރުލުމުން މެނުވީ، އޭކަލޭގެފާނު ބަންގި ގޮވާ ކަމުގައި ނުވެއެވެ."
ބައެއް މީހުން މިގޮތަށް ހަދައިގެން މިއުޅޭ އިމްސާކް ވަޤުތަކީ ﷲ ތަޢާލާ ފަރުޟު ކުރައްވާފައިވާ ވަރަށްވުރެ އިތުރަށް ހަދައިގެން އުޅޭ އެއްޗެކެވެ. އެހެންކަމުން އެކަންވާނީ ބާޠިލް ކަމަކަށެވެ. އަދި އެކަންވާނީ ﷲ ތަޢާލާގެ ދީނުގައި ހައްދުފަހަނައަޅައި ދިއުމަކަށެވެ. ފަހެ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ޙަދީޘްފުޅު ކުރައްވާފައިވެއެވެ.
"هَلَكَ الْمُتَنَطِّعُونَ ، هَلَكَ الْمُتَنَطِّعُونَ ، هَلَكَ الْمُتَنَطِّعُونَ" (رواه مسلم: 2670).
މާނައީ: "ޙައްދުފަހަނާޅާފައިވާ މީހުންނަށް ހަލާކު ހުއްޓެވެ. ޙައްދުފަހަނާޅާފައިވާ މީހުންނަށް ހަލާކު ހުއްޓެވެ. ޙައްދުފަހަނާޅާފައިވާ މީހުންނަށް ހަލާކު ހުއްޓެވެ."
والله أعلم .
ތަރުޖަމާ: آدم نِشانْ بن علي آدم المالديفي
_____
ނޯޓް: މިއީwww.islamqa.comއިން ނަގާފައިވާ ފަތުވާއެކެވެ.